ޢުމަރު ބިން ޢަބުދުލް ޢަޒީޒު ރަޟިޔަﷲ ޢަންހު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފުރިހަމަ ނަންފުޅަކީ ޢުމަރު ބިން ޢަބުދުލް ޢަޒީޒު ބިން މަރުވާން ބިން ޙަކަމް އެވެ. މިއީ މުސްލިމުންގެ 5 ވަނަ ޚަލީފާ ކަމުގައި ބުނެވެއެވެ. އުފަންވެ ވަޑައިގަތީ ހިޖުރައިން 61ވަނަ އަހަރު މަދީނާގައެވެ. ސުލައިމާން ބިން ޢަބުދުލް މަލިކުގެ ޚަލީފާ ކަމުގެ ދުވަސްވަރު ޝާމްކަރައިގައި ވަޒީރެއްގެ ގޮތުގައި ހުންނެވިއެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 99ވަނަ އަހަރުގެ ޞަފަރު މަހުގެ 10ވަނަ ދުވަހު އެވެ. އެއީ މީލާދީން 717 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ޚަލީފާ ކަމުގައި 2އަހަރާއި ބައި ވަންދެން ދެމިހުންނެވިއެވެ.

ޢުމަރު ބިން ޢަބުދުލް ޢަޒީޒުގެ ޚަލީފާކަމުގެ ދުވަސްވަރު މީސްތަކުންގެ މެދުގައި އަދުލުވެރި ކަމާއި އިންސާފު ގާއިމު ކުރެއްވިއެވެ. އެހެންކަމުން ޢުމަރު ބިން ޢަބުދުލް ޢަޒީޒު ސިފަ ކުރެވެނީ ޢަދުލުވެރި ވެރިއެއްގެ ގޮތުގައެވެ. އަދި ހެޔޮލަފާ ޞާލިޙު ޚަލީފާއެއްގެ ގޮތުގައެވެ. ޒުހުދުވެރި ބޭފުޅެއްގެ ގޮތުގައެވެ. ބައިތުލް މާލުގައި ހުރި ހުރިހާ މުދަލެއް ﷲގެ މަގުގައި ހޭދަކުރެއްވިއެވެ.

ޝާފިޢީގެ ފާނު ވިދާޅުވެފައިވެއެވެ. 5ޚަލީފާއެއް ވެއެވެ. އެއީ އަބޫބަކުރު، އުމަރު، އުޘްމާން، ޢަލީ އަދި ޢުމަރު ބިން ޢަބުދުލް ޢަޒީޒުއެވެ. އިބްނި ސީރީން ވިދާޅުވެފައިވެއެވެ. އެއީ ތެދުމަގު ދައްކައިދޭ އިމާމެވެ.ޢުމަރު ބިން ޢަބުދުލް ޢަޒީޒު މިދުނިޔެ ދޫކުރެއްވީ ހިޖުރައިން 101 ވަނަ އަހަރުގައެވެ.