ޑެންގީ ވައިރަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑެންގީ ވައިރަސް(އިނގިރޭސި ބަހުން: Dangue Virus) އަކީ ފްލެވިވިރިޑޭ ޢާއިލާ އަށް ނިސްބަތްވާ އާރް.އެން.އޭ ވައިރަހެކެވެ. ޖަޕަނީސް އެންކެފަލައިޓިސް، ހުޅަނގު ނީލަކޯރު ހުން، އަދި ރީނދޫ ހުން އަކީ ވެސް މިއާއިލާގެ ވައިރަސް ތަކުން ޖެހޭ ބަލިތަކެވެ.

ޑެންގީ ހުން ޖައްސާ ވައިރަސްގެ 4 ބާވަތެއް މިހާތަނަށް ވަނީ ފެނިފައެވެ. އެއީ ޑެން1،2،3،4 މިއެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއް ފަހަރު އެވެ. ވައިރަހުގެ އެއްބާވަތުން ހުން ޖެހުނުކަމަށް ވިޔަސް ވައިރަހުގެ ދެވަނަ ބާވަތަކުން ރައްކާތެރިކޮށެއް ނުދެއެވެ. ފުރަތަމަ ފަހަރަށް ޑެންގީ ހުން ޖެހުމުން ކިޔަނީ ޕްރައިމަރީ ޑެންގީ އިންފެކްޝަން އެވެ. އަދި ދެވަނަ ފަހަރަށް ޖެހުމުން ކިޔަނީ ސެކަންޑަރީ ޑެންގީ އިންފެކްޝަން އެވެ.

ޑެންގީ ޖައްސާ 4 ވައިރަހުންކުރެ ކޮންމެ ވައިރަހަކުންމެ، ހުމުގެ ނުރައްކާތެރި ބާވަތްކަމަށްވާ ޑެންގީ ހެމޮރޭޖިކް ހުން، އަދި ޑެންގީ ޝޮކް ސިންޑްރޯމް ޖެހިދާނެއެވެ. ދެވަނަ ފަހަރަށް ވައިރަސް ވާޞިލްވާ 16 އަހަރުން ދަށުގެ ކުދިންނަށް ގާތީ ޑެންގީ ހެމޮރޭޖިކް ހުން ޖެހުމެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ޑެންގީ ޖެހޭ 1 އަހަރުން ދަށުގެ ކުދިންނާއި، ޑެންގީ ވައިރަސް 1 އަދި 3 ފުރަތަމަ ފަހަރަށް ޖެހޭ ކުދިންނަށް ޑެންގީ ހެމޮރޭޖިކް ހުން، އަދި ޑެންގީ ޝޮކް ސިންޑްރޯމް ޖެހިދާނެއެވެ.

ޑެންގީ ވައިރަސް ހަށިގަނޑަށް ވާޞިލްވުމުން އެމީހަކަށް ޖެހޭނީ ޑެންގީގެ ކޮން ބާވަތެއް ކަމެއް އަދި ދެނެގަނެވޭނެ ގޮތެއް ހޯދިފައެއް ނެތެވެ. އާދައިގެ ޑެންގީ ހުން ޑެންގީ ހިމޮރޭޖިކް ހުން އަށް ބަދަލުވެގެން ނުދާނެކަމަށް ޑެންގީގެ ބައެއް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ޑެންގީ ހިމޮރޭޖިކް ހުމަށް ބޭނުންވާ ފަރުވާ ނުލިބިއްޖެނަމަ ޑެންގީ ޝޮކް ސިންޑްރޯމް އަށް ބަދަލުވެގެން ހިގައިދާނެ ކަމަށް ބުނެއެވެ.


ޑެންގީ ވައިރަސް ހަށިގަނޑަށް ވާޞިލްވުމުން ވެދާނެ ގޮތްތައް[އުނިއިތުރު ގެންނަވާ]