ލޭދައުރުކުރާ ނިޒާމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
އިންސާނާގެ ހިތުގެ ބައިތައް ދައްކުވައިދޭ ކުރެހުމެއް

ލޭދައުރުކުރާ ނިޒާމް ނުވަތަ ހިތާއި ލޭހޮޅިތަކުގެ ނިޒާމަކީ ހަށިގަނޑުގެ އެކި ހިސާބުގައިވާ ސެލްތަކާއި ޓިޝޫތަކަށް ލޭ ފޮނުވައި ދިނުމާއި، އަދި އެޓިޝޫ ތަކުން އަނބުރައި ލޭ ހިތާއި ދިމާލަށް ފޮނުވައި ދިނުމުގައި ޒިންމާވާ ނިޒާމެވެ. ހަށިގަނޑަށް ބޭނުންހުރި ކާނާގެ ބައިތައް ހަށިގަނޑުގެ އެކި ހިސާބުތަކަށް ފޯރުކޮށްދެނީ ވެސް ލޭގެ ޒަރީޢާއިންނެވެ. ހަށިގަނޑުގެ ފިނިހޫނުމިން ސާބިތުކަންމަތީ ހިފަހައްޓައިދީ، އަދި ހަށިގަނޑުގައި ހިމެނޭ އެސިޑް-ބޭސްގެ މިންވަރު ވެސް ހަމަހަމަކަންމަތީ ބަހައްޓައި ދިނުމުގައި ލޭދައުރުކުރާ ނިޒާމް އެހީތެރި ވެދެއެވެ.

ލޭދައުރުކުރާ ނިޒާމްގެ ބައިތައް[އުނިއިތުރު ގެންނަވާ]

ލޭދައުރުކުރާ ނިޒާމްގައި ހިމެނޭ މައިގަނޑު ބައިތަކަކީ ލޭ، ހިތް އަދި ލޭހޮޅި ތަކެވެ.


ލޭ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ލޭ

ލޭ ނުވަތަ (އިނގިރޭސި ބަހުން: Blood) ގައި ހިމެނެނީ ދިޔާ މާއްދާއެއްކަމަށްވާ ޕްލާޒްމާ(Plasma) އާއި ލޭގެ ސެލްތަކެވެ. ލޭގެ ސެލްތައް ހުންނަނީ ޕްލާޒްމާގެ ތެރޭގައެވެ. ލޭގައި ހިމެނޭ ސެލްތަކަކީ ލޭގެ ރަތް ސެލް(Red blood cell)، ލޭގެ ހުދު ސެލްތައް(White blood cells) އަދި ޕްލޭޓްލިޓް(Platelet) އެވެ. ރަތް ސެލް އަށް ރަތް ކުލަ ލިބިފައިވަނީ އޭގައި ހިމެނޭ ހިމަގްލޯބިން(Hemoglobin) ގެ ސަބަބުންނެވެ. ރަތް ސެލްތައް އޮކްސިޖަން އާއި ކާނާގެ ހަށިގަނޑު ސެލްތައް ފޯރުކޮށްދެއެވެ. ލޭގެ ހުދުސެލްތައް ހަށިގަނޑު ދިފާޢީ ނިޒާމްގެ މަސައްކަތުގައި ބައިވެރިވާއިރު، ޕްލޭޓްލިޓްތައް ބައިވެރިވަނީ ހަށިގަނޑު ތެރޭގައި ހިންގާ ލޭމަނާކުރުމުގެ މަސައްކަތުގައެވެ.

ލޭގެ ރަތްސެލް

ލޭގެ ރަތް ސެލްތަކަށް އިރިތްރަސައިޓް(Erythrocyte)، އަދި ހުދު ސެލްތަކަށް ލޫކަސައިޓް(Leukocyte) އަދި ޕްލޭޓްލިޓް ތަކަށް ތްރޮމްބަސައިޓް(Thrombocyte) އޭ ކިޔައެވެ.


ލޭގެ ހުދު ސެލްތަކުގެ ތެރޭގައި މައިގަނޑު 5 ބާވަތެއްގެ ސެލް ހިމެނެއެވެ.


ލިމްފޯސައިޓްގެ 2 ވައްތަރެއް ހުރެއެވެ.



ހިތް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހިތް

ހިތް ނުވަތަ (އިނގިރޭސި ބަހުން: Heart)މިއި އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ގުނަވަނެވެ. ހިތަކީ ހިތަށް ޚާއްޞަ މަސްތަކަކުން އުފެދިފައި އޮންނަ ގުނަވަނެކެވެ. ހަށިގަނޑު އެކި ހިސާބުތަކަށް ބޭނުންވާ ލޭ ފޮނުވައިދެނީ ހިތުން ކުރިފަޅައި ނިކުމެފައިވާ ބޮޑު ލޭނާރަކުންނެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ ކާޑިއެކް (Cardiac)މިބަހުން ދޭހަވަނީ ހިތާއި ގުޅުންހުރި މިހެންނެވެ. ހިތް އުފެދިފައިވަނީ ކުރިންވެސް ބުނިހެން ހިތަށް ޚާއްޞަ މަހުގެ ވައްތަރަކުންނެވެ. އެއީ ހިތު މަސް(Cardiac muscle) އެވެ.

- ހިތުގެ މުހިއްމު ބައިތައް

ލޭހޮޅިތައް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ލޭހޮޅި


ލޭހޮޅި ތަކަކީ ހިތާއި ލޭހޮޅިތައް ހިއްސާވާ ނިޒާމް ނުވަތަ ލޭދައުރުވާ ނިޒާމްގެ މުހިއްމު ބައިތަކެކެވެ. ލޭނާރު ނުވަތަ ލޭހޮޅިތަކުގެ ވަޒީފާ އަކީ ހިތުން ހަށިގަނޑު އެކި ހިސާބުތަކަށް ލޭ ފޯރުކޮށް ދިނުމާއި، އަދި ހަށިގަނޑުގެ އެކި ހިސާބުތަކުން ލޭ އަނބުރައި ހިތަށް ފޮނުވުމެވެ. ލޭހޮޅިތަކުގެ ތަފާތު ވައްތަރުތައް ވެއެވެ.


  • ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅި(Artery) ތަކުން ހަށިގަނޑުގެ އެކިބައިތަކަށް އޮކްސިޖަން ނުވަތަ ސާފުވައި ލެޔާއެކު ފޮނުވައިދެއެވެ. މިބުނި އުސޫލުން އެއްކިބާވާ އެއް ލޭހޮޅި ވެއެވެ. އެއީ ހިތުން ފުއްޕާމެޔަށް ލޭފޮނުވައިދޭ ލޭހޮޅި(Pulmonary artery) ނުވަތަ ޕަލްމޮނަރީ އާޓަރީ އެވެ.


  • ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި(Vein) ތަކުން އޮކްސިޖަނާއި އެކުނުވާ ނުވަތަ ސާފުވައި އެކުނުލެވޭ ލޭ އަނބުރައި ހިތަށް ފޮނުވައެވެ. މިބުނި އުސޫލުން އެއްކިބާވާ ލޭހޮޅިތަކަކީ ފުއްޕާމެއިން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި(Pulmonary vein) އަދި ޕޯރޓަލް ވެއިން(Portal vein) ތަކެވެ.
ލޭހޮޅިތައް ދައްކައިދޭ ކުރެހުމެއް
  • ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅި(Artery) ތަކުން، ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި(Vein) ތަކަށް ނުވަތަ އާޓަރީ ތަކުން ވެއިން ތަކަށް ލޭ ވާޞިލްވަނީ އެދެވައްތަރުގެ ލޭހޮޅިތައް ގުޅުވައިދޭ ކުދިކުދި ލޭހޮޅިތައް(Capillaries) މެދުވެރި ވެގެންނެވެ.


އެއޯޓާ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އެއޯޓާ

އެއޯޓާ ނުވަތަ (އިނގިރޭސި ބަހުން: Aorta) އަކީ ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ އެންމެ ބޮޑު ލޭހޮޅި އެވެ. މިލޭހޮޅި ކުރިފަޅައި ނިކުމެފައި އިންނަނީ ހިތުގެ ވާތު ވެންޓްރިކަލް އިންނެވެ. މިގޮތުން މިލޭހޮޅީގެ ޒަރީޢާއިން ހަށިގަނޑަށް ފެތުރިގެންދާ ލެޔަކީ އޮކްސިޖަން އިން މުއްސަދި ލެޔެކެވެ.

އެއޯޓާ ކުރިފަޅައި ބެހިގެން ގޮސްފައިވާއިރު މައިގަނޑު 5 ބަޔަކަށް ބެހިފައި ވެއެވެ.

ލޭދައުރުވާ ގޮތް[އުނިއިތުރު ގެންނަވާ]

ހަށިގަނޑުގެ އެކި ޓިޝޫތަކުން އޮކްސިޖަން އެކުނުލެވޭ ލޭ ވާޞިލްވަނީ ހިތުގެ ކަނާތް ފަރާތުން މަތީގައި އިންނަބައެއް ކަމުގައިވާ ކަނާތު އެޓްރީއަމް(Right atrium) އަށެވެ. އެއަށްފަހު ދެން ވާޞިލްވަނީ ކަނާތް ފަރާތު ތިރީގައިވާ ބައެއް ކަމުގައިވާ ކަނާތު ވެންޓްރިކަލް(Right ventricle) އަށެވެ. ކަނާތު ވެންޓްރިކްލް އިން ހިތުން ފުއްޕާމެޔަށް ލޭފޮނުވާ ލޭހޮޅި(Pulmonary artery) ގެ އެހީގައި ދެން ލޭ ވާޞިލްވަނީ ފުއްޕާމޭ އަށެވެ. ފުއްޕާމޭގެ ތެރޭގައި ފުއްޕާމެޔަށް ވާޞިލްވި ލޭގެ ސެލްތަކަށް އާ އޮކްސިޖަން ހޯދައިދެއެވެ. މާނައަކީ ލެޔަކީ އޮކްސިޖަން އާއި އެކުވެފައިވާ އެއްޗަކަށް ހަދައިދެއެވެ. ނުވަތަ އޮކްސިޖަން-މުއްސަދި ލެޔަކަށް ބަދަލު ކޮށްލައެވެ. އެއަށްފަހު މިލޭ ފުއްޕާމެއިން އަނބުރާ ހިތަށް ފޮނުވައެވެ. މިހާލަތުގައި ފުއްޕާމެއިން ހިތަށް ލޭ ވާޞިލްވަނީ ފުއްޕާމެއިން ހިތަށް ލޭފޮނުވައިދޭ ލޭހޮޅީ(Pulmonary vein) ގެ އެހީގައެވެ.

ބަޔާންކުރެވުނު ގޮތަށް ފުއްޕާމެއިން ހިތަށް ފޮނުވުނު ލޭ ވާޞިލްވަނީ ހިތުގެ ވާތް ފަރާތު މަތީގައި އިންނަ ބައެއް ކަމުގައިވާ ވާތު އެޓްރީއަމް(Left atrium)އަށެވެ. އެއަށްފަހު ހިތުގެ ވާތް ފަރާތުގެ ތިރީގައި އިންނަ ބައެއް ކަމުގައިވާ ވާތު ވެންޓްރިކަލް(Left ventricle) އަށް ވާޞިލްވެ، އެތަނުން ނިކުމެފައިވާ ހިތުގެ ބައިތަކަށް ލޭފޮނުވައިދޭ ބޮޑު ލޭހޮޅި(Aorta) ކަނޑަތުކޮށް ހަށިގަނޑުގެ އެކި ބައިތަކަށް އޮކްސިޖަން-މުއްސަދި ލޭ ފޯރުކޮށްދެއެވެ.

ހަށިގަނޑުގެ ތެރޭގައި ލޭދައުރުވަމުންދާއިރު ލޭގެ ތެރޭގައި ހިމެނޭ އޮކްސިޖަން އަދި ހަށިގަނޑަށް ބޭނުންވާ ކާނާގެ ބައިތައް ހަށިގަނޑުގެ އެކިއެކި ސެލްތަކަށް ފޯރުކޮށްދެއެވެ. އަދި ހަށިގަނޑުގެ ސެލްތަކުން ކާބަންޑައިއޮކްސައިޑް އަދި ހަށިގަނޑަށް ބޭނުންނުވާ މާއްދާތައް ލޭގެ ތެރެއަށް އާދެއެވެ. ހަށިގަނޑުގެ އެކި ހިސާބުގައިވާ ލޭހޮޅިތަކުން ހިތާ ދިމާލަށް ފޮނުވާ ލޭ ހިތަށް ވާޞިލްވަނީ މައި ދެ ލޭހޮޅި އަކުންނެވެ. އެއީ ހިތުން މަތީގައިވާ ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭ ގެނެސްދޭ މައި ލޭހޮޅި(Superior vena cava) އަދި ހިތުން ތިރީގައިވާ ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭ ގެނެސްދޭ މައި ލޭހޮޅި(Inferior vena cava) އިންނެވެ. މިދެލޭހޮޅިވެސް ގުޅިފައިވަނީ ހިތުގެ ކަނާތް ފަރާތު މަތީގައިވާ ކަނާތު އެޓްރިއަމް އަށެވެ.

ހިތުގެ ދެފަޅީގައިވާ ދެ އެޓްރިއަމް އަށް ބަލާއިރު ޖާގައިގެ ގޮތުން ބޮޑީ ކަނާތު އެޓްރީއަމް އެވެ. ނަމަވެސް ދެއެޓްރިއަމް ވެސް ލޭ ވާޞިލްވަނީ އެއްވަރަކަށެވެ. ކަނާތު އެޓްރިއަމް އިން ދެން ލޭ ޓްރައިކަސްޕިޑް ވޭލް ހުރަސްކޮށް ކަނާތު ވެންޓްރިކްލް އަށް ވާޞިލްވެއެވެ. އަދި ކަނާތު ވެންޓްރިކްލް އިން ސެމިލޫނަރ ޕަލްމޮނަރީ ވޭލް ހުރަސްކޮށް ޕަލްމޮނަރީ އާޓަރީ އަށް ދެއެވެ. މިގޮތުން ފުއްޕާމެޔަށް ގޮސް އޮކްސިޖަންއާ އެއްވުމަށްފަހު ޕަލްމޮނަރީ ވެއިން ގެތެރެއިން އަނެއްކާ ވެސް އަނބުރާ އައިސް ހިތުގެ ވާތް ފަރާތު މަތީގައިވާ ވާތު އެޓްރިއަމް އަށް ވަދެއެވެ. އެއަށްފަހު ވާތު އެޓްރިއަމް އިން ބައިކަސްޕިޑް ވޭލް ހުރަސްކޮށް ވާތު ވެންޓްރިކްލް އަށް ލޭ ވާޞިލްވެއެވެ. އެއަށްފަހު ސެމިލޫނަރ އައޮޓިކް ވޭލް ހުރަސްކޮށް ހިތުން ނިކުމެފައިވާ އެންމެ ބޮޑު ލޭހޮޅި ނުވަތަ އައޯޓާ އިން ލާފައި ހަށިގަނޑުގެ ބައިތަކަށް އޮކްސިޖަން-މުއްސަދި ލޭ ދައުރުވާން ފަށައެވެ.

މިންގަނޑުތައް ބެލުމަށް ބޭނުން ކުރެވޭ ގޮތްތަކާއި އަދަވާތްތައް[އުނިއިތުރު ގެންނަވާ]

  • އިލެކްޓްރޯކާޑިއޮގްރާމް ( އީސީޖީ )
  • ސްފިގްމޮމެނޯމީޓަރ
  • ސްޓެތެސްކޯޕް
  • ވިންދު ބަލާ މީޓަރު
  • ވިންދު


އަދިވެސް އިތުރަށް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]