ސުލްޠާން އަޙްމަދު ޝިހާބުއްދީނު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ސުލްޠާން އަޙްމަދު ޝިހާބުއްދީނު އަކީ މީލާދީން1335 ން 1343 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 735 ން 742 އަށެވެ. ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 735 ވަނަ އަހަރު އެވެ.

ނަސަބު[އުނިއިތުރު ގެންނަވާ]

ސުލްޠާން އަޙްމަދު ޝިހާބުއްދީނު ގެ ބައްޕާފުޅަކީ ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު އެވެ. އިބްނި ބަޠޫޠާ ލިޔުއްވާ ގޮތުން ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ އާއި ، ސުލްޠާން އަޙްމަދު ޝިހާބުއްދީނު އަކީ އެއްބައްޕާފުޅު، ދެބަނޑު ދެބޭފުޅުންނެވެ. މިހެނީ ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ދެވަނައަށް ކައިވެނި ބައްލަވައިގަތް، އަލްވަޒީރު ޢަބްދުﷲ ބިން މުޙައްމަދު އަލްޙަޟްރަމީ، އަކީ ސުލްޠާން އަޙްމަދު ޝިހާބުއްދީނު ގެ ދޮންބައްޕަ ކަމުގައި އިބްނި ބަޠޫޠާ ލިޔުއްވާފައި ވެއެވެ. މިނަންގަތް ވަޒީރަކީ ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ދެވަނަ ރަސްކަމަށްފަހު ތަޚްތަށް އިސްވެ ވަޑައިގަތް ސުލްޠާން ޢަބްދުﷲ އެވެ.

ރަސްކަމުގެ ދުވަސްވަރު[އުނިއިތުރު ގެންނަވާ]

ސުލްޠާން އަޙްމަދު ޝިހާބުއްދީނު ރަސްކަމަށް އިސްވެވަޑައިގަތީ ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު އަވަހާރަ ވުމުންނެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ ސިރީ ލޯކަ އާދީއްތަ މަހާރަދުންނެވެ. މިރަދުންގެ ބައްޕާފުޅަކީ ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު އެވެ. އިބްނިބަޠޫޠާ މިރަދުންނާ މެދު ލިއުއްވާފައިވަނީ މިފަދައިންނެވެ. "ޢުމަރުވީރު ރަސްގެފާނު އަވަހާރަވީއިރު ޝިހާބުއްދީނު ތަޞައްރަފެއް ނުފުދެއެވެ. އެހެންކަމުން އަލްވަޒީރު ޢަބްދުﷲ ބިން މުޙައްމަދު އަލްޙަޟްރަމީ، ޝިހާބުއްދީނުގެ މާތް މަންމާ އާއި ކާވަނި ކުރައްވައި ޝިހާބުއްދީނުގެ ބަދަލުގައި ރަސްކަން ހިންގަވައިދެއްވުމަށް ވެރިވެވަޑައިގެންފިއެވެ." މިވަޒީރު ފަހުން ކައިވެނި ބެއްލެވީ ޝިހާބުއްދީނުގެ މަންމާފުޅުގެ ދޮންދަރިކަނބަލުން އަދި އެ ރަދުންގެ ދައިތާފުޅު ސުލްޠާނާ ރެހެންދި ޚަދީޖާ އާ އެވެ. އަދި ފަހުން ސުލްޠާން މުޙައްމަދުލްޖަމީލު މިނަމުގައި ރަސްކަން ވެސް ކުރެއްވިއެވެ. މުޙައްމަދު އަމީނު ވިދާޅުވާ ގޮތުގައި ދިވެހިން އޭނާ އަށް ކިޔާއުޅެނީ ރީތި މުޙައްމަދެވެ. ބައެއް ލިޔުންތަކުގައި އެއީ ސުލްޠާން ޢަބްދުﷲ ކަމަށް ވެސް ލިޔެފައި ވެއެވެ.

"ޝިހާބުއްދީނަށް ތަޞައްރަފު ފުދުމާއެކު، އަލްވަޒީރު ޢަބްދުﷲ ހުވަދު އަތޮޅަށް އަރުވާލައްވައި، ޝިހާބުއްދީނު ރަސްކަމަށް އިސްވެވަޑައިގެންފިއެވެ. އެއަށްފަހު އެއްމެ އިސް ވަޒީރެއް ކަމުގައި، ޝިހާބުއްދީނު، ޚިޔާރުކުރެއްވީ، ޢަލީ ކިލެގެއޭ ނަމަކަށް ކިޔާ، އޭނާގެ މިނިވަންކޮށްފައިވާ އަޅެކެވެ. ޢަލީކިލެގެގެ އެހީތެރިކަމާއެކު ޝިހާބުއްދީނު ރަސްކަމުގެ ކަންތައްތައް ހިންގަވަމުން ގެންދެވީ، 3 އަހަރު ވާންދެނެވެ. އެ މުއްދަތު ވޭތުވެ ދިއުމަށްފަހު، ޢަލީ ކިލެގެއަށް ވެސް ޖެހުނީ، އަލްވަޒީރު ޢަބްދުﷲ އަށް ޖެހުނު ޙާލެވެ. ޔަޢުނީ ހުވަދު އަތޮޅަށް އަރުވާލައްވައިފިއެވެ."


އަޚްލާޤް[އުނިއިތުރު ގެންނަވާ]

ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ އާރާސްތު ކުރެއްވި، ފުރާމާލޭ ހުކުރު މިސްކިތް ދެވަނަ ފަހަރަށް، އައު ކުރެއްވީ، ޝިހާބުއްދީނު ރަދުންގެ އަމުރުފުޅަށް 738ހ. ވަނަ އަހަރު އެވެ. އިބްނިބަޠޫޠާގެ ނަޒަރުގައި ސުލްޠާން އަޙްމަދު ޝިހާބުއްދީނަކީ، އަޚްލާޤީ ގޮތުން ތަޢުރީފުކުރެވޭފަދަ ބޭފުޅެއްނޫނެވެ. އެ ރަދުންގެ އަޚްލާޤާ މެދު އިބްނިބަޠޫޠާ ލިއުއްވާފައިވަނީ އަންނަނިވި ޢިބާރާތެވެ. "އާދަވެގެން ރޭގަނޑު ސަރުކާރުގެ ކުރިޔަށް ތިބި މީހުންގެ އަނބީންނާއި، އަދި، އާދައިގެ ދޯދިޔާ އަންހެނުންނާ އެކު ނަހަމަ ގޮތްތަކުގައި އުޅުއްވާ ކަމަށް ބުނެވެއެވެ."


އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ސުލްޠާން އަޙްމަދު ޝިހާބުއްދީނު ރަދުން އަވަހާރަވީ ނުވަތަ ގަތުލުކުރެވުނީ ހިޖުރައިން 742 ވަނަ އަހަރު ގައެވެ. އިބްނި ބަޠޫޠާގެ ނަޒަރުގައި ޝިހާބުއްދީނު އަވަހާރަވީވެސް އެ ރަދުންގެ ހުރި ނުރަނގަޅު ސިފަތަކަށް ޓަކައި ރައްޔިތުން ނުރުހިގެން ހައްދުންމައްޗަށް އަރުވާލާފައި ވަނިކޮށެވެ. މާލެއިން މީހަކު ފޮނުވައި، ޝިހާބުއްދީނު އަވަހާރަކޮށްލީ ކަމުގައެވެ. ޝިހާބުއްދީނު ރަދުންގެ އަޚްލާޤާ މެދު ނުވަތަ އެ ރަދުން އަވަހާރަވީ ގޮތާ މެދު ޙަސަން ތާޖުއްދީނު އެއްވެސް އެއްޗެއް ލިޔުއްވާފައެއް ނުވެއެވެ. އިބްނި ބަޠޫޠާ ރާއްޖެއަށް ދުރުވީ، ޝިހާބުއްދީނު އަވަހާރަވިތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އެހެންކަމުން ޝިހާބުއްދީނާމެދު އޭނާ ލިޔުއްވާފައިވާ ވާހަކަތައް ބިނާ ކުރައްވާފައިވަނީ ހަރުދަނާ ބިންގަލެއްގެ މައްޗަށް ކަމާމެދު ޝައްކުކުރާންވީ ކަމެއް ނުވިސްނޭކަމަށް މުޙައްމަދު އަމީނު ވިދާޅުވެފައިވެއެވެ.


މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން


ކުރިން ހުންނެވީ:
ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު
ދިވެހިރާއްޖޭގެ ރަދުން
މީލާދީން ސާދަވަނަ ޤަރުނު
ފަހުން ވަޑައިގަތީ:<br./>ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ