އުތުރު ކޮރެއާ
ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ ނުވަތަ އުތުރު ކޮރެއާއަކީ އިރުމަތީ އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. އުތުރު ކޮރެއާ އޮތީ ކޮރެއާ ޕެނިންސޫލާގެ އުތުރު ބައިގައެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]
އުތުރު ކޮރެއާގެ ރަސްމީ ބަހަކީ ކޮރެއަން ބަހެވެ. އިނގިރޭސި ބަހުން އުތުރު ކޮރެއާ މީހުންނަށް ކިޔަނީ ނޯތު ކޮރެއަންސް ނުވަތަ ކޮރެއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޕިޔޮންޔަންގެވެ. އުތުރު ކޮރެއާގެ ވެރިރަށަކީ ވެސް ޕިޔޮންޔަންގެވެ. އުތުރު ކޮރެއާ އަކީ ޖޫކް ސޯޝަލިސްޓް ޖުމްހޫރިއްޔާއެކެވެ. އަދި ސިންގަލް ޕާޓީ ކޮމިއުނިސްޓް ސްޓޭޓެކެވެ. ޤައުމުގެ އާބާދީއަކީ 24 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 47 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.1 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ kp. އެވެ. ކޯލިން ކޯޑަކީ +850 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނޯތު ކޮރެއަން ވޮން އެވެ.
ނަން[އުނިއިތުރު ގެންނަވާ]
އުތުރު ކޮރެއާއަށް އުތުރު ކޮރެެއާއޭ ކިޔަނީ މިއީ ކޮރެއާ ޕެނިންސޫލާގައި އުފެދިފައިވާ ދެ ޤައުމުގެ ތެރެއިން އުތުރަށް އޮތް ޤައުމު ކަމުގައިވާތީއެވެ.
ޖުޣުރާފީ[އުނިއިތުރު ގެންނަވާ]
އުތުރު ކޮރެއާގެ އުތުރުގައި އޮތީ ޗައިނާ އާއި ރަޝިޔާއެވެ. ދެކުނުގައި އޮތީ ދެކުނު ކޮރެއާއެވެ. ހުޅަނގުގައި އޮތީ ރީނދޫ ކަނޑެވެ. އިރުމަތީ ޖަޕާނާއި ޖަޕާނު ކަނޑެވެ.
ތާރީޚު[އުނިއިތުރު ގެންނަވާ]
މިއަދު ދެ ޤައުމެއްގެ ގޮތުގައި އޮތް އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާއަކީ ކުރީން އެއް ޤައުމެއްގެ ގޮތުގައި އޮތް ތަނެކެވެ. އެހެންކަމުން އުތުރު ކޮރެއާއަކީ ވެސް ދެކުނު ކޮރެއާއަކީ ވެސް ކުރީގެ ގޮތުން ކިޔާ ނަމަ ކޮރެއާއެވެ. ކޮރެއާގެ ތާރީޚު ފެށިފައިވަނީ 2333 މކ. ގައި ޑަންގުން ބިިނާކުރެއްވި ޖޯސިއޯންއިން ފެށިގެންނެވެ. ކޮރެއާގެ ރަސްކަމާއި ޗައިނާގެ ހާން ޑައިނާސްޓީއާ ދެމެދު ވަރަށް ގިނަ ހަނގުރާމަތަކެއް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. 13 ވަނަ ޤަރުނުގައި މޮންގޯލުން ވަނީ ކޮރެއާއަށް ޙަމަލާދީފައެވެ. އޭގެ ފަހުން ކޮރެއާގެ ވެރީން ވެރިކަންކުރައްވަމުން ގެންދެވީ މޮންގޯލުންގެ ބައިވެރީންގެ ގޮތުގައެވެ. މޮންގޯލިޔަނުންގެ ބޮޑުވެރިކަން ވެއްޓިގެން ދިއުމަށްފަހު ވެސް ކޮރެއާގެ ކުރީން މިދެންނެވި ވެރީންގެ ވެރިކަން ދެމިއޮތެވެ. އެހެން ނަމަވެސް 1388 ޖޯސިއޯން ޑައިނާސްޓީ ވެރިކަމަށް އައިސް ކުރީގެ ވެރިންގެ ވެރިކަން ނިމުމަކަށް ގެނައެވެ. ރަސްގެފާނު ތިއޯޖީ، ކޮރެއާގެ ނަމަކީ ޖޯސިއޯން ކަމުގައި ހަމަޖެއްސަވާފައިވަނީ ޖޯސިއޯން ޑައިނާސްޓީގެ ވެރިކަމުގައެވެ. 1592 ވަނަ އަހަރާއި 1598 ވަނަ އަހަރާ ދެމެދު ޖަޕާނުން ކޮރެއާއަށް ޙަމަލާ ދިނެވެ. ޖަޕާނުގެ ލަޝްކަރުތައް ބޭނުންވީ ކޮރެއާ ތެރެއިން ލާފައި އޭޝިޔާއަށް ޙަމަލާދޭށެވެ. އެހެން ނަމަވެސް ޗައިނާގެ މިންގް ޑައިނާސްޓީގެ އެހީތެރިކަމާއެކު ޖަޕާނު މީހުންގެ އެދުން ކާމިޔާބުވާ ގޮތެއްނުވިއެވެ. 1943 ވަނަ އަހަރު ޤާހިރާގައި އެއްބަސްވެވުނު ޤަރާރުގައި އެއް ކޮރެއާގެ ގޮތުގައި މި ސަރަޙައްދު އޮތުމަށް ނިންމުނު ކަމުގައި ވިޔަސް ބިދެސީ ނުފޫޒުތަކާހުރެ ކޮރެއާ ބައިބައިވެ ދެ ޤައުމުގެ ގޮތުގައި އުފަންވެގެން ދިޔައެވެ. އުތުރު ކޮރެއާގެ ބެލެނިވެރިކަން އޮތީ ރަޝިޔާއަށެވެ. ދެކުނު ކޮރެއާގެ ބެލެނިވެރިކަން އޮތީ އެމެރިކާއަށެވެ. އުތުރު ކޮރެއާގެ ގޮތުގައި އެ ޤައުމުގެ ތާރީޚު ފެށިފައިވަނީ 1948 ވަނަ އަހަރުގައެވެ. 25 ޖޫން 1950 ގައި އުތުރު ކޮރެއާއިން އަލުން އެއީ އެއް ޤައުމެއް ކަމުގައި ހެދުމަށްޓަކައި ބާރުގެ ބޭނުންކުރަން ނިންމައި ޢަސްކަރީ ޙަރަކާތްތަކެއް ފެށިއެވެ. މީގެ ސަބަބުން ދެން ފެށިގެން އައީ މަޝްހޫރު ކޮރެއާ ހަނގުރާމައެވެ. މިހާރު ދެކޮރެއާގެ ދެމެދުގައި ވަނީ ޞުލްޙަވެރިކަމާއެކު އެއްބައި ވުމަށް ޤަރާރެއް އެކުލަވާލާފައެވެ. އެހެންކަމުން ކުރިމަގުގައި އަނެއްކާ ވެސް މިއީ އެއް ޤައުމެއްގެ ގޮތުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ.
ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]
އުތުރު ކޮރެއާއަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އެ^ްނިކް ގޮތުންނާއި ބަހަވީ ގޮތުން އެންމެ ހޯމޯޖީނަސް އެއް ޤައުމެވެ. ވަރަށް މަދުން ނޫނީ އެހެން ނަސްލެއްގެ މީހުން ނޫޅޭ އުތުރުކޮރެއާގެ މުޅި އާބާދީގައިހެން ގާތް ގަނޑަކަށް ހިމެނެނީ ކޮރެއާ ނަސްލުގެ މީހުންނެވެ.
ސަގާފަތު[އުނިއިތުރު ގެންނަވާ]
ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއަކީ އެއް ސަގާފަތެއް ހިއްސާކުރާ ދެޤައުމެވެ. އެހެން ނަމަވެސް 1945 ގައި ދެ ޤައުމުވަކިވުމަށް ފަހުގައި ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ސަގާފަތަށް އައިސްފައިވާކަން ފާހަގަކުރެވެއެވެ.
އިޤްތިޞާދު[އުނިއިތުރު ގެންނަވާ]
އުތުރު ކޮރެއާއަކީ މުޅި ދުނިޔޭގައި ވެސް މިހާރު އޮތް ހަމަ އެކަނި ސޯޝަލިސްޓް ފަސް ޤައުމުގެ ތެރޭގަައި ހިމެނޭ ޤައުމެކެވެ. އަދި ކިއުބާ އާއި އުތުރު ކޮރެއާއަކީ ހަމަ އެކަނި ޤައުމުގެ މުޅި އިޤްތިޞާދު ސަރުކާރުން ބަލަހައްޓާ ދެ ޤައުމެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1800 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found