ޙަސަން ޢިއްޒައްދީން
ޙަސަން ޢިއްޒައްދީން ގެ ބައްޕާފުޅަކީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިބްނި އައްސުލްޠާން އިބްރާހީމް ނޫރައްދީން އެވެ. މަންމައަކީ ކަޅުހުރާގޭ ސައްޔިދު ޢަލީ ދީދީގެ ސިއްތި އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 24 ޖުމާދިލް އައްވަލް 1319ހ ގައެވެ. ކިޔަވާ ވިދާޅުވާން ކޮޅުބަށް ފުރާވަޑައިގަތީ 24 ޖުމާދިލް އައްވަލް 1331 ގައެވެ. ބައްޕާޅުގެ ރަސްކަމުގައި އުޅުއްވީ ވަރަށް އިއްޒަތުގައި ހެންވޭރުގަނޑުވަރު ގައެވެ. ޙަސަން ޢިއްޒައްދީން އަކީ ލަވަޔާއި މިއުޒިކަށް ވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. ދިވެހިރާއްޖޭގައި މިއުޒިކް، ލަވަ، އަދި ލަވަކިޔުން ފެއްޓެވުމުގެ ކުރީ ސަފުގައި ހުންނެވި ބޭފުޅެކެވެ. ބައްޕާފުޅު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ގެ ރަސްކަމުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފާސްކުރި ގާނޫނު އަސާސީ އާއި ގުޅިގެން 27 ޖުމާދިލް އާޚިރާ 1353ހ ގައި މާލޭގައި ހިނގި ހަމަ ނުޖެހުމުގައި ޙަސަން ޢިއްޒައްދީން ފުވައްމުލަކަށް އަރުވާލެވުނެވެ. ޙަސަން ޢިއްޒައްދީން ގެ އަނބިކަބަލަކީ ޙުސައިންދީދީ ގޮމާ އެވެ. ތިއްބެވީ ދެބޭފުޅުންނެވެ. އެއީ އައްނަބީލާ ފަރީދާ ޢިއްޒައްދީން، އަދި އައްނަބީލާ ސަޢީދާ ޢިއްޒައްދީން އެވެ. ޙަސަން ޢިއްޒައްދީން އަވަހާރަވީ 22 ޝަޢުބާން 1359 ހ (25 ސެޕްޓެމްބަރު 1940މ) ގައި ފުވައްމުލަކު ގައެވެ. ފަސްދާނު ވެޑުވުނީ ވެސް އެރަށުގައެވެ.
ރިފަރެންސް
[އުނިއިތުރު ގެންނަވާ]- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006