ވިޓަމިން ބީ1

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވިޓަމިން ބީ1 (އިނގިރޭސި ބަހުން: Vitamin B1)ނުވަތަ ތަޔަމިން(އިނގިރޭސި ބަހުން: Thiamine) އަކީ އެންމެ ފުރަތަމަ ސައިންޓިސްޓުންނަށް ހޯދުނު ވިޓަމިން އެވެ. ތަޔަމިން ބޭނުންކުރެވެނީ ކާބޯސް އިން ހަކަތަ އުފެއްދުމަށެވެ. އަދި އިތުރުވާ ކާބޯސް ސަރުބީ އަށް ބަދަލުވަނީ މިމާއްދާގެ ސަބަބުންނެވެ. ހަށިގަނޑުގައި ކޮށާރުކޮށްފައި ބެހެއްޓޭ އެއްޗަކަށް ނުވާތީ ތަޔަމިން އެކުލެވޭ ކާނާ ދުވާލަކު އެއްފަހަރު ކާންޖެހެއެވެ. ތަޔަމިން ހުންނަ ކާބޯ ތަކެއްޗަކީ ކުކުޅު ބިހުގެ ލޮނދި، ގޮވާން، އެކިވައްތަރުގެ މަދު، ބަދަން، ފެހިއޮށް، މުގު، ހިކި މޭބިސްކަދުރު، ކޮލިފްލާވަރ އަދި އެހެނިހެން ވެސް ތަރުކާރީ އެވެ. ތަޔަމިން މަދުވުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ ނާރުތައް ބަލިވެ، ވާގިނެތޭ ބަލި، އަދި ނޭވާލާ ނިޒާމްގެ ބަލިތައް ޖެހެއެވެ. ވިޓަމިން ބީ1 (ތަޔަމިން) ގެ ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) ކަމަށް ބަލަނީ ފިރިހެނަކަށް 1.5 މިލިގްރާމް އެވެ. އަދި އަންހެނަކަށް 1.1 މިލިގްރާމް އެވެ.

ތަޔަމިން އަކީ ފިއްތުންތައް ތަހައްމަލުކުރަން ޖެހޭ ވަގުތުތަކުގައްޔާއި، ކަންބޮޑުވާ ވަގުތުތަކުގައި ކާބޯތަކެތިން ލިބޭ ވަރުގެ އިތުރަށް ބޭހެއްގެ ގޮތުގައި ބޭނުންކުރުމުން ލުއިލިބޭ ވިޓަމިން އެކެވެ. ބަނޑާއި ގޮހޮރު އަދި ހިތުގެ ބަލިތަކުން ދިފާޢުވުމަށް ބާރުއަޅައިދޭ ވިޓަމިން އެކެވެ. އަދި މިއީ ގިނައިން ބޭނުންކުރުމުން ވަރަށް މަދުފަހަރަކު ނޫނީ ވިހަވާ އެއްޗެއް ނޫނެވެ. ނަމަވެސް މި ވިޓަމިން ބޭހެއްގެ ގޮތުގައި ދިގުމުއްދަތަކަށް ބޭނުންކުރާނަމަ، ބޮލުގައި ރިހުން، ހާސްވެ ކަންބޮޑުވާގޮތްވުން، ތައިރޮއިޑް ގްލޭންޑްގެ މައްސަލަޖެހި ނުނިދޭގޮތް ވެއެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003