ޑރ ޢަބުދުލް ޣަފޫރު ޢަބުދުއްރަހީމް (ޕީއެޗްޑީ)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑރ ޢަބުދުލް ޣަފޫރު ޢަބުދުލް މަޖީދަކީ އިސްލާމީ ތައުލީމް ގެ ދާއިރާއިން ޕީއެޗްޑީ ނަގައިހުންނެވި އިލްމުވެރިއެކެވެ.ބައްޕަ އަބްދުއްރަހީމް އަބްދުލްމަޖީދަކީ މަޝްހޫރު ލިޔުންތެރިޔެކެވެ. ޑރ. ޣަފޫރު އަމަލީ މަސައްކަތުގައި ހާއްސަވެވަޑައިގަތީ ދީނީ ތައުލީމް ފެތުރުމުގެ ދާއިރާ އަށެވެ.. ފުރަތަމަ ތައުލީމް ހާޞިލްކުރެއްވީ މަޖީދިއްޔާ ސްުކޫލްގައެވެ. އެއަށްފަހު ސައޫދީ އަރަބިއްޔާގައެވެ. އެއަށްފަހު އޮސްޓްރޭލިޔާގައެވެ.


ތައުލީމީ ހަޔާތުގެ ބިންގަލަކީ މަޖީދިއްޔާ ސްކޫލެވެ. އެއަށްފަހު އެސްއީސީން ދެ މަސް ދުވަހު ތައުލީމް ހާސިލް ކުރެއްވި އެވެ. އެ ސްކޫލުން ވަކިވެވަޑައިގަތީ ކުޅިވަރުގެ ތެރޭގައި ބޮޑަށް ހަރަކާތްތެރިވެ އުޅުއްވުމަށެވެ. ޣަފޫރަކީ އޭރުގެ ފެންވަރު މޮޅު ބެޑްމިންޓަން ކުޅުންތެރިއެކެވެ. އެކަމަކު ވަޒީފާއަކަށް ވަޑައިނުގެން ނުހުރެވޭނެތީ ބަނޑޮސް އައިލެންޑް ރިޒޯޓުގައި ވެސް މަސައްކަތްކުރެއްވި އެވެ. އެއަށް ފަހު ކިޔަވާ ވިދާޅުވާން ފުރުސަތު ލިބިވަޑައިގަތެވެ.

އެގޮތުން 1981 ވަނަ އަހަރު ސައުދީ އަރަބިއްޔާ އަށް ވަޑައިގެން އަރަބި ބަހާއި އަދަބިއްޔާތާއި ދީނީ ތައުލީމްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވި އެވެ. ޑިގްރީ އަށް ފަހު ރާއްޖެ ވަޑައިގެން މައުހަދުގައި ކިޔަވައިދެއްވަން ހަތަރު އަހަރު އުޅުއްވި އެވެ. އެއަށްފަހު އޮސްޓްރޭލިއާ އަށް ދިރިއުޅުން ބަދަލު ކުރެއްވި އެވެ.

އޮސްޓްރޭލިއާ އަށް ވަޑައިގަތީ މެލްބަން ޔުނިވާސިޓީން މާސްޓާސް ހެއްދެވުމަށެވެ. ފުރަތަމަ އަހަރަށް ފަހު ތީސީސް އަށް ބަލައި ޕީއެޗްޑީ ހެދުމުގެ ފުރުސަތު ޣަފޫރަށް ލިބިވަޑައިގަތެވެ. ދީނީ ތައުލީމްގެ ދާއިރާއިން 1999ގައި ޕީއެޗްޑީ ވެސް ހާސިލް ކުރެއްވީ އެ ޔުނިވާސިޓީންނެވެ.

ކިޔަވައިދެއްވުމުގައި ވެސް ބޮޑަށް އުޅުއްވީ އިސްލާމީ ތާރީހާއި އަރަބި ބަހުގެ ދާއިރާގަ އެވެ. އެގޮތުން 2007 ވަނަ އަހަރާ ހަމަޔަށް މެލްބަން ޔުނިވާސިޓީގައި ލެކްޗަރާއަކަށް އުޅުއްވުމަށް ފަހުގައި އޮސްޓްރޭލިއަން އިންޓަނޭޝަނަލް އެކަމެޑީ ހައި ސްކޫލާ ގުޅިވަޑައިގަތެވެ. އަދިވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ސްކޫލްގެ އަރަބި ޑިޕާޓްމަންޓުގެ ވެރިއަކަށެވެ.

ޣަފޫރު ރާއްޖޭން ބޭރުގައި ދިރިއުޅުއްވާތާ 37 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ނަމަވެސް އަދިވެސް ހިތް އޮތީ ރާއްޖޭގަ އެވެ. އޭނާގެ ޔޫޓިއުބް ޗެނަލް އެކަމަށް ހެކިވާނެ އެވެ. ހިންދީ އެކި ލަވަތަކުގެ ދިވެހި ތަރުޖަމާ ހައްދަވައި އެ ޗެނަލް އަށް އަޕްލޯޑް ކުރައްވަ އެވެ. އެއީ އޭނާ ހުސްވަގުތު އެންމެ ޝައުގާއެކު ކުރައްވާ ކަންތަކެވެ. ބޭނުމަކީ ޅެން ޅެމުގައި އަސްލު ދައްކާ ވާހަކަ ދިވެހިންނަށް އެނގޭނެ ވަރު ކުރެއްވުމެވެ. ޅެމުގެ އިތުރުން މަޝްހޫރު ބޭފުޅުންގެ ވާހަކަތައް ވެސް ތަރުޖަމާ ކުރައްވަ އެވެ. ދީނީ އެކި މައުލޫތަކަށް ގަވައިދުން ލިޔުއްވަ އެވެ. ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓުން ކޮންމެ ހަފްތާއަކު ވެސް ޣަފޫރުގެ ލިޔުއްވުންތައް ފެނެ އެވެ. އޭގެ އިތުރުން ދިވެހި ބައެއް ނޫސްތަކަށް ވެސް ޣަފޫރު ލިޔުއްވަ އެވެ.