ވޮށި މަސް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ވޮށި މަސް

ވޮށިމަސް(އިނގިރޭސި ބަހުން: gymnosarda unicolor)ނުވަތަ (އިނގިރޭސި ބަހުން: Dogtooth tuna)އަކީ ކަނޑުގައި އުޅޭ މަސްތަކުގެ ތެރެއިން މަހެކެވެ. މިމަހުގައި ބޮޑެތި ދަތްތަކެއް ހުންނަ ކަން ފާހަގަ ކުރެވެއެވެ. ވޮށި މަސް އަކީ ރާއްޖޭގެ ފަޅުފަޅުތަކުގެ ބޭރުގައްޔާއި، އެތެރެވަރީގެ ކަނޑުތަކުގައި ގިނައިން އުޅޭ ކަނޑުމަހުގެ އާއިލާގެ މަހެކެވެ. މިއީ ހަށިގަނޑު ވަރަށް ފަލަކޮށް އަނގަބޮޑުކޮށް ހުންނަ މަހެކެވެ. މަހުގެ އަނގައިގައި ކޮޅަށް އޫކޮށް ހުންނަ ގަދަފަދަ ދަތްތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީގެ ދެކޮތަރިބައި ހުންނަނީ ވަރަށް ކައިރިކައިރީގައި ޖެހިޖެހިގެން ކަހަލަ ގޮތަކަށެވެ. އަދި ފުރަތަމަ ކޮތަރިބައިގައި 13 އާއި 15 އާއި ދެމެދުގެ އަދަދަކަށް ހަރުކަށި ހުރެއެވެ. މަހުގެ ދިގަށް ފާހަގަ ކުރެވޭ ފަދަ ގޮތަކަށް ހުޅުނބުގެ ފަށެއް ހުރެއެވެ. މަހުގެ ނިގޫކޮޅުގެ ފަހަތުގައި ކޮންމެ ފަރާތެއްގައި 3 ކުރަގަނޑު ހުރެއެވެ. ވޮށިމަހުގެ މަތީބައިގެ ކުލައަކީ ކަޅު ނޫކުލައެވެ. ބަނޑު ދަށްފަރާތުގެ ކުލައަކީ ރިހި ކުލައެވެ. މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގެ މަތީ ކައިރި ހުންނަނީ ކަޅު ކުލައެއްގައެވެ.

ވޮށިމަހަކީ ދިވެހި މަސްވެރިން ދަންނަ އަދި އެހާމެ ގިނައިން ފަރުފަޅުތަކުގެ ބޭރުން ނަނު ފައްތައިގެން ދުވާލުކުރާ މަސްވެރިކަމުގައި ބޭނޭ، ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެކެވެ. މިބާވަތުގެ މަސް ގިނައިން ފެނިފައި ހުންނަނީ އެކަހެރިކޮށެވެ. ނަމަވެސް ކުދި އައިން ހަދައިގެން ފަރުފަޅުތަކުގެ ބޭރުގައި ވޮށިމަސް އުޅޭކަމަށް ރިކޯޑް ކުރެވިފައި ވެއެވެ. މިއީ 1.5 މީޓަރަށް ބޮޑުވާ މަހެކެވެ. މަހުގެ ކާނާއަކީ އައިން ހަދައިގެން އުޅޭ މަހާއި، ބޯވަ އަދި ބޯވަ ދިލަ މަހެވެ.