އަލްއިމާމު މާލިކު

ވިކިޕީޑިއާ އިންވިކިޕީޑިއާ
الْإِمَامُ مَالِك ގެ ނަންފުޅު (ޢަރަބިބަހުން)
الْإِمَامُ مَالِك ލިޔުއްވި المُوَطَّأ ގެ ޗާޕެއް

الْإِمَامُ مَالِك އަކީ އިސްލާމީ އުއްމަތުގެ ވަރަށް ބޮޑު ޢިލްމުވެރި ބޭކަލެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 93 ވަނަ އަހަރު އަލްމަދީނަތުލް މުނައްވަރާ (މަދީނާ) ގައެވެ. އެކަލޭގެފާނުގެ ނަންފުޅަކީ مَالِكُ بْنُ أَنَسِ (މާލިކު ބިން އަނަސް) އެވެ. އެކަލޭގެފާނުގެ ކުންޔާ އަކީ (أَبُو عَبْدِ اللَّهِ) އެވެ.އެކަލޭގެފާނަކީ ސުންނަތް ޖަމާޢަތުގެ ފިޤުހީ މަޛުހަބުތަކުގެ ތެރެއިން މާލިކީ މަޛުހަބުގެ އިމާމެވެ. الْإِمَامُ مَالِك މަޝްހޫރުވެވަޑައިގެންފައި ވަނީ إمام دار الهجرة (އިމާމު ދާރުލް ހިޖުރާ) މި ނަމުންނެވެ. އެހެނީ ދާރުލް ހިޖުރާ އަކީ މަދީނާއަށް ކިޔޭ ނަމަކަށްވެފައި الْإِمَامُ مَالِك އަކީ މަދީނާގެ ބޭކަލެކެވެ.

الْإِمَامُ مَالِك ތުއްޕުޅުއިރު ޤުރްއާން ހިތުދަސްކުރެއްވިއެވެ. އެއަށްފަހު ޙަދީޘް ޢިލްމު ކިޔަވައި ވިދާޅުވާން ފެއްޓެވިއެވެ. އެ ގޮތުން ابْنُ هُرْمُز ގެ އަރިހުން ހަތް އަހަރުވަންދެން ކިޔަވައި ވިދާޅުވިއެވެ. އަދި މާތް ޞަޙާބީ عَبْدُ اللَّهِ بْنِ عُمَر ގެ ދަރިވަރެއް ކަމުގައިވާ نَافِع ގެ އަރިހުންނާއި ޙަދީޘް ޢިލްމުވެރިޔާ مُحَمَّدُ بْنُ شِهَابٍ الزُّهْرِي ގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވިއެވެ.

الْإِمَامُ مَالِك ގެ ޢުމުރުފުޅުން ސަތާރަ އަހަރުފުޅުގައި ކިޔަވައިދެއްވަން ފެއްޓެވިއެވެ. އެ ކަލޭގެފާނު ކަމެއްގައި ފަތުވާއެއް ދެއްވާ ނަމަ އެ ކަމާ މެދުގައި މަދީނާގެ ހަތްދިހަ ޢިލްމުވެރީންނާ މަޝްވަރާކުރެއްވުމަށްފަހުގައި މެނުވީ ފަތުވާއެއް ނުދެއްވައެވެ.

الْإِمَامُ مَالِك ގެ އެންމެ ބޮޑު މަސައްކަތްޕުޅަކީ އެ ކަލޭގެފާނު ލިޔުއްވި المُوَطَّأ އެވެ. މިއީ މަޝްހޫރު ޙަދީޘް ފޮތެކެވެ. މި ފޮތް ލިޔުއްވުމަށް ޓަކައި އެ ކަލޭގެފާނު ސާޅީސް އަހަރު ހޭދަކުރެއްވިކަމަށްވެއެވެ.

الْإِمَامُ مَالِك ގެ ދަރިވަރުންގެ ތެރޭގައި عَبْدُ الرَّحْمَنِ بْنِ الْقَاسِم އާއި، عَبْدُ اللَّهِ بْنِ وَهَب އާއި، أَشْهَبُ بْنُ عَبْدِ الْعَزِيزއާއި، عَلِيُّ بْنُ زِيَاد އާއި، عِيسَى بْنُ دِينَار އާއި، أَحْمَدُ بْنُ مُعَذَّل އާއި، الْإِمَامُ الشَّافِعِي ހިމެނެއެވެ.

الْإِمَامُ مَالِك އަވަހާރަވީ ހިޖުރައިން 179 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގައި މާތްވެގެންވާ މަދީނާގައެވެ. އަވަހާރަވީއިރު އެ ކަލޭގެފާނުގެ ޢުމުރުފުޅަކީ 89 އަހަރުފުޅެވެ.