ކަށްޓަފުޅި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ކަށްޓަފުޅި

ކަށްޓަފުޅި(ސައިންޓިފިކް ނަން: Kuhlia mugil)ނުވަތަ (އިނގިރޭސި ބަހުން: Barred flagtail) އަކީ ރާއްޖޭގެ ރަށްރަށުގެ ފަޅުފަޅުގެ ތިލަ ހިސާބުތަކުން ފެންނަ ބާރަށް ދަތުރުކުރާ ހަލުވި މަހެކެވެ. ކުދި ކަށްޓަފުޅި ރަށްރަށުގެ ގޮނޑުދޮށްތަކުގައްޔާއި އަދި ކުޅިކުޅިއަށްވަދެ ގިނަ އަދަދަކަށް އުޅެއެވެ. މިއީ ފެނަށް ވެސް ދިރޭ މަހެކެވެ. ވުމާއެކު ވަޅުވަޅާއި މަސްޓޭންކުތަކުގައި ކަށްޓަފުޅި ގެންގުޅެއެވެ. މިއީ ކެއުމަށް ރަގަޅު ބާވަތެއް ކަމުގައި ވިޔަސް ރާއްޖޭގެ ތިލަ ހިސާބުތަކުގައި ގިނައިން އުޅެނީ ކުދިމަސް ކަމަށްވުމާއެކު އާއްމުކޮށް ކެއުމަށް ބޭނުންކޮށެއް ނޫޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓި މީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 9 އާއި 11 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތުގެ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 9 އާއި 11 އާއި ދެމެދުގެ މަޑުކަށި ހުރެއެވެ. މަހުގެ ކަރުތާ ފަތްގަނޑުގެ މަތީގައި ހުޅުނބު ހުރެެއެވެ. އަދި ކަރުތާފަތްގަނޑުގެ އަރިމަތީގައި ދެކަށި ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ އަޅިކުލައެވެ. އަދި ދެއަރިމައްޗާއި ބަނޑުދޮށުގެ ކުލައަކީ ރިހިކުލައެވެ. މަހުގެ ނިގުލުގައި ކަފިވެފައިވާ ބައިގެ ހުރަހަށް ވަރަށް ފާޅުކޮށް ކަޅުކުލައިގެ ދެރޮނގު ހުރެއެވެ. އަދި މަހުގެ ނިގުލުގެ މެދުން ދިގަށް އެއަށްވުރެ ހިމަކޮށް ރޮނގެއްވެސް ހުރެއެވެ. މަހުގެ އާންމު ކާނާއަކީ ކުދި ފަނިފަކުސަ އާއި ކަކުނި ފާނޑުގެ ސޫތްޕާއި ކުދިމަހެވެ.