ޞިއްފީން ހަނގުރާމަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

މީލާދިން 657 ވަނަ އަހަރު ޢަލީގެފާނު ޖަމަލު ހަގުރާމައިން މޮޅުވުމާއި އެކު ސާމުކަރައާއި ދިމާލަށް މިސްރާބުޖެހިއެވެ. އެއީ އަމީރު މުޢާވިޔަތުގެ ލަސްކަރާއި ހަގުރާމަ ކުރައްވާ ސާމްކަރަ ޢަލީގެފާނުގެ ބާރުގެ ދަށައް ގެނައުމަށެވެ. މިގޮތުން ސީރިޔާގެ ދެކުނުގެ ރަށެއްކަމުގައިވާ ޔުފްރާދާއި ހަމައިން އަމީރު މުޢާވިޔަތުގެ ލަސްކަރާއި ބައްދަލުވެ މަޝްހޫރު ސިއްފިން ހަގުރާމަ ފެށުނެވެ. މިހަގުރާމައިގައި ދެލަސްކަރުގެ މުސްލިމުންގެ ތެރެއިން ހަތްދިހަ ހާސް މުސްލިމުން ޤަތުލުވެގެން ދިޔައެވެ. އަދި ކީރިތި ރަސޫލާގެ އަޞްޙާބީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޤަތުލުވެގެން ދިޔައެވެ. އޭގެތެރޭގައި ރަސޫލާގެ އަރިސް ޞަޙާބީއެއް ކަމުގައިވާ އުމުރުން 95 އަހަރުވެފައިވާ ޢަމްރު ބިން ޔާސިރު ހިމެނެވަޑައިގަންނަވައެވެ. ޢަމްރު ބުނު ޔާސިރު ޤަތުލުކުރީ އަމީރު މުޢާވިޔަތުގެ ލަސްކަރުގެ ހަގުރާމަ ވެރިއެކެވެ. މިހަގުރާމާގައި ލޭއޮހޮރުވުން ގިނަވެ ހަގުރާމަ އެއްވެސް ފަރާތަކަށް ކާމިޔާބު ނުލިބި ދިގުލަމުންދާތީ އަމީރު މުޢާވިޔަތުގެފާނުގެ ފަރާތުން މައްސަލަ ހައްލުކުރުމަށް ވަކީލަކު ހަމަޖެއްސުމަށް އެދުނެވެ. އަދި އެއީ އިސްލާމުން އިސްލާމުންނާ ކުރާ ހަގުރާމައެއް ކަމަށް ވުމާއިއެކު އޭރު އިސްލާމުން ހަގުރާމަކުރަމުން އައި ބޭޒަންޓައިނުން ބަލިކުރުމަށް މިހަގުރާމައިގެ ސަބަބުން އަސަރުކުރާނެކަމަށް ބުނެއެވެ. މުޢާވިޔަތު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އިޢުލާނު ކުރުމުން ޢަލީގެފާނު އެކަން ޤަބޫލުފުޅު ކުރެއްވިއެވެ. އަދި ސުލްޙައިގައި ވާހަކަ ދައްކައިގެން މައްސަލަ ޙައްލުކުރުމަށް ޢަލީގެފާނު އެއްބަސްވެލެއްވިއެވެ. އަދި މިއެއްބަސްވުމުގެ ސަބަބުން ޢަލީގެފާނަށް ތަފާތު ފިއްތުންތައް ކުރިމަތިވެ ވަޑައިގެންނެވިއެވެ. މިއެއް ބަސްވުމުގެ ސަބަބުން ޢަލީގެފާނުގެ ބައިވެރިންގެ ގޮތުގައި ތިބި ހަވާރިޖުން ޢަލީގެފާނާއި ދެބަސްވެ ޢަލީގެފާނު ދޫކޮށް ދިޔައެވެ. އެމީހުން ދެކުނު ގޮތުގަައި ޢަލީގެފާނު އެކުރެއްވިކަމަކީ އެމީހުންނަށް ކުރެވުނު މަލާމާތެކެވެ. ޢަލީގެފާނުގެ ގާތް މީހުންގެ ބަހަށް ނުބަލާ ޢަލީގެފާނު އަމީރު މުޢާވިޔަތުގެ ސުލްޙައިގެ ހުށައެޅުންތަކަށް ޢަލީގެފާނު އެއްބަސް ވެލެއްވިއެވެ. އެއީ އެވަގުގެ ޙާލަތާއި އިސްލާމުންގެ ގިނަބަޔަކު ޝަހީދުވެ ލަސްކަރަށް އިތުރު ގެއްލުންވެ އިސްލާމީ އުންމަތް ހަލާކުގެ ތެރެއަށްހިގައިދާނެކަމަށް ބައްލަވާފައެވެ.

ހަމަ މިދުވަސްކޮޅާ ދިމާކޮށް މިސްރުގައި ހަމަނުޖެހުން ހިގާތީ އެތަނުގެ ޤަވަރުނަރު ގައިސް، އަނބުރާ ޢަލީގެފާނު ގެންނެވިއެވެ. އަދި ޤަވަރުނަރު ބަދަލުގައި އައުބޭފުޅަކު މިސްރަށް ފޮނުއްވެވިއެވެ. މިގޮތުން އަބޫބަކުރުގެފާނުގެ ހުންނެވި ފިރިހެން ދަރިކަލުން މުޙައްމަދު ބިން އަބީބަކުރު މިމަޤާމަށް އިސްކުރެއްވިއެވެ. މުޙައްމަދުގެ ޤަވަރުނަރުކަން ފެށުމާއި އެކު މިސްރުގައި މުޙައްމަދާއި ދެކޮޅުވެރިވުމުގެ އޮއިވަރެއް ހިގައިގަތެވެ. ޖެއްސުން ކުރުމާއި ޖަދަލުކުރުމާއި އަނިޔާއާއި ރަށުތެރެ ލޫޓުވުން ފެށިގެން ދިޔައެވެ. އެއްވެސް ހަމައެއް ލަމައެއްނެތި އެމީހަކަށް ފެނުނު ގޮތަކަށް ކަންކަން ކުރުން އާންމު ވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އިހުނަށްވުރެ މިސްރު ހަލަބޮލިވެ ހަމަނުޖެހުން އިތުރުވެގެން ދިޔައެވެ. މިވަގުތާއި ދިމާކޮށް ސީރިޔާގެ ޤަވަރުނަރުކަމުގައި ހުންނެވި އަމީރު މުޢާވިޔަތު، ޢަމްރުބުނުލް އާސްއަށް ލަސްކަރާއި އެކު މިސްރަށް އަރާ މިސްރު ހިފުމަށް އަމުރު ކުރެއްވިއެވެ. ޢަމްރުބުނުލް އާސް އިސްލާމީ ލަސްކަރާއި އެކު މިސްރަށް ވަޑައިގެން ފަސޭހަކަމާއި އެކު މިސްރު ހިފައިފިއެވެ. އޭރު މިސްރުގެ ޤަވަރުނަރުކަމުގައި ޢަލީގެފާނު އިސްކުރައްވައިގެން ހުންނެވީ އަބޫބަކުރުގެފާނުގެ ދަރިކަލުން މުޙައްމަދު ބިން އަބޫބަކުރެވެ. ޢަމްރުބުނު އާސްގެ ލަސްކަރު މިސްރުހިފާ މިސްރުގެ ޤަވަރުނަރު ހޯއްދަވާ ޤަތުލުކުރެއްވިއެވެ. އަދި ހިމާރެއްގައި ދެފައި ބަދެ މުޅި މިސްރުގައި ދުއްވި ކަމަށް ތާރީޚީ ފޮތްތަކު ގައިވެއެވެ. މިޙާދިސާގެ ޚަބަރު ކީރިތި ރަސޫލާގެ އަބިކަބަލުންގެ ގޮތުގައި ހިމެނެވަޑައިގެންނެވި ޢައިޝަތުގެފާނަށް ލިބިވަޑައިގެން ދުވަހުން ފެށިގެން އަވަހާރަވުމާއި ހަމައަށް އެކަމަނާ އެއްގަމު މަހުގެ އެއްވެސް ބާވަތެއް ފަރިއްނުކުޅުއްވާ ކަމުގައި ތާރީޚު ގައިވެއެވެ. އެއީ ޢައިޝަތުގެފާނު އެއްބަޑުއެއްބަފާ ބޭބެ މުޙައްމަދު ބިން އަބީބަކުރު އެފަދަ ގޮތަކަށް އިސްލާމީ ލަސްކަރުން މަރާލުން އެކަމަނާއަށް ޤަބޫލުފުޅު ނުކުރެއްވިގެން ކަމުގައިވެއެވެ. މީލާދީން 661 ވަނަ އަހަރު ޢަލީގެފާނު ޝަހީދުކޮށް ލެވުނެވެ. ޢަލީގެފާނު ޝަހީދު ވުމާއި ގުޅިގެން މުސްލިމުންގެ ޚަލީފާކަން ނެތިގެން ދިޔައެވެ. އެވަގު އިސްލާމީ އެންމެ ބޮޑު ފައުޖް އޮތީ ސީރިޔާގައި އަމީރު މުޢާވިޔަތުގެ ކޮމާންޑުގެ ދަށުގައެވެ. ނަތީޖާއެއްގެ ގޮތުން އަމީރު މުޢާވިޔަތު ޚަލީފާކަމަށް ދައުވާ ކުރަންފެށިއެވެ. ޚަލީގެފާނުގެ ދޮށީދަރިކަލުންނަކީ އިމާމް ޙަސަންއެވެ.

ރަސޫލާގެ ކާފަދަރިކަލުންނަށް ޚަލީފާކަށް ދިނުމަށް ރަސޫލާގެ ޞަހާބީން އެދެމުން ދިޔައެވެ. ނަމަވެސް އަމީރު މުޢާވިޔަތު ގޮތްދޫނުކުރައްވާ ޚަލީފާކަން ބޭނުންފުޅު ވުމުން އިމާމް ޙަސަން ބިން ޢަލީ، މުޢާވިޔަތައް ޚަލީފާކަން ދިނުމަށް އެއްބަސްވިއެވެ. ޙަސަންގެފާނު މިނިންމުން ނިންމީ އިސްލާމީ މުޖުތަމަޢު ނިކަމެތިވެ ބައިބައިވެގެން ދިޔަނުދިނުމަށެވެ. އެއެއްބަސްވުމުގައި މުޢާވިޔަތައް ފަހު ޚަލީފާކަން ޙަސަންގެފާނަށް ދިނުމަށް އަމީރު މުޢާވިޔަތު އެއްބަސްވެވަޑައިގެންނެވިއެވެ. އަދި މުޢާވިޔަތުގެ ޚަލީފާކަމުގައި ޙަސަންގެފާނު އާންމު ދިރިއުޅުއްވުމެއްގައި މަދީނާގައި އުޅުއްވުމަށް އެއްބަސްވެލެއްވިއެވެ. އިސްލާމީ ތާރީޚް ފާހަގަ ކުރާގޮތުގައި ޙަސަންގެފާނުގެ އެއްބަސްވުމާއި ހަމައިން އުމަވިއްޔަ ދައުލަތް އުފެދުނީއެވެ.