ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރު (ސ. ނަންބަރ:226) އަކީ 1970 ވަނައަހަރު އޯގަސްޓް މަހުގެ 13 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް) ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ވޭތުވެ މިދިޔަ 38 އަހަރާއި 11 މަހާ 13 ދުވަހުގެ ދިގު މުއްދަތުގައި، އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ޚިދުމަތް ކުރުންމަތީ  ދެމިހުންނެވި ބޭފުޅެކެވެ.

            މި ދިގު މުއްދަތުގެ ތެރޭގައި އެމް.އެން.ޑީ.އެފް ގެ ލާންސްކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސަރޖަންޓްކަމާއި، ސްޓާފް ސަރޖަންޓްގެ މަޤާާމް ފުރުއްވާފައި ވެއެވެ. ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރު ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން، ޝަރަފުގެނިޝާންގެ ގޮތުގައި 6 ކުލައާ 5 މެޑަލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލްތަކުގެ ތެރޭގައި، އަޚްލާޤީ މެޑަލް، ސިފައިންގެ ޚިދުމަތުގެ މެޑަލް، އިޚްލާސްތެރި ޚިދުމަތުގެ މެޑަލް، ސައްތައިގެ މެޑަލް، 3 ނޮވެމްބަރުގެ މެޑަލް ހާސިލްކުރައްވާފައިވާކަން ފާހަގަ ކުރަމެވެ. ޙާސިލްކުރެއްވި ކުލަތަކުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާގެ ކުލައާއި ދިގުމުއްދަތަށް ޚިދުމަތް ކުރުމުގެ ކުލަ ހިމެނެއެވެ. މީގެއިތުރުން ތަފާއެކިއެކި ކަންކަމާ ގުޅިގެން ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ ލިޔުއްތައް ޙާސިލްކުރައްވާފައިވާކަން ފާހަގަ ކުރަމެވެ.

            ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރުގެ ޚާއްޞަ ޚިދުމަތް ތަކުގެ ތެރޭގައި ޑިއުޓީސެކްޝަންގެ އިތުރުން ކުރީގެ ޓްރާންޕޯޓް ސެކްޝަން އުފެދުނު އިރު ތިއްބެވި ތިންބޭފުޅުންގެ ތެރޭގައި އެކަކު ކަމުގައި ޙަސަން އަބޫބަކުރު ހިމެނެއެވެ. އެދުވަސްވަރު އެކަށީގެންވާ އާލާތްނެތި ބޮޑެތި ފޮރޮޅުތައް ބެއްދުމުގައި ހިއްވަރާއެކު ވަރުބަލިކަމެއްނެތި ކުރެއްވި ޚިދުމަތް ފާހަގަ ކުރަމެވެ. ރިޓަޔަ ކުރެވުނު އިރު ހުންނެވީ ޓްރާންސްޕޯރޓް ސަރވިސް ގެ ޚިދުމަތުގައެވެ.

            ސްޓާފް ސަރޖަންޓް ހަސަން އަބޫބަކުރު ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތް ތަކުގެ ތެރޭގައި، މާލެއަށް ބޮޑުރާޅުއަރުމުގެ ޙާދިސާއާއި، އަކިރި ހަދިޔާކުރުމާއި، ވެލި ހަދިޔާ ކުރުމުގެ މަސައްކަތުގެ އިތުރުން،  3 ނޮވެމްބަރުގެ ޢުދުވާނީ ހަމަލާގެ ވަގުތުގައި ސިފައިންގެއިން ބޭރުގައި ހުންނެވުމާއެކު ދުޝްމިނުންނާ ކުރިމަތި ލުމުގެ ގޮތުން ގިރިފުއްޓަށް ހަތިޔާރުބަލާ ގޮސް އެތަނުން ލިބުނު ހަތިޔާރު ހިފައިގެން މާލެއަންނަން ކުރި ހިތްވަރުގަދަ މަސައްކަތް ފާހަގަ ކުރެވެއެވެ.

            ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރަކީ، ސިފައިންގެ ތެރޭގައި މިދެންނެވި ޚިދުމަތްތަކުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުންމަތީ ދެމިހުންނެވި ލާމަސީލު ބޭފުޅެކެވެ. ޙަސަން އަބޫބަކުރުުގެ މަތިވެރި ޚިދުމަތްތަކަކީ،  މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭ ޒުވާން ދަރިންނަށް ދައްކުއިދެއްވި ރީތި މިސާލެއްކަމުގައި ދަންނަވަމެވެ.

            އިސްވެ ދެންނެވުނު އެންމެހައި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން  01 އޯގަސްޓް 2009 ގައި ޝަރަފުވެރި ކަމާއެކު ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރު ރިޓަޔަރ ކުރެއްވުމުން ހަސަން އަބޫބަކުރުގެ ވަރުގަދަ ޢަޒުމާ ހިތްވަރަށް، އައްސަރިބަހާއި ސާބަސް ދަންވައި، މަތިވެރި ޚިދުމަތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރާއި މުބާރިކުބާދީ އަދާކުރަމެވެ.