ޚަލްދޫންގެ މަސައްކަތް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އިބްނު ޚަލްދޫންގެ ފުރިހަމަ ނަންފުޅަކީ ޢަބްދުއްރަޙްމާން ބުނި މުޙައްމަދު ބުނި މުޙައްމަދު ބުނި މުޙައްމަދު ބުނި އަލްޙަސަން ބުނި ޖާބިރު ބުނި މުޙައްމަދު ބުނި އިބްރާހީމް ބުނި ޢަބްދުއްރަޙްމާން ބުނި އިބްނު ޚަލްދޫންއެވެ. އެމަނިކުފާނަށް ޢާންމުކޮށް މުޚާޠަބްކުރެވޭ ނަންފުޅަކީ އިބްނު ޚަލްދޫން ނުވަތަ އިބްނު ޚުލްދޫން، އަދި اَبُو زَيْدٍ عَبْدُ الرَّحْمنُ إبْنُ خَلَّدُوْنَ މިނަންވެސް ޢާއްމުކޮށް ބޭނުންފުޅު ކުރައްވައެވެ. އިބްނު ޚަލްދޫން އުފަންވެވަޑައިގެންނެވީ، ހިޖުރައިން 732 ވަނަ އަހަރުގެ ރަމަޟާންމަހުގެ 01، މީލާދީން 1332 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު، މަޣްރިބް ކަރަ ނުވަތަ މިހާރުގެ އެފްރިކާގެ ތޫނިސް ނުވތަ ޓިއުނީސިއާ ގައެވެ. އިބްނު ޚަލްދޫންގެ ޢާއިލާއަކީ، ޔަމަނުގެ ހަދުރަމައުތަށް ނިސްބަތްވާ ޢިލްމުވެރި އަދި ސިޔާސީ ޢާއިލާއެވެ. ޢާއިލާއަށް ނިސްބަތްވާ، މިދެންނެވި ދެދާއިރާއިންވެސް ކުރިޔަށް ވަޑައިގެންނެވުމަށް، އިބްނު ޚަލްދޫން ހުންނެވީ ނިންމަވައިގެންނެވެ. ނަމަވެސް އިބްނު ޚަލްދޫންގެ ބައްޕާފުޅަކީ ސިޔާސީކަންކަމުގައި ޙަރަކާތްތެރިވެލައްވާ ބޭކަލެއްނޫންކަމަށާއި، ކިޔަވައިދެއްވުމުގެ ދާއިރާގައި ޙަރަކާތްތެރިވެލައްވާ ބޭކަލެއްކަމަށް، ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ.  އިބްނު ޚަލްދޫންގެ ތަޢުލީމީ ޙަޔާތް: ކުރިންވެސް ދެންނެވިފަދައިން، އިބްނު ޚަލްދޫންގެ ބައްޕާފުޅަކީ، ކިޔަވައިދެއްވުމުގެ މަސައްކަތްޕުޅުކުރައްވާ ޢިލްމުވެރި ބޭކަލަކަށްވާތީ، އިބްނު ޚުލްދޫން ފުރަތަމަ ކިޔަވާވިދާޅުވީ، އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުންނެވެ. އެކަލޭގެފާނުގެ ވަރަށް ޅަޢުމުރުފުގައި ކީރިތިޤުރުއާން ހިތްޕުޅުން ދަސްކުރެއްވިއެވެ. ބަހުގެ ޤަވާޢިދާއި، ފިޤްހު ޢިލްމާއި، ޙަދީޘް ޢިލްމުވެސް ކިޔަވާ ވިދާޅުވިއެވެ. އަދި ތަޤްރީރުދިނުމުގެ ޢިލްމާއި، ބަހާބެހޭ ދިރާސާކުރުމުގެ ޢިލްމާއި، ޅެންބަހުރުވައާބެހޭ ޢިލްމްވެސް ޙާޞިލްކުރެއްވިއެވެ. މިހުރިހާވައްތަރެއްގެ ޢިލްމުތަކުންވެސް، ފެންވަރުރަނގަޅު ކާމިޔާބިތަކެއް، އިބްނު ޚަލްދޫން ހޯއްދަވައި، ސެޓްފިކެޓް ޙާޞިލް ކުރެއްވިއެވެ. އިބްނު ޚަލްދޫންގެ ޢުމުރުފުޅުން 19 އަހަރުފުޅުވުމާހަމައަށް، ކިޔަވާވިދާޅުވުމުގައި ހޭދަކުރެއްވިއެވެ. އިބްނު ޚަލްދޫން އިސްކޮށް ތަބާވެލައްވަނީ މަޛްހަބުލް އަޝާޢިރީގެ އުޞޫލްތަކަށްކަމަށާއި، ނަމަވެސް މާލިކީ މަޛްހަބުގެ ފިޤްހީ އުޞޫލްތަކަށް ބުރަވެލައްވާކަމަށްވެސް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.  ޢިލްމް ފެތުރުއްވުގައި އަދާކުރެއްވި ދައުރު: ކުރިންވެސް ދެންނެވިފަދައިން، އިބްނު ޚަލްދޫނަކީ، އެހާތަނަށް ދުނިޔެއަށް މުޅިންއައު ޢިލްމީ ޙަޤީޤަތްތަކެއް ދުނިޔެއަށް ހާމަކޮށްދެއްވި، މުސްލިމް ޢިލްމުވެރިޔެކެވެ. އެގޮތުން (historiography) ތާރީޚީ ޢިލްމާއި، (sociology) އިޖްތިމާޢީ ޢިލްމާއި، އަދި (economics) އިޤްތިޞާދީ ޢިލްމްގެ މުޅިންއައު ޙަޤީޤަތްތަކެއް ދުނިޔެއަށް ހާމަކޮށްދެއްވި ބޭކަލަކީ އިބްނު ޚަލްދޫނެވެ. މީގެއިތުރުން ޕޮލިޓިކަލް ސައިންސާއި ކޮމްޕްލެކްސް ސައިންސްގެ ދާއިރާއިންވެސް އައު ހޯދުންތަކެއްވެސް އިބްނު ޚަލްދޫން ހޯއްދަވާފައިވެއެވެ. އިބްނު ޚަލްދޫން ހާމަކޮށްދެއްވާފައިވާ އެކިއެކި ތިޔަރީތަކުގެ ތެރޭގައި، ސައިކްލިކަލް ތިޔަރީއާއި، އެމްޕާޔާ ތިޔަރީއާއި، ޢަޞަބިއްޔާގެ ތިޔަރީއާއި، އިކްނިމިކް ގްރޯތް ތިޔަރީއާއި، ސަޕްލައި އެންޑް ޑިމާންޑް ތިޔަރީ ފަދަ ތިޔަރީތަކާބޭހެގޮތުންވެސް ވަރަށްފުޅާ ދާއިރާއެއްގައި ދިރާސާކުރައްވާ، އެކަންކަމާބެހޭގޮތުން ނެރުއްވާފައިވާ ޢިލްމީ ޙާޤީޤަތްތަކަކީވެސް ދުނިޔެބަލައިގެންފައިވާ އެއްޗެކެވެ. އިބްނު ޚަލްދޫންގެ ޢިލްމީ ހޯއްދެވުމަށް ޢާއްމުކޮށް ހާމަކޮށްދެއްވުމުގައި ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ޒަމާނުގެ ދަތިއުދަނގޫކަމާއި، މަޤާމުގެ ބުރަކަމާއެކުގައިވެސް ޢިލްމީފޮތްތައް ލިޔުންވާފައިވެއެވެ. އެކިއެކި މުނާސަބަތުތަކުގައި ތަޤްރީރް ކުރައްވާފައިވެއެވެ. އެތަށް ބަހުސްތަކެއްގައި ބައިވެރިވުމުގެއިތުރަށް، އެތައްހާސް ދަރިވަރުންނަށް އުނގަންނަވާދެއްވާފައި ވެއެވެ.  ފޮތް ލިޔުއްވުން: އިބްނު ޚަލްދޫން ލިޔުއްވާފައި "އަލް މުޤައްދިމާ" މިފޮތަކީ މުޅިންއައު ވަރަށްގިނަ ޢިލްމީ ޙާޤީޤަތްތަކެއް ހިމެނިފައިވާ، އެފަދަ ދެވަނައެއްނެތް ފޮތެއްކަމަށް މުޅިދުނިޔެއަށް މަޝްހޫރުވެފައިވެއެވެ. އެކިއެކި ބަސްބަހުން އެފޮތް ތަރުޖަމާކޮށް، އެކިއެކި ޤައުތަކުގެ ފިހާރަތަކުގައާއި، ލައިބްރަރީ ތަކުގައާއި، ކޮލެޖް އަދި ޔުނިސިޓީތަކުގައާއި، ސްކޫލްތަކުގައި ދަނީ ބޭނުންކުރަމުންނެވެ. އެފޮތުގެ އެތަކެއް ވޮލިޔުމްތައް ނެރުއްވާފައިވެއެވެ. "އަލް މުޤައްދިމާ"ގެ އިތުރުން އިބްނު ޚަލްދޫން ލިޔުއްވާފައިވާ ފޮތަތަކުގެތެރެއިން މަޝްހޫރުވެފައިވާ އަނެއްފޮތަކީ، "كِتَابُ الْعِبَرِ" މިނަން ކިޔާފޮތެވެ. އިޤްތިޞާދީ ޢިލްމުގެ ބައްޕަކަމުގައި ހުޅަނގު ދެކެނީ، އެޑަމް ސުމިތެވެ. މީނާ ދުނިޔޭގައި އުޅުއްވައިފައިވަނީ، މީލާދީން 1723 ން 1790 އާ ދެމެދުގަ އެވެ. ނަމަވެސް މީނާއަށްވުރެ އެތައް ސަތޭކަ އަހަރެއްގެ ކުރިން، މީލާދީން 1332 ން 1406 އާ ދެމެދުގައި ދުނިޔޭގައި އުޅުއްވި، اَبُو زَيْدٍ عَبْدُ الرَّحْمنُ إبْنُ خَلَّدُوْنَ، އޭނާ ލިޔުއްވި މަޝްހޫރު ފޮތް " كِتَابُ الْعِبَرِ" ގެ މުޤައްދިމާގައި، ތާރީޚުޢިލްމާއި އިޖުތިމާޢީ ޢިލްމުގެ ބިންގައު ވަނީ އަޅުއްވައިފަ އެވެ. އިޤްތިޞާދީ ޢިލްމަކީ، އިޖްތިމާޢީ ޢިލްމުގެ ގޮތްޕެކެވެ. إبْنُ خَلَّدُوْن ދުނިޔޭގައި އުޅުއްވައިފައި ވަނީ، މީލާދީން 1332 ން 1406 އާ ދެމެދުގަ އެވެ. އެހެންވީމައި އިޤްތިޞާދީ ޢިލްމުގެ ބައްޕަ ނުވަތަ ބާނީ އަކީ، އެޑަމް ސުމިތު ކަމަކަށް ހަމަހިލާ ވެސް ނުވާނެ