ނޭވާލާ ނިޒާމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އިންސާނުންގެ ހަށިގަނޑުގައިވާ ނޭވާލާ ނިޒާމް ބިނާވެގެންވަނީ ފުއްޕާމޭ، ވައިބޭރުވާ މަގުތައް، އަދި ނޭވާލުމުގައި ބައިވެރިވާ މަސްތަކުގެ މައްޗަށެވެ. މިހުރިހާ ބައިތައް ގުޅިގެން ނޭވާލުމުގެ ތެރޭގައި ހަށިގަނޑަށް ސާފުވައި ނުވަތަ އޮކްސިޖަން ވެއްދުމާއި، ހަށިގަނޑުން ނުސާފުވައި ނުވަތަ ކާބަންޑައި އޮކްސައިޑް ބޭރުކުރުމުގައި ބައިވެރިވެއެވެ. ފުއްޕާމޭ ގެ ތެރޭގައި ކުދި ވައިކޮތަޅުތަކުގެ ނިޒާމްގެ ތެރޭގައި އޮކްސިޖަން އާއި ކާބަންޑައި އޮކްސައިޑް ލެޔާއި، ފުއްޕާމޭގައި ހިމެނޭ ގޭސް ނުވަތަ ވައި އެކުލެވޭ މާހައުލާއި ދެމެދު ޑިފިއުޝަން(Diffusion) ގެ އެހީގައި ބަދަލު ބަދަލުވެ ހުރެއެވެ.

ލޭގެ ތެރޭގައި ހުންނަ ކާބަންޑައި އޮކްސައިޑް ފަދަ ވިހަ ގޭސްތައް ވަކިކޮށް ބޭރުކުރުމަށް ނޭވާލާ ނިޒާމް އެހީތެރިވެދެއެވެ. ހަމަ މިހެން ހަށިގަނޑު ގެ އެކި ހިސާބުތަކުން ހިތަށް އައިސް ހިތުން ފުއްޕާމެޔަށް ފޮނުވާލޭ އޮކްސިޖަން-މުއްސަދި ލެޔަކަށް ހެދުމަށް ފުއްޕާމޭ އެހީތެރިވެދެއެވެ. ހަމަ މިހެން ލެއިން ކުރިންވެސް ބުނިހެން ކާބަންޑައި އޮކްސައިޑް ވަކިކޮށް ބޭރުކުރުމަކީ ހަށިގަނޑުގައި ހިމެނޭ އެސިޑް-ބޭސް ގެ ހަމަހިފެހެއްޓުމަށް ވަރަށް ބޭނުންތެރި ކަމެކެވެ.

އެނަޓަމީ[އުނިއިތުރު ގެންނަވާ]

އިންސާނުންގެ ނޭވާލާ ނިޒާމް މައިގަނޑު ދެބަޔަކަށް ބަހާލެވެއެވެ. އެއީ ނޭވާލާ ނިޒާމްގެ މަތީބަޔާއި، ނޭވާލާ ނިޒާމްގެ ތިރީބަޔެވެ. މީގެ އިތުރުން ވައި ނޮޅި އަދި ފުއްޕާމޭ ވެސް ހިމެނެއެވެ. ހަށިގަނޑަށް ވައި ވަނުމަށްފަހު ދައުރުވަމުން ފުއްޕާމޭ އަށް ވާޞިލްވަނީ އަންނަނިވި ބައިތައް ހުރަސްކޮށެވެ.

ނޭވާލާ ނިޒާމްގެ މަތީބައި[އުނިއިތުރު ގެންނަވާ]

ނޭވާލާ ނިޒާމްގެ މަތީބައި (އިނގިރޭސި ބަހުން: Upper respiratory tract) ފެށިގެން އަންނަނީ ނޭފަތުގެ ހިނދުރި އާއި ހިސާބުންނެވެ. ނޭފަތުގެ ހިނދުރި ހުޅުވިފައި އިންނަނީ ނޭފަތު އެތެރެއިންވާ ކަރުތެރޭގެ ބައެއް ކަމުގައި ބެލެވޭ ނޭޒޯ ފެރިންކްސް(Nasopharynx) އަށެވެ. މިހިސާބުން ފުރިހަމަކޮށްދޭ މަސައްކަތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  • ވައި ފުރޭނުން
  • ވައި ހޫނު ކޮށްލުން
  • ވައިގައި ތެތްކަމެއް އުފެއްދުން
  • ވާހަކަ ދެއްކުމުގެ ތެރޭގައި ތަފާތު އަޑުތައް ނެރުމުގައި ބައިވެރިވުން

ނޭޒޯފެރިންކްސް ހުޅުވިފައި އިންނަނީ އަނގައިގެ ފަހަތުގައިވާ ކަރުތެރޭގެ ބައެއް ކަމުގައި ބެލެވޭ އޯރޯފެރިންކްސް(Oropharynx) އަށެވެ. އޯރޯފެރިންކްސް ގުޅިފައި އިންނަނީ ކަރުތެރޭގެ ބައެއް ކަމުގައި ބެލެވޭ ލެރިންގޯފެރިންކްސް(Laryngopharynx) އާއެވެ. އެއަށްފަހު އަޑު ފޮއްޓަށް ވާޞިލްވެއެވެ. އަޑު އުފައްދާ ވާފަށްތައް(Vocal cords) ހުންނަނީ އަޑު ފޮށީގެ ތެރޭގައެވެ. އެއަށްފަހު ގްލޮޓިސް(Glottis) ހުރަސްކޮށް ވައި ނޮޅި(Trachea) އަށް ވާޞިލްވެއެވެ.

ނޭވާލާ ނިޒާމްގެ ތިރީބައި(Lower respiratory tract)[އުނިއިތުރު ގެންނަވާ]

ވައި ނޮޅި ތިރިއަށް ގޮސް ދެފަރާތަށް ބެހިފައި ވެއެވެ. އަދި މިގޮތުން ކޮންމެ ފަރާތެއްގައި ވައި ނޮޅީގެ ކަތްޕެއް އިނދެއެވެ. ވައި ނޮޅީގެ ކަފިތައް(Bronchi) އިތުރަށް ކަފިވެގެން ގޮސް ވައި ނޮޅީގެ ކުދި ކަފިތައް(އިނގިރޭސި ބަހުން: Bronchioles)އުފެދެއެވެ. އަދި ފަހުން މިބުނި ވައި ނޮޅީގެ ކުދި ކަފިތައް ގޮސްpenis ކަފިތައް(އިނގިރޭސި ބަހުން: Respiratory bronchioles) ، ކުދި ވައިކޮތަޅުގެ މަގު(އިނގިރޭސި ބަހުން: Alveolar duct)، އަދި ކުދި ވައިކޮތަޅު(އިނގިރޭސި ބަހުން: Alveoli) ތަކާއެވެ.

ވައި ދައުރުކުރުން[އުނިއިތުރު ގެންނަވާ]

ކޮންޓްރޯލް ކުރުން[އުނިއިތުރު ގެންނަވާ]

ވައި ދައުރުކުރުން(Ventilation) ( ސާފުވައި އެތެރެއަށް ގެނެސް، އަދި ނުސާފުވައި ބޭރުކުރުން ) ކުރިމަތިވަނީ އުޓޮނޮމިކް ނާރުތަކުގެ ނިޒާމް(Autonomic nervous system) ގެ ބެލުމުގެ ދަށުންނެވެ. އަދި ނޭވާލުމުގެ މަސައްކަތުގައި ސިކުނޑީގައިވާ ބައިތަކެއް ކަމަށްވާ ބްރެއިން ސްޓެމް (Brain stem) ، މެޑައްލާ އޮބްލޮންގާޓާ(Medulla oblongata) ، އަދި ޕޮންސް(Pons) ބައިވެރިވެއެވެ. ސިކުނޑީގެ މިބުނި ހިސާބުގައި ނޭވާލުން ކޮންޓްރޯލްކުރާ މަރުކަޒު އަދި ބްރެއިން ސްޓެމް މެދާއި ތިރީ ބައިގައި ގުޅިފައިވާ ނިއުރޯން(Neuron) ތަކުގެ ސިލްސިލާއެއް ވެއެވެ. ނޭވާލުމުގެ ހަރަކާތް ކޯޑިނޭޓް ކުރަނީ މިބުނި ނިއުރޯން ތަކާއި، ނޭވާލުން ކޮންޓްރޯލްކުރާ މަރުކަޒުންނެވެ. މިހިސާބުގައި ނިއުމޯޓެކްސިކް އަދި އެޕްނިއުސްޓިކް ސެންޓަރު ވެއެވެ. ކުޑަ ދަރިފުޅު ތުއްތު އިރު މިއީ ވަރަށް ނުރައްކާތެރި އަދި ނާޒުކު ހިސާބެކެވެ. ކުޑަ ދަރިފުޅު ވެއްޓޭގޮތަކުން ނުވަތަ މާބާރަށް ތަޅުވާ ހަލުވާ ލައިފިނަމަ މިހިސާބުގައިވާ ނިއުރޯން އަށް ގެއްލުން ލިބުމަކީ ވެދާނެ ގޮތެކެވެ. އަދި ޝޭކެން ބޭބީ ސިންޑްރޯމް ކުރިމަތިވެ ކުޑަދަރިފުޅު މަރުވުމަކީ ވެދާނެ ގޮތެކެވެ.

އެތެރެއަށް ނޭވާލުން[އުނިއިތުރު ގެންނަވާ]

އެތެރެއަށް ނޭވާލުން ފެށިގެން އަންނަނީ އެކްސްޓަރނަލް އިންޓަކޯސްޓަލް(External intercostals muscle) މަސް ތަކުގެ ސަޕޯޓާއެކު ޑައަފްރަމް(Diaphragm) އިންނެވެ. އާންމު ގޮތެއް ގައި ( އެއްވެސް ހަރަކާތެއް ނެތި / އަރާމްކުރާ ވަގުތު ) މިނިޓަކު 18-10 ފަހަރާއި ދެމެދުގެ މިންވަރަކަށް ނޭވާލައެވެ. ގަދަ ހަރަކާތެއްގައި ( މިސާލަކަށް ފުޓްބޯޅަ ކުޅެން ދުވުން، ބުރަ މަސައްކަތެއް ކުރުން ފަދަ ކަމެއް ) ނަމަ ނޭވާލާ މިންވަރު މިނިޓަކު 35 އަށް އަރައެވެ. މިފަދަ ޙާލަތްތަކުގައި ނޭވާލުމުގެ މަސައްކަތުގައި އެކްސަސަރީ ރެސްޕިރޭޓަރީ މަސަލް ބައިވެރިވެއެވެ. މިބުނި މަސްތަކުގެ ގޮތުގައި ބެލެވެނީ ސްޓާރނޯ ކްލީޑޯ މަސްޓޮއިޑް، ޕްލެޓީސްމާ، އަދި ކަރުގެ ސްޓްރެޕް މަސްތަކެވެ.

އެތެރެއަށް ނޭވާލުން މައިގަނޑު ގޮތެއްގައި ހިންގަނީ ޑައަފްރަމް އިންނެވެ. ޑައަފްރަމް ފިތުމުން(ކޮންޓްރެކްޓްވުމުން) ރިބްކޭޖް(Rib cage) ފުޅާވެ، މައިދާގައިވާ ތަކެތި(Abdominal contents) ތިރިއަށް ދެއެވެ. މިހެންވުމުން ތޮރަސިކް ކެވިޓީގެ(Thoracic cavity) ސައިޒު ބޮޑުވެ، ތޮރަކްސްގެ އެތެރޭގެ ޕްރެޝަރު ދަށްވެއެވެ. މިގޮތަށް އެތެރޭގެ ޕްރެޝަރު ދަށްވުމުން ސާފު ވައި ނޭވާލާ ނިޒާމްގެ މަތީބަޔަށް ވާޞިލްވެ، ދައުރުވަމުން އައިސް ފުއްޕާމެޔަށް ފޯރައެވެ.

ގަދަ ކަމުން އެތެރެއަށް ނޭވާލާއިރު މިސާލަކަށް އަހަރެމެން ފުން ނޭވާއެއް އެތެރެއަށްލާއިރު، އެކްސްޓާރނަލް އިންޓަކޯސްޓަލް މަސަލް އަދި އެކްސަސަރީ ރެސްޕިރޭޓަރީ މަސަލް(Accesory respiratory muscle) ތައް ގުޅިގެން ތޮރަސިކް ކެވިޓީ އިތުރަށް ފުޅާ ކުރުވައެވެ.

ބޭރަށް ނޭވާލުން[އުނިއިތުރު ގެންނަވާ]

ބޭރަށް ނޭވާލުމަކީ ޕެސިވް ޕްރޮސަސް އެކެވެ. ގަދަ ކަމުން ބޭރަށް ނޭވާލެވެނީ ބަނޑާއި، އިންޓާރނަލް އިންޓަކޯސްޓަލް(Internal intercostals muscle) މަސްތަކުގެ އެހީގައެވެ. ފުއްޕާމެޔަށް ތަބީޢީ ގޮތުން އިލާސްޓިކް ކަމެއް ލިބިފައިވެއެވެ. އެތެރެއަށް ނޭވާޅުމުގައި ކުރިމަތިވާ، ޑައަފްރަމް ފިތި، ރިބްކޭޖް ފުޅާވުމުގެ ބަދަލުގައި ބޭރަށް ނޭވާލާއިރު ޑައަފްރަމް ހަމައަކަށް އެޅި، ރިބްކޭޖް ހަނިވެގެން ދެއެވެ. އެއާއެކު ވައި ބޭރަށްލާ ނޭވަޔާއެކު ބޭރުވެގެން ދެއެވެ.

ލޭދައުރުކުރުން[އުނިއިތުރު ގެންނަވާ]

ހިތުގެ ކަނާތު ފަޅީގައިވާ ކަނާތު ވެންޓްރިކްލް އިން ސެމިލޫނަރ ޕަލްމޮނަރީ ވޭލް ހުރަސްކޮށް ޕަލްމޮނަރީ ޓްރަންކް އަށް ލޭފޮނުވައެވެ. ޕަލްމޮނަރީ ޓްރަންކް ދެފަޅި އަށް ބައިވެފައިވެއެވެ. ނުވަތަ ދެ ލޭހޮޅިއަށް ކަފި ވެފައިވެއެވެ. އެއީ ކަނާތު ޕަލްމޮނަރީ އާޓަރީ އާއި ވާތު ޕަލްމޮނަރީ އާޓަރީ އެވެ. ވައި ދައުރުކުރާ މަގުގެ އެކި ހިސާބު ތަކުގައި މިލޭހޮޅިތައް ކަފިވެގެން އިތުރު ކުދި ގޮފިތައް އުފެދިފައި ވެއެވެ. ޕަލްމޮނަރީ ކެޕިލަރީ ތަކުގެ ތެރޭގައި ގޭސް ބަދަލު ކުރުމުގެ މަސައްކަތް(ލޭގައި ހިމެނޭ ވިހަ ކާބަންޑައި އޮކްސައިޑް ހަށިގަނޑުން ބޭރުކުރުމަށްޓަކައި ފުއްޕާމޭގެ ތެރެއަށް، އަދި ފުއްޕާމޭގައި ހިމެނޭ ސާފުވައި ހަށިގަނޑުގެ އެކި ހިސާބަށް ފޯރުކޮށްދިނުމަށް ލޭގެ ތެރެއަށް ދޫކުރުން) ފުރިހަމަކޮށް ނިމުމުން ފުއްޕާމެޔަށް ވާޞިލްވި ލޭ އަނބުރާ ޕަލްމޮނަރީ ވެއިން ތައް ހުރަސްކޮށް ހިތުގެ ވާތް ފަރާތުގައިވާ ވާތު އެޓްރިއަމް އަށް ވާޞިލްވެއެވެ.

ގޭސް ބަދަލުކުރުން[އުނިއިތުރު ގެންނަވާ]

ނޭވާލާ ނިޒާމްގެ މައިގަނޑު އެއް މަސައްކަތަކީ ގޭސް ބަދަލު ކުރުމެވެ.އެތެރެއަށް ނޭވާލުމުގެ ތެރޭގައި ގޭސް ބަދަލު ކުރުމުގެ މަސައްކަތް ހިގަނީ ކުދި ވައިކޮތަޅު ތަކާއި އެވައިކޮތަޅު ތަކުގެ ފާރުގައިވާ ޕަލްމޮނަރީ ކެޕިލަރީ ތަކާ ދެމެދުގައެވެ. ވައިކޮތަޅު ތަކުގެ ފާރަކީ ވަރަށް ތުނި އެއްޗެކެވެ. ގާތް ގަނޑަކަށް އޭގެ ބޯމިން އުޅެނީ 0.2 މައިކްރޯމީޓަރު ގައެވެ. ވައިކޮތަޅުގެ ފާރުގައިވާ ޕަލްމޮނަރީ ކެޕިލަރީގެ ފާރަކީ ވެސް ތުނި އެހާމެ ތުނި އެއްޗެކެވެ. އެހެންކަމުން ފަސޭހަ ކަމާއެކު އެދެމެދުގައި ގޭސް ބަދަލުކުރެވެއެވެ.

ވައިކޮތަޅު ގައި ހިމެނޭ ވައި ނުވަތަ އޮކްސިޖަން ޕަލްމޮނަރީ ކެޕިލަރީގެ ތެރެއަށް(ލޭގެ ތެރެއަށް) އައުމުން ، ޕަލްމޮނަރީ ކެޕިލަރީގައި ހިމެނޭ(ލޭގައި ހިމެނޭ) ކާބަންޑައި އޮކްސައިޑް، ވައިކޮތަޅުގެ ތެރެއަށް ފޮނުވާލައެވެ. މިހާލުގައި ޕަލްމޮނަރީ ކެޕިލަރީ ގައިވާ ލޭ ހުންނާނީ އޮކްސިޖަން- މުއްސަދި އެއްޗެއްގެ ގޮތުގައެވެ. އަދި ކާބަންޑައި އޮކްސައިޑް ފުއްޕާމޭގައި ހިފެހެއްޓިފައި ހުރެއެވެ. އަދި ބޭރަށް ނޭވާލުމުގެ ތެރޭގައި ކާބަންޑައި އޮކްސައިޑް ހަށިގަނޑުން ބޭރުކޮށްލައެވެ.

އާދައިގެ ޞިއްޙަތު ސަލާމަތުން ހުރި މީހަކު ރަގަޅަށް ހުންނައިރު ނޭވާލާ ކޮންމެ ފަހަރަކު 250މލ ގެ އޮކްސިޖަން ފުއްޕާމޭގެ ތެރެއަށް ކޮންމެ މިނިޓަކު ވަދެއެވެ. އަދި 200މލ ގެ ކާބަންޑައި އޮކްސައިޑް ކޮންމެ މިނިޓަކު ފުއްޕާމެއިން ބޭރުކޮށްލައެވެ.

ނޭފަތް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ނޭފަތް

ނޭފަތް ނުވަތަ (އިނގިރޭސި ބަހުން: Nose) އަކީ ނޭވާލާ ނިޒާމް ގެ ބައިތަކުގެ ތެރެއިން ހަށިގަނޑުން ބޭރަށް ފެންނަ އިންނަ ގުނަވަނެކެވެ. ނޭފަތުގެ ބައްޓަން ކަނޑައަޅައިދެނީ ނޭފަތުގެ ދަށުގައިވާ އެޘްމޮއިޑް ކަށިކޮޅު(Ethmoid bone) އަދި ނޭފަތުގެ ހިނދުރި ވަކިކުރުމަށް އިންނަ މަޑުކަށީގެ ފާރު(Nasal septum) އިންނެވެ. ނޭފަތް ހިމެނޭ ހިސާބު އެތެރޭގެ ލޭހޮޅިތައް ސިކުނޑީގައިވާ ލޭނާރު ފުންޏަކާއި ގުޅިފައި ވެއެވެ. މިކަމުގެ ސަބަބުން ނޭފަތުގެ އެތެރޭގެ ހިސާބުތަކުގައި އަށަގަންނަ އިންފެކްޝަން ބައެއް ފަހަރު ސިކުނޑިއަށް ފޯރާގޮތްވެއެވެ. މިބުނި ހިސާބަކީ ނޭފަތުގެ މަތިން ފެށިގެން ތިރިއަށް އަނގައިގެ ކަނަށެވެ. މިގޮތުން ކަނޑައެޅޭ ހިސާބަށް ޑޮކްޓަރުން މޫނުގެ ނުރައްކާތެރި ތިނެސްކަން(Danger triangle of the face) އޭ ކިޔައެވެ.

ނޭވާލާ ނިޒާމްގެ މުހިއްމު ބައިތައް[އުނިއިތުރު ގެންނަވާ]

ނޭފަތުގެ ހިނދުރި[އުނިއިތުރު ގެންނަވާ]

ނޭފަތުގެ ހިނދުރި އަކީ ނޭފަތުން ބޭރަށް ހުޅުވިފައި އިންނަ ހުޅުވުމެވެ. ނޭވާލުމުގެ ތެރޭގައި އޮކްސިޖަން ހަށިގަނޑަށް އެތެރެވެ، އަދި ކާބަން ޑައިއޮކްސައިޑް ހަށިގަނޑުން ބޭރުވެގެން ދަނީ ނޭފަތުގެ ހިނދުރި ހުރަސްކޮށެވެ.

ނޭފަތުގެ މަގު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ނޭފަތުގެ މަގު

ނޭފަތުގެ މަގު ނުވަތަ (އިނގިރޭސި ބަހުން: Nasal cavity) އަކީ ނޭފަތުގެ ހިނދުރީގެ އެތެރެއެވެ. މިއީ މޫނުގެ މެދުގައި ނޭފަތުގެ ތެރޭގައި ވައި ޖަމާވެފައި ހުންނަ ތަނެކެވެ. ނޭވާލުމުގެ ތެރޭގައި ނޭފަތުގެ މަގު ހުރަސްކޮށް ވައި ދައުރުވާ ދައުރުވުމުގައި އެވައި ފިނި ނުވަތަ މަޑު ތެތްކަމެއް ހުންނަ އެއްޗަކަށް ހަދައެވެ. އަދި މިހިސާބުގައި ހިމެނޭ ކުދިކުދި ލޯލި އިސްތަށި ތަކުގެ އެހީގައި ވައިގެ ތެރޭގައި ހިމެނޭ ހިރަފުހާއި، އެހެނިހެން ހަށިގަނޑާ ބީރައްޓަހި މާއްދާތައް ވަކިކޮށް ހަށިގަނޑުން ބޭރުކުރުވައެވެ. ހަމަ މިގޮތަށް ނޭފަތުގެ މަގުގައި އުފެދޭ ދަވަ މިބުނި ލޯލި އިސްތަށި ތަކުގެ އެހީގައި ފަހަތަށް ގެންގޮސް އަރުތެރެއަށް ފޯރުކުރުވައި، ދިރުވާލައެވެ.

އަރުތެރެ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަރުތެރެ

އަރުތެރެ ނުވަތަ (އިނގިރޭސި ބަހުން: Pharynx) އަކީ އަނގަ އަދި ނޭފަތުގެ ހޮއިގެ ފަހަތުން ކާތަކެތި ހިގާ ހޮޅި، އަޑު ފޮށި އަދި ވައި ނޮޅިގެ މަތިން އިންނަ ބައެކެވެ. އަރަކީ ކަރު އަދި ކަރުތެރޭގެ ބައެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ. މިއީ އަނގައިގެ ފަހަތުގައި ކާތަކެތި ހިގާހޮޅިއާއި އަނގަޔާއި ދެމެދުގައި ވާބައެވެ. ނުވަތަ މިދެބައި ގުޅުވާލަދޭ ބައެވެ. ދިވެހި ބަހުން އަރު ވެސް ކިޔަނީ މިހިސާބަށް ކަމަށް ލަފާކުރެވެއެވެ.

އަޑު ފޮށި[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަޑު ފޮށި

އަޑު ފޮށި ނުވަތަ (އިނގިރޭސި ބަހުން: Larynx) އަކީ އިންސާނުންނާއި ބައެއް ޖަނަވާރުންގެ ކަރުގެ އެތެރޭގައި އިންނަ ގުނަވަނެކެވެ. އަޑު ފޮށީގެ މަސައްކަތަކީ ވައި ނޮޅި ހިމާޔަތްކޮށްދީ އަޑު އުފެއްދުމުގައި ބައިވެރިވުމެވެ. އަޑު ފޮށި އިންނަނީ ވައި ނޮޅިގެ މަތިން އަރުތެރެގެ ތިރިން ކާތަކެތި ހިގާ ހޮޅި އާއި އަރުތެރެ ގުޅޭ ހިސާބުގައެވެ. ކާތަކެތި ދިރުވުމުގެ ތެރޭގައި އަޑު ފޮށީގެ މަތި އެޕިގްލޮޓިސް]]ގެ އެހީގައި ބައްދާލައެވެ. މީގެ ބޭނުމަކީ ކާތަކެތި ވައި ނޮޅިގެ ތެރެއަށް ވަދެ، ފުއްޕާމޭ އާއި، ހަމައަށް ވާޞިލްވިޔަ ނުދިނުމެވެ. ކާއެއްޗެއް އަޑު ފޮއްޓަށް ފޯރައިގެން އަޑު ފޮށި ހީވާގިވެ މުރާލި ވެއްޖެނަމަ ކެއްސުން ކުރިމަތި ކުރުވައެވެ. މިގޮތުން ކެއްސުން ކުރިމަތިވަނީ އަޑު ފޮއްޓަށް ވާޞިލްވި މާއްދާއިން ފުއްޕާމޭ ހިމާޔަތްކޮށް ރައްކާކުރުމަށް ޓަކައެވެ.

ވައި ނޮޅި[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ވައި ނޮޅި

ވައި ނޮޅި ނުވަތަ (އިނގިރޭސި ބަހުން: Trachea) އަކީ ނޭވާލާ ނިޒާމް ގައި އަޑު ފޮށި އިން ފެށިގެން ވައި ނޮޅީގެ ކަފިއާއި ހަމައަށް އިންނަ ނޭވާ ދައުރުކުރާ ހޮޅިއެކެވެ. ނޭފަތުން އެތެރެއަށް ވަން އޮކްސިޖަން ފުއްޕާމޭއާ ހަމައަށް ވާޞިލްވުމުގެ ތެރޭގައި ވައިދައުރުކުރަނީ މިހޮޅީގެ ތެރެއިންނެވެ. އެތެރޭގެ ދިގު ހުރަސް މިނުގައި 25-20 މިލިމީޓަރު ހުންނަ މިހޮޅީގެ ދިގުމިނުގައި 16-10ސެންޓިމީޓަރު ވަރު ހުރެއެވެ. ވައި ނޮޅީގެ އެޕިތީލިއަމްގެ ވައްތަރަކީ ސޫޑޯސްޓްރެޓިފައިޑް ސިލިއޭޓެޑް ކޮލަމްނާ އެޕިތީލިއަމް(Pseudostratified ciliated columner epiththelium) އެވެ. މީގެ އިތުރުން ވައި ނޮޅީގެ ތެތް ދުލިފަށަލައިގައިވާ ގޮބްލެޓް ސެލް(goblet cell) ތަކުން ދަވަ ބޭރުކުރެއެވެ. ކުރިން ބުނި އެޕިތީލިއަމް އަކީ ނަރުވާ އެކުލެވޭ އެޕިތީލިއަމް އެއް ކަމަށްވުމުން ވައި ނޮޅީގެ ތެރެއަށް ހަށިގަނޑާ ބީރައްޓަހި މާއްދާއެއް ވާޞިލްވެއްޖެނަމަ އެނަރުވާ ތަކުގެ އެހީގައި މައްޗަށް ގެންގޮސް އަޑު ފޮށި ހުރަސްކޮށް އަރުތެރެ އަށް ފޮނުވާލައެވެ. އެއަށްފަހު އަރުން އެދިރުވާލުމުން މައިދާއަށް ވާޞިލްވެ ނެތިދެއެވެ.

ވައި ނޮޅީގެ މަތިން ތިރިއަށް ސީ އަކުރުގެ ބައްޓަމަން(C-shaped) ހުންނަ މަޑުކަށިން އުފެދިފައިވާ ބުރު ނުވަތަ ރިންގް ތަކެއް ހުރެއެވެ. މިރިންގް ތަކުގެ އަދަދު އުޅެނީ 20-15 އާދެމެދުގައެވެ. މި ރިންގްތަކުގެ ބޭނުމަކީ ނޭވާ ހިގާ މަގު ފިތުނަނުދީ ރައްކާތެރިކަމާއެކު ބެހެއްޓުމަށް އެހީތެރިވުމެވެ.

ވައި ނޮޅީގެ ކަފި[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ވައި ނޮޅީގެ ކަފި

ވައި ނޮޅީގެ ކަފި ނުވަތަ (އިނގިރޭސި ބަހުން: Bronchus) އަކީ ވައި ނޮޅި އިން ފުއްޕާމޭ އަށް ވައި ފޮނުވައިދިނުމަށް ވައި ނޮޅީގެ ނިމޭ ހިސާބުން ކަފިވެގެން ދެފަރާތުގެ ފުއްޕާމޭގެ ތެރެއަށް ވަދެފައިވާ ވައިދައުރުވާ ކަފި ތަކެކެވެ. މިގޮތުން ވައި ނޮޅިން ކޮންމެ ފަރާތެއްގެ ފުއްޕާމޭ އަށް ކަތްޕެއް ވަދެފައިވެއެވެ.

ކަނާތު ވައި ނޮޅީގެ ކަފި ކުރުވެފައި، ފުޅާކަން ފާހަގަ ކުރެވެއެވެ. އަދި މިކަފި އިންނަނީ ވައި ނޮޅި އާއި ތަންކޮޅެއް ބޮޑަށް ސީދާވާގޮތަށެވެ. ކަނާތު ވައި ނޮޅީގެ ކަފި އިންނަނީ ފުއްޕާމޭގެ ތެރޭގައި އިތުރު 3 ބަޔަށް ކަފިވެފައެވެ. ވާތު ވައި ނޮޅީގެ ކަފި އިންނަނީ ފުއްޕާމޭގެ ތެރޭގައި އިތުރު 2 ބަޔަށް ކަފިވެފައެވެ.

ކުދި ވައިކޮތަޅު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކުދި ވައިކޮތަޅު

ކުދި ވައިކޮތަޅު ނުވަތަ (އިނގިރޭސި ބަހުން: Alveolus) އަކީ ފުއްޕާމޭ ގެ ތެރޭގައި ލެޔާއި ފުއްޕާމެޔާއި ދެމެދު ހިގާ ގޭސްތައް ބަދަލުކުރުމުގެ މަސައްކަތް(އޮކްސިޖަން ލެޔަށް ފޯރުކޮށްދީ، ކާބަން ޑައިއޮކްސައިޑް ފުއްޕާމޭގެ ތެރެއަށް ދޫކުރުން) ހިންގާ މައިމަރުކަޒެވެ.

ފުއްޕާމޭގެ ތެރޭގައި 300 މިލިއަން ކުދި ވައިކޮތަޅު ހުރެއެވެ. މިވައިކޮތަޅު ތަކުގެ ބޯމިނުގައި 0.2 މައިކްރޯމީޓަރު ހުރެއެވެ. ކުދި ވައިކޮތަޅުގެ ފާރުގައި މައިގަނޑު 3 ވައްތަރެއްގެ ސެލް ހުރެއެވެ.

  • ފުރަތަމަ ވައްތަރުގެ ސެލް: މިއީ ވައިކޮތަޅުގެ ފާރު ބިނާވެގެންވާ ސެލްތަކެވެ.
  • ދެވަނަ ވައްތަރުގެ ސެލް: މިސެލްތަކުން ސާރފެކްޓަންޓް ކިޔާ މާއްދާއެއް ދޫކުރެއެވެ.
  • ތިންވަނަ ވައްތަރުގެ ސެލް: މިސެލްތަކުން ބެކްޓީރިއާ ފަދަ ހަށިގަނޑާ ނުގުޅޭ މާއްދާތައް މަރައި ނެތިކޮށްލައެވެ.

ފުއްޕާމޭ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފުއްޕާމޭ

މިއީ ނޭވާލުމުގެ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ.ފުއްޕާމޭ ނުވަތަ (އިނގިރޭސި ބަހުން: Lung) އަކީ ނޭވާލާ ނިޒާމްގައި ހިމެނޭ އެންމެ މުހިއްމު ގުނަވަނެވެ. މިގުނަވަނުގެ މައިގަނޑު މަސައްކަތަކީ ޖައްވުން ސާފުވައި ނުވަތަ އޮކްސިޖަން ހަށިގަނޑުގެ އެތެރެ އަށް ފޯރުކޮށްދިނުމާއި، ލޭގައި ހުންނަ ވިހަ ކާބަންޑައި އޮކްސައިޑް ފުއްޕާމޭގެ ޒަރީޢާއިން ހަށިގަނޑުން ބޭރުކުރުމެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރެވޭ ޕުލްމޯ، ނިއުމޯ(Pulmo/pneumo)މިބަސްތަކުން ދޭހަކޮށްދެނީ ފުއްޕާމެޔާ ގުޅުންހުރި މިހެންނެވެ.

ނޭވާލާ ނިޒާމް ހެދިބޮޑުވުން[އުނިއިތުރު ގެންނަވާ]

މާބަނޑު ދުވަސްވަރު ކުޑަ ދަރިފުޅު ބަނޑުގައި ހޭދަކުރާއިރު އެކުއްޖާގެ ނޭވާލާ ނިޒާމް ހޭދަކުރަނީ ހިމޭންކަންމަތީގައެވެ. ނުވަތަ ޑޯރމެންޓްކޮށެވެ. މާނައަކީ މާބޮޑު ހަރަކާތެއް ނެތިއެވެ. ދުވަސް ނުފުރާ ވިހާ ކުދިންނަށް ބައެއް ފަހަރު ނޭވާލުން ފޭލްވުން ފަދަ ކަމެއް ދިމާވުން އެކަށީގެންވެއެވެ. އެއީ ފުއްޕާމޭގެ ވައިކޮތަޅުގައި ދެވަނަ ވައްތަރުގެ ސެލް ރަގަޅަށް ފުރިހަމަ ނުވާތީއެވެ.

ނޭވާލާ ނިޒާމަށް ކުރިމަތިވާ ބަލީގެ ބައެއް ޙާލަތްތައް[އުނިއިތުރު ގެންނަވާ]

ނޭވާލާ ނިޒާމަށް ކުރިމަތިވާ ބަލީގެ ޙާލަތްތައް މައިގަނޑު 4 ބަޔަކަށް ބަހާލެވިދާނެއެވެ.

  • ނޭވާލާ ނިޒާމް ތާށިކުރުވާ ޙާލަތްތައް: އެމްފިޒީމާ، ވައިނޮޅީގެ ކަފި ދުޅަވުން، ނޭވާ ހިއްލުން
  • ނޭވާލާ ނިޒާމްގެ މަސައްކަތް ވަކި ހުދޫދެއްގައި ހިފަހައްޓާ ޙާލަތްތައް: ފައިބްރޯސިސް، ސާކޮއިޑޯސިސް
  • ނޭވާލާ ނިޒާމާ ގުޅޭ ލޭގެ ބަލިތައް: ޕަލްމޮނަރީ އެޑީމާ، ޕަލްމޮނަރީ އެމްބޮލިޒަމް، ޕަލްމޮނަރީ ހައިޕަޓެންޝަން
  • ނޭވާލާ ނިޒާމަށްޖެހޭ އިންފެކްޝަން އަދި އެހެނިހެން ބަލިތައް: ކެއްސުން ބަލި، ނިއުމޯނިޔާ، އެސްބެސްޓޯސް އަށް ހުށަހެޅުން.

އަދިވެސް އިތުރަށް ބައްލަވާލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]