ވިލު ކާޅު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ވިލު ކާޅު

ވިލު ކާޅު(ސައިންޓިފިކް ނަން: Acanthurus xanthopterus)ނުވަތަ (އިނގިރޭސި ބަހުން: Yellowfin surgeonfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި ފުން ވިލުތަކުގައި އުޅޭ ކަނޑުކާޅު ގެ ބާވަތެކެވެ. މިއީ އިސްކޮޅުން ބޮޑު މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 65 ސެންޓި މީޓަރަށެވެ. މިބާވަތުގެ މަސް ފަރުމަތީގައި އައިން ހަދައިގެން އުޅެއެވެ. މިއީކެއުމަށް ރަގަޅު މީރު މަހެކެވެ. ދިވެހި މަސްވެރިން މަދުމަދުން ދުވާލުގެ ކެޔޮޅުކަމުގައި މިބާވަތުގެ މަސް ބާނައެެވެ. މަހުގެ އާންމު ކާނާއަކީ ގަލުފެއްސާއި މޫދު ފެއްސެވެ. މަހުގެ އަނގަ ކުޑައެވެ. އަދި ނިގޫފަތް ކަފިވެފައި ދެކޮޅު ހުންނަނީ ކުޑަކޮށް ދިގުކޮށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރީގައި 9 ހަރުކައްޓާއެކު 25 އާއި 27 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރީގައި 3 ހަރުކައްޓާއެކު 23 އާއި 25 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިއީ ރީތި ކުރެހުން ތަކެއް އަޅާފައި ހުންނަ މަހެކެވެ. މަހުގެ ކުލައަކީ ޒައިތޫނި ކުލައެވެ. މިކުލައިގެ މަތީގައި މުށި ކުލައެއްގެ ރޮނގުތަކަކާއި ތިކިތަކެއް މުޅި މަހުގައި ހުރެއެވެ. ލޮލުގެ ކައިރީގައި ރީނދޫ ކުލައިގެ ލަފެއް ހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މިއީ އާންމު ގޮތެއްގައި ވިލުގައި އުޅޭ ކަނޑުކާޅެއް ކަމުން މިމަހަށް ވިލު ކާޅު ކިޔާ ނަންދީފައިވަނީ އެވެ. ވިލުކާޅު އާންމުކޮށް އުޅެނީ 10 މީޓަރަށްވުރެ ފުން ހިސާބުތަކުގައެވެ. މިބާވަތުގެ ކަނޑުކާޅު އުޅުމަށް ޚިޔާރުކުރަނީ ފުންވިލެވެ.