އަލްޓްރާ ސައުންޑް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

އަލްޓްރާ ސައުންޑް އަކީ ކޮބާ؟[އުނިއިތުރު ގެންނަވާ]

އަލްޓްރާ ސައުންޑް އަކީ އަޑުގެ ރާޅުބާނި(Sound waves)ތަކެއްގެ ސިފައިގައި ބޭނުންކުރެވޭ ބާރު ނުވަތަ ހަރަކާތެކެވެ. މިބުނި އަޑުގެ ރާޅުބާނިތައް ދައުރުވަނީ އިންސާނުންގެ ކަންފަތަށް އިވޭވަރަށް ވުރެ މާބާރު ފްރެކްއެންސީއެއްގައެވެ. މިއަޑުގެ ރާޅުބާނިތައް އެތެރޭގެ ގުނަވަންތަކުގައި ޖެހިފައި އައުމުން ސްކޭނަރއިން ރީޑްކޮށްދެއެވެ. މިއާއެކު އެތެރެހަށީގެ ގުނަވަންތަކުގެ ސޫރައެއް ސްކޭނަރގައި އުފައްދައިދެއެވެ. މާބަނޑު ދުވަސްވަރު އެކްސް-ރޭ(X-ray)ގެ ބަދަލުގައި އަލްޓްރާ ސައުންޑް ބޭނުންކޮށް އުޅެއެވެ. އެއީ އަލްޓްރާ ސައުންޑް އެކްސްރޭ އަށްވުރެ މައިމީހާއާއި، ކުޑަދަރިފުޅަށް ރައްކާތެރި އެއްޗަކަށް ވާތީއެވެ.

އަލްޓްރާ ސައުންޑް މަސައްކަތްކުރަނީ ކިހިނެއް؟[އުނިއިތުރު ގެންނަވާ]

ރިއަލްޓައިމް އަލްޓްރާ ސައުންޑް(Real time ultrasound) އަކީ އެންމެ އާންމުކޮށް ބޭނުންކުރެވޭ އަލްޓްރާ ސައުންޑްގެ ވައްތަރެވެ. މިވައްތަރުގެ އަލްޓްރާ ސައުންޑް ބޭނުންކުރުމުން ކުޑަދަރިފުޅުގެ ހިތުގެ ތެޅުމާއި، އަތްފައިގެ ހަރަކާތްތަކާއި، އަދި ހަށިގަނޑުގެ އެހެނިހެން ހަރަކާތްތައް ދައްކައިދެއެވެ. އަލްޓްރާ ސައުންޑް އިން އުފައްދައިދޭ މިސޫރަތަކުން ކުއްޖާ ބޮޑުވަމުން އަންނަގޮތާއި، ރަހިމުގައި އޮތްކުދިންގެ އަދަދާއި، ޕްލެސެންޓާގެ ތެރޭގައި ކުއްޖާ އޮތް ހިސާބު ދައްކައިދެއެވެ. ޑޮޕްލާރ އަލްޓްރާ ސައުންޑް(Doppler ultrasound)އަކީ ވެސް ބޭނުންކޮށްއުޅޭ ވައްތަރެކެވެ. މިވައްތަރުގެ އަލްޓްރާ ސައުންޑް ބޭނުންކުރުމުން އަޑުއިވޭ ސިގްނަލްތަކެއް ގެނެސްދެއެވެ. އަޑުގެ ރާޅުބާނިތައް ރެފްލެކްޓްވުމުން މި ސިގްނަލްތައް ކުޑަދަރިފުޅުގެ ހިތުގެ ވިންދުގައި ހުންނަ ކަރަންޓް ސިގްނަލްތަކަކަށް ބަދަލުކޮށްލައެެވެ. މި ސިގްނަލްތައްް އެމްޕްލިފައިޑް ކުރުމުން މައިމީހާއަށް ކުޑަދަރިފުޅުގެ ހިތުގެ ވިންދުޖަހާ އަޑު އެހިދާނެއެވެ.

މާބަނޑު ދުވަސްވަރު އަލްޓްރާ ސައުންޑް ބޭނުންކުރެވޭ ގޮތް[އުނިއިތުރު ގެންނަވާ]

ބަލިވެއިންނަ ކޮންމެ އަންހެނަކަށް އަލްޓްރާ ސައުންޑް އަކ ީއެހާ މުހިއްމު އެއްޗެއް ނޫނެވެ. އަލްޓްރާ ސައުންޑް ގެ ބޭނުން ކުރަން ޖެހޭ ނަމަ އެކަން ޑޮކްޓަރުން ބުނެދެއްވާނެއެވެ. އެހެން ބައެއް ޓެސްޓްތަކުން ހޯދައިނުދޭ މައުލޫމާތު ތަކާއި ކަންތައްތައް އަލްޓްރާ ސައުންޑްގެ އެހީގައި ދެނެގަނެވެއެވެ. ގިނަ ހާލަތްތަކުގައި އަލްޓްރާ ސައުންޑް ބޭނުން ކުރެވެނީ ކަމެއް ދެނެގަތުމަށާއި، ކަމަކަށްދެވޭ ފަރުވާއެއްގެ ގޮތުންނެވެ. ބަލިވެއިނުމުގެ ތަފާތު މަރުހަލާތަކުގައި ހަށިގަނޑު ރަގަޅަށް ބަލައި ޗެކްކުރުމަށްޓަކައި މާބަނޑު ދުވަސްވަރު ތަކުރާރުކޮށް އަލްޓްރާ ސައުންޑް ބޭނުންކުރެވެއެވެ. ރަހިމުގެ ތެރޭގައި ކުޑަދަރިފުޅު ބޮޑުވަމުން އަންނަ ގޮތް އަލްޓްރާ ސަައުންޑްގެ އެހީގައި ބެލެވެއެވެ. މިކަމުގެ ސަބަބުން ކުޑަދަރިފުޅުގެ ހަށިގަނޑުގައި އުނިކަމެއް ހުރިނަމަ އެކަން ދައްކައިދެއެވެ. އަލްޓްރާ ސައުންޑްގެ އެހީގައި ކުޑަދަރިފުޅާއި ބެހޭގޮތުން އަންނަނިވި ކަންތައްތައް ދެނެގަނެދިވިދާނެއެވެ. (ހ) ކުއްޖާގެ އުމުރު (ށ) ކުއްޖާގެ އުމުރާ އަޅާބަލާއިރު ބަރުދަން ހުރިގޮތް (ނ) ބޮޑުވަމުން އަންނަ ނިސްބަތް (ރ) މަސް އޮތްތަން (ބ) ކުއްޖާގެ ހިތުގެތެޅުން، ނޭވާލުން، ހަރަކާތްތައް (ޅ) ރަހިމުގައި އެމްނިއޯން ދިޔަ ހުރި މިންވަރު (ކ) ކުދިންގެ އަދަދު (އ) ކުއްޖާގެ ހަށިގަނޑުގައި އުފެދޭ އުނިސިފަތައް

ހިތާއި، އަތްފަޔާއި،މޭމަތި،ބަދަތަކާއި، ބޮލުގައި އުފެދޭ އުނި ސިފަތައް ދެނެގަތުމަށްޓަކައި ބޭނުންކުރެވެނީ މާ ފުރިހަމަ އަލްޓްރާ ސައުންޑް ޓެސްޓްތަކެވެ. ޑޮޕްލަރ އަލްޓްރާ ސައުންޑް ބޭނުންކުރެވެނީ ވިހެއުމުގެ ކުރިންނާއި، ވިހެއުމުގެ ތެރޭގައި ކުއްޖާގެ ހިތުގެތެޅުން ހުރިނެތްގޮތް ދެނެގަތުމަށެވެ. ކުއްޖާގެ ހިތުގެ ތެޅުން ނުވަތަ ވިންދުން އެކުއްޖާގެ ދުޅަހެޔޮކަން އަންގައިދެއެވެ. ރަހިމުގެ ލޭހޮޅިތަކާއި، ކުޑަދަރިފުޅުގެ ހަށިގަނޑާއި، އަމްބްލައިކަލް ކޯޑްގައި ލޭހިގުން ހުރިމިންވަރު ދެނެގަތުމަށް ވެސް މިވައްތަރުގެ އަލްޓްރާ ސައުންޑް ބޭނުންކުރެވެއެވެ. ވެޖައިނަލް އަލްޓްރާ ސައުންޑް މާބަނޑު ދުވަސްވަރު އުފެދޭ ރިހުމާއި، ބޭރުވާ ލޭގެ އަސްލު ދެނެގަތުމަށް ބޭނުން ކުރެވެއެވެ. ހަމަމިހެން ރަހިމުން ބޭރުގައި ކުއްޖާ އަށަގަތުން(Ectopic pregnancy) ފަދަ ކަންތައްތައް ދެނެގަތުމަށް ވެސް މިވައްތަރުގެ އަލްޓްރާ ސައުންޑް ބޭނުންކުރެވެއެވެ. ބަލިވެއިންނަތާ ކުރީކޮޅު ކުއްޖާގެ ހަށިގަނޑުގައި އުފެދޭ އުނިސިފަތައް ދެނެގަތުމަށް ވެސް މިއީ މުހިއްމު ޓެސްޓެކެވެ.

އަލްޓްރާސައުންޑް ޓެސްޓް[އުނިއިތުރު ގެންނަވާ]

އަލްޓްރާ ސައުންޑް ސްކޭން ޓެސްޓް ހެދުމަށްޓަކައި ގަޔަށް ފަސޭހަ ހެދުމެއްލާށެވެ. ޓްރާންސް ވެޖައިނަލް އަލްޓްރާ ސައުންޑް ސްކޭން ހަދާނަމަ އުނަގަނޑުން ތިރި ހެދުން ބޭލުމަށްފަހު ހަމައެކަނި ފޮތިގަނޑަކުން ފޮރުވާލުމަކީ ރަގަޅު ކަމެކެވެ. ބައެއް ޓެސްޓްތަކުގައި ފުރިފައިވާ މަސާނާ ޓެސްޓްކުރަން ބޭނުންވެއެވެ. މިފަދަ ހާލަތުގައި ޓެސްޓްހެދުމުގެ އެއްގަޑި އިރު ކުރިން ދެތިން ތަށި ފެންބުއިމަށް އިރުޝާދު ދެވެއެވެ. އަދި ޓެސްޓްހެދުމުގެ ކުރިން ކުޑަކަމުނުދިއުމަށް ވެސް ލަފާދެއެވެ. މަސާނާ ފުރިފައި ހުރިނަމަ ޕެލްވިސްގައިވާ ގުނަވަންތައް ސްކޭނަރުން ދައްކައިދިނުމުގައި އެހީއަކަށް ވެއެވެ. މިގޮތަށް ޓެސްޓް ހެދުމުގެ ތެރޭގައި ދިމާވާ ހަމައެކަނި އުދަގުލަކީ މަސާނާ ފުރިފައި ހުރިކަމުގެ އިހްސާސްވުމެވެ. އަލްޓްރާ ސައުންޑް ބޭނުންކޮށްގެން ހެދޭ ގިނަ ޓެސްޓްތަކުގައި ބަލިމީހާ އުއްޑުން މޭޒެއްގެ މަތީގައި ބާއްވައެވެ. އެއަށްފަހު މޭމަތިން ފެށިގެން ފިދުމަސްގަނޑާއި ހަމައަށް ހާމަކުރެވެއެވެ. އެއަށްފަހު ދިޔާ ޖެލްއެއް ބަނޑުމަތީގައި އުގުޅެއެވެ. މީގެ ބޭނުމަކީ ޓްރާންސްޑިއުސަރ(Transducer)އާއި، ހަމުގެ ގުޅުން ރަގަޅުކުރުމެވެ. އެއަށްފަހު ޓްރާންސްޑިއުސަރ ބަނޑުމަތީގައި ހަރަކާތްކުރެވެއެވެ. ޓްރާންސްޑިއުސަރ އިން ފޮނުވާ އަޑުގެ ރާޅުބާނިތައް ހަށިގަނޑަށް ވަނުމަށް ފަހު އެތެރެހަށީގެ ގުނަވަނެއްގައި ޖެހުމުން ރިފްލެކްޓްވެއެވެ. މިގޮތަށް ރިފްލެކްޓްވުމުން ކުއްޖާގެ ނުވަތަ އެގުނަވަނެއްގެ ސޫރަ ސްކޭނަރަށް ނަގައިދެއެވެ.

އަލްޓްރާ ސައުންޑްގެ ރައްކާތެރިކަމާއި ފައިދާ[އުނިއިތުރު ގެންނަވާ]

އަލްޓްރާސައުންޑް އިން ހަށިގަނޑަށް ކުރާ އަސަރު މިހާރު ވެސް ދަނީ ދިރާސާ ކުރެވެމުންނެވެ. ބޭނުންކުރާތާ 20ވެފައި ވާއިރު މައިމީހާއާއި ކުޑަދަރިފުޅަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބޭކަމަކަށް މިހާތަނަށް ފާހަގަވެފައެއް ނުވެއެވެ. އަލްޓްރާ ސައުންޑް ބޭނުންކޮށްގެން ހެދޭ ޓެސްޓްތަކުގައި ހަށިގަނޑަށް ނުރައްކާތެރި ރޭޑިއޭޝަންތަކާއި، ބޭސްތަކާއި، ކެމިކަލްތަކެއް ބޭނުމެއް ނުކުރެވެއެވެ. ބަައެއް ބަލިތައް ދެނެގަތުމަށްޓަކައި ވެސް އަލްޓްރާ ސައުންޑް ބޭނުންކުރެވެއެވެ. މާބަނޑު ދުވަސްވަރު އެކިބާވަތުގެ މައްސަލަތައް ކުރިމަތިވާ އަންހެނުންނަށް އެމައްސަލަތައް ދެނެގަތުމަށްޓަކައި އަލްޓްރާ ސައުންޑްގެ ބޭނުންކުރަން ޖެހެއެވެ. މައިމީހާއާއި ދަރިފުޅުގެ ސަލާމަތަށްޓަކައި މާބަނޑު ދުވަސްވަރު އަަބަދުވެސް އަލްޓްރާ ސައުންޑް އެހީގައި ހަށިގަނޑު ޗެކްކޮށް ހެދުމަކީ ރަގަޅު ކަމެކެވެ.