Jump to content

ޤައުމީ ކުތުބުޚާނާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ދިވެހި ރާއްޖޭގައި ރަސްމީ ހައިސިއްޔަތެއް ލިބިދޭ ގޮތުގައި ކުތުބުޚާނާއެއް ހުޅުވުނީ 1945ވަނަ އަހަރުއެވެ. މި ކުތުބު ޚާނާ ހުޅުވިފައިވަނީ ސްޓޭޓް ލައިބްރަރީގެ ނަމުގައެވެ. ކުތުބުޚާނާ ވުޖޫދަށްގެންނެވީ ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާކިލެގެފާނެވެ. އޭރު އެކިލެގެފާނު، ހުންނެވީ ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުގައެވެ.

ތިން އަހަރު ފަހުން، 1948ވަނަ އަހަރު ސްޓޭޓް ލައިބްރަރީގެ ނަން މަޖީދީ ލައިބްރަރީގެ ނަމަށް ބަދަލު ކުރެއްވި އެވެ. މަޖީދީ ލައިބްރަރީ ކިޔުމުން މި ލައިބްރަރީގެ ނަން އެ ނިސްބަތްވަނީ އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ނަންފުޅަށެވެ.

1948ން ފެށިގެން ގާތްގަނޑަކަށް ތިރީހަކަށް އަހަރުގެ ދިގު ޒަމާންތަކެއްގައި، ލައިބްރަރީ ހިނގަމުންދިޔައީ ދާދި އެއް ކަހަލަ، ފިޔަޅުތަކެއްގެ މަތީގައެވެ.


އެއަށް ފަހު މަޑުމަޑުން ޒަމާނީ ލައިބްރަރީއެއްގެ ސޫރަ މި ލައިބްރަރީން ފެންނަން ފެށިއެވެ. ކުރިޔަށް ފިޔަވަޅުތަކެއް އަޅަންފެށި އެވެ. ދިރުމެއް ހަރަކާތްތެރިކަމެއް ދައްކަން ފެށި އެވެ. ތަނުގެ ވަސީލަތްތައް ތަރައްޤީ ކުރުމެވެ. ޢިމާރާތް ތަނަވަސް ކުރުމެވެ. މީހުންތަމްރީނު ކުރުމެވެ. ތަފާތު ޢިލްމީ އަދަބީ ތާރީޚީ ފޮތްތައް ލައިބްރަރީއަށް ހޯދުމެވެ. ލައިބްރަރީ މުއްސަނދި ކުރުމަށްޓައެވެ. މި މަސައްކަތްތައް ވަރަށް ހަލުއިކޮށް ކުރިޔަށް ގެންދަން ފެށުނެވެ.

1982ވަނަ އަހަރު ޖޫން އެކަކުން ފެށިގެން ސަރުކާރުން މަޖީދީ ލައިބްރަރީގެ ނަން ޤައުމީ ކުތުބުޚާނާގެ ނަމަށް ބަދަލު ކުރެއްވި އެވެ. ދިވެހި ޤައުމުގެ ނަމަށް ނިސްބަތްވާ، ޤައުމުވަންތަކަމުގެ ނިޝާނެއްގެ ގޮތުގައި މި ކުތުބުޚާނާ ހިމެނުއްވިއެވެ.

2000 ވަނަ އަހަރަކީ ޤައުމީ ކުތުބުޚާނާގެ ހަޔާތުގައި ވަރަށް ތާރީޚީ އަހަރެކެވެ. ޢިމާރާތުގެ ގޮތުންނާއި ވަސީލަތުގެ ގޮތުން، ޒަމާނީ އާމޫނަކާއެކު ޤައުމީ ކުތުބުޚާާނާ ޚިދުމަތަށްޓަކާ 2000ވަނަ އަހަރު އަލުން ހުޅުވިގެން ދިޔައީތީ އެވެ.


މި ބަދަލާއެކު، އިންޓަނެޓުގެ ޚިދުމަތް ދެވެން ފެށުނެވެ. ދުނިޔޭގެ ތަފާތު ސަގާފަތްތަކާ، ޢިލްމާ ފަންނުގެ ފޮތްތައް އިތުރުކޮށް ކުތުބުޚާނާ މުއްސަނދިކުރެވުނެވެ. މީގެ ތެރޭގައި ޚާއްްޞަކޮށް ޢަރަބި، އިނގިރޭސި، އުރުދޫ، ފޮތްތައް ފާހަގަ ކޮށްލެވެއެވެ. ހަމަ އެހެންމެ ދިވެހި ބަހުގެ ފޮތްތަކަށް ވަކި ބައެއް ކަނޑައެޅިގެން ދިޔައެވެ.


އިނގިރޭސި ހަރުތަކުގައި ގާތްގަނޑަކަށް 30000 އަށް ވުރެ ގިނަ ފޮތް އެބަހުއްޓެވެ. ދިވެހި ޢަރަބި އުރުދޫ ފޮތްތަކަށް ބަލާއިރު، ޢަދަދުތައް ހުރީ 9740 - 1540 - 950 މި ޢަދަދު ތަކުންނެވެ.


ޤައުމީ ކުތުބުޚާނާގެ ޝިޢާރަކީ އަމިއްލަ އަށް އުނގެނޭށެވެ މި ޝިޢާރެވެ. މުރާދަކީ، އުނގެނުމުގެ ފުރުޞަތު ހަމަ ކޮންމެ ފަރުދަކަށް ވެސް މިވަނީ ފަހި ކުރެވިފައެވެ. ހުޅުވާލެވިފައެވެ. ކޮންމެ މީހަކީ ވެސް، ޚާއްޞަކޮށް ކޮންމެ ދިވެއްސަކީ ވެސް ދުނިޔެއާ ރާއްޖެއާމެދު ލޯހުޅުވިފައިވާ މަޢުލޫމާތު ހުރި ހަރުދަނާ މީހެއްކަމުގައި ވާށެވެ!


12 ޖުލައި 2004ގައި އެމެރިކަން ކޯނަރުގެ ނަމުގައި ކުތުބުޚާނާގައި ކަނެއްސެއް ހުޅުވުނެވެ. މިއީ އެމެރިކާގެ އަދަބިއްޔާތާ ރަށްވެރިކަމާބެހޭ ޢިލްމީ ފޮތްތައް ހިމެނޭ ކަނެއްސެެވެ. އެމެރިކާ ކަނެހިން މަޢުލޫމަތުގެ ތަފާތު މައްޖައްލާތަކާ ކުޅިވަރާ ފަންނާ ގުޅުންހުރި ތަފާތު ފޮތްތައް ލިބެން އެބަހުއްޓެވެ.


މި ކަނެހިން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ފޮޓޯކޮޕީ ނަގައިދިނުމާ، ސް ކޭންކޮށްދިނުމާއި އަދި އިންޓަނެޓްގެ ޚިދުމަތް ހިލޭ ލިބިދެވެއެވެ. ހަމަ އެހެންމެ އެކި ދާއިރާއިން މަޢުލޫމާތު ހިމެނޭ ވީސީޑީ، ޑީވީޑީގެ ޚިދުމަތް ލިބެން ހުރެއެވެ. އެމެރިކާގެ ކޮލެޖުތަކާ ތަޢުލީމީ ފުރުޞަތުތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ލިބެން ހުރެއެވެ.


ޤައުމީ ކުތުބު ޚާނާގައި ހިމެނޭ ޤައުމީ ތަރިކައިގެ ބައި ނުވަތަ ނެޝަނަލް ކަލެކްޝަންގެ ބަޔަކީ ވެސް މުހިންމު މަޢުލޫމާތު ތަކެއް ރައްކާކުރެވި ޚިދުމަތްތަކެއް ދެމުންދާ ތަނެކެވެ. ގައުމީ ތަރިކައިގެ ޚަޒާނާއެކެވެ.


ބޭރުޚަބަރުތަކާބެހޭ ބައި ނުވަަތަ ކަރަންޓް އެފެއަރޒް ޔުނިޓްގެ ޚިދުމަތަކީ ކިޔަވާކުދިންނާއި އެކި އެކި ދިރާސާތައް ކުރައްވާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އިސްދައުރެއް އަދާކުރާ ޔުނިޓެކެވެ.


ކުތުބުޚާނާގެ ޚިދުމަތްލިބިގަންނަފަރާތްތަކާ މުވާޞަލާތު ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ކަސްޓަމަރ ކެޔަރ ޔުނިޓުގެ ޚިދުމަތްތަކުގެ ތެރޭން ބައެއް ކަންތައްތައް ވެސް ފާހަގަ ކޮށްލާނަމެވެ. ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް މަޢުމޫލާތު ފޯރުކޮށްދިނުމާ ގިިންތި ކުރެވިފައިވާ ފޮތްތައް ތަރުތީބުކޮށް ބެލެހެއްޓުމާއި، ގެންދާ ފޮތްތަކުގެ މުއްދަތު ހަމަވާނުވާ ބެލެހެއްޓުމާއި އިންޓަރނެޓް ޚިދުމަތް ލިބިގަންނަ ފަރާތްތަކާ ބެހޭ ކަންތައްތަކަކީ މި ޔުނިޓުން ބަލަހައްޓާ ބައެއް ކަންތައްތަކެވެ.

2005 ވަނަ އަހަރު ޤައުމީ ކުތުބު ޚާނާގައި އައިޓީ ޔުނިޓެއް ޤާއިމް ކުރެވުނެވެ. ކުތުބުޚާނާގެ އޯޑިއޯ ވިޜްއަލް ސެކްޝަން ރާވާ ތަރައްޤީ ކުރުންފަދަ ކަންކަން ކުރިޔަށް ގެންދަނީ މި ޔުނިޓުންނެވެ.

ޤައުމީ ކުތުބުޚާނާ އެކުލެވިގެންވާ މައިގަނޑު 6 ޔުނިޓުގެ ތެރޭގައި ޕަބްލިކޭޝަން ޔުނިޓަކީ ވެސް މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާ ޔުނިޓެކެވެ. ރާއްޖޭގައި ޗާޕްކުރެވިގެން ނެރޭ ދިވެހި، އިނގިރޭސި ހުރިހާ ލިޔުންތަކެއް ދުވަހުން ދުވަހަށް މި ޔުނިޓުގެ ފަރާތުން ޖަމާކުރާނެ އެވެ.


ކުތުބުޚާނާގެ ޓެކްނިކަލް ޑިޕާޓުމަންޓަކީ ވެސް ވަރަށް އަވަދިނެތް ޑިޕާޓްމަންޓެކެވެ. 2001ވަނަ އަހަރު އުފެދުނު މި ޑިޕާޓް މަންޓުގެ މަސައްކަތްތައް، މައިގަނޑު ހަބަޔަކަށް ބަހާލެވިފައިވެއެވެ. ކުތުބުޚާނާ ހިންގުމާބެހޭ ޒަމާނީ ޢިލްމީ ގޮތުގައި މި މަސައްކަތްތައް ހިންގަނީ މި ޑިޕާޓްމަންޓުންނެވެ. ފޮތްތަކުގެ ނަންބަރު ޖެހުމާ ރެކޯޑް ބެލެހެއްޓުމާ ހަލާކުވާފޮތް، ހަރުން ނަގައި ރައްކާކުރުމާއި، ޤައުމީ ބިބިލިއޮގްރަފީތައްޔާރު ކުރުންފަދަ ކަންތައްތައް މި ޑިޕާޓްމަންޓުން ކުރިޔަށްގެންދެ އެވެ. ކެޓަލޮގް ކުރުންފަދަ ކަންކަން ކުރިޔަށް ގެންދެވެނީ، ކެޓަލޮގު ކުރުމުގެ އެމެރިކާ ނިޒާމާ އެއްގޮތަށެވެ. އޭގެ އިތުރަށް މުވައްޒަފުންތަމްރީނު ކުރުންފަދަ ކަންކަންވެސް ކުރާނީ މި ޑިޕާޓު މަންޓުންނެވެ.


1 ޑިސެމްބަރު 2005 ގައި ކުޑަ ކުދިންގެ މަލްޓިމީޑިޔާ ލައިބްރަރީ ހުޅުވުނެވެ. މި ލައިބްރަރީ އަކީ 12 އަހަރުން ފެށިގެން ހަގު އުމުރުފުރާތަކަށް ޚާއްޞަ ކުރެވިފައިވާ ތަނެކެވެ. މިތަނުގައި، ކުޑަ ކުދިންނަށްޓަކައި، މަލްޓިމީޑިޔާ ތިއޭޓަރަކާ، އިންޓަނެޓްޚިދުމަތް ފަދަ ޚިދުމަތްތައް ފަހިކުރެވިފައިހުރެއެވެ. މި ތަނުގައި ވެސް ދިވެހި ބަހުން ލިޔެވިފައިހުރި ފޮތްތަކާ، އިނގިރޭސި ބަހުގެ ފޮތްތައް ހުރެއެވެ.