ނިދިނައުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ނިއްޖަކީ އަހަރެމެންގެ ޙަޔާތަށް ވަރަށް މުހިއްމު އެއްޗެކެވެ. ރޭގަނޑުގެ ވަގުތުތަކުގައި ފުރިހަމައަށް ނިދިގެން ނޫނީ ދުވާލުގެ ވަގުތުތައް ހިތްހަމަޖެހޭގޮތެއްގައި ހޭދަކޮށްލުން އޮންނަނީ އުދަގޫ ކަމަކަށްވެފައެވެ. އެކި މީހުންނަށް ނިދަން ބޭނުންވާ މިންވަރު ތަފާތު ވެއެވެ. އެވްރެޖް ގޮތެއްގައި ރެޔަކާއި ދުވާލު 7 ނުވަތަ 6 ގަޑިއިރުގެ ނިދިން ފުދޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ބައެއް މީހުންނަށް 4 ނުވަތަ 5 ގަޑިއިރު ނިދާލުމުން ވެސް ފުދެއެވެ.

ނިދިނައުން މިއީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ މައްސަލައެކެވެ. ނިދިނައުން މާނަ ކުރެވެނީ ނިދަން އޮށޯތުމަށްފަހު ނިދަން އުދަގޫވުން، ރޭގަނޑު ދޭތެރެއަކުން ހޭލެވުމަށްފަހު އަލުން ނިދަން އުދަގޫވުން، ފަދަ ކަންކަން ކުރިމަތިވުމަށް ނިސްބަތް ކޮށެވެ. ބައެއް މީހުންނަށް މާހެދުނާ ހޭލެވުން، އަދި ހެނދުނު ހޭލާއިރު ވަރުބަލިކަން އިހްސާސްވުމަކީ ވެދާނެ ގޮތެކެވެ. އަދި ފުރިހަމަ އަށް ނިދިނުލިބުމުން މުޅި ދުވަސް ވަރުބަލި ކަމުގައި ހޭދަކުރަން ޖެހެއެވެ. ކަންކަމަށް ވިސްނުން ކުޑަވުމާއި، ސަމާލުކަން ކުޑަވުމަކީ ނިދި ނުލިބުމުން ވެދާނެ ގޮތެކެވެ.

ނިދިނައުމުގެ ވައްތަރުތައް[އުނިއިތުރު ގެންނަވާ]

  • ފުރަތަމަ ވައްތަރު : މިވައްތަރުގައި ނިދިނައުން ކުރިމަތިވަނީ އެއްވެސް ބައްޔެއް ނުވަތަ ޞިއްޙަތަށް އަންނަ ބަދަލެއްގެ ސަބަބަކުން ނޫނެވެ.
  • ދެވަނަ ވައްތަރު: މިވައްތަރުގައި ނިދިނައުން ގުޅިފައިވަނީ ބައްޔެއް ފަދަ ކަމެއްގެ ސަބަބުން ޞިއްޙަތަށް ބަދަލު އައުން، ބޭހެއް ބޭނުން ކުރުން، ނުވަތަ ބަނގުއާވި ފަދަ އެއްޗެއް ބޭނުން ކުރުން ފަދަ ކަންކަމާއެވެ.

ނިދިނައުން މެދުވެރިކުރުވާ ކަންތައްތައް[އުނިއިތުރު ގެންނަވާ]

ދިރިއުޅުމުގައި ދިމާވާ ކަންތައްތައް[އުނިއިތުރު ގެންނަވާ]

މިސާލަކަށް ތިމާގެ މީހަކު މަރުވުން، އަދާކުރަމުން އައި ވަޒީފާ ގެއްލުން ފަދަ ކަންކަމަކީ ބައެއް މީހުންނަށް ނިދިނައުމަށް މެދުވެރިވާ ސަބަބެއްކަމަށް ވަނީ ފާހަގަ ވެފައެވެ.

ބައެއް ކަހަލަ ބަލިތައް[އުނިއިތުރު ގެންނަވާ]

މިސާލަކަށް ނޭވަޔަށް އުދަގޫކުރުން، ހުޅުތައް ދުޅަވުން، މެއިން ދިލަނެގުން، އަދި ކެންސަރު ފަދަ ބަލިތަކުގެ ސަބަބުން ނިދުމަށް ދަތިވެ، އުދަގުލާއި ކުރިމަތިލާން ޖެހެއެވެ.

މާހައުލަށް ބަދަލުއައުން[އުނިއިތުރު ގެންނަވާ]

ނިދުމަށް ކަނޑައެޅޭ މާހައުލުގައި އަޑުގަދަވުން، އަލިގަދަވުން، ފަދަ ކަންކަމަކީ ނިދުމަށް ހުރަސް އެޅޭ ކަންކަމެވެ. މާބޮޑަށް ފިނިވުން، ނުވަތަ ހޫނުވުމަކީ ވެސް ނިދުމަށް ހުރަސް އަޅާ ކަންކަމަށް އޮންނަނީ ވެފައެވެ.

ބައެއް ކަހަލަ ބޭސްތައް[އުނިއިތުރު ގެންނަވާ]

ނޭވަޔަށް އުދަގޫކުރުން، ލޭގެ ޕްރެޝަރު މައްޗަށް ދިއުން، ހާސްވެ ކަންބޮޑުވުން، އަދި ބައެއް ކަހަލަ ނުގުޅޭ އަސަރު އަށް ދީ އުޅޭ ބޭސްތައް، އަދި މިނޫން ބޭސްތަކުގެ ސަބަބުން ވެސް ނިދިނައުން މެދުވެރި ވެދާނެއެވެ.

މިޒާޖަށް ބަދަލުއައުން[އުނިއިތުރު ގެންނަވާ]

މާބޮޑަށް ރުޅިއައުން، ކަމަކާ މާބޮޑަށް ދެރަވެ، ވިސްނައި ފިކުރުކޮށް ހަދާނަމަ ވެސް ނިދިނައުން މެދުވެރި ވެދާނެއެވެ. ހަމަ މިހެން ނަފްސާނީ ބައެއް ބަލިތަކުގެ ސަބަބުން ނިދިނައުން މެދުވެރިވެދާނެ އެވެ.

މަސްތުވާ ތަކެތި ބޭނުންކުރުން[އުނިއިތުރު ގެންނަވާ]

މަސްތުވާ ތަކެތީގެ ތެރޭގައި ހިމެނޭ ހަޝީޝް، ކޮކޭން، ހިރޮއިން، ފަދަ ތަކެތި ބޭނުންކުރުމުން ރޭގަނޑުގެ ވަގުތު ތަކުގައި ނިދުމަށް އުދަގޫވެއެވެ.

ބަލިވެއިނުމާއި، ނިދިނައުން[އުނިއިތުރު ގެންނަވާ]

މިއީވެސް ވަރަށް ގިނަ އަންހެނުން މާބަނޑު ދުވަސްވަރު ކުރާ ޝަކުވާއެކެވެ. އާންމުކޮށް ނިދިނައުމުގެ މައްސަލަ ކުރިމަތިވަނީ ފުރަަތަމަ 3މަހާއި، ފަހު 3މަހުގެ ތެރޭގައެވެ. ބަލިވެއިންނަތާ ކުރީކޮޅު ކުރިމަތިވާ މޭނުބައިކުރުމާއި، ހޮޑުލެވުން،އަދި ވަރުބަލިވުން ފަދަ ކަންކަމަކީ ނިދި ފުރިހަމައަށް ލިބުމަށް ހުރަސްއަޅާ ކަންކަމެވެ. ފަހުކޮޅު ނިދިނައުން މެދުވެރިކުރުވާ ސަބަބުތަކުގެ ތެރޭގައި ވިހެއުމަށް ނަފްސާނީ ގޮތުން ބިރުގަތުން، ވަރުބަލިވުން ރަހިމުގެ ސައިޒުބޮޑުވުމުން ލިބޭ ހާސްކަން ފަދަ ކަންތައްތައް ހިމެނެއެވެ. މިކަމުން ސަލާމަތްވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

  • ރޭގަނޑު ނިދިމުގެ ކުރިން ތާފަނާފެނުން ފެންވެރުން
  • ރޭގަނޑު ނިދުމުގެ ކުރިން ކޮންމެެވެސް ވަރަކަށް ހޫނު ކިރުތައްޓެއް ބުއިން ނުވަތަ ހޫނު ފެންތައްޓަކަށް ލުބޯއެއް ފިތާލުމަށް ފަހު ބުއިން
  • ކޮފީ ސައި ފަދަ ބުއިންތަކާއި ދުރުހެލިވުން
  • އަރާމު ލިބޭ ކަހަލަ ކަސްރަތުތައް ކުރުން
  • ނިދަން އޮށޯންނައިރު ދެފައިދޭތެރެއާއި، ބަނޑުދަށަށް ބާލީހެއްލުމާއި، ވާތްފަރާތަށް ބުރަވެ ނިދުން
  • ނިދާ ބޭސް ބޭނުންނުކުރާށެވެ. އެހެނީ މިފަދަ ބޭސްތަކުން ކުޑަދަރިފުޅުގެ ހަށިގަނޑަށް ނުރައްކާތެރިވުމަކީ ވަރަށް ގާތްކަމެކެވެ.

އުމުރުން ދުވަސްވުމާއި ނިދިނައުން[އުނިއިތުރު ގެންނަވާ]

އުމުރުން 65 އަހަރުން މަތީގެ މީހުންގެ ތެރެއިން 50 އިންސައްތަ މީހުންނަށް ނިދިނައުމުގެ މައްސަލަ ކުރިމަތިވާކަމަށް ދިރާސާތަކުން ދައްކައެވެ. އުމުރުން ދުވަސް ވުމުން ތަބީއީ ގޮތެއްގައި ނިދުމަށް ބަދަލު އައިސް ނިދޭ މިންވަރު މަދުވެ، އުދަގުލާއި ކުރިމަތިވާކަން ހަދާން ކުރަން ޖެހެއެވެ. މިއުމުރުގައި ނިދިނައުން މެދުވެރި ކަންތައްތައް ތިރީގައި މިވަނީ އެވެ.

ނިދުމުގެ އާދަޔަށް ބަދަލުއައުން[އުނިއިތުރު ގެންނަވާ]

އުމުރުން ދުވަސް ވުމުން ތަބީއީ ގޮތެއްގައި ނިދުމަށް ބަދަލު އައިސް ނިދޭ މިންވަރު މަދުވެ، އުދަގުލާއި ކުރިމަތިވެއެވެ. ފުން އަރާމް ނިއްޖެއްގައި ހޭދަކުރަން އުދަގޫވެއެވެ. މީގެ އިތުރުން ދުވާލުގެ ވަގުތުތަކުގައި ނިދުމަކީ ވެސް އުމުރުން ދުވަސްވީ މީހުންނަށް ރޭގަނޑުގެ ނިދި މަހްރޫމް ކުރުވާ ކަމަކަށް ވަނީ ވެފައެވެ.

ބައެއް ކަހަލަ ދާއިމީ ބަލިތައް[އުނިއިތުރު ގެންނަވާ]

އުމުރުން ދުވަސްވުމުން ކުރިމަތިވާ ހަދާން ނެތޭ ބަލި، ތުރުތުރުއަޅާ ބަލި، ހުޅުތައް ދުޅަވުން، ހިތް ފޭލްވުން، މެއިން ދިލަނެގުން، އަދި އިއްދައިން ކެނޑުން ފަދަ ކަންކަމަކީ ނިދިނައުން މެދުވެރިކުރުވާ ކަންކަމެވެ.

ނަފްސާނީ މައްސަލަތައް[އުނިއިތުރު ގެންނަވާ]

އުމުރުން ދުވަސްވުމުން ދިމާވާ ބައެއް ކަހަލަ ނަފްސާނީ މައްސަލަތަކުގެ ސަބަބުން ވެސް ނިދިނައުން މެދުވެރި ކުރުވައެވެ. ތިމާގެ މީހަކު މަރުވުން، ދަރިޔަކު މަރުވުން، އަދި އުޅޭތަން ބަދަލުކުރުމަކީ ވެސް އުމުރުން ދުވަސްވީ މީހުންނަށް ނިދިނައުން މެދުވެރިކުރުވާ ކަންކަމަށްވަނީ ވެފައެވެ.

ވަޒީފާއިން ވަކިވުން[އުނިއިތުރު ގެންނަވާ]

އަދާކުރަމުން އައި ވަޒީފާއިން ވަކިވެ، ހުސްވަގުތުތައް ކަމެއް ނުކޮށް އުޅެން ޖެހުމަކީ ތަހައްމަލު ކުރަން ދަތި ކަމަކަށް އުމުރުން ދުވަސްވީ މީހުންނަށް އޮންނަނީ ވެފައެވެ. ނަތީޖާއެއްގެ ގޮތުން ނިދިނައުން މެދުވެރި ކުރުވައެވެ.

ކުޑަކުދިންނާއި ނިދިނައުން[އުނިއިތުރު ގެންނަވާ]

ކުޑަކުދިންނާއި ސުކޫލަށްދާ އުމުރުގެ ކުދިންނަށް ރެޔަކާ ދުވާލު 8 ނުވަތަ 9 ގަޑިއިރުގެ ނިދި ބޭނުންވެއެވެ. ފުރިހަމަ ނިދި ނުލިބުމަކީ ކުޑަކުދިންނަށް ދުވާލުގެ ވަގުތުތަކުގައި އެކިއެކި އުދަގޫތަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ. ފުރިހަމަ ނިދި ނުލިބިއްޖެނަމަ ކުޑަކުދިންނަށް ކުރިމަތިލާންޖެހޭ ކަންތައްތަކުގެ ތެރޭގައި އުޅުމާއި މިޒާޖަށް ބަދަލުއައުން، ވިސްނުމާއި ހަދާނަށް ބަދަލު އައުން، ކަންކަން ފުރިހަމަކުރުމުގައި ހުރަސްތަކާ ކުރިމަތިވުން، އަދި އެކިއެކި ނުރައްކާތެރި ހާދިސާތައް ކުރިމަތިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކުޑަކުދިންނަށް ފުރިހަމަ ނިއްޖެއް ހޯދައި ދިނުމަށް އަންނަނިވި ކަންތައްތައްކޮށްދެވިދާނެ އެވެ.

  • ކަނޑައެޅިފައިވާ ވަކި ގަޑިޔަކަށް ނިދަން ބާއްވައި ވަކި ގަޑިޔަކަށް ހޭލެއްވުން
  • ކެފޭއިން އެކުލެވޭ ބުއިންތައް ނުދިނުން
  • ނިދަން ބޭއްވުމުގެ ކުރިން ތާފަނާ ފެނުން ފެންވެރުވުން
  • ދުވާލުގެ ވަގުތު ތަކުގައި މާގަދަޔަށް ނުނިންދުން
  • ނިދާކޮޓަރި އަޑުމަޑުކަމާއި ހިމޭންކޮށް ބޭއްވުން
  • ނިދާކޮޓަރީގެ ފިނިހޫނުމިން އެކަށޭނަ ވަރެއްގައި ބެހެއްޓުން
  • ނިދުމުގެ ކުރިން އޮންނަ ވަގުތު ޓީވީ ބެލިޔަނުދިނުން
  • ނިދުމުގެ ކުރިން އޮންނަ ވަގުތުގައި ކުޅިވަރު ކުޅުނަނުދިނުން

ނިދިނައުމުގެ މައްސަލަ ޙައްލުކުރުން[އުނިއިތުރު ގެންނަވާ]

ނިދިނައުމުގެ މައްސަލަ ޙައްލުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.

  • ވީވަރަކުން ކެފޭއިން އެކުލެވޭ ކާނާ އަދި ބުއިންތަކާ ދުރުހެލިވާށެވެ. ޚާއްޞަކޮށް ރޭގަނޑު ކެއުމަށްފަހު ނިދުމާއި ދޭތެރޭ މިފަދަ ބުއިންތަކާއި ދުރުހެލިވާށެވެ. ކެފޭއިން އެކުލެވޭ ބުއިމާއި ކާނާގެ ތެރޭގައި ޗޮކްލެޓް، ކޮފީ، އަދި ކަޅުސައި ފަދަ ބުއިންތައް ހިމެނެއެވެ.
  • ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވާށެވެ. އޭގައި އެކުލެވޭ ނިކޮޓީން އަކީ ނިދުމަށް ހުރަސްއަޅާ މާއްދާއެކެވެ.
  • ދުވާލުގެ ވަގުތު ތަކުގައި މާގަދަޔަށް ނުނިދާށެވެ. ޚާއްޞަކޮށް މެންދުރު ފަސް ނުވަތަ ހަވީރުގެ ވަގުތު ތަކުގައި ނިދުމަކީ ރޭގަނޑުގެ ނިދި ޚަރާބު ކޮށްލާނެ ކަމެކެވެ. ކޮންމެހެން ނިދާލަން ބޭނުންވެއްޖެނަމަ ބައިގަޑިއިރު ވަރު މެންދުރު ފަހު ނިދާލެވިދާނެއެވެ.
  • ނިދަން އޮށޯތުމުގެ ކުރިން ތާފަނާ ފެނުން ފެންވަރާލާށެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް ލުއިކަން ލިބި ފަސޭހައިން ނިދޭގޮތް ވެއެވެ.
  • ފަނޑު އައްޔެއް ހުންނަ ބޮތްކެއް ކޮޓަރީގައި ބަހައްޓާށެވެ. ފިނިހޫނުމިން މެދުމިނެއްގައި ބަހައްޓާށެވެ. ކޮޓަރިން ވައިބަދަލުވާނެ ވަޞީލަތެއް ހުންނަން ޖެހޭނެއެވެ.
  • ނިދަން އޮށޯތުމަށްފަހު މާބޮޑަށް ކަންކަމާ ނުވިސްނާށެވެ.
  • އަބަދުވެސް ވަކި ގަނޑިއެއް ގައި ނިދަން އޮށޯވެ، ވަކި ގަޑިއެއްގައި ނިދައި ހޭލަން އާދަކުރާށެވެ.
  • އަބަދުވެސް ކަސްރަތު ކުރަން ހަދާން ކުރާށެވެ.
  • ހަވީރު ކޮޅު ނުވަތަ އިރާކޮޅު މާގަދަޔަށް ކެއުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ. ނަމަވެސް ނިދުމުގެ ކުރިން ލުއި ސަޔެއް ބޯލެވިދާނެއެވެ.
  • ކޮޓަރީގެ އަލީގެ ސަބަބުން އުދަގޫވާނަމަ މާސްކެއް ފަދަ އެއްޗެއް ބޭނުންކުރާށެވެ.