ނޮޅިވަރަމު (ހދ. އަތޮޅު)

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ Nolhivaram (Haa Dhaalu Atoll) އިން)

ނޮޅިވަރަމް

ޚުލާސާ މައުލޫމާތު
އަތޮޅު ތިލަދުންމަތީ ދެކުނުބުރި
އޮންނަތަން
އަކަމިން 221.10 ހެކްޓަރު
އާބާދީ 2192
ދިގުމިން 2170m
ފުޅާމިން 1150m
މާލެ އާއި ހުރި ދުރުމިން 277.80km
އިދާރީ މައުލޫމާތު
ރަށު ކަތީބު ޢަލީ ރަޝީދު
ރަށު އޮފީސް ފޯން ނަމްބަރު +960 6520043
ރަށު ފެކްސް ނަމްބަރު +960 6520043
ނޮޅިވަރަމު. ސެޓްލައިޓްފޮޓޯ. ގޫގްލް އަރތް

06°39′49″N 73°04′58″E / 6.66361°N 73.08278°E / 6.66361; 73.08278"

ނޮޅިވަރަމަކީ ތިލަދުންމަތީ ދެކުނުބުރީގެ އިރުމަތީ ބިތުގައި އަތޮޅުވެރިކަން ކުރާރަށް ކުޅުދުއްފުއްޓާއި، ކުރިން އަތޮޅުވެރިކަން ކުރި ނޮޅިވަރަންފަރާ ދެމެދުގައި، ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ 277.80 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. މިރަށަކީ އަތޮޅުގެ ނިސްބަތުން ބިން ބޮޑު، އާބާދީގެ ގޮތުން ދެވަނައަށް އެންމެ ގިނަ މީހުން ދިރިއުޅޭ ރަށެވެ. މިރަށަށް ދީފައިވާ ނަންބަރަކީ B9 އެވެ. މިރަށުގެ ބިމުގެ ބޮޑުމިނަކީ 221.10 ހެކްޓަރެވެ. ދިގުމިނުގައި 2170 މީޓަރު، ފުޅާމިނުގައި 1150 މީޓަރު ހުރެއެވެ. މިރަށަކީ ރާއްޖޭގެ ގިނަރަށްތަކެކޭ އެއްފަދައިން ލަފާފުރުމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. ގުދުރަތީ ފަޅެއް ނެތް، މާކަނޑުގެ ބޮޑެތި ރާޅުތަކަށް ހުޅުވިފައިވާ ގާމަތި ރަށެކެވެ. މިކަމުގެ ސަބަބުން އަހަރުގެ ގިނަ ދުވަސްތަކުގައި ރަށުން ފުރުމަކީ ދަތި އުނދަގޫ ކަމެކެވެ. ރަށުން ފުރަން އުޅުމުގެ ތެރޭގައި ރާޅުދަށުލައިގެން ހިތާމަވެރި ހާދިސާތައް ހިނގައި މީސްމީހުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ނަމަވެސް 2006 ވަނަ އަހަރު ސަރުކާރުން ފެއްޓެވި ބަނދަރު ހެދުމުގެ މަސައްކަތް، 2007 އެޕްރީލްގައި ވަނީ ނިމިފައެވެ. މި ބަނދަރަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން، އެއްގަމު ތޮށި ޝީޓްޕައިލްކޮށް، ބޭރު ތޮށި ބޮޑުހިލަ އަތުރައިގެން ހަދައިފައިވާ ބަނދަރެކެވެ. މިރަށް މަޝްހޫރުވެފައިވަނީ އެންމެ ގިނައިން ބިލެތް ހައްދާ، މާލެ ގެނެސް ވިއްކާ ރަށުގެ ގޮތުގައެވެ. މާލޭގައި ހުންނަ ރާއްޖޭގެ ތަކެތި ވިއްކާ މާރުކޭޓުގައި ވިއްކަން ހުންނަ ބިލެތުގެ ބޮޑުބައެއް ހިއްސާކުރަނީ މިރަށުގެ ބިލެތެވެ.


އާބާދީ:[އުނިއިތުރު ގެންނަވާ]

2009 ޖޫން މަހުގެ ނިޔަލަށް މިރަށުގެ އާބާދީގެ ޖުމުލައަކީ 2192 މީހުންނެވެ.


އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް:[އުނިއިތުރު ގެންނަވާ]

ނޮޅިވަރަމުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ޒަމާނުއްސުރެ ކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ. އެންމެ ގިނައިން ހައްދާ ބާވަތަކީ ބިލެތާއި ފަތްކޭލެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ހައްދާ ބާވަތަކީ ދިވެހިންގެ ދުފުމުގައި ބޭނުންކުރާ ބިލެތެވެ. ބިލެތް ހައްދަނީ ގޯތިތެރޭގަޔާއި ވަލުތެރޭގައެވެ. ބިލެތަކީ ވެލަށް ދުވާ އެއްޗެއްކަމުން، ބިލެތް އަރުވަނީ ބޮޑެތި ގަސްގަހަށެވެ. މިގޮތުން އެންމެ ގިނައިން ބިލެތް އަރުވާފައި ހުންނަނީ ވަރުކަނދު ގަސްގަހަށާއި ރުއްރުކަށާއި މިދިލި ގަހަށެވެ. މާކަށިކެޔޮ ގަސްގަހަށާއި މުރަނގަ، އުނި، ނިކަ ފަދަ ގަސްގަހަށް ވެސް އަރުވައެވެ. މޭވާ އަޅާ ބޮޑެތި ގަސްގަހަށް ވަރަށް ނާރުވައެވެ. އެއީ ބިލެތަކީ އޭގެ ހަކިތަކުން ގަހުގައި ހުންނަ ފެން ދަމާ އެއްޗަކަށް ވާތީ އެފަދަ ގަސްގަސް މަރުވާތީއެވެ. ޚާއްސަކޮށް އަނބުގަސްގަހަކަށް ބިލެތެއް ނާރުވައެވެ.

ދެން އެންމެ ގިނައިން ހައްދާ ބާވަތަކީ ފަތްކޭލެވެ. ފަތްކޭލުގެ ތަފާތު ވައްތަރުތައް ހައްދައެވެ. ފަތްކެޔޮ ހައްދަނީ ގޯތިތެރޭގަޔާއި ކެޔޮ އިންދުމަށް ޗަސްބިމުން ދޫކޮށްފައިވާ ބިންތަކުގައެވެ.

މިރަށުގެ ރައްޔިތުންނަށް ފަސްއަހަރުގެ މުއްދަތަށް 2006 ވަނަ އަހަރު ވަނީ ދަނޑުދޫކޮށްފައެވެ. މިދަނޑުތަކުގައި އެންމެ ގިނައިން ހައްދާ ބާވަތްތަކަކީ ފަޅޯ، ބަރަބޯ، ކަރާ، މިރުސް، ބޮޑުކެކުރި (ކިޔުކަންބާ)، ބޮނޑިކޮޕީ އާއި ވިލާތުބަށި (ޓޮމާޓޯ) އެވެ. މަދުމަދުން ކެރެޓްވެސް ހައްދައެވެ. ދަނޑުވެރިކަމުގެ އިތުރުން އާމްދަނީ ހޯދުމަށް ކޮށްއުޅޭ މަސައްކަތްތަކަކީ މަސްވެރިކަމާއި، ފަންގިވިނުމާއި، ރޯނުވެށުމާއި، ވަޑާންކުރުމާއި ރޭނުން ފަދަ މަސައްކަތްތަކެވެ.

ފަޅުގެ ދަތިކަން ބޮޑުކަމުން އޮޑިދޯނިފަހަރު ގެންގުޅޭވޭ ވަރުނުވާތީ، ކުރިން މަސްވެރިކަން އެންމެ އެދެވޭވަރަކަށް ނުކުރެވުނު ނަމަވެސް 2007 ގައި ބަނދަރު ހެދުމާ ގުޅިގެން މަސްވެރިކަމަށް ހެޔޮ ބަދަލެއް އަންނަކަމުގެ ނިޝާންތައް މިހާރުދަނީ ފެންނަމުންނެވެ. ރަށުގައި މަސްވެރިކަމުގެ މަސައްކަތުގައި އެންމެ ދުވަސްވީ ފަރާތުން، 2010 ވަނަ އަހަރު ވަނީ 90 ވަރަކަށް ފޫޓުގެ މަސްދޯންޏެއް ބަނދެ ދުއްވަން ފަށައިފައެވެ.

ރަށުގައި ހުންނަނީ ވިޔަފާރިކުރާ އަމިއްލަ މީހުންގެ 13 ފިހާރައެވެ. ރައްޔިތުންގެ ފިހާރައެއް ނުހުރެއެވެ. ފަހާތަނުގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ޚިދުމަތްދޭ އެއް ތަން އެބަހުއްޓެވެ. ރެސްޓޯރެންޓެއް އަދި ނެތް ކަމުގައިވިޔަސް 2009 ވަނަ އަހަރުގެ ނިޔަލަށް ސައިހޮޓާ ކެފޭ ފަދަ ތަންތަނުގެ ގޮތުގައި ތިން ތަނެއްގެ ޚިދުމަތް ލިބެމުން ދެއެވެ.

އަސާސީ ޚިދުމަތްތައް:[އުނިއިތުރު ގެންނަވާ]

ތައުލީމު[އުނިއިތުރު ގެންނަވާ]

މިރަށުގެ ގިނަ މީހުންނަކީ އަސާސީ ތައުލީމުގެ ފެންވަރަށް ތަކެތި ދަންނަ ބައެކެވެ. ނަމަވެސް ފާހަގަކޮށްލެވޭ ފެންވަރުގެ އިލްމީ މީހުން ވަރަށް މަދެވެ. ރާއްޖޭގެ ރަސްމީ މުގައްރަރަށް ކިޔަވައިދޭން ފެށީ 1989 ގައެވެ. އޭރު ވެސް މިހާރުވެސް ހުރީ އެންމެ ސްކޫލެކެވެ. ކުރިން ކިޔަނީ ނޮޅިވަރަމު މަކްތަބެވެ. މިހާރު ނޮޅިވަރަމު ސްކޫލެވެ. 2006 ވަނަ އަހަރާ ހަމައަށް މިސްކޫލު ހިންގީ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު މިސްކޫލަކީ 500 އަށް ވުރެ ގިނަ ކުދިން ކިޔަވާ، ސަރުކާރުން ވަކި ބަޖެޓެއް ދެއްވާފައިވާ ސަރުކާރުގެ ސްކޫލެކެވެ.

މިސްކޫލުގައި ކިޔަވައިދެނީ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 ހަމައަށެވެ. ސެކަންޑަރީއަށް ކިޔަވައިދޭން ފެށީ 2003 ވަނަ އަހަރުގައެވެ. މިހާރު މިސްކޫލުގައި ދެ ސްޓްރީމް ( ސައިންސް ސްޓްރީމް އާއި ކޮމާސް ސްޓްރީމް) އަށް ކިޔަވައިދެއެވެ. ސައިންސް ސްޓްރީމަށް ކިޔަވައިދޭން ފެށީ 2005 ގައެވެ. މީގެ އިތުރުން ޕްރީ ސްކޫލް ތައުލީމް ދޭ ރައްޔިތުންގެ ސްކޫލަކާ އަމިއްލަ ދެ ފަރާތަކުން ހިންގާ ދެ ޓިއުޝަން ކްލާސް އެބަހުއްޓެވެ. ޕްރީ ސްކޫލުގައި އެންމެ މައްޗަށް ކިޔަވައިދެނީ ޔޫ.ކޭ.ޖީ އާ ހަމައަށެވެ. ޓިއުޝަން ކްލާސްތަކުގައި ގްރޭޑް 1 އިން 10 އަށް ކިޔަވައިދެއެވެ.

ސިއްހަތު[އުނިއިތުރު ގެންނަވާ]

ރަށުގެ ސިއްހީ ޚިދުމަތް ދޭ ތަނެއްގެ ގޮތުގައި ހިންގަމުންއައި ހެލްތުޕޯސްޓް ސިއްހީ މަރުކަޒަކަށް ބަދަލު ކުރެވުނީ 7 އެޕްރިލް 2003 ގައެވެ. ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އާ އިމާރާތެއް ބިނާކޮށް ހުޅުވާފައިވަނީ 2005 ވަނައަހަރުގައެވެ. މިހާރު މި މަރުކަޒުގެ ޚިދުމަތް، ހަފުތާގެ ކޮންމެ ދުވަހަކު ހެނދުނު 7:30 ން ރޭގަނޑު 11:00 ށް މެދުކެނޑުމެއް ނެތި ލިބެން ހުރެއެވެ. 2006 ވަނަ އަހަރުގެ ތެރޭގައި ލެބޯޓަރީ ގާއިމުކޮށް ތެލެސީމިއާ ކުދިންނަށް ލޭ އަޅައި ދިނުމުގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

މިތަނުގައި ޚިދުމަތް ދޭން ހުންނަނީ ޑޮކްޓަރަކާއި 5 ނަރުހަކާއި ޖަމާއަތުގެ ސިއްހީ އެހީތެރިޔަކާ އާއިލާގެ ސިއްހީ އެހީތެރިންގެ ދެމީހުންނެވެ. މީގެ އިތުރުން ފޫޅުމައިންގެ ދެ މީހުން ތިބެއެވެ.

ބޭސް ފިހާރައިގެ ގޮތުގައި ރަޖިސްޓަރީކޮށްގެން އަމިއްލަ މީހަކު ހިންގާ ބޭސްފިހާރައެއް ހުރެއެވެ.

އާންމުންގެ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް މަދުމަދުން ހިންގައެވެ. ސިއްހީ މަރުކަޒަށް އެންމެ ބާރު ބޮޑުވެގެން ދިޔައީ 2006 ވަނަ އަހަރުގެ މެދަކާ ހިސާބުން ރާއްޖެއަށް ތައާރަފުވީ ޗިކުންގުންޔާގެ ދުވަސްވަރެވެ. މިދުވަސް ވަރު ދުވާލަކު 10 ކާ 20 ދެމެދުގެ އަދަދަކަށް މީހުން އެނދުމަތި ކުރަން ޖެހުނެވެ.

ކަރަންޓް[އުނިއިތުރު ގެންނަވާ]

މިރަށަށް ކަރަންޓުގެ ޚިދުމަތް ދެނީ ރައްޔިތުން ހިންގާ އިންޖީނުގެއިންނެވެ. ރައްޔިތުންގެ އިންޖީނުގެ ބިނާކޮށް ރަށަށް ކަރަންޓު ދޫކުރަން ފެށުމުގެ ކުރިން ކަރަންޓުގެ ޚިދުމަތްދިނީ އަމިއްލަ ފަރާތްކުންނެވެ. ނަމަވެސް 1990 ގައި ނޮޅިވަރަމު ރައްޔިތުންގެ އިންޖީނުގެ ބިނާކޮށް ހުޅުވުނު ފަހުން މިއަދާ ހަމައަށް ވެސް ކަރަންޓުގެ ޚިދުމަތް ދެނީ ރައްޔިތުންގެ އިންޖީނުގެއިންނެވެ. ފުރަތަމަ ޚިދުމަތް ދޭން ބޭނުންކުރީ ރައްޔިތުންގެ މަސައްކަތުން ހޯދި 48 ކިލޯވޮޓްގެ ޖަނަރޭޓަރަކެވެ. އޭރު ކަރަންޓްގެ ޚިދުމަތް ދެނީ ހަވީރު 5:00 ން އަނެއް ދުވަހު ހެނދުނު 7:00 ށް، ޖުމުލަ 14 ގަޑިއިރަށެވެ. 2000 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ 68 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހަދިޔާކުރެއްވިއެވެ. މި ޖަނެރޭޓަރުގެ ބޭނުންކުރަން ފެށުމާއެކު 2000 ވަނަ އަހަރުގެ ތެރޭގައި 24 ގަޑިއިރަށް ކަރަންޓްގެ ޚިދުމަތް ފުޅާ ކުރެވުނެވެ. އޭގެ ފަހުން 82 ކިލޯވޮޓްގެ ޖަނަރޭޓަރެއް 2007 ވަނަ އަހަރުގެ ޖެނުއަރީމަހު ތެރޭގައި ވަނީ ސަރުކާރުން ދެއްވާފައެވެ.

2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ނޮޅިވަރަމުގެ އިންޖީނުގެއާއި ކަރަންޓުގެ ޚިދުމަތް ބަލަހައްޓަމުން ގެންދަނީ މަތިއުތުރު ޕްރޮވިންސްގެ ޔުޓިލިޓީ ކުންފުނީގެ ފަރާތުންނެވެ. ނަމަވެސް އިންޖީނުގެ ރަސްމީ ގޮތުން އެކުންފުންޏާ އަދި ހަވާލެއް ނުކުރެއެވެ.

ތާރީޚީ ގޮތުން ނޮޅިވަރަމު[އުނިއިތުރު ގެންނަވާ]

އައް ސުލްޠާން އިބްރާހީމް މުޒްހިރުއްދީނުގެ މައިކަނބަލުން އަތިރީ ކަމަނާ (ޢާއިޝާ)ގެ ބައްޕައަކީ މިރަށު ބޮޑުހަނދޭގިރި ތަކުރުފާނެވެ. މިތަކުރުފާނަކީ ތ. ދިޔަމިގިލި އަލް މުޡައްފަރު މުޙަންމަދު ޢިމާދުއްދީނާ އެއް ކިހުނު (އެއްބަނޑު) ބޭކަލެކެވެ.

ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ތަނަކަށް ހުރީ ހިޖުރައިން 1111 ވަނަ އަހަރު އައްޞުލްޠާން މުޙަންމަދު (ދެއްވަދޫ ރަސްގެފާނު)ގެ ރަސްކަމުގައި މިރަށުގައި ހިރިގަލުން ބިނާކުރެއްވި ހުކުރު މިސްކިތެވެ. މީގެ އިތުރުން ރަށުގެ އުތުރު ފަރާތު ހޭޅީގައި، ކަނޑުން ލެއްގި، ކާކުކަން ނޭނގޭ މީހެއްގެ ޒިޔާރަތެއް ހުރެއެވެ. މިތަނަށް މިރަށު މީހުން ކިޔަނީ "އާބޭ ޒިޔާރަތެވެ" ރަށުގެ އިރުމަތި ފަރާތު ، "މަގާންމަގު އަތިރި" ކައިރީގައި، ރަށުގެ މައިމަގު "އަމީނީމަގު" ކޮޅުގައި ދުވަސްވީ ކުޑަ އިމާރާތެއް ހުރެއެވެ. މިތަނަށް ކިޔަނީ "މަގާންފުޅު" އެވެ. ރަށުގެ މައިމަގުގެ ހުޅަނގުކޮޅުގައި "މުށިމަސް ޒިޔާރަތޭ" ކިޔާ ތަނެއްވެސް ހުރެއެވެ.

ބޯދާ ގަބޫލުކުރުންތަކުގެ ޒަމާނުގައި މިތަންތަނަކީ ވަރަށް ހުރުމަތްތެރި ތަންތަނެވެ. ރަށު ފަޅުތެރެއަށް މުށިމަސް ވެއްދުމަށްޓަކައި މުށިމަސް ޒިޔާރަތުގައި ވޮށް ދިއްލައި، ހުކުރު ހޯމަ ވިލޭރޭ ޞަލަވާތް ކިޔަވާ އުޅުނެވެ. މަގާންފުޅަކީ ބޮޑެތި ނަދުރުތައް ފުއްދުމަށް ކުދިން ކިރަން ގެންދާ ތަނެކެވެ.

ކުޅިވަރު[އުނިއިތުރު ގެންނަވާ]

މިރަށަކީ ޒަމާނުއްސުރެ ތަފާތު ކުޅިވަރުތައް ކުޅޭ ރަށެކެވެ. މީގެ ތެރޭގައި މިހާރު ރާއްޖެއިން އުވެމުންދާ ސަގާފީ ތަފާތު ކުޅިވަރުތައްވެސް ހިމެނެއެވެ.

ސަގާފީ ކުޅިވަރު[އުނިއިތުރު ގެންނަވާ]

ބޮޑުމާލި[އުނިއިތުރު ގެންނަވާ]

ބޮޑުމާލި ނަށަނީ.

ރަށުގައި 1990ގެ އަހަރުތަކުގެ ފަހުކޮޅާ ޖެހެންދެން ގަވާއިދުން "މާލިކުޅުން"އޮތެވެ. ނަމަވެސް އޭގެފަހުން މިކުޅިވަރު މެދުކެނޑިފައި އޮތުމަށް ފަހު 2007 ގެ ޑިސެމްބަރު މަހުގެ ތެރޭގައި (ޛުލް ޙިއްޖާ 1428ގައި) "ބޮޑުޢީދު" ގެ ތެރޭގައި އަލުން މާލިކުޅުން ވަނީ ފަށައިފައެވެ. މިކުޅިވަރު ކުޅޭނީ އަހަރަކު ދެފަހަރު ހަނދުމަހެއްގެ ހަނދުވަރު އެންމެ ރީތިވާ ރޭތަކުގައެވެ. ( މުޙައްރަމު މަހާއި ޙައްޖު މަހުގެ ހަނދުވަރު މޫސުމުގައެވެ.) "ބޮޑުމާލި" ނެށުން ފަށާނީ ރޭނގަނޑު ޢިޝާ ނަމާދަށް ފަހުގައެވެ. ނިންމާނީ މެންދަމު ބާރަ ޖެހީމައެވެ. ބޮޑުމާލި ނެށުމުގެ ކުރިން އިރުއޮއްސޭ ވަގުތު ފޯމާލި ނެރުން އޮވެއެވެ. މިއީ ތަފާތު ސިފަސިފައިގައި ފަނުން ވިޔެގެން ނެރޭ މާއްޔެވެ. މާލިވިޔުމުގެ މަސައްކަތް އޮންނާނީ ހަވީރު ޢަސުރު ނަމާދަށް ފަހުގައެވެ. މާލި ނެރޭނީ އިރުއޮއްސި އަނދިރި ވުމުންނެވެ.

މާލިވިޔުމުގައި ދެޖިންސުގެ މީހުން ބައިވެރިވާނެއެވެ. އަންހެނުންގެ މަސައްކަތަކީ ފިރިހެނުންވިޔާ މާލި ޒީނަތްތެރިކުރުމަށް އޭގެ ބޭރުން އޮޅާ ރުކުގެ ބޮންތީގެ ފަންވަތްތަކުން އިލޮށިވަކިކޮށް ފަތްވަތްތައް ކުދިކޮށް ފެޅުމެވެ. މިމަސައްކަތަށް ނުދާ މީހުންނަށް މާލި ނެރެގެން އައިސް އަދަބު ދިނުން އޮވެއެވެ. ކޮންމެ މާއްޔެއްގައި ކުދިލުނބޯ ކަށިގަހެއް އައްސާފައި ހުންނާނެއެވެ. އަދަބު ދެނީ މަގުމަތިން ފެނިއްޖެ ނަމަ އެ ކަށިގަހުން ޖަހައިގެންނެވެ. މިހެންވުމުން މާލިވިޔާތަނަށް ނުދާ މީހަކު ނަމަ ދެނަމާދު ދޭތެރޭ ދަމުގައި ގެއަކުން ނުނިކުންނާނެއެވެ.

މިގޮތަށް ވިޔާ މާލީގެ ތެރޭގައި ތަފާތު ސިފަސިފައިގައި، ތަފާތު ނަންނަމުގައި ވިޔެފައި ހުންނަ މާލި ހުރެއެވެ. އޭގެ ތެރޭގައި ކަދާ މާލި، ހަތްކޮޅު، ކަށިގޮނު، އިލިބޯ، މުޅޯށި، ކަންޒު ކަހަނބު، އައްޑަނަފަތު މާލި، ބޮޑުމަސް ހިމެނެއެވެ. މީގެތެރެއިން ބޮޑުމަސް ބޭނުމާއި އައްޑަނަފަތު މާލީގެ "ހިފުން" އޮންނާނީ "ބޮޑުމާލިނަށާ" ގަޑީގައި ރޭނގަޑުއެވެ. އައްޑަނަ ފަތު މާއްޔަކީ ރޯފަނާއި ބޮންތިފަންވަތުން ވިނދެފައި ހުންނަ ފަންގިން ހަށިގަނޑު ނިވާކޮށްގެން، ފިޔަނެއް އައްޑަނައިގެ ގޮތުގައި ގެންގުޅޭ، ރޮށިދަމާ ފޯލި ހިފައިގެން ހަތަރު މީހަކު ކުރާ ހަނގުރާމަ ދައްކުވައިދޭ މާއްޔެކެވެ. މި މާލި ހެދިގެން އަންނާނީ އެންމެ ހަލުވި މީހުންނެވެ. މާލިތައް އަންނަކަން އެންގުމަށް މާދުރުން ފިޔަނުގައި ތަޅަމުން އާދެއެވެ. މާލިތައް މާލި ނަށާ ކޮއްޓަށް ވަންނާނީ ހަތަރު ކަނުންނެވެ. ކުޅިބަލަން އިށީނދެގެން ތިބޭ މީހުންގެ ބޯމަތިން ފުންމާލައިގެންނެވެ.

ތާރަޖެހުމާ ވަޖިދުވުން[އުނިއިތުރު ގެންނަވާ]

ސަރުކާރުން ވަޖިދުވުން މަނާކުރައްވަންދެން މިރަށުގައި މިކުޅިވަރު ކުޅެވުނެވެ. މިކަން މަނާކުރެވުނީ މިއީ ގައިގައި ވަޅިއަޅާ ހަށީގަނޑު ޒަޚަމްކުރާ އަނިޔާވެރި ކުޅިވަރަކަށް ވާތީއެވެ. ވަޖިދުވުމުގެ (ބޮޑުފާތިހާ ވައްޖި) ކުޅިވަރު ފެށޭނީ ހަނދުމަހުގެ ހަނދު އެންމެ ރީތިވާ ރޭގެ ކުރިއަށް އޮންނަ ދުވަހު ހަވީރު ޢަޞްރު ނަމާދުންނެވެ. މިކުޅިވަރުގައި ބައިވެރިވާ ހުރިހާ މީހުން ތިބޭނީ ހުދު މުންޑާއި ހުދު ޓީޝާޓު ލައި ބޮލުގައި ހުދު ފަގުޑި، ފޮށާ ނުވަތަ ހުދު ތާކިހާ އަޅައިގެނެވެ. ޢަޞްރު ނަމާދަށް ފަހު ބައިވެރިން ދާނީ "މަގާންފުޅު" ދޮށަށެވެ. އެތަނުގައި ތިބެ ސަލަވާތް ފާތިހާ ކިޔެވުމަށްފަހު ތާރަޖަހަމުން ، އެކަމަށް ޚާއްސަ ލަވަތަކެއް ކިޔަމުން މައިމަގުން ލާފައި އަންނާނީ "ވައްޖި ހަރުގެ" އަށެވެ. މިއަންނަ އިރު ބޮޑު ހުދު ދިދައެއް ހިފައިގެއް އެންމެންގެ އިމާމެއް ހުރެއެވެ. ދިދަ ހިފާ މީހައަށް ކިޔަނީ "ޖަޑިބު"އެވެ. ހަރުގެއަށް އައުމަށް ފަހު އެ ދިދަ އެތަނުގެ މެދަށް ޖަހައެވެ. އެއަށް ފަހު މިތަނުގައި ލަވަކިޔުމާ ނެށުމުގެ ހަރަކާތްތަކެއް ދައްކާނެއެވެ. އަދި ތާރައިގައި ވާދަ ލަވަ ޖެހުން އޮންނާނެއެވެ. މިއީ ވަރަށް ހިތްގައިމު ވަގުތުކޮޅެކެވެ.

ވަޖިދުވުމުގެ ކަންތައްފެށޭނީ ޢިޝާ ނަމާދަށް ފަހު ހަރުގޭގައި ކޭމެއް ކެއުމަށް ފަހުގައެވެ. މި ކޭމަށް ރަށުގެ ބޮޑެތި މީހުންނަށް ދައުވަތު ދެވޭނެއެވެ. ކޭން ތައްޔާރު ކުރާނީ ކުޅިވަރުގައި ބައިވެރިވާ މީހުންގެ ގޭގެއިންނެވެ. ކޭމަށް ފަހު އޮންނަނީ ވަޖިދުވުމުގެ ކުރިން ކިޔަވަން ޖެހޭ "ރާތީބު" ނުވަތަ "ރަވާތީބު" ކިޔެވުމެވެ. މިކިޔެވުމުގައި ވަޖިދުވާން ބޭނުންކުރާ ކޮށާވަޅިއާއި، ލޮންސިއާ އެހެނިހެން ހަތިޔާރު މަތުރާނެއެވެ. އަދި ފެންކުރައެއް ވެސް މަތުރައެވެ. އެއީ ވަޅިހަރާ ޒަޚަމް ކުރަމުންދާއިރު ނުރައްކާ ވާހެން ހީވާނަމަ ލޭމަނާކުރުމަށް ބޭނުންކުރާ އެއްޗެއްކަމަށް ބުނެވެއެވެ. އަދި މި ފެނަކީ ވަޖިދުވެ ނިމުމަށް ފަހު ލޭތައް ސާފުކުރަން ބޭނުންކުރާ ފެނެވެ. ބުނެވޭ ގޮތުގައި މި ފެން އުނގުޅުމުން ވަޖިދުވުމުގައި ވަޅިހެރިތައްތަން މުޅިން ބެދި ފަސޭހަވެއެވެ. ނަމަވެސް މިހާރު މިކުޅިވަރެއް ނުކުޅެއެވެ.

މަންޑިކުޅުން[އުނިއިތުރު ގެންނަވާ]

މިކުޅިވަރަކީ ކޮންމެ ޢީދެއްގައި ކުޅޭ ކުޅިވަރެކެވެ. މިކުޅިވަރު 2001 ގައި ކުޅުނުފަހުން 6 އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ކުޅެންފެށި 2007 ގައެވެ. (1428 ވަނަ އަހަރުގެ ޝައްވާލު މަހު "ކުޑަ ޢީދު" ގައެވެ.) މިކުޅިވަރު، ބޮޑު ޢީދުގައި ފަސްދުވަހު، ކުޑަ ޢީދުގައި ތިންދުވަހު ކުޅެއެވެ. މިކުޅިވަރަކީ ވެސް އޭގައި މީހުންނަށް އަނިޔާވުން ބޮޑު ގޮތަކަށް ކުޅޭ ކުޅިވަރެކެވެ. ކޮންމެ ދުވަހަކު ޢަޞްރު ނަމާދަށް ފަހު ރަށުގެ މީހުން އުޅޭ ސަރަހައްދާ ކުޑަތަންކޮޅެއް ދުރުގައި "މަންޑިކުޅޭތަނު" ގައި ކުޅޭ ކުޅިވަރެކެވެ. ފުރަތަމަ ދެބައަށް ބަހާލަނީއެވެ. އެއަށް ފަހު ފުރަތަމަ ހޮވަން ދާނެ ބަޔަކު ކަނޑައެޅުމަށްފަހު، މަންޑިދަނޑިގަނޑުން ފޮއިޖެހުން އޮންނާނެއެވެ. މިހެން ޖަހާ ފޮއިތަކުން ފޮއެއް ހިފުމުން ދެން ފެށޭނީ ފޯއްޔާ ހިފުމުގެ ބައެވެ. މިކަން އޮންނަ ގޮތަކީ އަތަށް ހެއުވަރު ވަރަކަށް ހަދާފައި އޮންނަ ދަނޑިކޮޅެއް، ހޮވާޓީމުގެ ކޮންމެވެސް އެކެއްގެ އަތަށް ދޭނީއެވެ. އޭނާގެ މަސައްކަތަކީ އެ ފޯލި ހިފައިގެން ގޮސް ފޮއިޖަހާ ސަރަހައްދު ހުރަސްކުރުމެވެ. އެހެން އަންނަ އައުމުގައި ދެން ތިބޭ އިދިކޮޅު ބައިމީހުން އުޅޭނީ އޭނާ ހިފަހައްޓައި އެފޯލި އަތުވޭތޯއެވެ. ހުރިހާ މީހުން ވަށައިގެން ފޫނިޖެހިގެން މިކަމާ ހިފުމަށް ކިޔަނީ އޮޅުލާ މަންޑިއެވެ. މިފޮއި އިދިކޮޅު ޓީމަށް އަތުލެވިއްޖެއްޔާ އެމީހުން ޖެހޭނީ އަތުވި މީހާ "އާ ހޯ" ކިޔާ އަތް މައްޗަށް ނަގާށެވެ. އެހިސާބުން ހޮވާ މީހުން ޖެހޭނީ ފޮއިޖަހަން ދާށެވެ. އެއްވެސް ބަޔަކަށް އަތުނުވެ ފޯލި ބިންމައްޗަށް ވެއްޓިއްޖެ ނަމަ "ފޯލި ވިހެއީ" އެވެ. އެއްވެސް ބަޔަކަށް ޕޮއިންޓެއް ނުލިބޭނެއެވެ.

ފިރިހެނުން މަންޑިކުޅެމުންދާއިރު އެތަނުގެ އަނެއްކޮޅުގައި އަންހެންވެރިން "ފަންކުޅޭ"ނެއެވެ. ފަންކުޅުމަކީ ދެބައަކަށް ބަހާލުމަށް ފަހު ފަންކުޅޭ ބިމުގެ ދެކޮޅުގައި ޖަހާފައި ހުންނަ "ފަން" ދަނޑިއެއް ގައި އަތްލުމަށް މަސައްކަތް ކުރުމެވެ. އިދިކޮޅު މީހުންނަށް އަތުނުވެ ދަނޑީގައި އަތްލާފައި "ފަނޯ" ގޮވާލުމުން އެބަޔަކަށް ޕޮއިންޓް ލިބޭނެއެވެ. އަލުން ކުޅުންފަށާނީ ފަނޯ ގޮވިމީހައިގެ ގައިގައި އަތްލައިގެން "ފަން ނަގައިގެން" ނެވެ. އަބަދުވެސް އެންމެ ފަހުން "ފަން ނެގި މީހާ" ގައިގައި އަތްލައިގެން އެހެން މީހަކަށް ފަނަކަށް ވެވިދާނެއެވެ.

މަންޑި ކުޅުން ހުއްޓާނީ ހަވީރު ފިނިޖެހުމުންނެވެ. ދެން އޮންނާނީ ދަފި ނެގުމާ ވަށްދަނޑިޖަހާފައި ނަށަމުން މަގުތަކުގައި ހިނގުމެވެ. އެއަށް ފަހު އިރުއޮއްސުމުން އަތިރިމަތި ކައިރި އޮންނަ ފަސްމަޑު "އޮޅުލާކޮށި" އަށް ދާނެއެވެ. މިތަނުގައި އޮންނާނީ ގުޅަމަތި ހިފުމެވެ. މިތަނުން އައިސް، ޢިޝާ ނަމާދަށް ފަހު އަނެއްކާ ވެސް އޮންނާނީ ދަފި ނެގުމުގެ ބުރެކެވެ.

ބޮޑުބެރު ޖެހުން[އުނިއިތުރު ގެންނަވާ]

ބޮޑުބެރު ޖެހުމަކީ އޭރުވެސް މިހާރުވެސް އެންމެ ފޯރީގައި ކުޅޭ އެއް ކުޅިވަރެވެ. ބޮޑުބެރު ޖެހުމަށް ޚާއްސަ ގްރޫޕްތައް މިހާރުވެސް ހަރަކާތްތެރިވެއެވެ. ގޭގޭގައި ޚިތާނުކޮށްގެން އުޅޭ އިރު މިހާރުވެސް މިކުޅިވަރު ކުޅެއެވެ. އަދި އަތޮޅުގެ ރަށްރަށަށް ދިއުމުގެ ފުރުސަތުވެސް މިފަދަ ގްރޫޕްތަކަށް ލިބެއެވެ.

ސަގާފީ ގޮތުން ފާހަގަކޮށްލެވޭ ކުޅިވަރުތަކަކީ މިއީއެވެ.

ޒަމާނީ ކުޅިވަރު[އުނިއިތުރު ގެންނަވާ]

ތަމުސީލުކުޅުން[އުނިއިތުރު ގެންނަވާ]

ޒަމާނި ތަފާތު ކުޅިވަރުތައް ކުޅެއުޅެއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ 1970 ގެ ފަހުގެ އަހަރުތަކުން ފެށިގެން ކުޅެމުން އަންނަ ތަމްސީލުކުޅުމެވެ. ތަމުސީލުކުޅުމުގައި އޭރަކު ރަށުގައި ހުންނަ އިޖުތިމާއީ ތަފާތު މައްސަލަތަކާ ގުޅޭ ތަމްސީލުތައް ކުޅެއެވެ. ވަރަށް މަޖާ ތަމްސީލުވެސް ކުޅެއެވެ. މިކަން ވެސް އޮންނަނީ ހަނދުވަރު މޫސުމުގައެވެ. އެއީ އޭރު ރަށުގައި ކަރަންޓުގެ ޚިދުމަތް ނުލިބޭތީއެވެ. ނަމަވެސް މިހާރު ތަމުސީލު ކުޅެނީ ޢީދު ފަދަ މުނާސަބާތަކުގައެވެ. އެންމެ ފަހުން ތަމުސީލު ކުޅުނީ (2007 ޑިސެމްބަރު) 1428 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގައެވެ. (ބޮޑު ޢީދުގައެވެ.

މިޔުޒިކު[އުނިއިތުރު ގެންނަވާ]

ތަމްސީލުގެ އިތުރުން ޒަމާނީ މިޔުޒިކު ކުޅުންވެސް އޮވެއެވެ. މިކަން ފެށުނީ 1990 ގެ އަހަރުތަކުގައެވެ. މިހާރު ރަށުގައި މިޔުޒިކް ހަތަރު ބޭންޑް އޮވެއެވެ. ކޮންމެ ބޮޑު ޢީދެއްގައި އަމިއްލައަށް، ފިލަޔާ ތެޔޮ ހުސްކުރި ތާނގީ ބޭނުންކޮށްގެން ސްޓޭޖް އަޅައިގެން ޝޯކުޅެއެވެ. މިކަން ކުރަނީ ރަށުގެ ދެ ބޭންޑް ކަމަށްވާ ފުރޭފު މިޔުޒިކްގްރޫޕާއި ފްލޭޝް ބޭންޑުންނެވެ. އަދި މިޔުޒިކަށް ޒުވާނުން ވެއްދުމުގެ ގޮތުން ފްލޭޝް ބޭންޑުން ލަވަމުބާރާތްތައް އިންޒާމުކޮށް ހިންގައެވެ. ޢީދުގައި ނޫނަސް ޚިތާނުކުރާ ގޭގޭގައާއި ތަފާތު މުނާސަބާތަކުގައި މިޔުޒިކް ކުޅެއެވެ. އަތޮޅުގެ ރަށްރަށް ގޮސް ޝޯކުޅެއުޅެއެވެ.

ފުޓުބޯޅައާއި ވޮލީބޯޅައަކީ އެންމެ ގިނަ މީހުން ތަރުހީބުދޭ ކުޅިވަރެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

އެޓޮލްސް ވެބްސައިޓް

  • މުޙަންމަދު އިބްރާހީމް ލުޠުފީ. (1999). ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު، މާލެ: ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު.
  • ނޮޅިވަރަމުގެ ބައެއް ރައްޔިތުންގެ ފަރާތުން


ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް


ތަމްސީލުގެ އިތުރުން ޒަމާނީ މިޔުޒިކު ކުޅުންވެސް އޮވެއެވެ. މިކަން ފެށުނީ 1990 ގެ އަހަރުތަކުގައެވެ. މިހާރު ރަށުގައި މިޔުޒިކް ހަތަރު ބޭންޑް އޮވެއެވެ. ކޮންމެ ބޮޑު ޢީދެއްގައި އަމިއްލައަށް، ފިލަޔާ ތެޔޮ ހުސްކުރި ތާނގީ ބޭނުންކޮށްގެން ސްޓޭޖް އަޅައިގެން ޝޯކުޅެއެވެ. މިކަން ކުރަނީ ރަށުގެ ދެ ބޭންޑް ކަމަށްވާ ފުރޭފު މިޔުޒިކް ގްރޫޕާ، "ރޯޝަންގުރޫޕް ލައިވް" މިއުޒިކް ބޭންޑުންނެވެ. ޢީދުގައި ނޫނަސް ޚިތާނުކުރާ ގޭގޭގައާއި ތަފާތު މުނާސަބާތަކުގައި މިޔުޒިކް ކުޅެއެވެ. އަދި އަތޮޅުގެ ރަށްރަށަށާއި އެހެނިހެން އަތޮޅުތަކުގެ ރަށްރަށަށްވެސް ގޮސް ޝޯކުޅެއުޅެއެވެ. ފުޓުބޯޅައާއި ވޮލީބޯޅައަކީ އެންމެ ގިނަ މީހުން ތަރުހީބުދޭ ކުޅިވަރެވެ.