ނަރުވާ ބިބީ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ނަރުވާ ބިބީ

ނަރުވާ ބިބީ(ސައިންޓިފިކް ނަން: Chaetodon auriga)ނުވަތަ (އިނގިރޭސި ބަހުން: Threadfin butterflyfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އަދި އެތެރޭގައި ހުންނަ މުރަކަތަކުގެ ކައިރީގައި ދިރިއުޅޭ މަހެކެވެ. މިއީ ދިވެހިން އާންމުކޮށް ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނަސް، ދިރޭމަސް ބޭރުކުރާ ފަރާތްތަކުން މިބާވަތުގެ ބިބީތައް ރާއްޖޭގެ ފަރުފަޅުގެ ބޭރަށް ފީނައިގެން ގިނަ އަދަދަކަށް ހިފާއުޅެއެވެ.

ބިބީ އާއިލާގެ މަސްމަހަށް ވަކިވަކިން ނަންދެވިފައި ނެތުމާއެކު، މިމަހަށް މަހުގެ ބޭރު ބައްޓަމުން އެންމެ ރަގަޅަށް އަޅައިގަންނަ، ގިނަ ބިބީތަކުގެ ނުހުންނަ، ސިފައެއްކަމަށްވާ މަހުގެ މަތީ ކޮތަރިބައިގެ ފަހަތުން މަހުގެ ފަހަތަށް ދިގުވެފައި ހުންނަ ނަރުވައެއް ހުރުމާއެކު، މިމަހަށް ނަރުވާ ބިބީ ކިޔާ ނަންދީފައި ވަނީ އެވެ.

ނަރުވާ ބިބީ އަކީ އެކަހެރިކޮށް، ޖޯޑުޖޯޑަށް އަދި މަދުމަދުން އައިން ހަދައިގެން ވެސް އުޅޭ މަހެކެވެ. މަހުގެ މަތީ ކޮތަރިބައިގައި 12 ނުވަތަ 13 ހަރުކަށި އަދި 22 އާއި 25 އާއި ދެމެދުގެ އަދަަދަކަށް މަޑުކަށި ހުރެއެވެ. މިމަޑުކަށި ތަކުގެ ތެރެއިން ދެމަޑުކަށި ނަރުވައެއްހެން ފަހަތަށް ދިގުވެފައި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު، 19 އާއި 21 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި 14 ނުވަތަ 15 މަޑުކަށި ހުރެއެވެ.

މަހުގެ ކުލައަށް ބަލާއިރު ގިނައީ ހުދުކުލައެވެ. ނަމަވެސް ފަހަތުކޮޅު ހުންނަނީ ރީނދޫ ކުލައިގައެވެ. މަހުގެ ބޮލުގައި ލޯހުރަސްކޮށް ކަޅުކުލައިގެ ފުޅާ ރޮނގެއް ދެމިފައި ހުރެއެވެ. މަތީ ކޮތަރިބައިގެ މަޑުކަށި ހުންނަ ހިސާބުގައި މަހުގެ ފަހަތު ކޮޅުގައި ކަޅުކުލައިގެ ލަފެއް ވަރަށް ސާފުކޮށް ފެންނަން ހުރެއެވެ. މަހުގެ ދެއަރިމަތީގައި ދެއަތަށް ކަތިކޮށް ހުންނަ އަޅިކުލައިގެ ރޮނގުތަކެއް ހުރެއެވެ.