އަޝްރަފް ޢަބްދުއްރަޙީމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޑރ. އަޝްރަފް ޢަބްދުއްރަޙީމް

ޑރ. އަޝްރަފް ޢަބްދުއްރަޙީމް އުފަންވެވަޑައިގަތީ 6 އޯގަސްޓް 1965 ގައެވެ. އެ މަނިކުފާނަކީ ނ. ކުޑަފަރީ ބޭފުޅެކެވެ.

ޑރ. އަޝްރަފް ޢަބްދުއްރަޙީމަކީ ދިވެހިބަހުގެ އެކަޑަމީގެ މިހާރުގެ ރައީސެވެ. އެ މަޤާމަށް ޑރ. އަޝްރަފް އައްޔަންކުރީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ.

ޑރ. އަޝްރަފް ޢަބްދުއްރަޙީމް ފުރަތަމަ ޑިގުރީ ހާސިލުކުރެއްވީ ދިވެހިބަހުގެ ދާއިރާއިންނެވެ. މާސްޓާރސް ޑިގުރީ ހާސިލުކުރެއްވީ މެނޭޖްމެންޓްގެ ދާއިރާއިން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އެއަށްފަހު ޕީއެޗްޑީ ހާސިލުކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މެލޭޝިޔާގައި ހުންނަ އޭޝިޔާ އީ ޔުނިވަރސިޓީންނެވެ.

ޑރ. އަޝްރަފް ޢަބްދުއްރަޙީމަކީ ދިވެހިބަސް ކިޔަވައިދެއްވުމުގެ ރޮނގުންނާއި، ދިވެހިބަހުގެ ލިޔުންތެރިކަމުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަދި ރާއްޖޭގެ ސްކޫލުތަކުގައި ދިވެހިބަސް ކިޔަވައިދޭ ފޮތްތައް އެކުލަވައިލެއްވުމުގައި ވަރަށް މުހިންމު ދައުރެއް ޑރ. އަޝްރަފް އަދާކުރެއްވިއެވެ. މިގޮތުން، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގައި މަސައްކަތް ކުރެއްވިއިރު، ގްރޭޑް 8ގެ ދިވެހި ފޮތަށް ބޮޑު ބަދަލުތަކެއް ގެންނަވައި، ފޮތް އެކުލަވައި ލިޔުއްވިއެވެ. 2018 ވަނަ އަހަރު، ގްރޭޑް 11 އާއި ގްރޭޑް 12ގެ ދިވެހި ފޮތާއި، ދިވެހި އަދަބިއްޔާތުގެ ފޮތް އެކުލަވައި ލިޔުމަށް އެމް 7 އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން އެކުލަވައިލި ޓީމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައިވެސް ހުންނެވީ ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ. 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 11 އާއި 12 ގައި ކިޔަވައިދިނުމުގައި މި ފޮތް ބޭނުންކުރަމުން ގެންދެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގަވާ ދިވެހިބަހުގެ ޑިގްރީ ކޯހުގެ އަދަބިއްޔާތުގެ މޮޑިއުލް 2007، 2008، 2014 ގެ ބެޗުގައި ޑރ. އަޝްރަފް ޢަބްދުއްރަޙީމް ކިޔަވައިދެއްވައިފައިވެއެވެ. އަދި ވިލާ ކޮލެޖުން ހިންގަވާ ދިވެހި ލޭންގުއޭޖް ޓީޗިންގ މާސްޓަރސް ކޯހުގެ އަދަބީ މޮޑިއުލް ފަރުމާކުރައްވައި، ލިޔުއްވައި ކިޔަވައިދެއްވައިފައި ވެއެވެ.

ޑރ. އަޝްރަފް ޢަބްދުއްރަޙީމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަމާއި، ބަންޑާރަ ނާއިބުގެ އޮފީހުގެ ޑެޕިޔުޓީ ޑިރެކްޓަރުކަމާއި، ޕޮލިޓިކަލް ސެކްރެޓަރީގެ މަޤާމު ހިމެނެއެވެ.

ޑރ. އަޝްރަފް ޢަބްދުއްރަޙީމަށް 2020 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހާއި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ލިބިވަޑައިގެންފައެވެ.