ކޮތަރި ރީނދޫ ދަންބޮޑު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ކޮތަރި ރީނދޫ ދަންބޮޑު

ކޮތަރި ރީނދޫ ދަންބޮޑު (ސައިންޓިފިކް ނަން: Myripristis berndti)ނުވަތަ (އިނގިރޭސި ބަހުން: Bigscale Soldierfish)އަކީ ރާއްޖޭގެ ފަރުތަކުގައި 3 މީޓަރާއި 15 މީޓަރާއި ދެމެދުގެ ފުންމިނުގައި އުޅޭ ކުޑަ މަހެކެވެ. މިމަސް އެންމެ ބޮޑުވާކަމަށްވަނީ 30 ސ.މ އަށެވެ. މިއީވެސް އެހެނިހެން ދަންބޮޑެކޭ އެއްބީދައިން ދުވާލުގެ ވަގުތުތަކުގައި ގާތަކާއި ހޮހަޅަތަކުގެ ނިވަލުގައި އުޅެފައި ރޭގަނޑަށް ބޭރަށްނިކުމެ އުޅޭ މަހެކެވެ. މިބާވަތުގެ މަސް ނަނުފައްތައިގެން ރޭގަނޑުކުރާ ކެޔޮޅުކަމުގައި މަދުމަދުން ބޭނެއެވެ.

ކޮތަރި ރީނދޫ ދަންބޮޑުގެ ލޯ ބޮޑެވެ. މަހުގެ އަނގަ ލައްޕާފައި ހުންނައިރު ތިރީތުން މަތީ ތުނބަށްވުރެ ދިގެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 13 އާއި 15 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 11 އާއި 13 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ މަޑު ރަތްކުލަ އެވެ. ހުޅުނބުތަކުގެ ކައިިރިފަށް ހުންނަނީ ގަދަ ރަތްކުލައެއްގައެވެ. ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަނީ ރީނދޫ ކުލައެއްގައެވެ. ކަރުތާފަތުގެ މަތީ ކައިރިފަށުގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ. ކަންފަތުގެ ބުޑުދަށް ހުންނަނީ ކަޅުކުލައެއްގައެވެ. މިމަހަށްކިޔާ ދިވެހި ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގައި އެންމެ ފާޅުކޮށް ހުރި ސިފަކަމުގައިވާ މަތީ ކޮތަރިބައިގެ ރީނދޫ ކުލައަށް ނިސްބަތްކޮށް ކޮތަރި ރީނދޫ ދަންބޮޑު ކިޔާ މިމަހަށް ނަންދީފައިވަނީ އެވެ.