ކްލޮރިން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ކްލޮރިން(އިނގިރޭސި ބަހުން: Chlorine) އަކީ އިންސާނުންނާއި ޖަނަވާރުންނަށް ވަރަށް މުހިއްމު މަޢުދަނެކެވެ. ހަށިގަނޑުގައި ކްލޮރިން މަސައްކަތްކުރަނީ ކްލޮރައިޑް ގެ ގޮތުގައެވެ. ބޮޑުމީހެއްގެ ހަށިގަނޑުގައި އެވްރެޖް ގޮތެއްގައި 115 މިލިގްރާމް ގެ ކްލޮރައިޑް ހުރެއެވެ. ކްލޮރިން އަކީ ވެސް ކަރައިވަރު ގެ ތެރޭގައި ހިމެނޭ މުހިއްމު ބައެކެވެ. ކްލޮރައިޑް ހައިޑްރިޖަން އާއި އެކުވުމުން ހައިޑްރޯކްލޮރިކް އެސިޑް އުފެދެއެވެ. މިއަށް ސްޓޮމަކް އެސިޑް އޭ ވެސް ކިޔައެވެ. ހަށިގަނޑުގައި ބޭނުންކޮށް ބާކީވެފައި ހުންނަ ކްލޮރައިޑް ފަހަރުވާ އާއި އެކުގަޔާއި، ހަށިގަނޑުން ހިއްލާ ދަލާއެކު އަދި ނަޖިހާއެކު ހަށިގަނޑުން ބޭރުވެގެން ދެއެވެ. މިގޮތުން ފަހަރުވާ އާއެކު ކްލޮރިން ބޭރުވަނީ، ކެއުމުގައި ބޭނުންކުރާ ލޮނު އާދަޔާ ޚިލާފަށް ގިނަވުމުންނާއި، ވިޓަމިން ޑީ މަދުވުމުންނާއި، އަދި ތަފާތު ސަބަބުތަކާހުރެ ފުރަމޭ ހަލާކުވެފައި ހުރުމުންނެވެ. އަދި ގުރުދާގެ ބަލި މީހުންނާއި، ނިއުމޯނިޔާ ބަލީގެ ކުރީކޮޅު ގައްޔާއި، ކެންސަރު އަދި ގޮހޮރުގައި ވައިހެދުން، ފަދަ ބައްޔެއް ދިމާވެއްޖެނަމަ، ހަށިގަނޑުން ކްލޮރައިޑް މަދުވާނެއެވެ. ކްލޮރައިޑް ހަށިގަނޑުން މަދުވުމުން ޖެހޭ ބަލިތައް ވަރަށް މަދެވެ. ނަމަވެސް ބައެއް ފަހަރަށް އަލްކަލޯސިސް ކިޔާ ބައްޔެއް ޖެހެއެވެ. މިބަލިޖެހެން ދިމާވަނީ ގިނަ އަދަދެއްގެ ސޯޑިއަމް ހަށިގަނޑުން ބޭރުވާން ދިމާވެއްޖެ ހާލަތެއްގައެވެ. މިސާލަކަށް އާދަޔާ ޚިލާފަށް ހަށިގަނޑުން ދާހިއްލުން، ގިނަ އަދަދަކަށް ހޮނޑުލެވުން ނުވަތަ ބޭރަށްހިންގުން ފަދަ ކަމެއް ދިމާވުމުންނެވެ. މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ވަރުދެރަވުން، ކާހިތްނުވުން، ނިދިމަދުވުން، ގައިބާރުދެރަވުން ހިމެނެއެވެ. ހަށިގަނޑުގައި ކްލޮރައިޑް ހުންނަންވާ ވަރަށްވުރެ ގިނަވަނީ ކެއުމުގައި ޕޮޓޭސިއަމް ކްލޮރައިޑް އަދި ލޮނު ގިނައިން ހިމެނޭ ކާނާ ކެއުމުންނެވެ. މިގޮތުން ދިމާވާ މައްސަލަތަކުގެ ތެރޭގައި، ލޭމައްޗަށްދިއުން ހިމެނެއެވެ. އަދި މާބަނޑު މީހުންނާއި، ގުރުދާގެ ބަލިތަކުގެ މީހުންނާއި، ހިތުގެ ބަލީގެ މީހުންގެ ލޭގެ ޕްލާޒްމާ ގައި ކްލޮރައިޑް ހުންނަވަރު މަތިވާނެއެވެ. އާންމު ކާބޯތަކެތީގެ ތެރެއިން ސޯޑިއަމް ގިނައިން އެކުލެވޭ ކާބޯތަކެތީގައި ކްލޮރިން ވެސް ގިނައިން އެކުލެވޭނެ އެވެ. މިގޮތުން ކްލޮރިން ހިމެނޭ ބާވަތްތަކުގެ ތެރޭގައި، ލޮނު، ކަމީރު، ޗީޒް، އެއްގަމު މަސް، ޒައިތޫނި، އަދި ޕާން ހިމެނެއެވެ. ކްލޮރިންގެ ކަނޑައެޅިފައިވާ ވަކި ކެލަމިން (ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު) އެއް ނޯވެއެވެ. ދުވަހެއްގެ ބޮޑުމީހެއްގެ ކެއުމުގައި 750 މިލިގްރާމްގެ ކްލޮރިން ހިމެނޭނަމަ ރަގަޅުވާނޭ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ގިނަ މީހުންގެ ދުވަހެއްގެ ކެއުމުގައި 7000-3500 މިލިގްރާމް އާއި ދޭތެރޭގެ އަދަދަކަށް ކްލޮރިން ހިމެނެއެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003