ބޭރަށް ހިންގުން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ބޭރަށް ހިންގުން (އިނގިރޭސި ބަހުން: Diarrhea) ނިސްބަތް ކުރެވެނީ ބޮޑުކަމުދެވޭ މިންވަރު އިތުރުވެ، ބޭރުވާ ނަޖިސް ދިޔާކޮށް ހުރުމަށެވެ. ބޭރަށް ހިންގުން އަށް ބަނޑުދިޔާވުން ވެސް ކިޔައި އުޅެއެވެ. ބައެއް މެޑިކަލް ރިފަރެންސް ތަކުގައި ބަނޑުދިޔާވުން ސިފަކޮށްފައިވަނީ 24 ގަޑިއިރުގެ ތެރޭގައި 300މލ އަށްވުރެ ގިނައިން ދިޔާ ނަޖިސް ބޭރުވުން މިހެންނެވެ.

ޑަޔަރިއާ ނުވަތަ ބޭރަށްހިންގުމަކީ ވަރަށް ދިޔާކޮށް އަދި އަވަސް އަވަހަށް ބޮޑުކަމުދާންޖެހުމެވެ. ޑައަރިއާ ޖެހުމުން ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެންވެސް ތިންފަހަރު ބޮޑުކަމުދެވޭނެވެ. ކުއްލިގޮތަކަށް ބަނޑުދިޔާވާގޮތްވެ ޑައަރިއާ ޖެހުމުން އެއްދުވަސް ނުވަތަ ދެދުވަހެގެތެރޭގައި އެއްވެސްފަރުވާއަކާއިނުލާ ރަގަޅު ވާނެއެވެ. އަހެންނަމަވެސް ދެ ދުވަހަށްވުރެ ގިނަދުވަސްވާނަމަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ބަލިމީހާގެ ހަށިގަނޑުން ގިނައަދަދަކަށް ފެންމަދުވުމުގެ ކުރިން ހޮސްޕިޓަލަކަށް ނުވަތަ ފަރުވާލިބޭނޭފަދަ ތަނަކަށް ގެންދިއުމަށް އަވަސްވާށެވެ. އެހެންނަމަވެސް ދާއިމީކޮށް ބަނޑުދިޔާވާ މައްސަލަ ހުންނަނީނަމަ އެއްވެސް އިމަރޖެނެސީއެއް ނެތެވެ. އެއީ މި ގޮތަށް ބަނޑުދިޔާވާ މައްސަލަ ހުރުމަކީ ދިގުމުއްދަތަކަށް ބޭސް ކުރަންޖެހޭފަދަ ބައްޔެއްގެ އަލާމާތަކަށްވެދާނެތީއެވެ.

ފަރުވާދިނުމުގައި ފަސޭހައަކަށް ޑައަރިއާ ބަހާލެވިފައިވަނީ ދެ ބަޔަކަށެވެ. އެއީ އެކިއުޓް ޑައަރރިއާ އާއި ކްރޯނިކް ޑައަރިއާ އެވެ. އެކިއުޓް ޑައަރރިއާ ޖެހުމުން ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ހަށިގަނޑުން ފެންމަދުކޮށްލާނެއެވެ. ބައެއްފަހަރު ފެންމަދުވުމުގެ ސަބަބުން އެތެރެހަށީގައިވާ އެހެންނިޒާމުތަކުގެ މަސައްކަތައްބުރޫއަރާ ބަލިމީހާގެ ފުރާނައަށް ގެންލުންލިބޭހިސާބަށްދެއެވެ. މި ގޮތުން ނުރައްކާތެރިހާލަތެއް މެދުވެރިވުމުގެ ފުރުސަތު ބޮޑީ ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ބޭރަން ހިންގުން ޖެހުމުންނެވެ.

ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ބޭރަށް ހިންގުންޖެހިދާނެއެވެ. ބޮޑުމީހަކަށް އަހަރެއްގެ ތެރޭގައި ހަތަރު ފަހަރު ބޭރަށް ހިންގާ ބަލި ޖެހުމުގެ ފުރުސްތު އޮވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ކުޑަކުއްޖެއްވެސް އުމުރުން ފުރަތަމަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހަތްފަހަރާއި ފަނަރަ ފަހަރާއި ދެމެދުގެ އަދަދަކަށް ބޭރަށް ހިންގާ ބަލިޖެހެއެވެ. އެކިއުޓް ޑައަރިއާ ޖެހެނީ ސަލްމަނެއްލާ، ޝިގެއްލާ، ކެމްޕިލޮބެކްޓަރ ނުވަތަ އީ.ކޮލައި ފަދަ ބެކްޓީރިއާއްގެ ސަބަބުންނެވެ. އަދި ބައެއް ފަހަރު ސައިޓޮމެގަލަވައިރަސް ނުވަތަ ހެޕަޓައިޓިސް ޖައްސުވައިދޭ ވައިރަސް ގެސަބަބުން ވެސް ބޭރަށް ހިންގުންޖެހިދާނެއެވެ. އާއްމު ގޮތެއްގައި ޑައަރިއާ ޖެހެނީ އެންޓަމީބާ ހިސްޓޮލީޓިކާ ފަދަ ޕެރަޒައިޓެއްގެ ސަބަބުންނެވެ. ކްރޯނިކް ޑައަރރިއާ ހުންނަން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އިރިޓެބަލް ބަވަލް ސިންޑްރޯމް ނުވަތަ އިންފްލެމޭޓްރީ ބަވަލް ޑިސީޒް ފަދަ ނަފްސާނީ މައްސަލަތައް ހިމެނެއެވެ. ޑައަރިއާ ޖެހެންމެދުވެރިވާ އިތުރު ސަބަބުތަކުގެ ތެރޭގައި ކާބޯތަކެތީގައި ހިމެނޭ ވަކި ބާވަތެއްގެ މާއްދާއެއް ހަށިގަނޑުގެތެރެއަށް ދިއުން އަދި ވަކިވައްތަރެއްގެ ބޭހެއް ބޭނުންކުރުން ހިމެނެއެވެ. ޑައަރިއާ ޖެހެން މެދުވެރިވާ އެހެނިހެން ސަބަބުތަކުގެ ތެރޭގައި ބަނޑުގެ އޮޕަރޭޝަނަކަށްފަހު ބޭރަށް ހިންގުން ނުވަތަ އޮޕަރޭޝަން ކޮށްގެން ފިތް(ގޯލް ބްލެޑަރ) ނެގުމުން ބޮޑުކަމު އަވަސް އަވަހަށް ދާން ޖެހުން ފަދަ ސަބަބުތައް ހިމެނެއެވެ.

ޑައަރިއާ ޖެހުމުގެ ފުރުސަތު ބޮޑީ ދަތުރުފަތުރު ކޮށް އުޅޭ މީހުންނަށެވެ. ހާއްސަކޮށް ކުޑަކޮށް ތަރައްގީވެފައިވާ ގައުމު ތަކަށް ޒިޔާރަތްކޮށްހަދާ އުޅޭއިރުއެވެ. މަދު ފަހަރެއްގައި ނަމަވެސް ޕާރޓި ތަކަށް ގޮސް ކެވޭ އެއްޗެއްގެ ސަބަބުންވެސް ވަރަށް ބޮޑަށް ބޭރަށް ހިންގަފާނެއެވެ. ގިނަފަހަރު އެއީ ބޯން ހުންނަ ފެނެއްގެ ސަބަބުން ނުވަތަ ރޯ ބިސް އަޅައިގެން ތައްޔާރުކުރެވިފައިވާ ކާނާއެއް ކެއުމުގެ ސަބަބުންނެވެ. ބޭރަށް ހިންގުން "ރޯގާ" އެއްގެ ގޮތުގައި ވަރަށް ކުޑަދުވަސް ކޮޅެއްގެ ތެރޭގައި މުޅި ރަށުތެރެއަށް ފެތުރިގެންދިއުމަކީ އޭޝިޔާ އަދި އެފްރިކާގެ ގައުމު ތަކުގައި ދިމާވާ ވަރަށް ބޮޑު މައްސަލައެކެވެ.

ޑައަރިއާ ޖެހުމުން އަވަސް އަވަހަށް ދިޔާކޮށް ބޮޑުކަމުފާހާނާ ކުރަން ޖެހުމުގެ އިތުރުން ފެންނާނެ އަލާމާތް ތަކުގެ ތެރޭގައި ބަނޑުގައި ރިހުމެއްހުރުން، ބަނޑު ފުއްޕުން، އަކުނިވަޔަށްދެމުން އަދި މޭނުބައިކުރުން ފަދަ އަލާމާތްތައް ހިމެނެވެ. ބޮޑުކަމުދިއުމަށް އިހްސާސް އައުމަށްފަހު ހިފެހެއްޓުމަށް ދަތިވުމަކީ ވަރަށްގާތް ކަމެކެވެ. ބޭރަށް ހިންގުމުގެ އުދަގޫތައް ބޮޑުވަމުން ގޮސް ބައެއް ފަހަރު ބޮޑުކަމުދާނަޖިހުގައި ލޭހުރުމާއި ހުން އައުން ފަދަ އަލާމާތްތައް ފެންނާނެއެވެ.

ބޭރަށް ހިންގުން ޖެހި އަވަސް ފަރުވާއެއް ނުލިބިއްޖެނަމަ ހަށިގަނޑުން ފެން މަދުވުމަކީ ނުވަތަ ޑީހައިޑްރޭޓް ވުމަކީ ވަރަށް ގާތް ކަމެކެވެ. ޑީހައިޑްރޭޓް ވުމުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ކަރުހިއްކުން،ކުޑަކަމު ފާހާނާކުރަންޖެހޭލެއް މަދުވުން، ހަންގަނޑު ހިކުން ނުވަތަ ނިކަމެތިވުން، ވަރުބަލިކަން އިހްސާސްވުން، ބޯއެނބުރުން، ކުޑަކަމުދާތަކެތީގެ ކުލަ ގަދަކޮށް ހުރުންފަދަ އަލާމާތްތައް ހިމެނެއެވެ. އަދި މީގެ އިތުރުން ކުޑަކުއްޖެއްނަމަ ރޯއިރުގައި އަނގައާއި ދޫ ހިކިފައި ހުރުން، ރޯވަގުތުގައި ކަރުނަ ނެތުން، ނެޕީ ބަދަލުކުރުމަށްފަހު ތިންގަޑިއިރުވާއިރުވެސް ނެޕީ ތެމިފައި ނެތުން، ބަނޑާއި ލޯ އަދި ކޯމަތި ހިނދިފައި ނުވަތަ ވަޅުވަދެފައިވުން، ހުން ވަރަށް ގަދަކޮށް ހުރުން، އުނދަގޫތަކެއްވާތީ އުޅުމުގެ އިތުރުން ހަންގަނޑު ކޮންމެވެސް ވަރަކަށް ދޫކޮށް ހުރުން ފަދަ އަލާމާތްތައް ހިމެނެއެވެ.

ބޭރަށް ހިންގުން ޖެހޭ ކޮންމެ ފަހަރަކު ޑޮކްޓަރަކަށް ދެއްކުން މުޙިއްމު ނުވެދާނެއެވެ. އެހެން ނަމަވެސް ބޭރަށް ހިންގުން 3 ދުވަހަށް ވުރެ ގިނަދުވަސްވާނަމަ ނުވަތަ ވަރަށް ބޮޑަށް ބަނޑުގައާއި ފުރަގަސްފަރާތު ގޮހޮރުގައި ރިއްސާނަމަ އަދި 102 ޑިގްރީއަށް ވުރެ މަތީގައި ހުން ހުންނަނަމަ ޙާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. ބޮޑުކަމުދާއިރު ލޭފައިބާނަމަ ނުވަތަ ޑީހައިޑްރޭޓް ވެފައިވާކަމުގެ އެއްވެސް އަލާމާތެއް ފެނިއްޖެހިނދެއްގައި ޑޮކްޓަރެއްގެ ނުވަތަ ސިއްހީއެހީތެރިއެއްގެ އިރުޝާދު ވަރަށް އަވަހަށް ހޯދަންވާނެއެވެ. ކުޑަކުއްޖެއްނަމަ ކުއްޖާގެ ބަރުދަނަށް ބަދަލެއްއާދޭތޯ މައިންބަފައިން ބަލަމުންގެންދާށެވެ.

ބޭރަށް ހިންގަންމެދުވެރިވި ސަބަބު ހޯދުމަށްޓަކައި ނުވަތަ ފަރުވާދިނުމަށް ފަސޭހައަކަށްޓަކައި ބަލިމީހާއި ބެހޭ މައުލޫމާތު އޮޅުންފިލުވުމަށްފަހު ލޭގެ ބައެއްޓެސްޓްތަކާއި ބޮޑުކަމުނަޖިހުގެ ޓެސްޓަކާއި ކުޑަކަމުނަޖިހުގެ ޓެސްޓް ހަދާނެއެވެ. އަދި ބައެއް ފަހަރު ބަނޑުގެ އެކްސްރޭ ނެގުމާއި ސްކޭން ކުރުމުގެ އިތުރުން ސިގްމޮއިޑަސްކޮޕީ ނުވަތަ ކޮލޮނޮސްކޮޕީ ފަދަ ޓެސްޓްތައް ހަދާފާނެއެވެ.

ބޭރަށް ހިންގާނަމަ ދިޔާއެއްޗެތި ބޭނުންކުރުން އިތުރު ކޮށްލާށެވެ. ހާއްސަކޮށް ލޮނު ޕެކެޓް ނުވަތަ ލޮނުފެން ބޭނުންކުރާށެވެ. އަދި ބޭރަށް ހިންގުން ރަގަޅު ވަންދެން ކެފެއިން ހުންނަ ކާނާ ނުވަތަ ބުއިންތަކާއި(ކޮފީ،ކޮކާ ކޯލާ)،ކިރުގެ ބާވަތްތައް ނުވަތަ ކިރުބޭނުންކޮށްގެން ތައްޔާރުކުރެވިފައިވާ ކާނާއާއި ތެޔޮކާނާއާއި ފައިބަރ ގިނައިން އެކުލެވޭ ކާނާ އަދި ފޮނިގަދަކާނާ ބޭނުން ކުރުން ހުއްޓާލާށެވެ. ނުވަތަ ބޭނުން ކުރުން މަދުކޮށްލާށެވެ. ބޭރަށް ހިންގުން ރަގަޅުވާން ފެށުމުން ދޮންކެޔޮ،ބަތްޕެން،ކްރީމް ކޭކަރު ބިސްކޯދު، ފެނުކައްކައިގެން އަލުވި ނުވަތަ ކެރޮޓް ކެއުމުގެ އިތުރުން ހަންނެގުމަށްފަހު ފިހެފައިވާ ކުކުޅު މަސްފަދަ ކާނާތައް ކާން ފެށިދާނެއެވެ.

ޑޮކްޓަރަކާއި ނުވަތަ ސިއްހީއެހީތެރިއަކާއި ބައްދަލުވުމުން ބޭރަށް ހިންގަން މެދުވެރި ސަބަބު ހޯދުމަށްފަހު ހާއްސަ ފަރުވާއެއް ދޭންފަށާފާނެއެވެ. ބޭރަށް ހިންގަންފަށާތާކައިރީގައި ރަގަޅު ފަރުވާއެއް ނުލިބިއްޖެ ނަމަ ،(މިސާލަކަށް:- ޖަރާސީމު ނައްތާނުލެވި ހުރުމުން) ބޭރަށް ހިންގުން ކްރޯނިކް ޑައަރރިޔާ އަށް ބަދަލުވެ ބަލި ދިގުލާގޮތްވުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އަދި ބޭރަށް ހިންގުމުގެ ސަބަބުން އެހެންނިޒާމުތަކަށް ނުވަތަ ގުނަވަންތަކަށް އަސަރުކޮށް ދާއިމީކޮށް ހުޅުތަކުގައި ރިއްސުންފަދަ މައްސަލަތައް ދިމާވުމަކީވެސް ވަރަށް ގާތްކަމެކެވެ.

ބޭރަށް ހިންގުން ޖެހުމުގެ ކުރިން ސަލާމަތީ ފިޔަވަޅު އަޅާށެވެ. ކެއުމުގެ ކުރިންނާއި ފާހާނާ ކުރުމަށްފަހު ރަގަޅަށް އަތް ދޮންނަންވާނެއެވެ. ބުއިމަށް އަބަދުވެސް ކެއްކިފެން ނުވަތަ ފުޅީގައި ބަންދުކުރެވިފައިވާ ފެން ބޭނުން ކުރާށެވެ. އަދި ގަނޑުފެންވެސް ކެއްކިފެނުގައި ތައްޔާރުކޮށްގެން ބޭނުންކުރާށެވެ. ބައެއް ތަރުކާރީ އާއި މޭވާފަދަ ކާނާ ބޭނުން ކުރާއިރު ރަގަޅަށް ދޮވެގެން ނުވަތަ ހޫނު ފެނުން ދޮވެގެން ބޭނުން ކުރާށެވެ. އަނެއްބައި ތަރުކާރީ ފެނުކައްކައިގެން ވަރަށް ރަގަޅަށް ރޯ ފިލުވައިގެން ކާށެވެ. ގެރިމަސް ނުވަތަ ކަނޑުމަސް ވެސް ގިނައިރު ކެއްކުމަށްފަހު ތާޒާކަންމަތީ ހުއްޓާ ކާށެވެ. އަދި ކިރުގެ ބާވަތްތައް ނުވަތަ ކިރު ބޭނުންކޮށްގެން އުފައްދާފައިވާ ކާނާ ކެއުންބުއިމުގައި ހާއްސަ ސަމާލު ކަމެއްދޭށެވެ.