މަހުދީ އަހުމަދު
17 އޮކްޓޯބަރު 1971 ގައި އުފަންވި މަހުދީ އަހުމަދަކީ ދިވެހި ފިލްމީ ދާއިރާގައި 1997 ން 2003 އަށް ޑައިރެކްޓަރެއްގެ ގޮތުން ހަރަކާތްތެރިވެ، ނަމަވެސް މިހާރު ސްކްރީންޕްލޭ ލިޔުމަށް ހާއްސަވެފައިވާ ފަންނާނެކެވެ. ސްކްރީންޕްލޭ ލިޔުމުގެ އިތުރުން 2009 ގައި އުފައްދަންފެށި، އިނގިލި (ފިލްމް) އަކީ ޕްރޮޑިއުސަރެއްގެ ގޮތުން މީނާ ހަރަކާތްތެރިވާ ފުރަތަމަ ފިލްމެވެ. މަހުދީވަނީ މިހާތަނަށް 6 ގައުމީ ފިލްމް އެވޯޑް ހާސިލްކޮށް ޓެލެވިޒަން މޯލްޑިވްސްއިން ބާއްވަމުން ގެންދިޔަ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ ޖުމްލަ 3 އެވޯޑް ހާސިލްކޮށްފައެވެ. އަދި 17 އޭޕްރީލް 2008 ގައި ބޭއްވި ގާނިއަރ ކްރިސްޓަލް އެވޯޑް 2008 ގެ ޓީވީ ޑްރާމާ ސިލްސިލާތަކުގެ އެންމެ މޮޅު ވާހަކައިގެ ބައިން މަހުދީ ލިޔުނު 3 ސިލްސިލާއިން 3 ފަހަރު އޭނާ ނޮމިނޭޓްވިއެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] ފެށުން
މަހުދީއަކީ އެކަނިވެރިކަން ފިލުވުމުގެ ގޮތުން ކުޑައިރު ކުރެހުމުގައި ހަރަކާތްތެރިވި މީހެކެވެ. މިގޮތުން އުމުރުން 9 އަހަރުން ފެށިގެން އުމުރުން 15 އަހަރުވަންދެން ކޮމިކް ކުރެހުމަށް ޝައުގުވެރިވިއެވެ. 'ޓާރޒަން'، 'ފެންޓަމް' އަދި 'ސްޕައިޑަރމޭން' އަކީ އޭނާއަށް އެންމެ ކަމުދާ ކޮމިކް ކެރެކްޓަރުނެވެ. މަހުދީގެ ކުރެހުންތަށް އާންމު ނުވިނަމަވެސް، ސްކޫލް ދައުރުގައި އޭނާގެ ކުލާހުން ނުރަސްމީކޮށް ނެރުނު ކޮމިކް ސްޓްރިޕްތަކަށް ދަރިވަރުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. ގްރޭޑް 8 ން 9 އަށް އޭނާ އުފެއްދި 6 ޕެނަލްގެ 'އެޑްވެންޗަރޒް އޮފް އަ ސްވޯން' އަކީ އޭނާގެ ކްލާހުގެ ހުރިހާ ދަރިވަރުންވެސް ކޮންމެ ދުވަހަކު އިންތިޒާރުކުރި ކޮމިކް ސްޓްރިޕެކެވެ. މަހުދީ ގަބޫލްކުރާގޮތުގައި އޭނާ ފިލްމް ޑައިރެކްޓްކުރުމާއި ސްކްރީންޕްލޭ ލިޔުމުގެ ބިންގަލަކީ އެއީއެވެ. އަދި އޭނާ ގަބޫލްކުރާގޮތުގައި ކޮމިކަކީ ފިލްމު އުފެއްދުމުގައި ސްޓޯރީބޯޑް ކުރެހުމާ އަދި ސްކްރީންޕްލޭ ލިޔުމުގައި ސީންތަށް އެތުރުމާއި ޑައިލޮގް ލިޔުމާއި ވަރަށް ގުޅުންހުރި ކަމެކެވެ. ކުރެހުމަކީ މަހުދީއަށް ލިބިފައިވާ ހުނަރެކެވެ. އެހެންވެ، ސްކޫލް ދައުރުގައި ކުރެހުމުގެ ބަދަލުގައި އިތުރު މާއްދާއެއްގެ ގޮތުގައި ކިޔަވަން ހިޔާރުކުރީ އިނގިރޭސި ލިޓްރެޗަރއެވެ. ލިޔުމުގެ ހުނަރު އަށަގަތީ އެހިސާބުންނެވެ.
މަހުދީއަކީ އަބަދުވެސް ހުސްވަގުތު ފިލްމު ބެލުމަށް ވަރަށް ވަރު ހުންނަ މީހެކެވެ. އަދި ފިލްމާއިބެހޭ ތަފާތު މައުލޫމާތާއި ފޮތާއި މެގަޒިން އެއްކުރުމަކީ އޭނާގެ ހޮބީއެވެ. އެމެރިކާގެ 'ޕްރީމިއަރ' އާއި އޮސްޓްރޭލިއާގެ 'މޫވީ' އަކީ 8 އަހަރުވަންދެން އިޝްތިރާކުދައްކައިގެން އާދަކޮށް ކޮންމެ މަހެއްގައި މަހުދީ ކިޔަމުންއައި 2 މަޖައްލާއެވެ. ނަމަވެސް، ފިލްމު އުފެއްދުމުގެ މަސައްކަތަށް މަހުދީ ޝައުގުވެރިވީ 1988 ވަނަ އަހަރު ކޮލޮމްބޯއަށް ކިޔަވަން ދިޔަ ދުވަސްވަރު އޭނާގެ ރޫމްމޭޓެއްގެ ގޮތުގައި މުޙައްމަދު ނިޔާޒް ޓެޑްރީ އާއި ދިމާވުމަށްފަހުއެވެ. އެދުވަސްވަރު ޓެޑްރީއާއެކު ފިލްމު ބެލުމާއި ފިލްމު އެނަލައިޒްކޮށް ފިލްމު އުފެއްދުމާ ބެހޭގޮތުން ވަރަށް ފުންކޮށް ވިސްނާ ފިކުރުކުރަންފެށިއެވެ. އެދުވަސްވަރު ޓެޑްރީއާއި އެކު އެންމެ ފުރަތަމަ ބެލި ފިލްމަކީ 'ޑައި ހާޑް' އެވެ.
[އުނިއިތުރު ގެންނަވާ] ފިލްމީ ދާއިރާއަށް ވަނުން
އަމަލީ ގޮތުން ޑައިރެކްޓަރެއްގެ ގޮތުގައި މަހުދީ އެންމެ ފުރަތަމަ ހަރަކާތްތެރިވީ ޓެޑްރީ ދިން ފުރުސަތަކުން 1997 ވަނަ އަހަރު ޓެލެޑްރާމާއެއްގައެވެ. އެއަށްފަހު ސްކްރީންޕްލޭ ލިޔުމުގައި މަހުދީ އެންމެ ފުރަތަމަ ހަރަކާތްތެރިވީ ހަމަ ޓެޑްރީ ދިން ފުރުސަތެއްގައި ޓެޑްރީއާއިއެކު ކޯ-ރައިޓަރެއްގެ ގޮތުގައި ދިވެހި ފިލްމު 'އަމާނާތް (ފިލްމް)' ގައެވެ. އަދި މިފިލްމުގެ ޑައިރެކްޝަންއާއި މޭކަޕްގައި ޓެޑްރީގެ އިރުޝާދުގެދަށުން މަހުދީ ހަރަކާތްތެރިވިއެވެ. 'އަމާނާތް' އަކީ ހިންދީ ފިލްމު 'މައުސޫމް' އަށް ވުރެ ބޮޑަށް، އެފިލްމުވެސް ބިނާކޮށްފައިވާ 1983 ވަނަ އަހަރުގެ އިނގިރޭސި ފިލްމު 'މޭން ވުމަން އެންޑް ޗައިލްޑް'ގެ ހަމަ އެނަމުން މަޝްހޫރު ވާހަކަ ލިޔުންތެރިޔާ 'އެރިކް ސީގަލް' ލިޔެފައިވާ ވާހަކަ އަސްލަކަށް ބަލައިގެން ލިޔެފައިވާ ފިލްމެކެވެ. ފިލްމް 'އަމާނާތް' އަށް 3 މާރޗް 2007 ގައި ބޭއްވި 3 ވަނަ ގައުމީ ފިލްމް އެވޯޑް ގައި ޖުމްލަ 12 އެވޯޑް ހާސިލްކޮށް ރެކޯޑެއް ހަދާފައެވެ.
[އުނިއިތުރު ގެންނަވާ] އަމާނާތް އިން ލިބުނު އެވޯޑްތައް
- އެންމެ މޮޅު ޑައިރެކްޓަރ - މަހުދީ އަހުމަދު
- އެންމެ މޮޅު މޭކަޕް - މަހުދީ އަހުމަދު/ މުޙައްމަދު ނިޔާޒް ޓެޑްރީ
- އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ - މަހުދީ އަހުމަދު/ މުޙައްމަދު ނިޔާޒް ޓެޑްރީ
- އެންމެ މޮޅު ޑައިލޮގް - މަހުދީ އަހުމަދު/ މުޙައްމަދު ނިޔާޒް ޓެޑްރީ
[އުނިއިތުރު ގެންނަވާ] ޓެލެޑްރާމާ އުފެއްދުން
ފިލްމު 'އަމާނާތް' ގެ ތަޖުރިބާއަށްފަހު 1999 ވަނަ އަހަރުންފެށިގެން 2003 ވަނަ އަހަރަށް މަހުދީ ހަރަކާތްތެރިވީ ޓެލެވިޒަން މޯލްޑިވްސް އިން ބާއްވާ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި އޭނާގެ އޮފީސް، އޭރުގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ތަމްސީލްކުރުމުގައެވެ. މިގޮތުން މަހުދީގެ އިރުޝާދުގެ ދަށުން އެޓޮލްސް އުފެއްދި 5 ޑްރާމާއަށް ވަނީ ޖުމްލަ 14 އެވޯޑް ލިބިފައެވެ. އެގޮތުން 3 އަހަރު އެންމެ މޮޅު ޑްރާމާގެ ޝަރަފްވެރި ވަނަ ވަނީ ހާސިލްކޮށްފައެވެ. އަދި މަހުދީވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމް 2 ފަހަރު ހާސިލްކޮށް، އެންމެ މޮޅު ވާހަކަ ލިޔުންތެރިޔާގެ މަގާމް 1 ފަހަރު ހާސިލްކޮށްފައެވެ. މީގެ އިތުރުން، 2002 ވަނަ އަހަރު އުފެއްދި 'ފަންގި' އަކީ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި އެންމެ ގިނަ ވަނަ ހާސިލްކޮށް ރެކޯޑެއް ހަދާފައިވާ ޑްރާމާއެކެވެ. މުބާރާތުގައި މުޅިއަކު ހިމެނޭ 7 ކެޓަގަރީގެ ތެރެއިން 'ފަންގި' ވަނީ 6 ކެޓަގަރީ އެއަހަރު ކާމިޔާބްކޮށްފައެވެ.
[އުނިއިތުރު ގެންނަވާ] ތައުބާ (1999)
ރަށްފުށުގެ ދިރިއުޅުމެއް ދައްކުވައިދޭ މިޑްރާމާގައި ފެންނަނީ، މައިންބަފައިން ފަހުރުވެރިވާ، އައިންތު (ހަދީޖާ) ހިނދުކޮޅަކަށް އޭނާގެ ކެތްތެރިކަން ދޫކޮށްލުމުގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުވެ، އެފުށް މިފުށަށްޖެހި، އޭނާއާއި އޭނާގެ މައިންބަފައިންގެ އުއްމީދުތަށް ފުނޑުފުނޑުވެގެންދާތަނެވެ.
އޭރު އެޓޮލްސް މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ޑްރާމާކުޅުމަށް މާބޮޑު ތަރުހީބެއް ލިބިފައިނެތުމުން، ލިބުނު ކާސްޓުންގެ މަދުކަމުން، މިޑްރާމާގައި އެކްޓްރެސް ނާޒްލީން ވަނީ އައިންތުގެ މަންމައާއި ދައްތަގެ ބައި ޑަބަލް ރޯލްގެ ގޮތުގައި ކުޅެފައެވެ.
މިޑްރާމާގައި އައިންތުގެ ބައްޕަ، ސައްތާރުގެ ބަޔަށް އެންމެ ފުރަތަމަ ކާސްޓުކޮށްފައިވަނީ އަހްމަދު ސައީދެވެ. އަދި ސައްތާރުގެ އެކުވެރިއެއްގެ ބަޔަށް އަލްމަރްހޫމް މުހައްމަދު ސަލީމް އުންބެއެވެ. ސައީދުގެ 3 ސީން ޝޫޓްކުރިއިރުވެސް، ސައްތާރުގެ ބަޔަށް ސައީދު އެކަށީގެން ނުވާކަން މަހުދީއަށް ގަބޫލްކުރެވުނެވެ. އަދި އެއްރެއަކު ޝޫޓިންގގައި ސައީދުއަށް ކިޔާދިނުމުގެ ގޮތުން ރިހާސްކުރުމުގައި އެސީންގެ ތަންކޮޅެއް ކުޅެލުމަށް ސަލީމްގެ ގާތުން މަހުދީ އެދުނެވެ. އެބައި ސަލީމް ކުޅުނުލެއް މޮޅުކަމުން، މަހުދީ ވަގުތުން ނިންމީ އެބައި ސަލީމް ކުޅޭގޮތަށެވެ. އަދި ސަލީމްގެ ބައި ސައީދު ކުޅޭގޮތަށެވެ. މިޑްރާމާ ޝޫޓްކޮށްފައިވަނީ އއ. ތޮއްޑޫގައެވެ.
ލިބުނު ވަނަތައް:
- އެންމެ މޮޅު ޑްރާމާ
- އެންމެ މޮޅު ދެވަނަ އެކްޓްރެސް - ހަދީޖާ
[އުނިއިތުރު ގެންނަވާ] އަބަދަށް... (2000)
މަހުދީ ބުނާގޮތުގައި މިއީ ފެއަރީޓޭލް ލޯބީގެ ޑްރާމާއެވެ. މިއީ މާލެއަށް ބިނާކޮށްފައިވާ ހުވަފެނީ ދުނިޔެއެއްގައި އުޅޭ މުއްސަނދި ކުއްޖެއްކަމަށްވާ ޝާއިރާ (ހަދީޖަ) ލޯބީގޮތުން ގުޅޭ ފަގީރެއްކަމަށްވާ ސިނާން (އަލީ ވަހީދު) ގެ ވާހަކައެވެ. ޝާއިރާގެ ބައްޕަ، ހުސައިންފުޅު (އަލްމަރްހޫމް މުހަންމަދު ސަލީމް އުންބެ) މިކަމާ އިންކާރުކުރުމުން ސިނާން ވީނުވީ ތަނެއް ނޭނގި ގެއްލެއެވެ. އަދި އޭނާއަށްޓަކައި ޝާއިރާ ހުންނަ ދިގު އިންތިޒާރުގައި، ޝާއިރާގެ ދިރިއުޅުމަށް އަންނަ ތަފާތު ބަދަލުތައް މިޑްރާމާއިން ފެނިގެންދެއެވެ. މިޑްރާމާ މަހުދީ ލިޔުނީ ރަހަ ތަފާތުކޮށްލުމުގެ ގޮތުންނާއި ތަފާތު މައުލޫތަކަށް ޑްރާމާ ހެދުމުގެ ނިޔަތުގައެވެ. މިޑްރާމާ ޝޫޓްކޮށްފައިވަނީ މާލެއާއި ކ. ވިލިނގިލީގައެވެ.
ލިބުނު ވަނަތައް:
- އެންމެ މޮޅު ޑްރާމާ
- އެންމެ މޮޅު ޑައިރެކްޓަރ - މަހުދީ އަހުމަދު
- އެންމެ މޮޅު އެކްޓްރެސް - ހަދީޖާ
[އުނިއިތުރު ގެންނަވާ] ކަށިތަންމަތި (2000)
މިއީ އޮފީސްތަކުގެ ޑްރާމާ 'އަބަދަށް...' އުފެއްދުމުގައި ކެމެރާމަންގެ ގޮތުގައި މަސައްކަތްކުރި ޓީވީ މޯލްޑިވްސްގެ ކެމެރާމަން މުހަންމަދު ޝިޔާޒްގެ އެދުމުގެމަތިން މަހުދީ ލިޔެދިން ޓެލެޑްރާމާއެކެވެ. އަދި މިޑްރާމާ ޑައިރެކްޓްކޮށްފައިވަނީ މަހުދީގެ އެހީއާއެކު ޝިޔާޒެވެ.
[އުނިއިތުރު ގެންނަވާ] ވާރޭ (2001)
'އަބަދަށް...' ފަހު މަހުދީ އަނެއްކާވެސް އޭނާ އެންމެ ގަޔާވާ ރަށްފުށުގެ ދިރިއުޅުމަށް 'ވާރޭ' އިން ބަދަލުވިއެވެ. އަދި މިއީ ތަފާތު މައުލޫއަކަށް ހަދާފައިވާ ޕިލޮސޮފިކަލް ޑްރާމާއެކެވެ. ބާރު ސްޕީޑެއްގައި ސައިކަލު ދުއްވަނިކޮށް އެކްސިޑެންޓެއްވެ ކުއްޖަކު ވަރަށް ބޮޑަށް ޒަހަމްވުމުން، ޝާހިދު (އަލީ ވަހީދު) އަތޮޅުތެރެއިން ރަށަކަށް 6 މަސްދުވަހަށް އަރުވާލައެވެ. މިއެކްސިޑެންޓްގެ ސަބަބުން އޭނާ ހުންނަނީ މާޔޫސްވެ ދިރިއުޅުން މަތިން ފޫހިވެފައެވެ. މިރަށުން ޝާހިދުއާއި އެކުވެރިކަމުގެ ގޮތުން ވަރަށް ފުންކޮށްވިސްނާ ތަފާތު ނަޒަރަކުން ދިރިއުޅުމާއި ކުރިމަތިލައިގެން އުޅޭ ނާޒިމާ (ހަދީޖާ) އާއި ބައްދަލުވެއެވެ. މިއެކުވެރިކަން ބަދަހިވެ ޝާހިދުއަށް ދިރިއުޅުމުގެ މުހިންމުކަން އިހްސާސްކުރެވެނީ ނާޒިމާގެ ސިއްރު ފަޅާއެރުމުންނެވެ.
މިޑްރާމާގައި ނާޒިމާގެ ބައްޕަ، އައްބާސްގެ ބައި އަދާކޮށްފައިވާ އަލްމަރްހޫމް މުހައްމަދު ސަލީމް އުންބެ އަށް މަހުދީ ދީފައިވަނީ ފްރީ ޑައިލޮގެވެ. ސަލީމްގެ ސީންތަކުގައި މަހުދީ އޭނައަށް ދެނީ ހަމައެކަނި އޭނާ އަލިއަޅުވާލަން ޖެހޭ މުހިންމު ޕޮއިންޓުތަށް އެކަންޏެވެ. މިޑްރާމާ ޝޫޓްކޮށްފައިވަނީ ނ. ކެނދިކޮޅުދޫ، ނ. މާޅެންދޫ އަދި ކ. މާލޭގައެވެ.
ލިބުނު ވަނަތައް:
- އެންމެ މޮޅު އެކްޓްރެސް - ހަދީޖާ
- އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ - އަލްމަރްހޫމް މުހަންމަދު ސަލީމް އުންބެ
[އުނިއިތުރު ގެންނަވާ] ފަންގި (2002)
މިއީ އަނެއްކާވެސް ތަފާތު ކޮންސެޕްޓަކަށް ރައްފުށުގެ ދިރިއުޅުން ދައްކުވައިދޭ، މުޖްތަމައުގެ ތަފާތު މައްސަލަތަކަކަށް އަލިއަޅުވާލައިގެން ލިޔެފައިވާ ޑްރާމާއެކެވެ. މިޑްރާމާގައި ހާރިޝް (އަލީ ވަހީދު) އަކީ ބައިމަނެކެވެ. އޭނާއަށް އޭނާގެ މަންމަގެ ފަރާތުން ކުރިމަތިވާ ރުޅިވެރިކަމާއި ނަފްރަތުގެ އިތުރުން އޭނާ ހުންނަނީ މުޖްތަމައުން އެކަހެރިވެފައެވެ. ހާރިޝްއަށް ކިރިޔާވެސް އޯގާތެރިކަމެއް ލިބެނީ އޭނާގެ ދައްތަ، ޝީޒާ (ނަޝްފާ ޒަކީ) އާއި ބައްޕައެއް ފަދަ އެކުވެރިއެއްކަމަށްވާ މޫސަބޭ (އަހްމަދު ސައީދު) ގެ ފަރާތުންނެވެ. ޝީޒާ އިންނަނީ ހަރުކަށި ފިރިއެއްކަމަށްވާ އަޒްހަރު (އަހްމަދު ޝަރީފް)ގެ މުށުތެރޭގައި ބަންދުވެފައެވެ. އަބްދުއްލަތީފް (އަލްމަރްހޫމް މުހަންމަދު ސަލީމް އުންބެ) އަކީ ބަނގުރޫޓުވެގެން އެރަށަށް އަރުވާލާ ދަރީންނަށް އަޅާލުންކުޑަ ދަހި ވިޔަފާރިވެރިއެކެވެ. މިއެންމެގެ ދިރިއުޅުން ޑްރާމާ ނިމޭއިރު ފަންގި ވިންނަ ފަދައިން ލާމެހި އެކަތިގަނޑަކަށް ވެގެން ދެއެވެ.
މިޑްރާމާގެ ޑައިރެކްޓަރުގެ ކްރެޑިޓްސް މަހުދީ ދިނީ އެކްޓަރ އަލީ ވަހީދަށެވެ. އެއީ އެކްޓިންގ ގެ އިތުރުން، ޑައިރެކްޝަންގެ ރޮނގުން އަލީ ވަހީދު ކުރިއަށް ގެންދިއުމުގެ ނިޔަތުގައެވެ.
މިޑްރާމާގައި ސަލީމް އެރަށަށް އަރުވާލާ ސީންގައި ކެމެރާ 180 ޑިގްރީއަށް ވުރެ ބޮޑަށް އަނބުރާލާފައިވަނީ ޓޮމް ހޭންކްސްގެ 'ކާސްޓްއަވޭ' ގައި ބޭނުންކޮށްފައިވާ އެފަދަ ކެމެރާ މޫވްމަންޓެއް އަސްލަކަށް ބަލައިގެން މަހުދީއާއި ކެމެރާމަން އަބްދުއްލަތީފް ހުރިހާ އެކްޓަރުންނާއި އެކްސްޓްރާޒްއާއި އެކު 5 ފަހަރު ރިހާސްކުރުމަށްފަހުއެވެ.
މިޑްރާމާއިން ޝީޒާގެ ބައި ނަޝްފާ ޒަކީއަށް ލިބުނީ، އެބަޔަށް އެންމެ ފުރަތަމަ ހަމަޖެއްސި ކުރީ 2 އަހަރުވެސް ބެސްޓް އެކްޓްރެސް ހޯދާފައިވާ ހަދީޖާ ކުޅެން ޖެހޭ ސީންތަށް މަދުކަމަށް ބުނުމުންނެވެ. މިޑްރާމާއިން ނަޝްފާ ޒަކީއަށް ބެސްޓް އެކްޓްރެސް ލިބުނީ އެއަހަރު ނޮމިނޭޓްވި އެހެން އެކްޓްރެސްތަކަށްވުރެ ހަގީގަތުގައިވެސް ނިސްބަތުން އެންމެ މަދު ސީން ކުޅެގެންނެވެ.
އަލީ ވަހީދު އޭނާގެ ކެރެކްޓަރއަށް ތައްޔާރުވުމުގެ ގޮތުން ބައިމަނަކާއެކު 1 ދުވަސް ވަންދެން މަސައްކަތްކޮށްފައިވެއެވެ. މިޑްރާމާ ޝޫޓްކޮށްފައިވަނީ ނ. ކެނދިކޮޅުދޫ އާއި ނ. މާޅެންދޫގައެވެ.
ލިބުނު ވަނަތައް:
- އެންމެ މޮޅު ޑްރާމާ
- އެންމެ މޮޅު ޑައިރެކްޓަރ - އަލީ ވަހީދު
- އެންމެ މޮޅު ވާހަކަ - މަހުދީ އަހުމަދު
- އެންމެ މޮޅު އެކްޓަރ - އަލީ ވަހީދު
- އެންމެ މޮޅު އެކްޓްރެސް - ނަޝްފާ ޒަކީ
- އެންމ މޮޅު ސަޕޯޓިންގ އެކްޓަރ - އަހްމަދު ޝަރީފް
[އުނިއިތުރު ގެންނަވާ] 3 ނޮވެމްބަރ (2003)
މިއީ 3 ނޮވެމްބަރު 1988 ގައި މާލެއަށް ދިން އުދުވާނީ ހަމަލާ ތަފާތު ގޮތަކަށް ހުށަހަޅާދީފައިވާ ޑްރާމާއެކެވެ. މިޑްރާމާގައި ފެނިގެން ދަނީ މާލެއާއި ދުރު އަތޮޅުތަކުން ރަށެއްގައި މަސްތުވާތަކެތީގެ މައްސަލައެއްގައި އަރުވާލާފައި ހުރި މާލޭގެ ޒުވާނެއްކަމަށްވާ އާރިފް (އަލީ ވަހީދު) އަށް އެދުވަސް އެރަށުގައި ތަޖުރިބާކުރެވުނު ގޮތެވެ.
މިޑްރާމާ ލިޔަން މަހުދީ ރިސަރޗްކުރުމަށް އެދުވަހާ ބެހޭ ލިޔެކިޔުންތަށް ދިވެހި ބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ހޯދިއެވެ. އަދި މިޑްރާމާ ލިޔުމަށް މަހުދީގެ ޅިޔަނަކު 3 ނޮވެމްބަރު 1988 ގައި ކެމްކޯޑަރއަކުން ނަގާފައިވާ 3 ގަޑިއިރުގެ ވީޑިއޯ ޓޭޕެއްގެ އެހީ ލިބިގެން ދިޔައެވެ. މިޑްރާމާގެ ކޮސްޓިއުމް ޑިޒައިންކުރީވެސް އެވީޑިއޯ ބެލުމަށްފަހުގައެވެ. މިވީޑިއޯ ޓޭޕްގައި އެދުވަހުގެ ހަވީރު މަހުދީގެ ގޭގެ އެންމެން ރެޑިއޯ އަޑު އަހަނިކޮށް ވޮއިސް އޮފް އެމެރިކާއިން ކިޔާފައިވާ ރާއްޖޭގެ ހަބަރުގެ އޯޑިއޯ މަހުދީ ވަނީ މިޑްރާމާގެ ސީނެއްގައި ހަމަ އެގޮތަށް ބޭނުންކޮށްފައެވެ. އަދި އެވީޑިއޯއިން ފެންނަ ފިހާރަތަކަށް ކާޑު ހޯދުމަށް މީހުންތަށް އެއްވެގެން އުޅޭ ތަންވެސް މަހުދީ ވަނީ މިޑްރާމާގައި އެގޮތަށް ކުޅެފައެވެ.
3 ނޮވެމްބަރު 1988 ވަނަ ދުވަހު މަހުދީ ހުރީ ސްރީލަންކާގެ ކޮލޮމްބޯގައި ކިޔަވާށެވެ. މިޑްރާމާގެ ކޮންސެޕްޓަކީ މަހުދީއަށް އެދުވަސް ތަޖްރިބާކުރެވުނުގޮތެވެ.
މިޑްރާމާގައި ނަސްރު ލިބިގެން ރަށުގެ ރައްޔިތުން އުފާ ފާޅުކުރާ ކުރު ސެގްމެންޓްތަށް އުފައްދަން ހިޔާލު ލިބުނީ މައިކަލް ބޭގެ 'އާމަގަޑަން' އާއި 'ޕާރލް ހާބަރ' އިންނެވެ.
މިޑްރާމާގައި ހިމެނޭ ރަށު އޮފީހުގެ ކުރިމައްޗަށް ރައްޔިތުން އެއްވާ ސީންގައި މަހުދީ ބޭނުންކޮށްފައިވާ އެކްސްޓްރާޒް އަކީ މިހާތަނަށް ދިވެހި އެއްވެސް ފިލްމެއްގައިވެސް އަދި ބޭނުންކޮށްފައި ނުވާހާ ގިނަ އަދަދެކެވެ. އެމަންޒަރުގައި މަހުދީ ބޭނުންކޮށްފައިވަނީ 85 އަށް ވުރެ ގިނަ މީހުންނެވެ. އެމަންޒަރު ޝޫޓްކޮށްފައިވަނީ ހަފްތާއެއް ވަންދެން އެސީންގައި ހިމެނޭ މުހިންމު 47 މީހުންނާއި ކެމެރާމަން އަބްދުއްލަތީފްއާއި އެކު ސްޓޯރީބޯޑާއި އެއްގޮތަށް ރިހާޒްކުރުމަށްފަހުގައެވެ. މިސީން ޝޫޓްކޮށް ނިމުނީ ލަފާކުރި ވަރަށް ވުރެ 45 މިނެޓް އަވަހަށެވެ. މިސީންއަށް ހޭދަވީ މުޅިއަކު 1 ގަޑި 30 މިނެޓެވެ.
މިޑްރާމާ ޝޫޓްކުރުމަށް ކެމެރާމަން އަބްދުއްލަތީފް ވަނީ އޭނާ އަމިއްލައަށް ގްލައިޑްކޭމެއް ފަރުމާކޮށްފައެވެ. މިޑްރާމާ ޝޫޓްކޮށްފައިވަނީ ތ. ހިރިލަންދޫގައެވެ.
ލިބުނު ވަނަތައް:
- އެންމެ މޮޅު ޑައިރެކްޓަރ - މަހުދީ އަހުމަދު
[އުނިއިތުރު ގެންނަވާ] 2004 ވަނަ އަހަރު
2004 ވަނަ އަހަރު އޮފީސްތަކުގެ މުބާރާތަށް މަހުދީ ލިޔުނު 'ކޮންމެވެސް ދުވަހަކުން' ޝޫޓްކުރުމުގެ ކުރިން އޭގެ ސްކްރީންޕްލޭ ޓެލެވިޒަން މޯލްޑިވްސްއިން ސެންސަރުކުރިއިރު، އޭގެ ޕްލޮޓަށް އަސަރުކުރާ ވަރަށް، ވަރަށް ގިނަ ތަންތަން އުނިކުރުމަށް އެންގުމުން، އެއަހަރު މުބާރާތުގައި ބައިވެރިނުވެ، އަދި އެދުވަސްވަރު ސިއްހީ ގޮތުން ވަރަށް ބޮޑަށް ބަލިވެ އުޅޭތީވެ، ސިއްހީ ފަރުވާއަށް އިންޑިއާގެ ޗެންނާއީއަށް މަހުދީ ދިޔައެވެ. އެތަނުން ޑޮކްޓަރުގެ ލަފާގެ މަތިން ބުރަ މަސައްކަތް ނުކުރުމަށް އަންގާފައިވާތީވެ، މަހުދީ ނިންމީ ޑައިރެކްޓްކުރުމުން ދުރުވާށެވެ. އަދި ދުވަސްކޮޅަކަށް ފިލްމު އުފެއްދުމާ ގުޅޭ ހުރިހާ މަސައްކަތުންވެސް މަހުދީ ދުރަށްޖެހިލިއެވެ.
[އުނިއިތުރު ގެންނަވާ] ހަމަހިމޭން
ފިލްމީ ދާއިރާއާއި ދުރުގައި މަހުދީ ހުރި ދުވަސްކޮޅު، އަޙުމަދު ނިމާލް ޑައިރެކްޓްކޮށް ކޮރޯނާ އާރޓްސްއިން 2004 ވަނަ އަހަރު ރިލީޒްކުރި ފިލްމް 'ހަމަހިމޭން' އަކީ 2000 ވަނަ އަހަރު މަހުދީ ލިޔުނު ސްކްރީންޕްލޭއެކެވެ. މިސްކްރީންޕްލޭގައި މަހުދީގެ ލިޔުމުގެ ހުނަރު ވަރަށް ދަށްކޮށް ހުރުމުގެ އިތުރުން، މިފިލްމް އުފައްދާފައިވަނީވެސް ހުރިހާ ގޮތަކުން ވަރަށް ދަށްފެންވަރެއްގައެވެ. އަދި މިފިލްމަށް ބެލުންތެރިންގެ ފަރާތުންނާއި ފާޑުކިޔާ ފަރާތްތަކުން ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ. ހަގީގަތުގައި މަހުދީ ސްކްރީޕްލޭ ލިޔުމުގައި މިހާރު ގެންގުޅޭ އުސޫލްތަކަށް ފުރޮޅާލީ މިފިލްމު ރިލީޒްވުމަށްފަހުއެވެ. މަހުދީ ބުނިގޮތުގައި މިފިލްމު ބަލަން އޭނާ ސިނަމާގައި އިންއިރު، އޭނާގެ ލިޔުމުގެ ހުނަރާ ދޭތެރޭގައި ލަދުވެތިވެ، ހިތާމަކުރިކަމަށްވެއެވެ. އަދި ސްކްރީންޕްލޭ ލިޔުމުގެ ހުނަރު އިތުރަށް ދަސްކޮށް ދިވެހި ފިލްމީ ދާއިރާގައި ފުންނާބު އުސް ސްކްރީންރައިޓަރަކަށް ވުމަށް މިހިސާބުން މަހުދީ އަޒުމުކަނޑައެޅިއެވެ. އެގޮތުން މަހުދީ ގިނަ ވަގުތު ހޭދަކުރީ ސްކްރީޕްލޭ ލިޔާނެ ތަފާތު ހުނަރު އުނގެނުމުގައެވެ. އަދި ހަމައެކަނި ސްކްރީންޕްލޭ ލިޔުމުން ކުރިއަށް ދިއުމަށްވެސް ނިންމިއެވެ.
[އުނިއިތުރު ގެންނަވާ] ފިލްމީ ދާއިރާއަށް އެނބުރިއައުން
[އުނިއިތުރު ގެންނަވާ] ލޯބިވާނަމަ...
މަހުދީ ފިލްމީ ދާއިރާއަށް އެނބުރި އައީ ޓެލެވިޒަން މޯލްޑިވްސްގެ ޕްރޮޑިއުސަރ/ ޑައިރެކްޓަރ މުހަންމަދު ޝަރީފް ނުވަތަ ބާރު ޝަރީގެ އެދުމުގެ މަތިން 13 އެޕިސޯޑްގެ ސިލްސިލާއެއް ލިޔުމަށް ފުރަސަތު ލިބުމުންނެވެ. އެދުވަހާ ހަމައަށް މަހުދީ އަޒުމް ކަނޑައަޅައިގެން ހުރީ އެއްވެސް ސިލްސިލާއެއް ނުލިއުމަށެވެ. ނަމަވެސް ބާރު ޝަރީއަކީ މަހުދީއަށް ވަރަށް ކަމުދާ ވިޒުއަލް ސްޓައިލެއް ގެންގުޅޭ ޑައިރެކްޓަރެއް ކަމުން، ޝަރީގެ ފުރުސަތަށް އެއްބަސްވީއެވެ.
ޝަރީގެ އެދުމަށް މަހުދީ ލިޔުނު ފުރަތަމަ ސިލްސިލާގެ ނަމަކީ 'ލޯބިވާނަމަ...' އެވެ. މިސިލްސިލާ ދައްކަން ފެށިއިރު ޝަރީގެ ޑައިރެކްޝަން ސްޓައިލްގެ ތަފާތުކަމުންނާއި މަހުދީގެ ލިޔުމުގައި ޑައިލޮގަށްވުރެ ބޮޑަށް އެކްޓިންގއަށް އިސްކަން ދީފައިވާތީވެ، ބެލުންތެރިންގެ މަގުބޫލްކަން މިސިލްސިލާ ފެށުނުއިރު ނުލިބުނު ނަމަވެސް، ދެވަނަ އެޕިސޯޑަށްފަހު މިސިލްސިލާގެ މަގްބޫލްކަން އިތުރުވެގެން ދިޔައެވެ. މިސިލްސިލާގައި ފެނިގެންދަނީ އެއް އޮފީހެއްގައި މަސައްކަތްކުރާ 3 އެކުވެރިންގެ ދިރިއުޅުމުގައި ދިމާވާ ތަފާތު ހާދިސާތަކެކެވެ.
[އުނިއިތުރު ގެންނަވާ] ކައިވެނިކުރުން
16 ޑިސެމްބަރު 2004 ގައި މަހުދީ ކައިވެނީގެ ގޮތުން އައިމިނަތު ޝޫޒާއާއި ގުޅުނުވެ. އަދި 22 ޑިސެމްބަރު 2004 ގައި ހަނީމޫނަށް ތައިލެންޑްގެ ޕުކެޓް ރިޒޯޓްގެ ޕަތޯންގއަށް ދިޔައެވެ. އުފާވެރި ހަތަރު ދުވަސް ހޭދަކުރުމަށްފަހު ޕުކެޓުން މަހުދީމެން ބެންކޮކަށް ފުރަން ހަމޖެހިފައި އޮތީ 26 ޑިސެމްބަރު 2004 ވަނަ ދުވަހުގެ މެންދުރު 12:00 ގައެވެ. އެދުވަހުގެ ހެނދުނު ބާޒާރު ކުރަން ތަވީވޮންގ ރޯޑް (ބީޗް ރޯޑް) ގައި ހުރި ފިހާރަތަކަށް ދިއުމުގެ ބަދަލުގައި މަހުދީ ނިންމީ ހޮޓަލުގައި މަޑުކޮށްލާށެވެ. ނަމަވެސް ޝޫޒާގެ އެދުމުގެ މަތިން ބާޒުކުރަން ނުކުތުމަށް ނިންމިއެވެ. މަހުދީމެން ތިބި ޕަތޯންގ ރިޒޯޓް ހޮޓެލް އިން ތަވީވޮންގ ރޯޑަށް ނުކުމެވެނީ ތިންވަރަކަށް މިނެޓުންނެވެ. އަދި އެދުވަހަކީ ފުރާ ދުވަސްކަމުން ޝޫޒާ ނުކުތީ ދެމީހުންގެ ޕާސްޕޯޓާއި ހުރިހާ ފައިސާއެއެވެސް ހިފައިގެންނެވެ.
އެދުވަހުގެ ހެނދުނު ގާތްގަނޑަކަށް 08:30 ގައި ތަވީވޮންގ ރޯޑްގައި ހުރި ފިހާރަތަށް ޗެކްކުރަމުން ގޮސް ސްވިމް ވެއަރ ފިހާރައެއްގެ ތެރޭގައި ހުއްޓާ އެތަނަށް ޒުވާން އަންހެން ކުއްޖަކު ވަރަށް ހާސްވެފައި ވަދެ އެފިހާރައިގެ ސޭޓަކަށް އިން ދެބައި އުމުރުގެ އަންހެނަކާ އެމީހުންގެ ރަށުބަހުން ވާހަކަ ދައްކަން ފެށި ރާގުން، މަހުދީމެންނަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. އެ ޒުވާން ކުއްޖާއާއި ސޭޓަކަށް އިން އަންހެން މީހާ ވަގުތުން ފިހާރައިން ނުކުމެ ތަވީވޮންގ ރޯޑްގެ އަނެއް ފަޅީގައި އޮތް ބީޗާ ދިމާއަށް މަގު ހުރަސްކޮށް ދުއްވައިގަތެވެ. އޭރު މީހުންތަށް ހާސްވެގެން އުޅޭ އަޑު ގަދަވާން ފަށައިފިއެވެ. މަހުދީމެންވެސް ވާނުވާ ބަލަންވެގެން ފިހާރައިން ނުކުމެ ބީޗާ ދިމާއަށް އަވަސްވެގަތެވެ. އެވަގުތު ގަސްތަކުގެ ތެރެއިން މަހުދީމެންނަށް ފެންނަންފެށީ ބޮޑު ލޯންޗެއް ބީޗާ ދިމާއަށް އަންނަ ތަނެވެ. އޭރު ބީޗުގައި ތިބި މީހުންތަށް ހަޅޭއްލަވަމުން އެއްގަމަށް އަރާ ދުވަން ފަށައިފިއެވެ. މަހުދީމެންނަށް އެވަގުތު ވިސްނުނީ ޓެރަރިސްޓުންގެ ބަޔަކު އެލޯންޗުގައި އަންނަނީކަމަށެވެ.
މަހުދީ ބޭނުންވީ ވާނުވާ ބެލުމަށެވެ. ނަމަވެސް ޝޫޒާ ވަގުތުން މަހުދީގެ އަތުގައި ހިފާ ޖެހިގެން ރަށުތެރެއަށް ދާން އޮތް މަގަށް އަޅާ ދުއްވައިގަތެވެ. އޭރު މަހުދީމެންގެ ހޮޓެލް ހުރީ މާ ދުރުގައެވެ. މަހުދީމެން ހުރިގޮތަށް ދުވަން ފެށިއެވެ. އޭރު މީހުންތައް ހަޅޭއްލަވަމުން ދުވެއެވެ އަދި ކާރުތަށް ބަރުގޮނު އަޅަމުން ބާރު ސްޕީޑްގައި ކައިރިން އޅާފައި ދެއެވެ. އޭރުވެސް ވާނުވާއެއް ނޭނގެއެވެ. ކޮންމެ ވަގުތެއްގައިވެސް ބަޑީގެ އަޑެއް ނުވަތަ ބޮމެއްގެ އަޑު އިވިދާނެކަމަށް މަހުދީމެން ފަހަތަށް ނުބަލާ ހުރިގޮތަށް ދުވީއެވެ. ނަސީބަކުން ކައިރިން އަޅާފައި ދިޔަ ޕިކަޕެއް ހުއްޓުމަށްފަހު އޭގެ ފަހަތަށް އެރުމަށް ބުންޏެވެ. މީގެ ފަހަތުގައި ވަރަށް ގިނަ މީހުން ތިއްބެވެ. މިޕިކަޕް ވަރަށް ބާރު ސްޕީޑްގައި ހުރިގޮތަށް ދުއްވަމުން ގޮސް ހުއްޓީ ވަރަށް އުސް ބިމެއްގެ މައްޗަށް ދާން އޮތް މަގެއްގެ ބުޑަށެވެ. އަދި ވީ އެންމެ އަވަހަކަށް މައްޗަށް އެރުމަށް އިންޒާރުދިނެވެ. އެންމެން އަވަސްވެގަތީ މަގުގެ މައްޗަށް އެރުމަށެވެ. މުޅި ސަރަހައްދު އޮތީ ހަލަބޮލިވެފައެވެ. އެކިދިމަދިމާލުން މީހުންތަށް ރޮމުންނާ ހަޅޭއްލަވަމުން މައްޗަށް އަރައެވެ. މަހުދީމެންވެސް ދުވަމުން މަގުގެ އެންމެ މައްޗަށް އެރިފަހުން ވާނުވާ އޮޅުން ފިލައިފިއެވެ. ބޮޑު ރާޅެއް އަރައިގެން އުޅޭ ވާހަކައެވެ. އެތަނުގައި އެތަށް އިރަކު ތިބުމަށް ފަހު މިސަރަހައްދުގައި ހުރި ގެއެއްގެ ކުޑަދޮރު ބުޑަށް ޓީވީ ބަލަން އެއްވެފައި ތިބި މީހުންތަކުގެ ގާތަށް މަހުދީމެން ޖެހުނެވެ. ޓީވީން ދައްކަނީ ސީ.އެން.އެން. އެވެ. ބްރޭކިންގ ނިއުޒްގެ ގޮތުގައި އޭޝިއާގެ ވަރަށް ގިނަ ރަށްރަށަށް ބޮޑު ސުނާމީއެއް އެރި ހަބަރެވެ. ދިވެހިރާއްޖެއަށްވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރި ހަބަރެވެ.
މަހުދީމެންގެ މޮބައިލުން އެތަކެއް އިރަކު މަސައްކަތްކުރުމަށްފަހު މާލެއަށް ގުޅުނެވެ. އަދި ގޭ އެންމެންގެ ހާލު ރަނގަޅުކަން އެނގުމުން ހިންހަމަޖެހުނެވެ. އެރޭ މަޑުކުރީ މަހުދީމެން އަރާތިބި އުސް ބިމުގައެވެ. އެހިސާބުން މަހުދީމެން ތިބި ހޮޓެލް ހުރި ސަރަހައްދު ފެނެއެވެ. އެހިސާބުން އެއްކޮށްހެން ކަހަލަ ގޮތަކަށް ކަރަންޓްވަނީ ކެނޑިފައެވެ. މަހުދީމެން އަރާތިބި ސަރަހައްދުގައި ހުރި ގޭގެއިން، މިތަނަށް ޖަމާވެފައިވާ އެރަށު މީހުންނާއި ޓޫރިސްޓުންނަށް ނިދާނެ ގޮދަޑިއާއި ބާލީސް އަދި ރަޖާ ފޯރުކޮށްދިނެވެ. މަހުދީމެން ނިދަން އުޅެއުޅެ ނިދޭގޮތެއް ނުވިއެވެ. ޝޫޒާއަށް އިރުއިރުކޮޅާ ރޮވެނީއެވެ. މިރޭވީ މަހުދީމެންނަށް ތަޖުރިބާކުރެވުނު އެންމެ ދިގުދެމިގެންދިޔަ ރެޔަށެވެ.
މަހުދީމެންނަށް ނުނިދިފައި ތިއްބާ ފަތިސް ވެއްޖެއެވެ. ފަތިހު 04:30 އެހާކަންހާއިރު މަހުދީމެން އެނބުރި ހޮޓަލަށް ދާން ނިންމިއެވެ. ނަސީބަކުން މާދުރަށް ނުދެވެނީސް ޓުކްޓުކެއް ލިބުނެވެ. ހޮޓެލް ހުރި ސަރަހައްދާ ގާތްވާ ވަރަކަށް ފެންނަން ފެށީ މުޅި ހިސާބު ފަނާވެފައި އޮއްވައެވެ. ބޮޑެތި ލޯންޗު ފަހަރު ފިހާރަތަކު ތެރެއަށް އުރުވާލާފައި އޮއްވައެވެ. މަގުތަކަށް ކުނިބުނި އެޅފައި އޮއްވައެވެ. ގަސްތަށް ވެއްޓި، އިމާރާތްތަށް ހަލާކުވެފައެވެ. ޓުކްޓުކް މަޑުކުރީ ހޮޓަލާ ތަންކޮޅެއް ދުރަށެވެ. މަހުދީމެން އަވަސް އަވަހަށް ހޮޓަލަށް ދިޔައިރު މުޅި ހޮޓެލްގެ ގްރައުންޑް ފްލޯ އޮތީ ކިސަޑުން ފުރިފައެވެ. މަހުދީމެންގެ ކޮޓަރި ހުރީ ދެވަނަ ބުރީގައެވެ. އޭރު ފުރަތަމަ ފްލޯގެ ފަންގި ފިލާއާއި ހަމައަށް ފެން އަރާފައި ހުރި ނިޝާންތަށް ފެންނަން ހުއްޓެވެ. މަހުދީމެން ކޮޓަރިއަށް ވަންއިރު، ނަސީބަކުން ސުނާމީގެ އެއްވެސް އަސަރެއް ފޯރާފައެއް ނެތެވެ.
ވަގުތުން ހޮޓަލުން ޗެކް އައުޓްކޮށްގެން އެއަރޕޯޓަށް ދާނެ ޓެކްސީއެއް ނުލިބުމުން، މަހުދީމެންނަށް ޖެހުނީ ފޮށިތަށް ހިފައިގެން ހޮޓަލުން ނުކުމެ ވަރަށް ދުރަށް ހިނގާށެވެ. އޭރު އެހެން ޓޫރިސްޓުންވެސް އެމީހުންގެ ފޮށިތަށް ހިފައިގެން ހިނގަނީއެވެ. އެތަށް އިރަކު ހިނގިފަހުން ޓުކްޓުކެއް ލިބުނެވެ. އެއަރޕޯޓަށް ގެންދިއުމަށް ޑްރައިވަރު އެދުނީ ދެގުނަ ބޮޑު އަދަދެކެވެ. އެއަގަށް އެއްބަސްވެ، އެއަރޕޯޓަށް ދިއުމަށް މަހުދީމެން މިސްރާބުޖެއްސެވެ.
އެއަރޕޯޓަށް ދެވުނު އިރު އެތަން އޮތީ ވަރަށް އަމާންކޮށެވެ. އެދުވަހު ބެންކޮކަށް އެންމެ ފުރަތަމަ ފުރަން އޮތް ފްލައިޓް އޮތީ ޑިލޭވެފެއެވެ. އަދި ނަސީބު ރަނގަޅުކަމުން އެފްލައިޓްގައި ބެންކޮކަށް ފުރުމަށް ޗެކް އިންކުރެވޭ ގޮތްވެސް ވިއެވެ. ޕުކެޓުން ބެންކޮކަށް ފުރީ ހެނދުނު 07:30 ވީ ފަހުންނެވެ. ބެންކޮކް އެއަރޕޯޓަށް އައިއިރު ދިވެހިރާއްޖެ ފިޔަވައި އެތަނުގައި ވަރަށް ގިނަ ގައުމުތަކުގެ އެންބަސީތަކުން މީހުން ގޮސް ތިއްބެވެ.
އެއަރޕޯޓުން މަހުދީމެން ދިއައީ އެމީޙުން ބުކިންގސް ހެދި ޒެނިތު ސުކުމްވިތު ހޮޓަލަށެވެ. އެތަނަށް ޗެކް އިން ކުރުމަށްފަހު ނޫސް ބަލައިލިއިރު ޕުކެޓުން ސުނާމީގެ އަސަރު އެންމެ ބޮޑަށް ކުރި ތަންތަނުގެ ފޮޓޯތަށް ޝާއިރުކޮށްފައި ހުއްޓެވެ. މަހުދީމެން ބާޒާރުކުރަން ތިބީ ޕުކެޓަށް އެންމެ ގަދައަށް ސުނާމީގެ އަސަރުކުރި ސަރަހައްދުގައެވެ. އަދި އެދިމާލުން ވަރަށް ގިނަ މީހުން މަރުވެފައިވާކަންވެސް އެނގުނެވެ. ޓީވީ ހުޅުވާލިއިރު ފެނުނީ ޕުކެޓްގެ އެއަރޕޯޓްއާއި ބެންކޮކް އެއަރޕޯޓް ތޮށްޖެހިފައިވާތަނެވެ. މަހުދީމެންނަށް ހިފެހެއްޓުމެއްނެތި ރޮވުނެވެ. އަދި މާތް ﷲ އަށް ޝުކުރުދެންނެވިއެވެ. މަހުދީމެން ދެން ގުޅީ މާލެއަށެވެ. އަދި ގޭއެންމެންގެ ގާތުގައި ބެންކޮކަށް ސަލާމަތުން އާދެވުނު ހަބަރު ދިނުމަށްފަހު ފޯނު ބޭއްވުމާއެކު، ފޯނުގެ ޗާރޖުވެސް އެހިސާބުން ހިނގައްޖެއެވެ.
[އުނިއިތުރު ގެންނަވާ] 2005 ވަނަ އަހަރު
[އުނިއިތުރު ގެންނަވާ] ހުރީމޭ އިންތިޒާރުގައި
މިއީ އެޕޯލޯ އެންޓަޓެއިންމަންޓްސްއާއި ގުޅިގެން ދިވެހި ފިލްމީ ދާއިރާގެ ފުންނާބު އުސް ޑައިރެކްޓަރ ޢަބުދުލް ފައްތާޙް ޑައިރެކްޓްކުރުމަށް މަހުދީއަށް ލިޔަން ހަވާލުކުރި ސްކްރީންޕްލޭއެކެވެ. މިސްކްރީންޕްލޭއަށް މަހުދީ އެއްބަސްވީ، މިސްކްރީންޕްލޭގައި 26 ޑިސެމްބަރު 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާ ހިމަނަން ފައްތާހު ނިންމާފައިވާތީއެވެ. އަދި އެކާރިސާގެ ސަބަބުން މުޅި ވާހަކައާއި އޭގައި ހިމެނޭ ކެރެކްޓަރުންނަށް ބޮޑެތި ބަދަލުތަކެއް އަންނާތީވެއެވެ. އެހާދިސާ މިފިލްމުގައި ގެނެސްދީފައިވަނީ އެދުވަސް މަހުދީ ތަޖުރިބާކުރިކަހަލަ ގޮތަކަށެވެ.
މިސްކްރީންޕްލޭ މަހުދީ ލިޔެފައިވަނީ ސްކްރީންޕްލޭ ލިޔުމުގެ އުސޫލްތަކާ ހިލާފަށެވެ. ފިލްމުގެ ޕްރޮޑަކްޝަން ފައްތާހު ފުރަތަމަވެސް ހަމަޖެއްސީ ލަންކާގައި ނަގަންޖެހޭ ބައިތަކަވެ. އެބައިތަށް ސްކްރީންޕްލޭގައި އަންނަނީ ތިންވަނަ އެކްޓްގެ ގޮތުގައި އެންމެ ފަހުންނެވެ. އެގޮތަށް ލިޔަން އިންކާރުކުރި ނަމަވެސް، މަހުދީ ނިންމީ ޗެލެންޖެއްގެ ގޮތުގައި ފަހުބައި ފުރަތަމަ ލިޔާށެވެ. އަދި އެބައި ހިފައިގެން ލަންކާއަށް ފައްތާހު ފުރުމުން، ސްކްރީންޕްލޭގެ ފުރަތަމަ ދެ އެކްޓް މަހުދީ ނިންމީ ފަހުބަޔަށް ވަރަށް ބޮޑަށް އިސްކަންދީގެންނެވެ.
މިފިލްމުގައި ސުނާމީގެ ލޮނުގަނޑު ގޭތެރެއަށް ވަންނަ ސީން ޑައިރެކްޓްކޮށްދީފައިވަނީ ފައްތާހުގެ އެހީއާއެކު ބާރު ޝަރީއެވެ. އަދި މިސީންއަށް ތައްޔާރުވުމަށްޓަކައި މަހުދީއާއި ސެޓް ޑިޒައިނަރ އަންދުގެ އެހީ ބޭނުންކުރިއެވެ. މފިލްމުގައި މަރިޔަމް ޒުހުރާގެ ކޮޓަރި ފަރުމާކޮށްފައިވަނީ ތިލަފުށީގައި ބޮޑު ފެންޓޭންކެއް މަރާމާތުކުރުމަށްފަހު މިފެންޓޭންކުގެ ތެރޭގައެވެ.
[އުނިއިތުރު ގެންނަވާ] ކުރަމޭ ވަދާއީ ސަލާމް
ޓީވީ ސިލްސިލާ 'ލޯބިވާނަމަ...' އަށްފަހު މަހުދީ ދެވަނައަށް ލިޔުނު ސިލްސިލާއަކީ 13 އެޕިސޯޑްގެ 'ކުރަމޭ ވަދާއީ ސަލާމް' އެވެ. މިފަހަރު ޑައިރެކްޓަރ ޢަބުދުލް ފައްތާޙް އެދުމަކަށެވެ. މިސިލްސިލާގައި ފެންނަ ލޯބީގެ ހާދިސާތަކަށްވުރެ ބޮޑަށް ބެލުންތެރިންގެ ތަރުހީބު ލިބިގެން ދިޔައީ މީސިލްސިލާގެ ކޮންމެ އެޕިސޯޑެއްގައި ހިމެނޭ ކޮމެޑީ ބަޔަށެވެ. ވަކިން ހާއްސަކޮށް އެބައިތަކުގައި ހިމަނާފައި ތޫނު ޑައިލޮގްތަކަށެވެ. މިއީވެސް ބެލުންތެރިންގެ ތަރުހީބު ލިބިގެން ދިޔަ ސިލްސިލާއެކެވެ. މިއީ 12 އެޕްރީލް 2008 ގައި ބޭއްވި 5 ވަނަ ގައުމީ ފިލްމް އެވޯޑްސްގައި 'ވާލޯބި އެނގޭނަމަ (ފިލްމް)' އިން އެންމެ މޮޅު އެކްޓްރެސް ހާސިލްކުރި މަރިޔަމް އަފީފާ ކުޅުނު ފުރަތަމަ ސިލްސިލާއެވެ.
[އުނިއިތުރު ގެންނަވާ] 2006 ވަނަ އަހަރު
[އުނިއިތުރު ގެންނަވާ] ހިނިތުންވެލާށޭކަލާ
އަނެއްކާވެސް މަހުދީ ލިޔުނީ ހަމަ ޢަބުދުލް ފައްތާޙްގެ އެދުމަކަށް ޓީވީ ސިލްސިލާއެކެވެ. ނަމަވެސް މިފަހަރު 52 އެޕިސޯޑް ދިގު ސިލްލާއެކެވެ. މިސިލްސިލާގެ ނަމަކީ 'ހިނިތުންވެލާށޭކަލާ' އެވެ. މިއީ ދިވެހިންނަށް ވަރަށް ކަމުދިޔަ އަދި އެހާމެ މަޝްހޫރުކަން ލިބިގެންދިޔަ ސިލްސިލާއެކެވެ.
މިސިލްސިލާ ބިނާކޮށްފައިވަނީ ހއ. ކެލާގައި އެކުވެރިންގެ ގޮތުގައި ކުޑައިރުއްސުރެ އުޅެމުން އަންނަ ދެ އަންހެންކުދިން ކަމަށްވާ ފަޒޫއާއި އިނާގެ ހަޔާތުގައި ދިމާވާ ތަފާތު ހާދިސާތަކުގެ މައްޗަށެވެ. މި ދެ އެކުވެރިންގެ މިޒާޖު އެކަކު އަނެކަކާ، އުޑާބިމާހާ ތަފާތެވެ. ފަޒޫއަކީ މަޑުމައިތިރި އަދި ބަސްމަދު ސްކޫލް ޓީޗަރެކެވެ. އިނާއަކީ އަނގަ ގަދަ، އުޅުމުގައި ފިރިހެންގޮތެއް ހުންނަ ހީވާގި ދަނޑުވެރިއެކެވެ. މިސިލްސިލާގައި ފަޒޫގެ ބައި މަރިޔަމް އަފީފާ އަދާކޮށްފައިވާއިރު އިނާގެ ބައި ކުޅެފައިވަނީ ޚަދީޖާ އިބްރާހީމްއެވެ. މިދެތަރިންގެ ހުނަރު މިސިލްސިލާގައި ފަނޑުވުމެއްނެތި ފެނިގެންދެއެވެ. މިދެތަރިންގެ އިތުރުން މުހައްމަދު މަނިކު، ފައުޒިއްޔާ ޙަސަން، ނީނާ ސަލީމް، އިބްރާހީމް ޖިހާދު، އަދި އަހްމަދު ސައީދު (ތުއްތު) ވަރަށް މުހިންމު ބައިތަކެއް މިސިލްސިލާގައި އަދާކޮށްފައިވެއެވެ.
ފައްތާހުގެ އެދުމުގެ މަތިން މިސީލްސިލާގެ ފުރަތަމަ 32 އެޕިސޯޑް މަހުދީ ލިޔުނީ ހއ. ކެލައަށް ބިނާކޮށެވެ. އަދި ދިވެހިރާއްޖޭގެ ވަރަށް ތާރީހީ ހާދިސާއެއް ހަމަ އެކަހަލަގޮތަކަށް މިސިލްސިލާގެ 39 ވަނަ އެޕިސޯޑްގައި މަހުދީ ވަނީ ހިމަނާފައެވެ. ހއ. އުތީމުގެ ކަނދުވަލު މަގުން މުހަންމަދުތަކުރުފާނުގެ ބޮލަށް ބޯށިވަލު ބުޅާ ފާތުމަ ގޮންޖެހުން، ހަމަ އެމަގުގައި މަނިކުގެ ބޮލަށް މަރިޔަމް ސިޔާދާ ގޮންޖަހައެވެ. އަދި ގޮންޖެހުމާއެކު، ފާތުމަ ނަގައިގަނެގެން ގޮސް އަތިރިމަތީގައި މުހަންމަދުތަކުރުފާނާއި އިނުމަށް އެއްބަސްކުރުވުން ހަމަ އެސަރަހައްދުގައި ހަމައެގޮތަށް މަނިކުއާ އިނުމަށް ސިޔާދާ އެއްބަސްކުރުވައެވެ.
މިސިލްސިލާގެ ޝޫޓްކުރި 32 އެޕިސޯޑް، އެޑިޓްކޮށްނިމުނުއިރު 40 އެޕިސޯޑަށް ދެމިގެން ދިޔައެވެ. އަދި ފުރަތަމަ ލިޔަން ކަނޑައެޅި ސިލްސިލާގެ ފަހު 22 އެޕިސޯޑް، ފަހުން 12 އެޕިސޯޑަށް މަދުވެގެން ދިޔއެވެ. އަދި މި 12 އެޕިސޯޑް ބިނާކޮށްފައިވަނީ ކުރިންވެސް ކަނޑައެޅިގޮތަށް މާލެއަށެވެ. ނަމަވެސް މަހުދީ ފުރަތަމަ ރޭވި ހުރިހާ ހާދިސާއެއްވަނީ 12 އެޕިސޯޑަށް މަދުވުމުން އެއްކޮށް ބަދަލުކޮށްފައެވެ.
[އުނިއިތުރު ގެންނަވާ] ސީއައިބީ 2: ވަތަން
މިއީ އެކްޓަރ/ ޑައިރެކްޓަރ އަލީ ސީޒަން އުފެއްދި ކުރު ފިލމް 'ސީއައިބީ: މިޝަން 24' ގެ ދެވަނަ ބައެވެ. ސީޒަންގެ އެދުމަކަށް މިސްކްރީންޕލޭ ލިޔުނު ނަމަވެސް، މިސްކްރީޕްލޭ ވަނީ ޕްރޮޑަކްޝަންގެ އެއްވެސް މަސައްކަތެއް ނުކޮށް ވަތްގަނޑަށްލާފައެވެ. މިހެން ދިމާވި އެންމެ ބޮޑު ސަބަބަކީ، ސްކްރީންޕލޭގައި ލިޔެފައިވާ ފެންވަރަށް ފިލްމެއްގޮތުގައި އަދި އުފެއްދިދާނެ ގާބިލްކަން ނެތުމެވެ އަދި އުފައްދަން ވަރަށް ބޮޑު ބަޖަޓެއް ހޭދަވާނެތީވެއެވެ.
[އުނިއިތުރު ގެންނަވާ] ތިޔަލޯބީގައި
މިއީ އެކްޓަރ/ ޑައިރެކްޓަރ އަލީ ސީޒަން އަށް މަހުދީ ލިޔެދިން 13 އެޕިސޯޑްގެ ޓީވީ ސިލްސިލާއެކެވެ. ނަމަވެސް މިސިލްސިލާ އެޑިޓްކޮށް ނިމުނުއިރު 15 އެޕިސޯޑަށް ދިގުދެމިގެން ދިޔައެވެ. މިސިލްސިލާގައި ފެނިގެންދަނީ ޖިންނިއަކު އަންހެންކުއްޖެއްދެކެ ލޯބިވެގެން، އިންސާނަކަށް ބަދަލުވެ، މިއަންހެންކުއްޖާއާއި ގުޅެން ކުރާ މަސައްކަތެވެ. އަދި އިންސާނަކަށް ބަދަލުވުމުން، އިންސާނުންގެ އަނދިރި ފަރާތާއި ދުނިޔެމަތީގެ މާޔޫސްކަން ތަޖުރިބާކުރެވިގެންދެއެވެ.
[އުނިއިތުރު ގެންނަވާ] ވާލޯބި އެނގޭނަމަ (ފިލްމް)
މިއީ ރެޑް ޕްރޮޑަކްޝަންގެ ފަރާތުން ޢަބުދުލް ފައްތާޙް ޕްރޮޑިއުސްކޮށް އަޙުމަދު ނިމާލް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިފިލްމުގެ ސްކްރީންޕްލޭ މަހުދީ ލިޔުނީ އައިޝަތު ނީނާގެ ވާހަކައަކަށެވެ.
މިފިލްމުގެ ސްކްރީންޕްލޭ އެންމެ ފުރަތަމަ މަހުދީ ލިޔުނީ ވާހަކައިގަވެސް އޮންނަ ގޮތަށް މާލެއަށް ބިނާކޮށެވެ. ނަމަވެސް ޑިރެކްޓަރ އަޙުމަދު ނިމާލްގެ އެދުމަކަށް ޝޫޓިންގ ފަސޭހަކޮށް ފިލްމުގެ ޕްރޮޑަކްޝަން އަވަސްކުރުމަށްޓަކައި މުޅި ސްކްރީންޕްލޭ ޏ. ފޯއްމުލަކަށް ބަދަލުކުރީއެވެ.
ފައިނަލް ސްކްރީންޕްލޭއާއި ހަމައަށް ދެވުނީ 4 ރީރައިޓަށްފަހު ޖުމްލަ 80 ސީން އުނިކުރުމަށްފަހުއެވެ.
ސްކްރީންޕްލޭ ލިޔުނުއިރު، ފިލްމުގައި ފެންނަ ޑޮކްޓަރ ސުޖާގެ ކެރެކްޓަރވަނީ ފިލްމު 3 ގަޑިއިރަށްވުރެ ދިގުވިޔަ ނުދިނުމަށްޓަކައި އަސްލު ވާހަކައިގައި އުޅޭ ޑޮކްޓަރ ސުޖާއާއި އަދި އޭގައި ނިހާއާއި ފުރަތަމަ ދިމާވާ ޑްރަގް އެޑިކްޓްގެ ކެރެކްޓަރ އެއްކޮށްލާފައެވެ.
މިފިލްމުން މަހުދީވަނީ 5 ވަނަ ގައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ސްކްރީންޕްލޭއާއި ފިލްމުގެ ސައުންޑް ހެދުމަގައި މަސައްކަތްކޮށްގެން އަލީ މުސްތަފާއާއި އެކު އެންމެ މޮޅު އޯޑިއޯގްރަފީ ހާސިލްކޮށްފައެވެ. މިފިލްމަށް ވަނީ އެފަހަރު ޖުމްލަ 12 އެވޯޑް ލިބިފައެވެ.
[އުނިއިތުރު ގެންނަވާ] ރޮކީ
މިއީ އަހްމަދު ސައީދު (ތުއްތު) ކޮމެޑީ ކުރުފިލްމެއް ހެދުމަށް މަހުދީ ލައްވާ ލިޔުއްވި ސްކްރީންޕްލޭއެކެވެ. ނަމަވެސް މަހުދީ މިސްކްރީންޕްލޭ ލިޔުނީ އެހެން ނަމެއްގައެވެ. މިކުރުފިލްމު ޑީވީޑީގައި ރިލީޒްކޮށްގެން އެކަށީގެންވާ ކާމިޔާބީއެއް ނުލިބުނެވެ.
[އުނިއިތުރު ގެންނަވާ] ރޮކީ 2
'ރޮކީ' ގެ ނާކާމިޔާބީއަށްފަހުވެސް އަހްމަދު ސައީދު (ތުއްތު) ބޭނުންވީ 'ރޮކީ 2' މަހުދީ ލައްވާ ލިޔުއްވާށެވެ. މިއީ ހިންދީ ފިލްމު 'ލަގޭރަހޯ މުންނާބާއީ' އަސްލަކަށް ބަލައިގެން ލިޔުމަށް ސައީދު ހަވާލކުރި މަސައްކަތެއް ނަމަވެސް، މިސްކްރީންޕްލޭ ލިޔުމަށް މަހުދީ އެއްބަސްވީ ފިލްމުގެ ކޮންސެޕްޓްގައި ގައުމީ ރަހައެއް ހުރުމުންނާއި ގައުމީ ލޯބި ބެލުންތެރިންގެ ހިތްތަކުގައި އަށަގެންނެވުމަށް ސައީދު ބޭނުންވުމުންނެވެ.
މިސްކްރީންޕްލޭގެ ދެ މަންޒަރު ނެގުމަށްފަހު، ޕްރޮޑަކްޝަން ހުއްޓުމަކަށް އައެވެ. އަދި މިއަދާ ހަމައެއްވެސް މިފިލްމުގެ އިތުރު މަސައްކަތެއް ވަނީ ނުކޮށެވެ. މިސްކްރީންޕްލޭ ވަނީ ވަތްގަނޑަށް ލެވިފައެވެ. ނަމަވެސް ޖުލައި 2010 ގައި ކިޑް ޕްރޮޑަކްޝަންގެ ފަރާތުން މިސްކްރީންޕްލޭ ވަނީ ސައީދު އަތުން ގަނެފައެވެ.
[އުނިއިތުރު ގެންނަވާ] ނެތިދިއަޔަސް
މިއީ ޓީވީއެމް އިން ދެއްކުމަށް އޭރު އެސްޓޭޝަންގެ ޕްރޮޑިއުސަރ މުހަންމަދު ޝަރީފް (ބާރު) ބުނެގެން މަހުދީ ލިޔުނު ފަސް އެޕިސޯޑުގެ ޑޮކިއުމެންޓަރީ ޑްރާމާއެކެވެ. މިޑްރާމާ ބިނާކޮށްފައިވަނީ ޑްރަގް ބޭނުންކޮރުމަށްފަހު، ރަނގަޅުވެގެން އަލުން މުޖްތަމައަށް އައިސްފައިވާ ޒުވާނެއްގެ ހަގީގީ ވާހަކައެއްގެ މައްޗަށެވެ. މިޑްރާމާ ލިޔުމުގައި އެޒުވާނާގެ އެހީތެރިކަން މަހުދީއަށް ވަރަށް ބޮޑަށް ލިބުނެވެ. އަދި މިޑްރާމާ ވެގެން ދިޔައީ، ބެލުންތެރިންގެ ތެރޭގައި މަގުބޫލުކަން ހޯދި އަދި ޑްރަގާއި ދެކޮޅަށް ވަރުގަދަ މެސެޖްތަކެއް ދިން ޑްރާމާއެއްގެ ގޮތުގައެވެ. އަދި މިޑްރާމާގެ ފަހު އެޕިސޯޑް އެއަރކޮށް ނިމުމުން މިޑްރާމާގެ ވާހަކަ ބިނާކޮށްފައިވާ ޒުވާނާ ވަނީ މަހުދީއަށް ތައުރީފްކޮށް ވަރަށް ދިގު އެސްއެމްއެސް އެއް ފޮނުވާފައެވެ. މިއީ ޓީވީއެމް އިން ދެއްކި ފުރަތަމަ ޑޮކިއުމެންޓަރީ ޑްރާމާއެވެ.
[އުނިއިތުރު ގެންނަވާ] އަހަރެން (ފިލްމް)
މިއީ ޔޫ.އެން.އެފް.ޕީ.އޭ. އިން ކަނޑައަޅާފައިވާ ‘ލޯތްބާއި އަނިޔާ’ މި ޝިއާރާއި ގުޅުވައިގެން މުޖުތަމައުގައި މިވަގުތު ހުރި މައްސަލަތަކެއްގެ މައްޗަށް އާންމުން ހޭލުންތެރިކުރުވުމަށް މުޙައްމަދު ޙިލްމީ އާއި އެކު ވަރަށް ކުރު މުއްދަތެއްގައި މަހުދީ ލިޔުނު ސްކްރީންޕްލޭއެކެވެ. މިސްކްރީންޕްލޭވަނީ ވަރަށް ބޮޑަށް އިނގިރޭސި ފިލްމް 'ޑައިރީ އޮފް އަ މޭޑް ބްލެކް ވުމަން' އަސްލަކަށް ބަލައިގެން ލިޔެފައެވެ. މިފިލްމް ވަނީ ފްލޮޕްވެ، ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.
[އުނިއިތުރު ގެންނަވާ] 2007 ވަނަ އަހަރު
[އުނިއިތުރު ގެންނަވާ] ނުލިބުނަސް
މިއީ 13 އެޕިސޯޑްގެ ސިލްސިލާއަކަށް ލިޔެފައިވާ ސްކްރީންޕްލޭއެއް ވިއަސް، އެންމެ ފުރަތަމަ މިއީ މިހާރު އުވާލެވިފައިވާ ކުންފުނި އީ.އެމް.އޭ.ގެ ފަރާތުން ލިޔެފައިވާ ހިންދީ ފިލްމު 'ދިލް ކިޔާ ކަރޭ' ގެ ދިވެހި ތަރުޖަމާ ސްކްރީންޕްލޭ، އެފަރާތުން ކެމެރާމަން މުހައްމަދު ޝިއާޒްއާއި އެކު ފިލްމަކަށް ހެދުމަށް ވާހަކަ ދެކެވުމުން، ޝިޔާޒްގެ އެދުމަކަށް ރާއްޖޭގެ މާހައުލަށް ފެތޭގޮތަށް މަހުދީ އަލުން ލިޔުނު ސްކްރީންޕްލޭއެކެވެ. މިސްކްރީންޕްލޭ ލިޔެ ނިމުނުތަނާހެން އީ.އެމް.އޭ އުވާލެވުނެވެ. އަދި މަހުދީގެ މަސައްކަތަށްވާ އުޖޫރަ ވަނީ ލިބޭގޮތްނުވެފައެވެ.
މިސްކްރީންޕްލޭ މަހުދީގެ އަތުގައި އޮންނަތާ އަހަރުތަކެއްވީ ފަހުން، ކުރީގެ އެކްޓަރ މުޙައްމަދު ރަޝީދު (ދަރާ) ސިލްސިލާއެއް ހެދުމަށް ބޭނުންވެގެން، މަހުދީ ވަނީ އިތުރު ބައިތަކަކާއެކު މިސްކްރީންޕްލޭ 13 އެޕިސޯޑަށް ބަދަލުކޮށްފައެވެ. ނަމަވެސް 13 އެޕިސޯޑް ލިޔެނިމުނުތަނާ، މިސިލްސިލާ އެހާ އަވަހަށް ހެދެން ނެތްކަމަށް ރަޝީދު ބުނުމުން، މިސިލްސިލާ ވަތްގަނޑަށް ލެވުނެވެ. ނަމަވެސް އަހަރެއް ފަހުން، ފިލްމީ ބަތަލާ ޒީނަތު އައްބާސް އާއި މޫވީ ޕީޕަލް ގުޅިގެން ސިލްސިލާއެއް ހެދުމަށް، ފަހުން ފައިސާ ދޭގޮތަށް މަހުދީ އަތުން މިސިލްސިލާ ގެންދެވުނެވެ.
މިސިލްސިލާގެ ޕްރޮޑަކްޝަން ފަށައިގެން ވަރަށް ބޮޑުބައި ނެގުމަށްފަހު، ދިމާވި ބައެއް މައްސަލަތަކަށްފަހު މިސިލްސިލާގެ ޕްރޮޑަކްޝަން ހުއްޓި މިއަދާ ހަމައަށްވެސް ވަނީ މިސިލްސިލާގެ އިތުރު މަސައްކަތެއް ނުކުރެވިއެވެ.
[އުނިއިތުރު ގެންނަވާ] މަހުދީގެ ފަންނުވެރި އުފެއްދުންތައް/ ސްކްރީންޕްލޭ ލިޔެފައިވާ ފިލްމާއި ޑްރާމާތައް
| އަހަރު | ފިލްމް | ތަރިން | ސްޓޫޑިއޯ | ޑައިރެކްޓަރ | ގިންތި | ސްޓޭޓަސް |
|---|---|---|---|---|---|---|
| 2010 | އިންދިރާސް | އަބްދުﷲ މުއާޒް | ދެކެދެކެވެސް ޕްރޮޑަކްޝަން | - | ދިގު ފިލްމް | ޕްރީޕްރޮޑަކްޝަން |
| 2010 | ސަޒާ (ފިލްމް) | ނިއުމާ މުޙައްމަދު، ލުފްޝާން ޝަކީބް، އިސްމާޢީލް ރަޝީދު | ފަރިވާ ފިލްމްސް | ހުސައިން މުނައްވަރު | ދިގު ފިލްމް | ޕޯސްޓްޕްރޮޑަކްޝަން |
| 2010 | މަންމަ | - | ޔާރާ ޕްރޮޑަކްޝަން | - | ދިގު ފިލްމް | - |
| 2009 | ލޭކަރުނައިން | - | ޑޭޝް ސްޓޫޑިއޯ | ޢަބުދުލް ފައްތާޙް | ދިގު ފިލްމް | ޕްރީޕްރޮޑަކްޝަން |
| 2009 | އިނގިލި (ފިލްމް) | އަބްދުﷲ މުއާޒު، އިސްމާއިލް ރަޝީދު | އާރ 2، ކިޑް ޕްރޮޑަކްޝަން، އެންކިއުޕީ | ރަވީ ފާރޫޤް | ދިގު ފިލްމް | ޕޯސްޓްޕްރޮޑަކްޝަން |
| 2009 | ވަފާތެރި ކެހިވެރިޔާ | - | ސީޒަނަލް މޫވީސް | - | ދިގު ފިލްމް | ވަތްގަނޑަށްލެވިފައި |
| 2008 | ހިޔަނި | - | އިޓާނަލް ޕިކްޗަރސް | މުޙައްމަދު ނިޔާޒް ޓެޑްރީ | ކުރު ފިލްމް | ރިލީޒްކުރެވިފައި |
| 2008 | ރާނިޔާ | - | ޑޭޝް ސްޓޫޑިއޯ | - | ދިގު ފިލްމް | ވަތްގަނޑަށްލެވިފައި |
| 2008 | 00:00 | - | ދެކެދެކެވެސް ޕްރޮޑަކްޝަން | - | ދިގު ފިލްމް | ވަތްގަނޑަށްލެވިފައި |
| 2008 | ރޯޑް | - | އަންތަރީސް ޕްރޮޑަކްޝަން | - | ދިގު ފިލްމް | ވަތްގަނޑަށްލެވިފައި |
| 2008 | ޖީނީ | - | ޑޭޝް ސްޓޫޑިއޯ | - | ދިގު ފިލްމް | ވަތްގަނޑަށްލެވިފައި |
| 2007 | ކެތްވެވޭނަމަ | - | ވިލާޓީވީ | - | ޓީވީ ސިލްސިލާ (12 އެޕިސޯޑް) | ވަތްގަނޑަށްލެވިފައި |
| 2007 | އަހަރެންގެ ޅަޑެޑީ | ހަސަން އަފީފް(ޖަންބު)، ނީނާ ސަލީމް، ޚަދީޖާ އިބްރާހީމް، އިބްރާހީމް ޖިހާދު | ޑޭޝް ސްޓޫޑިއޯ | ޢަބުދުލް ފައްތާޙް | ޓީވީ ސިލްސިލާ (05 އެޕިސޯޑް) | އެއަރކޮށްފައި |
| 2007 | ވަކިވުމުގެ ކުރިން | - | މޫވީ މޯލްޑިވްސް | - | ދިގު ފިލްމް | ވަތްގަނޑަށްލެވިފައި |
| 2007 | ނުލިބުނަސް | އަހްމަދު ސައީދު (ތުއްތު)، ޒީނަތު އައްބާސް، ޒިޔާ | މޫވީ ޕީޕަލް | އަހްމަދު ސައީދު (ތުއްތު) | ޓީވީ ސިލްސިލާ (13 އެޕިސޯޑް) | ޕޯސްޓްޕްރޮޑަކްޝަން |
| 2006 | އަހަރެން | ނާޝިދާ މުޙައްމަދު، އަހުމަދު އާސިމް | އެންސީއޭ/ ޔޫއެންއެފްޕީއޭ | މުހަންމަދު ޝަރީފް (ބާރު) | ދިގު ފިލްމް | ރިލީޒްކޮށްފައި |
| 2006 | ނެތިދިޔަސް | އިސްމާޢީލް ރަޝީދު، މަރިޔަމް އަފީފާ | ޓީވީއެމް | މުހަންމަދު ޝަރީފް (ބާރު) | ޓީވީ ސިލްސިލާ (05 އެޕިސޯޑް) | އެއަރކޮށްފައި |
| 2006 | ރޮކީ 2 | - | - | - | ކުރު ފިލްމް | ވަތްގަނޑަށްލެވިފައި |
| 2006 | ރޮކީ | ސިބާއު. އަހްމަދު ސައީދު (ތުއްތު) | - | އަހްމަދު ސައީދު (ތުއްތު) | ކުރު ފިލްމް | ރިލީޒްކޮށްފައި |
| 2006 | ވާލޯބި އެނގޭނަމަ (ފިލްމް) | ޔޫސުފް ޝަފީޢު، މަރިޔަމް އަފީފާ، ފާތިމަތު ފަރީލާ، ރިޔާޒް، ފައުޒިއްޔާ ޙަސަން | ރެޑް ޕްރޮޑަކްޝަން | އަހްމަދު ނިމާލް | ދިގު ފިލްމް | ރިލީޒްކޮށްފައި |
| 2006 | ތިޔަ ލޯބީގައި | މުސްލިމާ، މަރިޔަމް ސިޔާދާ، ނާޝިދާ މުޙައްމަދު، އަލީ ސީޒަން | ސީޒަނަލް މޫވީސް | ޢަލީ ސީޒަން | ޓީވީ ސިލްސިލާ (15 އެޕިސޯޑް) | އެއަރކޮށްފައި |
| 2006 | ސީއައިބީ2: ވަތަން | - | ސީޒަނަލް މޫވީސް | - | ދިގު ފިލްމް | ވަތްގަނޑަށްލެވިފައި |
| 2006 | ހިނިތުންވެލާށޭ ކަލާ | މުހައްމަދު މަނިކު، މަރިޔަމް އަފީފާ، ޚަދީޖާ އިބްރާހީމް، އިބްރާހީމް ޖިހާދު، ފައުޒިއްޔާ ޙަސަން، އަހްމަދު ސައީދު (ތުއްތު) | - | ޢަބުދުލް ފައްތާޙް | ޓީވީ ސިލްސިލާ (52 އެޕިސޯޑް) | އެއަރކޮށްފައި |
| 2005 | ކުރަމޭ ވަދާޢީ ސަލާމް | މުހައްމަދު މަނިކު، މަރިޔަމް ޒުހުރާ، މަރިޔަމް އަފީފާ، ޚަދީޖާ އިބްރާހީމް | ރެޑް ޕްރޮޑަކްޝަން | ޢަބުދުލް ފައްތާޙް | ޓީވީ ސިލްސިލާ (13 އެޕިސޯޑް) | އެއަރކޮށްފައި |
| 2005 | ހުރީމޭ އިންތިޒާރުގައި | ރަވީ ފާރޫޤް، މަރިޔަމް ޒުހުރާ، ވަލީދާ ވަލީދު | އެޕޯލޯ އެންޓަޓެއިންމަންޓް | ޢަބުދުލް ފައްތާޙް | ދިގު ފިލްމް | ރިލީޒްކޮށްފައި |
| 2004 | ލޯބިވާނަމަ | މުހައްމަދު މަނިކު، ޝީލާ ނަޖީބު، އަހްމަދު އާސިމް | ޓީވީއެމް | މުހަންމަދު ޝަރީފް (ބާރު) | ޓީވީ ސިލްސިލާ (13 އެޕިސޯޑް) | އެއަރކޮށްފައި |
| 2003 | ނޮވެމްބަރު 3 | އަލީ ވަހީދު، މުހަންމަދު ސަލީމް (އުންބެ)، އަހްމަދު ޝަރީފް | ޓީވީއެމް | މަހުދީ އަހުމަދު | އޮފީސް ޑްރާމާ - އެޓޯލްސް | އެއަރކޮށްފައި |
| 2002 | ފަންގި | އަލީ ވަހީދު، މުހަންމަދު ސަލީމް (އުންބެ)، އަހްމަދު ޝަރީފް، ނަޝްފާ ޒަކީ | ޓީވީއެމް | އަލީ ވަހީދު | އޮފީސް ޑްރާމާ - އެޓޯލްސް | އެއަރކޮށްފައި |
| 2001 | ވާރޭ | ޚަދީޖާ މުހަންމަދު، އަލީ ވަހީދު، މުހަންމަދު ސަލީމް (އުންބެ) | ޓީވީއެމް | މަހުދީ އަހުމަދު | އޮފީސް ޑްރާމާ - އެޓޯލްސް | އެއަރކޮށްފައި |
| 2000 | ކަށި ތަންމަތި | އިސްމާޢީލް ވަޖީހް، ވަލީދާ ވަލީދު | ޓީވީއެމް | މުހަންމަދު ޝިޔާޒް | ޓީވީ ޑްރާމާ | އެއަރކޮށްފައި |
| 2000 | އަބަދަށް | ޚަދީޖާ މުހަންމަދު، އަލީ ވަހީދު، މުހަންމަދު ސަލީމް (އުންބެ) | ޓީވީއެމް | މަހުދީ އަހުމަދު | އޮފީސް ޑްރާމާ - އެޓޯލްސް | އެއަރކޮށްފައި |
| 2000 | ހަމަހިމޭން | ހަދިޖާ އިބްރާހީމް، އަލީ ސީޒަން، ނާޝިދާ މުހަންމަދު | ކޮރޯނާ އާރޓްސް | އަހްމަދު ނިމާލް | ދިގު ފިލްމް | ރިލީޒްކޮށްފައި |
| 1999 | ތައުބާ | ޚަދީޖާ މުހަންމަދު، އަލީ ވަހީދު، މުހަންމަދު ސަލީމް (އުންބެ) | ޓީވީއެމް | މަހުދީ އަހުމަދު | އޮފީސް ޑްރާމާ - އެޓޯލްސް | އެއަރކޮށްފައި |
| 1998 | ކެކުޅުން | - | ޓީވީއެމް | މުސްލިމާ | އޮފީސް ޑްރާމާ - ޑީ.ޕީ.އެޗް | އެއަރކޮށްފައި |
| 1998 | އަމާނާތް | ޖަމްޝީދާ އަޙުމަދު، އަލީ ޚާލިދު، ފާތިމަތު ރަމީޒާ، ސައްތާރު | އިޓާނަލް ޕިކްޗަރސް | މަހުދީ އަހުމަދު | ދިގު ފިލްމް | ރިލީޒްކޮށްފައި |
- ނޯޓް: އަހަރު ތަރުތީބުކޮށްފައިވަނީ ސްކްރިޕްޓް ލިޔުނު އަހަރުގެ ތަރުތީބުންނެވެ. ފިލްމު އުފެއްދި ނުވަތަ ނިކުތް ތަރުތީބަކުންނޫނެވެ.