ސާރޖަންޓް މުޙާއްމަދު އިބްރާހީމް (މުދިމް)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސަރޖަންޓް މުޙައްމަދު އިބްރާހީމް (ސ. ނަންބަރ:267) އަކީ 1973 ވަނައަހަރު މާރޗް މަހުގެ 20 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް) ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ވޭތުވެ މިދިޔަ 36 އަހަރާއި 4 މަހާ 11 ދުވަހުގެ ދިގު މުއްދަތުގައި، އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ޚިދުމަތް ކުރުންމަތީ ދެމިހުންނެވި ބޭފުޅެކެވެ. މި ދިގު މުއްދަތުގެ ތެރޭގައި އެމް.އެން.ޑީ.އެފް ގެ ލާންސްކޯޕްރަލްކަމާއި، ކޯޕްރަލްކަމުގެ މަޤާާމް ފުރުއްވާފައި ވެއެވެ. ސަރޖަންޓް މުޙައްމަދު އިބްރާހީމް ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން، ޝަރަފުގެނިޝާނުގެ ގޮތުގައި 5 ކުލައާ 4 މެޑަލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލްތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތުގެ މެޑަލް، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑަލް، ސައްތައިގެ މެޑަލް، 3 ނޮވެމްބަރުގެ މެޑަލް ހާސިލްކުރައްވާފައިވާކަން ފާހަގަ ކުރަމެވެ. ޙާސިލްކުރެއްވި ކުލަތަކުގެ ތެރޭގައި އިޚްލާސްތެރި ޚިދުމަތުގެ ކުލަ ހިމެނެއެވެ. މީގެއިތުރުން ތަފާތު އެކިއެކި ކަންކަމާގުޅިގެން ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ ލިޔުއްތައް ޙާސިލްކުރައްވާފައިވާކަން ފާހަގަ ކުރަމެވެ. ސަރޖަންޓް މުޙައްމަދު އިބްރާހީމްގެ ޚާއްޞަ ޚިދުމަތް ތަކުގެ ތެރޭގައި ޑިއުޓީސެކްޝަންގެ އިތުރުން އާމަރީ ސެކްޝަނާއި، މިސްކިތު މުދިމެއްގެ ގޮތުން ޚިދުމަތް ކުރައްވާފައި ވެއެވެ. ރިޓަޔަރ ކުރެވުނު އިރު ޚިދުމަތް ކުރައްވަމުން ގެންދެވީ އެމް.އެން.ޑީ.އެފް ގެ މިލިޓަރީ އިންޖިނިއަރިން ސަރވިސް ގައެވެ. ސަރޖަންޓް މުޙައްމަދު އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތް ތަކުގެ ތެރޭގައި، މާލެއަށް ބޮޑުރާޅުއަރުމުގެ ޙާދިސާއާއި، އަކިރި ހަދިޔާކުރުމާއި، ވެލި ހަދިޔާ ކުރުމުގެ މަސައްކަތުގެ އިތުރުން 3 ނޮވެމްބަރުގެ ޢުދުވާނީ ހަމަލާ ފާހަގަ ކުރެވެއެވެ. ސަރޖަންޓް މުޙައްމަދު އިބްރާހީމް އަކީ ސިފައިންގެ ތެރޭގައި މިދެންނެވި ޚިދުމަތްތަކުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުންމަތީ ދެމިހުންނެވި ލާމަސީލު ބޭފުޅެކެވެ. މުޙައްމަދު އިބްރާހީމްގެ މަތިވެރި ޚިދުމަތްތަކަކީ، މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭ ޒުވާން ދަރިންނަށް ދައްކުއިދެއްވި ރީތި މިސާލެއްކަމުގައި ދަންނަވަމެވެ. އިސްވެ ދެންނެވުނު އެންމެހައި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 01 އޯގަސްޓް 2009 ގައި ޝަރަފުވެރި ކަމާއެކު ސަރޖަންޓް މުޙައްމަދު އިބްރާހީމް ރިޓަޔަރ ކުރެއްވުމުން މުޙައްމަދު އިބްރާހީމްގެ ވަރުގަދަ ޢަޒުމާ ހިތްވަރަށް، އައްސަރިބަހާއި ސާބަސް ދަންވައި، މަތިވެރި ޚިދުމަތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރާއި މުބާރިކުބާދީ އަދާކުރަމެވެ.