ޢަބްދުﷲ ޝާހިދު
ޢަބްދުﷲ ޝާހިދު | |
|---|---|
ޢަބްދުﷲ ޝާހިދު، 2021 | |
| އދ. ގެ 76ވަނަ ޢާންމު މަޖިލީހުގެ ރައީސް | |
މަޤާމުގައި 14 ސެޕްޓެންބަރު 2021 – 13 ސެޕްޓެންބަރު 2022 | |
| ކުރިން ހުންނެވީ | Volkan Bozkır |
| ފަހުން ވަޑައިގަތީ | |
| ޚާރިޖީ ވަޒީރު (މިނިސްޓަރ އޮފް ފޮރިން އެފެއާޒް) | |
މަޤާމުގައި 17 ނޮވެންބަރު 2018 – 17 ނޮވެންބަރު 2023 | |
| ރައީސް | އިބްރާހީމް މުޙައްމަދު ޞާލިޙް |
| ކުރިން ހުންނެވީ | މުޙައްމަދު ޢާޞިމް |
| ފަހުން ވަޑައިގަތީ | |
މަޤާމުގައި 23 އޮގަސްޓު 2007 – 11 ނޮވެންބަރު 2008 | |
| ރައީސް | މައުމޫން ޢަބްދުލް ޤައްޔޫމް |
| ކުރިން ހުންނެވީ | އަޙުމަދު ޝަހީދު |
| ފަހުން ވަޑައިގަތީ | |
| ރައްޔިތުންގެ މަޖިލީހުގެ ރައީސް | |
މަޤާމުގައި 28 މޭ 2009 – 28 މޭ 2014 | |
| ރައީސް | މުޙައްމަދު ނަޝީދު ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް |
| ކުރިން ހުންނެވީ | އަލްފާޟިލް މުޙައްމަދު ޝިހާބު |
| ފަހުން ވަޑައިގަތީ | |
| ރައްޔިތުންގެ މަޖިލީހުގެ މެންބަރު | |
މަޤާމުގައި 28 މޭ 2014 – 14 ނޮވެންބަރު 2018 | |
| ފަހުން ވަޑައިގަތީ | އިބްރާހީމް މުޢިއްޒު |
| ދާއިރާ | ހެންވޭރު އުތުރު ދާއިރާ |
މަޤާމުގައި 28 މޭ 2009 – 28 މޭ 2014 | |
| ފަހުން ވަޑައިގަތީ | |
| ދާއިރާ | ކެޔޮދޫ ދާއިރާ |
| ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް | |
މަޤާމާ ހަވާލުވެވަޑައިގަތީ 20 ފެބުރުވަރީ 2024 | |
| ކުރިން ހުންނެވީ | އިބްރާހީމް މުޙައްމަދު ޞާލިޙް |
| ފަހުން ވަޑައިގަތީ | |
| އުފަންވީ | 26 މޭއި 1962 މާލެ، ދިވެހިރާއްޖެ |
| ސިޔާސީ ޕާޓީ | ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (2013 އިން ފެށިގެން) |
| އެހެނިހެން ސިޔާސީ ގުޅުންތައް | ދިވެހި ރައްޔިތުންގެ ޕާޓީ (2013 އާ ހަމައަށް) |
| ދަރިން | 3 |
| މައިންބަފައިން | ބައްޕާފުޅު: އައްޝައިޚު މޫސާ ޖަމީލު މަންމާފުޅު: މައިމޫނާ ވަޖީހު |
| މަތީތަޢުލީމު | ޔުނިވަރސިޓީ އޮފް ކެންބެރާ، އޮސްޓްރޭލިއާ ފްލެޗަރ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމަސީ، އެމެރިކާ |
| ސޮއި | |
ޢަބްދުﷲ ޝާހިދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1962ވަނަ އަހަރުގެ މޭ މަހުގެ 26ވަނަ ދުވަހުއެވެ. އެ މަނިކުފާނުގެ ބައްޕާފުޅަކީ އައްޝައިޚުލް މަރްޙޫމު މޫސާ ޖަމީލެވެ. ޢަބްދުﷲ ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އދ. ގެ 76ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމާއި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރުކަމުގެ މަޤާމު އަދާކުރައްވައިފައެވެ.
ޢަބްދުﷲ ޝާހިދު، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1983 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. ޚާރިޖީ ޚިދުމަތް އެމަނިކުފާނު ފެށްޓެވީ އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައެވެ. އެއަށްފަހު އެ ދާއިރާގެ ޚިދުމަތުގައި އެމަނިކުފާނު އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވުމުގެ ނަތީޖާއަކަށްވީ، ހަރުފަތަކަށްފަހު ހަރުފަތެއް ކަޑައްތު ކުރައްވަމުން ގެންދަވައި، 12 އަހަރު ދުވަހުގެ ތެރޭގައި، އެ ވުޒާރާގެ ޑިރެކްޓަރ، އިންޓަރނޭޝަނަލް އެފެއާޒް ކަމުގެ މަގާމާ ހަމަޔަށް ވަޑައިގަތުމެވެ. މިނިސްޓްރީގެ މަލްޓިލެޓަރަލް ޑިޕާޓްމަންޓްގެ ބުރަ މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގެން، 1988 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރުގެ ނިޔަލަށް ބޭއްވުނު އ.ދ.ގެ ޢާންމު މަޖިލީހުގެ ހުރިހާ ޖަލްސާއެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ، އ.ދ.ގެ ޢާންމު މަޖިލީހުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމެއް ކަމުގައި ސަރުކާރުން ނިންމެވުމާ ގުޅިގެން، އ.ދ. މަޖިލީހުގެ އެޖެންޑާގައި އެމައްސަލަ ހިމެނުއްވުމަށް ސަރުކާރުގެ ފަރާތުން ވަކާލާތު ކުރައްވައި ހިތްވަރާއެކު ކުރެއްވި މަސައްކަތްޕުޅުތަކަކީ ފާހަގަކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ. ހަމައެހެންމެ، 1992 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އަރތު ސަމިޓުގެ ނެގޯޝިއޭޓަރެއްގެ ގޮތުން އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި 1993 ވަނަ އަހަރު އޮސްޓްރިއާގެ ވިއެނާގައި ބޭއްވި އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ޢަމަލީގޮތުން އެމަނިކުފާނު ބައިވެރިވެވަޑައިގެން، ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައި ވެއެވެ.
ރާއްޖޭގެ ޚާރިޖީ ވުޒާރާގެ އިންޓަރނޭޝަނަލް އޯގަނައިޒޭޝަންސް ޑިޕާޓްމަންޓްގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ޢަބްދުﷲ ޝާހިދު ހުންނަވައިގެން، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އެކިއެކި ބައްދަލުވުންތަކުގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ކޮމަންވެލްތާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނާއި، ނޮންއެލައިންޑް މޫވްމަންޓްގެ ބައްދަލުވުންތަކުގައި އެމަނިކުފާނު ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. ޔުގާންޑާގައި 2007 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ޤައުމުތަކުގެ އެންމެ އިސްވެރިންގެ 20 ވަނަ ބައްދަލުވުމުގައި، ރާއްޖެއިން ބައިވެރިވި ވަފްދުގެ އެންމެ އިސް ބޭފުޅަކީވެސް ޢަބްދުﷲ ޝާހިދެވެ. އަދި ސެނެގޯލްގައި 1991 ވަނަ އަހަރު ބޭއްވި 6 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގައި ރާއްޖެ ތަމްސީލު ކުރެއްވި އެންމެ އިސް ބޭފުޅަކީވެސް އެމަނިކުފާނެވެ. އަދި ސާކުގެ ސަމިޓް ޖަލްސާތަކާއި، ފޮރިން މިނިސްޓަރުންގެ ޖަލްސާތަކުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޢަބްދުﷲ ޝާހިދު ޚިދުމަތް ކުރައްވަމުން ގެންދަވަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީ ކަމުގެ މަގާމަށް އެމަނިކުފާނު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަން ކުރެއްވީ، 1995 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އެ މަގާމުގައި 10 އަހަރު ޚިދުމަތް ކުރެއްވިއިރު، ސަރުކާރު ހިންގެވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިވެވަޑައިގެން ދެއްވިއެވެ. އެމަގާމުގައި ހުންނަވައިގެން އެމަނިކުފާނު ކުރެއްވި މުހިންމު ކަންކަމުގެ ތެރޭގައި، ސަރުކާރުގެ އޮފީސްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ހިންގުމާބެހޭ މައްސަލަތަކާއި، ލާމަރުކަޒީ އުސޫލުން ތަރައްޤީ ކުރައްވާ ރަށްރަށާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލަހައްޓަވަންޖެހޭ ކަންތައްތައް ބެލެހެއްޓެވުން ހިމެނެއެވެ. އަދި ކުދި ޤައުމުތަކުގެ ސަލާމަތާބެހޭ ކަންތައްތަކާއި، ތިމާވެށްޓާބެހޭ ކަންތައްތަކާއި، ކުޅިވަރާއި އިޖުތިމާޢީ ޚިދުމަތްތަކާބެހޭ ކަންތައްތައް ބެލެހެއްޓެވުންވެސް ހިމެނެއެވެ. އެމަނިކުފާނު ވަނީ ވަޒީރުންގެ މަޖިލީހުގެ ސެކްރެޓޭރިއެޓް ވެސް ބަލަހައްޓަވާފައެވެ.
2005 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު، ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އެމަނިކުފާނު ޢައްޔަން ކުރެއްވީ 2007 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުގައެވެ. އޭގެފަހުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ދައުރު ނިމެންދެން އެ މަޤާމުގައި ދެމިހުންނެވިއެވެ.
ޢަބްދުﷲ ޝާހިދުގެ ޚާރިޖީ ވަޒީރު ކަމުގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ދުނިޔޭގެ ޤައުމުތަކުގައި ރާއްޖޭގެ ޑިޕްލޮމެޓިކް ފުޓްޕްރިންޓް އިތުރަށް ފުޅާކުރެއްވުމުގެ މަސައްކަތްޕުޅެވެ. މިގޮތުން، އެމެރިކާ، ޗައިނާ، ޖަޕާން، ސަޢޫދީޢަރަބިޔާ، ޔޫ.އޭ.އީ، ބަންގްލަދޭޝް، ޕާކިސްތާނު އަދި ސިންގަޕޫރުގައި ދިވެހި އެމްބަސީ ހުޅުވުން ހިމެނެއެވެ. 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ޢައްޔަން ކުރެއްވި ބޭފުޅަކީ ވެސް ޢަބްދުﷲ ޝާހިދެވެ.
ޢަބްދުﷲ ޝާހިދަކީ، ރައްޔިތުންގެ މަޖިލީހަށްވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. މެދުނުކެނޑި ރައްޔިތުންގެ މަޖިލީހަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 5 ދައުރު ހަމަވަނިކޮށް، 17 ނޮވެންބަރު 2018 ގައި މަޖިލީހުގެ މެންބަރުކަމުން ވަކިވެވަޑައިގަތީ، ހިނގަމުން މިދާ ރިޔާސީ ދައުރުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމާ ޙަވާލުވެވަޑައިގަތުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވަން ޢަބްދުﷲ ޝާހިދު ފަށްޓަވާފައިވަނީ 24 ފެބުރުވަރީ 1995 ގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަމާއި، ވ. އަތޮޅު މެންބަރުކަމާއި، ކެޔޮދޫ ދާއިރާގެ މެންބަރުކަމާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަން ކުރައްވާފައި ވެއެވެ. މީގެ އިތުރުން، 1998 ވަނަ އަހަރު ތަޞްދީޤު ކުރެއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، 2008 ވަނަ އަހަރު ތަޞްދީޤު ކުރެއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އެކުލަވައިލެއްވިއިރު، އެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައިވެސް ޢަބްދުﷲ ޝާހިދު ހުންނެވިއެވެ.
2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވި އާ ޤާނޫނުއަސާސީގެ ދަށުން 2009 ވަނަ އަހަރު ބޭއްވުނު ފުރަތަމަ މަލްޓި-ޕާޓީ ޕާލަމެންޓަރީ އިންތިޚާބުގައި، ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތުން އެ މަޖިލީހުގެ ރައީސްކަމަށް މެންބަރުން އިންތިޚާބު ކުރެއްވި ބޭފުޅަކީ ޢަބްދުﷲ ޝާހިދެވެ. ރާއްޖޭގެ ވެރިކަން ޑިމޮކްރެޓިކް ނިޒާމަކަށް ބަދަލުވެގެން އައި ދުވަސްވަރު، ރާއްޖޭގެ ޕާލިމަންޓަރީ ޑިމޮކްރަސީ ދެމެހެއްޓެވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، "ސާރކް ސްޕީކަރސް އެންޑް ޕާލިމަންޓޭރިއަންސް ކޮންފަރެންސް" ގެ ރައީސްގެ މަގާމުވެސް އެމަނިކުފާނު ފުރުއްވިއެވެ. 2012 އިން 2015 އަށް، ކޮމަންވެލްތު ޕާލިމަންޓް އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަން ކުރެއްވިއެވެ. އަދި ކޮމަންވެލްތު ސްޕީކަސް ކޮންފަރެންސްގެ ނައިބު ރައީސްކަންވެސް ކުރައްވައިފައިވެއެވެ. މީގެއިތުރުން، އިންޓަރ ޕާލިމަންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ.)ގެ އެކިއެކި ޙަރަކާތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. 2021 ވަނަ އަހަރު ޢަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު ވަނީ އަރުވައިފައެވެ. މި ލަޤަބު އެ މަނިކުފާނަށް އެރުވީ ދިވެހިރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.


އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ • އަލްއަމީރު އިބްރާހީމް ޢަލީ ދީދީ • އަލްއަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު • މުޙައްމަދު ނަޞީރު މަނިކު (ނައިބު މަނިކު) • އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު • އަންނަބީލު އިބްރާހީމް ފަރީދު ދީދީ • އަޙްމަދު ޒަކީ • އައްޝައިޚް އަޙްމަދު ޝާޠިރު • އަލްއުސްތާޛު އިބްރާހީމް ޝިހާބު • ޢަބްދުﷲ ޙަމީދު • އަޙްމަދު ޒަކީ • ޢަބްދުﷲ ޙަމީދު • އަލްފާޟިލް އަޙްމަދު ޒާހިރު • އަލްފާޟިލް މުޙައްމަދު ޝިހާބު • ޢަބްދުﷲ ޝާހިދު • ޢަބްދުﷲ މަސީޙު މުޙައްމަދު • ޤާސިމް އިބްރާހީމް • މުޙައްމަދު ނަޝީދު • މުޙައްމަދު އަސްލަމް •
ޢަބްދުއްރަޙީމް ޢަބްދުﷲ •