ޢަލީ ވަޙީދު ޢަބްދުއްރަޙްމާން
ޢަލީ ވަޙީދު ޢަބްދުއްރަޙްމާން ( ވެނީލާގެ، ފ.ނިލަންދޫ ) އަކީ 2009ވަނަ އަހަރު ސަރުކާރުން ދެއްވި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަކީ ރީތިކޮށް ޤުރްއާން ކިޔަވައި ވިދާޅުވާ ޤާރީއެކެވެ.
ރީތިކޮށް ޤުރްއާން ކިޔެވުމުގެ ޝައުޤުވެރިކަން އޭނާގެ ހިތްޕުޅުގައި އުފެދުނީ، ޢުމުރުން އެންމެ 11 އަހަރުގައެވެ. އޭނާގެ އުފަން ރަށް، ފ. ނިލަންދޫގައި 1986ވަނަ އަހަރު ފެށި ޤުރްއާން ހިތުދަސްކޮށްދޭ ކްލާހެއްގައި ބައިވެރިވެވަޑައިގަތުމާ ހިސާބުން ޤުރްއާން ކިޔެވުމުގެ ދާއިރާއަށް ވެދެވަޑައިގަތީއެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ކޮންމެ ދުވަހަކު ފަތިހު ފޮނުއްވަމުން ގެންދެވި ޤުރްއާން ކިޔެވުމުގެ އަޑު އައްސަވައިގެން ރީތިކޮށް ކީރިތި ޤުރްއާން ކިޔަވަން ދަސްކުރައްވަން ފެށްޓެވީއެވެ.
މި ފަންނުން ކުރިއަށް ވަޑައިގަތުމުގެ މަޤްޞަދުގައި، 1988ވަނަ އަހަރު މާލެ ވަޑައިގެން، އޭރުގެ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއިން ހިންގެވި ޤާރީ ކޯހުގައްޔާއި، ޤުރްއާން ހިތުދަސްކޮށްދޭ ކޯހުގައި ބައިވެރިވެވަޑައިގެން، މި ރޮނގުން ކުރިއަށް ވަޑައިގަތީއެވެ. 1989 އިން 1993 އާ ދެމެދު ބޭއްވެވި ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުން ކޮންމެ އަހަރަކު ވެސް މަތީ ވަނަތަކެއް ޙާޞިލުކުރައްވައިފައިވެއެވެ. އަދި 1991ވަނަ އަހަރު، ޓެލެވިޜަން މޯލްޑިވްސްއިން ބޭއްވެވި ޤުރްއާން މުބާރާތުން 1 ވަނަ ހޯއްދަވާފައިވެއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ 3 މުބާރާތެއްގައި ރާއްޖެ ތަމްސީލުކޮށްދެއްވައިފައިވެއެވެ.
އަލްޤާރީ ޢަލީ ވަޙީދު، މިވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ވަނީ ރާއްޖޭގައި ބޭއްވުނު ޤައުމީ ފެންވަރުގެ ތަފާތު ގިނަ މުބާރާތްތަކުގައްޔާއި، އެނޫން އެހެން މުބާރާތްތަކުގައި އެތައް އަހަރަކު ފަނޑިޔާރުކަން ކުރައްވައިފައެވެ. އަދި ރާއްޖޭގައި ބޭއްވޭ ތަފާތު ޤުރްއާން މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުން މުބާރާތަށް ތައްޔާރުކޮށްދެއްވައިފައިވެއެވެ. މި ގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ، އޭނާ ކިޔަވައިދެއްވައި ތަމްރީނު ކޮށްދެއްވާފައިވާ އެކި ދަރިވަރުންނަށް މަތީ ވަނަތައް ލިބިފައިވުމެވެ. ދިވެހިރާއްޖޭގެ އަޑުން މިހާރު ކޮންމެ ނަމާދު ވަގުތެއްގައި ފޮނުއްވަމުން ގެންދަވާ ބަންގީގެ އަޑުގެ ވެރިޔަކީ ވެސް، ޢަލީ ވަޙީދެވެ.
ޢަލީ ވަޙީދު ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި، ކީރިތި ޤުރްއާނާ ބެހޭ ތަފާތު މަޢުލޫމާތުތައް ދެއްވައި، ކިޔަވާ ކުދިންނާއި ޢާންމުންގެ ހިތްތަކުގައި ޤުރްއާނަށް ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ކުރައްވައިފައެވެ. ދިވެހިރާއްޖޭގެ އަޑުން ފޮނުއްވަމުން ގެންދަވާ، ބޮޑެތި މީހުންނަށް ޤުރްއާން ކިޔަވަން ދަސްކޮށްދޭ ރޭޑިއޯ ޕްރޮގްރާމްތައް ހުށަހަޅުއްވައިދެއްވަނީ ވެސް، ޢަލީ ވަޙީދެވެ. ކުޑަކުދިންނަށް ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދެއްވުމުގެ ގޮތުން، [ޖުޒުއުލްޢައްމާ] މިނަމުގައި އަމިއްލަ އަޑުން ކިޔަވާ ވިދާޅުވި ސީޑީއެއް ބާޒާރަށް ނެރެފައިވެއެވެ. އަދި [ވިލިނގިލީ އެސޯސިއޭޝަން ފޮރ ސޯޝަލް ހަރމަނީ އެންޑް އިމްޕްރޫވްމަންޓް] "ވަށި" ޖަމްޢިއްޔާއިން ހިންގި ޤުރްއާން ކިޔަވައިދޭ ކްލާސް ހިންގެވުމުގެ މަސައްކަތުގައި ވެސް ޢަމަލީ ގޮތުން އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންފައިވަނީ ޢަލީ ވަޙީދެވެ.
ޢަލީ ވަހީދު ވަނީ ބޭރުގެ ތަފާތު ގުރުއާން މުބާރާތްތަކުގެ ރާއްޖެ ތަމްސީލްކޮށްފައެވެ. އެގޮތުން ސަޢޫދީ އަރަބިއްޔާ، މެލޭޝިޔާ ފަދަ ގައުމުތަކުގައި ދިވެހިރާއްޖެ ތަމްސީލްކޮށްފައި ވެއެވެ.
ލިބިފައިވާ އެވޯޑްތައް
[އުނިއިތުރު ގެންނަވާ]- އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުނގެނުމުގެ ދާއިރާއިން؛ ކީރިތި ޤުރްއާން އުނގަންނައި ދިނުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު - 2009