ރައްޔިތުންގެ ޚާއްސަ މަޖިލިސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
This article is part of a series on the
politics and government of
the Maldives
Maldives portal

ރައްޔިތުންގެ ޚާއްޞަ މަޖިލީހަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ހެދުމާއި ޤާނޫނުއަސާސީއަށް އުނި އިތުރު ގެނައުމުގެ ބާރު ލިބިފައިވާ ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެކުލެވިގެންވާނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޤާނޫނުގައިވާ ގޮތުގެ މަތިން ބާއްވާ ޢާންމު އިންތިޚާބަކުން، މާލެއާއި އަތޮޅުތަކުން ހޮވާ މެންބަރުންނާއި (މިގޮތުން، ކޮންމެ ދާއިރާއަކުން ހޮވާ މެންބަރުންގެ އަދަދަކީ، ރައްޔިތުންގެ މަޖިލީހަށް އެދާއިރާއަކުން ހޮވާފައިވާ މެންބަރުންގެ އަދަދާ އެއްވަރު އަދަދެކެވެ.) އަދި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ އަށްމެންބަރުންނާ އެކުގައެވެ.

ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، ނުވަތަ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރުމަށް ފާސްކޮށްފި ހިނދެއްގައި، ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެކުލަވާލުމަށް އަންގާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ވަގުތެއްގައި ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކޮށް، އެޖެންޑާގައިވާ ކަންތައްތައް ނިމުމުން، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާ ލިޔުމަކުން، އެ މަޖިލިސް އުވާލެވޭނެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންވެގެންވާގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެކޭ އެއްފަދައިން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގައިވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގައި ހުރުން ލާޒިމުވާ ސިފަތައް ހުރުން ލާޒިމުވެއެވެ.

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންނަށް މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރަންފެށޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި ހުވާ ކުރުމުންނެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، އެމަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރައީސަކާއި ނާއިބުރައީސެއް އިންތިޚާބު ކުރެވެއެވެ. މަޖިލިސް އުވުމުގެކުރިން، މަޖިލީހުގެ ރައީސްގެ ގޮނޑި ނުވަތަ ނާއިބުރައީސްގެ ގޮނޑި ހުސްވެއްޖެނަމަ، އެ ހުސްވި ގޮނޑިއަކަށް އަލުން މެންބަރަކު އިންތިޚާބު ކުރެވެއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސަކު އިންތިޚާބު ކުރެވެންދެން، ވަގުތީގޮތުން ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ރައީސަކު އިންތިޚާބުވުމާއެކު، ވަގުތީ ރައީސް ރިޔާސަތުން ވަކިވެއެވެ.

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސަށާއި ނާއިބުރައީސަށް، އެމީހެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަންފެށޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި، ހުވާ ކުރުމުންނެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އެންމެހާ ކަންތައް ހިންގުމާއި، މަޖިލީހުން ނިންމަންޖެހޭ ކަންތައްތައް ނިންމުމަށްޓަކައި މަޖިލީހުގެ ޖަލްސާތައް ބާއްވައި، އެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓައި، މަޖިލީހުން ފާސްވާ ކަންތައްތައް ހަތްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްގެ ވާޖިބުތައް އަދާކުރުމުގައި، މަޖިލީހުގެ ނާއިބުރައީސް އޭނާއަށް އެހީތެރިވާންވާނެއެވެ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެ ހިނދެއްގައި، ނުވަތަ މަޖިލީހުގެ ރައީސް އޭނާއަށް މަގާމުގެ ވާޖިބުތައް އަދާކުރުމަށް ޢުޛުރުވެރިވެއްޖެ ހިނދެއްގައި، ވަގުތީގޮތުން އެމަގާމުގެ ވާޖިބުތައް އަދާކުރާނީ، މަޖިލީހުގެ ނާއިބުރައީސެވެ. ޤާނޫނުއަސާސީގެ މާއްދާއަކަށް ނުވަތަ ބަޔަކަށް އެއްވެސް ބަދަލެއް ނުވަތަ އުނިއިތުރެއް ގެނެވޭނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ އަޣްލަބިއްޔަތު ލިބޭ ވޯޓަކުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރާ ޤާނޫނަކުންނެވެ.

މަތީގައި ބަޔާން ކޮށްފައިވާފަދަކަމެއް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރާތާ ހަތްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ޖެހެއެވެ. އަދި މިގޮތުން ޚާއްޞަ މަޖިލީހުން ފޮނުވާ ކަންތައް، ތަސްދީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބެނީ ނުވަދިހަ ދުވަހެވެ. އަދި އެކަމާމެދު އަލުން ވިސްނުމަށް، ނުވަތަ އެކަމަކަށް ރައީސުލްޖުމްހޫރިއްޔާއަށް ގެންނަން ފެންނަ އިޞްލާޙަކާމެދު ވިސްނުމަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް އެކަމެއް އަނބުރާ އެމުއްދަތުގެ ތެރޭގައި ފޮނުވިދާނެއެވެ. އަލުން ވިސްނުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ކަމަކާމެދު އަލުން ވިސްނުމަށްފަހު، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣްލަބިއްޔަތުން ފާސްވެއްޖެނަމަ، އެކަމެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރަންވާނެއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަޣްލަބިއްޔަތުން ފާސްނުވިނަމަ، އެކަމެއް ބާޠިލުވީއެވެ.

ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްވެގެން ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމަށް ފޮނުވާކަމެއް ތަޞްދީޤު ނުކޮށް، އަދި އަލުން އެމައްޗަށް ވިސްނުމަށް އަނބުރާ ނުފޮނުވައި ނުވަދިހަދުވަސް ހަމަވެއްޖެނަމަ، އެކަމެއް ތަޞްދީޤުކުރެވުނީކަމަށް ބެލޭނެއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރާ ކަންތައްތައް ޤާނޫނަށްވެ، އެމައްޗަށް ކަންހިންގޭނީ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް، އެ ޤާނޫނެއް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުންނެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފުނުވާ ގޮތުގެމަތިން ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ނިންމާކަމެއްގެ ޞައްޙަކަމާމެދު، އެއްވެސް ފަނޑިޔާރުގެއަކުން، ނުވަތަ ޤާނޫނީ ބާރު ލިބިފައިވާ އެހެން ފަރާތަކުން ވިޔަސް، ސުވާލެއް ނުކުރެވޭނެއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޤާނޫނީ ޖަލްސާއެއްގައި، ނުވަތަ މަޖިލީހުގެ ފަރާތުން ހޮވާފައިވާ ކޮމިޓީއެއްގެ ޖަލްސާއެއްގައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރަކު، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުނުވާ ގޮތުގެމަތިން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، ނުވަތަ ދައްކާ ވާހަކައެއްގެ ސަބަބުން، ނުވަތަ ވޯޓު ދިނުމުގައި ޢަމަލުކުރާ ގޮތަކުން ކުށްވެރިއެއް ނުކުރެވޭނެއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރުމާއި އެމަޖިލިސް އުވުމާ ދެމެދު، އެމަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވާނީ، މެންބަރަކު އެމަޖިލީހުގެ ރައީސަށް ފޮނުވާ ލިޔުމަކުން އިސްތިޢުފާ ދިނުމުން، ނުވަތަ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ހިމެނޭ މެންބަރެއްނަމަ، އެމަޖިލީހެއްގެ މެންބަރުކަމުން ވަކިވުމުން، ނުވަތަ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ކިބައިގައި ހުރުން ލާޒިމުވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން، ނުވަތަ އެ މެންބަރަކު މަރުވުމުންނެވެ.

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުރުން ލާޒިމުވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެއްޖެކަމަށް ބެލޭނީ، އެމައްސަލައެއް ދައުލަތުން ހައިކޯޓަށް ހުށަހަޅައި، އެ މެންބަރެއްގެ ކިބައިން އެ ސިފައެއް އުނިވެއްޖެކަމަށް ހައިކޯޓުން ޙުކުމް ކުރުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކޮށްފައިވާ މެންބަރަކު، ރައީސުލްޖުމްހޫރިއްޔާއަށް ފެނިގެން ވަކިކޮށްފި ހިނދެއްގައި، އޭނާގެ ގޮނޑި ހުސްވީއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވުމުން، އެގޮނޑިއަކީ ރައީސުލްޖުމްހޫރިއްޔާ މެންބަރަކު ޢައްޔަންކޮށްފައިވާ ގޮނޑިއެއްނަމަ، އެގޮނޑިއަށް އަލުން މެންބަރަކު ޢައްޔަންކުރާނީއެވެ. އެގޮނޑިއަކީ، އިންތިޚާބު ކޮށްފައިވާ މެންބަރެއްގެ ގޮނޑިއެއްނަމަ، އެގޮނޑިއަށް އަލުން މެންބަރަކު އިންތިޚާބުކުރާނީއެވެ. ނަމަވެސް، އަލުން މެންބަރަކު ޢައްޔަންކުރާނީ، ނުވަތަ އިންތިޚާބުކުރާނީ، އެ ޢައްޔަންކުރާ ނުވަތަ އިންތިޚާބުކުރާ މެންބަރަކަށް، ޖަލްސާތަކަށް ޙާޟިރުވެވޭހާ މުއްދަތަށް ރައްޔިތުންގެ ޚާއްޞަ މަޖިލިސް ދެމިއޮންނާނެކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސަށް ފެނިއްޖެ ނަމައެވެ.

އަދި އިތުރަށް ބައްލަވާލައްވާ[އުނިއިތުރު ގެންނަވާ]

ރައްޔިތުންގެ މަޖިލިސް

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

ޚާއްސަ މަޖިލީހުގެ ވެބްސައިޓް