ކަންފަތުގައި މަޑުލުން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ކަންފަތުގައި މަޑުލުން(އިނގިރޭސި ބަހުން: Ear Wax) އަކީ ބައެއް މީހުންނަށް ކުރިމަތިވާ މައްސަލަ އެކެވެ. ކަންފަތުގައި މަޑުލުން ކުރިމަތިވާ ސަބަބު ތަކުގެ ތެރޭގައި ކަންފަތުގެ ބޭރުމަގު ހަނިވުން، އަދި ކަންފަތް ސާފުކުރުމަށް ކަފަ ބުރު ކަންފަތަށް ލުމުން މަޑުތައް ބޮޑަށް އެތެރެއަށްޖެހި ހަރުލުން ފަދަ ކަންތައްތައް ހިމެނެއެވެ. ކަންފަތުގައި މަޑުލުން ކުރިމަތިވުމުން ދިމާވެދާނެ އުދަގޫތަކުގެ ތެރޭގައި ، ރަގަޅަށް އަޑުނީވުން ނުވަތަ ބީރުވުން، އަދި ކަންފަތުތެރޭގައި އަޑުގޮވުން ފަދަ ކަންތައްތައް ހިމެނެއެވެ. މިކަންތައްތައް ކުރިމަތިވަނީ މަޑުގެ ސަބަބުން ކަންފަތުގެ ބޭރުމަގު ބެދުމުންނެވެ. މިމަގު ބެދެން ދިމާވަނީ ކަންފަތުގައި މަޑު އުފެދިފައިވަނިކޮށް ފެންވެރުން އަދި ފެތުން ފަދަ ކަންތައް ފުރިހަމަ ކުރުމުގެ ތެރޭގައި ކަންފަތަށް ފެންވަދެ، މަޑުތައް ފޯވެ، ފުފޭގޮތްވުމުންނެވެ. ކަންފަތުގައި މަޑުލައިފައި ހުރިކަން ކަންފަތް ބެލުމަށް ބޭނުންކުރެވޭ އަދަވާތުގެ އެހީގައި ކަންފަތް ބެލުމުން ފާހަގަ ކުރެވޭނެއެވެ. ކަންފަތުގައި އުފެދިފައި ހުންނަ މަޑު ހުންނާނީ މުށި ކުލައިގައެވެ.