ގާތުން ދިނުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

މައިމީހާގެ ކިރަކީ ތުއްތުދަރިފުޅަށް އެންމެ އެކަށީގެންވާ ކާނާއެވެ. އަދި އެދަރިފުޅު އުފެދި ބޮޑުވުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ މާއްދާތައްކަމުގައިވާ ޕްރޮޓީން، ކާބޯހައިޑްރޭޓްސް، ފެޓްސް، ވިޓަމިންސް އަދި ދަގަނޑުގެ ބައި އެންމެ ފުރިހަމަ ޢަދަދަކަށް ހިމެނިފައިވާ ކާނާއެވެ. މީގެ އިތުރުން އެކިވައްތަރު ވައްތަރުގެ ބަލިތަކުން ދިފާޢުކޮށްދިނުމުގެ ބާރު މައިމީހާގެ ކިރުގައި އެކުލެވިފައިވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިރުޝާދުދޭގޮތުގައި މައިމީހާގެ ކިރަކީ ތުއްތު ދަރިފުޅަށް އެންމެ ރަނގަޅު ކާނާއެވެ. އަދި ތުއްތު ދަރިފުޅުގެ ފުރަތަމަ 6 މަސް ދުވަހުގައި ހަމަ އެކަނި ގާތުން ކިރު ދިނުމަށް ވަނީ ބާރު އަޅާފައެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރުގައި އިތުރު މަޢުލޫމާތާއި ގާތުން ދިނުމުގެ މުހިއްމުކަން ވިސްނައިދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިލްތިމާސް ކުރެއެވެ. ގާތުން ކިރު ދިނުމަކީ ތުއްތު ދަރިފުޅަށް ކާނާ ފޯރުކޮށްދިނުމަގައި ޤުދްރަތީ ގޮތުން ހަމަޖެހިފައިވާ އެންމެ ރަނގަޅު ގޮތެވެ. އަދިގާތުން ދިނުމުން ފައިދާ ކުރަނީ ހަމަ އެކަނި ތުއްތު ދަރިފުޅަކަށް ނޫނެވެ. މީގެ ސަބަބުން މައިމިހާއަށްވެސް ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. މިގޮތުން މައިމީހާގެ ކަށިތައް ވަރުގަދަކޮށް އޯވަރީއަށާއި އުރަމައްޗަށް ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަވެގެންދެއެވެ. އަދި މާބަނޑު އިރު އިތުރުވާ ބަރުދަން ލުއިވުމަށް އެހީތެރިވާ ކަމެއްވެސްމެއެވެ. ތުއްތުދަރިފުޅަށް ގާތުން ކިރު ދިނުމުން ކުރާ ފައިދާތަކުގެ ތެރޭގައި ބަނޑާއި ގޮހޮރުގެ މައްސަލަތަކުންނާއި ޚާއްޞަކޮށް ބޭރަށް ހިންގުމުން އަދި ނޭވާލާ ނިޒާމަށާއި ކަންފަތަށް ޖެހޭ ބަލިތަކުން ދިފާޢުކޮށް ހަމައެއާއެކު ހަކުރުބައްޔާއި ހަމުގެ ބަލިތައް ޖެހުމުގެ ފުރުޞަތު އެތައް ގުނައަކަށް ކުޑަވެގެންދެއެވެ. އަދ ޚާއްޞަކޮށްލަން ޖެހޭ ނުކުތާއަކީ ގާތުން ދޭ ކުދިންގެ ނެޕީން ނުބައިވަސް ނުދުވާ ކަމެވެ.

ގާތުން ދިނުން ތަޖްރިބާ ކުރުމަކީ އެތަކެއް ހިތްހަމަޖެހުމާއި އުފަލަކާއި ދަރިމައިވަންތަކަމުގެ ކުލުނު އިތުރު ވެގެންދާ ކަމެކެވެ. ވީމާ، އަލަށް މައިންނަށްވާމީހުންނަށް، ޚާއްޞަކޮށް ގާތުން ކިރުދިނުމުގައި ދަތިތައް ކުރިމަތިވާ މީހުންނަށް، ގާތްތިމާގެ މީހުންނާއި ރައްޓެހިން އަދި ޞިއްޙީ އެހީތެރިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު އަދި ބޭނުންތެރި ކަމެކެވެ.

ތުއްތުދަރިފުޅު ދުނިޔެއަށް އުފަންވުމާއި ވިދިގެން މަސްތުރަވުމަށްފަހު މައިމީހާގެ ލޭގެ ތެރޭގައި ހިމެނޭ ދެ ހޯރމޯނެއް ކަމުގައިވާ އީސްޓްރޮޖަންއާއި ޕްރޮޖެސްޓެރޯން ހުންނަ ޢަދަދު ކުއްލިއަކަށް ދަށަށްދާ ގޮތް މެދުވެރިވެއެވެ. ހަމައެއާއެކު ޕްރޮލެކްޓިން އޭ ނަމަކަށް ކިޔާ ހޯރމޯނެއް ލޭގެތެރޭގައި އިތުރުވާން ފެށުމުގެ ސަބަބުން ކިރު އުފައިދައިދިނުމަށް މަގު ފަހިވެގެން ދެއެވެ. އެއަށްފަހު އުރަމަތީގައި ހުންނަ ޚާއްޞަ ސެލްތަކެއް ކަމުގައިވާ އެސިނީ ސެލްސް ތަކުން ކިރު އުފައްދައިދީ އުރަމައްޗަށް ކިރު ޖަމަޢުވާގޮތް ވެއެވެ. ތުއްތު ދަރިފުޅަށް ކައިރިން ދޭންފެށުމުގެ ގޮތުން އެދަރިފުޅުގެ އަނގަ އުރަމަތީގައި ޖެހުމަށްފަހު މައިމީހާގެ ހަށިގަނޑުގައި އުފައްދައިދޭ ހޯރމޯނެއް ކަމުގައިވާ އޮކްސިޓަސިންގެ ސަބަބުން އުރަމަތިން ކިރު އަންނަން ފަށައެވެ. އަދި ފުރަތަމަ ދުވަސްކޮޅުގައި މިގޮތަށް ކިރު އައުމުގައި މައިމީހާގެ އެއްވެސް އިޚްތިޔާރެއް ނޯންނާނެއެވެ. އެހެންނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތުއްތު ދަރިފުޅު ރޯ އަޑަށާއި އަދި ދަރިފުޅަށް ކިރު ދިނުމަށް ހިތަށް އެރުމުން ކިރު އަންނަން ފަށައެވެ. ގާތުން ދިނުން ފަސޭހަކުރުމަށްޓަކައި ވީހާވެސް އަވަހަކަށް ގާތުން ދޭން ފެށުން ބުއްދިވެރިއެވެ. އަދި، ގާތުން ދޭވަގުތުގައި މައިމީހާއަށް ފަސޭހަ ގޮތަކަށް ތުއްތު ދަރިފުޅު ބޭއްވިދާނެއެވެ.

ކިރުބޯނެ ވަގުތުތައް ކަނޑައެޅުމަށް ތުއްތުދަރިފުޅަށް ދޫކޮށްލާށެވެ. ބަނޑުހައިވެގެން ދަރިފުޅު ރޯންފެށުމުން ކިރުޖައްސާށެވެ. އޭރުން ކިރު އިތުރަށް އުފެދޭނެވެސްމެއެވެ. މިހެންވަނީ ތުއްތުދަރިފުޅު ކިރުބުއިމަށް ދަމާލާކޮންމެ ފަހަރަކު ސިކުނޑިއަށް ކިރުބޯންފެށިކަމުގެ މެސެޖުގޮސް ،ސިކުނޑިން ސިގްނަލެއް އުރަމައްޗަށް ފޮނުވުމުން ކިރު އިތުރަށް އުފައްދާތީއެވެ. އެހެންކަމުން، ދަރިފުޅަށް ގާތުންދޭ ކޮންމެފަހަރަކު އިތުރަށް ކިރުއުފައްދައެވެ. އުރަމަތީގައިވާ ކިރު ހުސްވަންދެން ތުއްތު ދަރިފުޅަށް ނުބޮވޭކަމަށް ބެލެވޭނަމަ ކިރު ނަގަން ޚާއްޞަކުރެވިފައިވާ މެޝިން(ބްރެސްޓް ޕަމްޕް) ނުވަތަ އަތުން އުރަމަތި މަސާޖް ކޮށްގެން އުރަމަތީގައި ވާ ހުރިހާ ކިރެއް ހުސްކޮށްލަންވާނެއެވެ. އެއީ އުރަމައްޗަށް ކިރު އެރުމަށް މަގުފަހިކޮށްދޭކަމަކަށްވާތީއެވެ. ހަމައެހެންމެ، ތުއްތު ދަރިފުޅު ބަނޑުބޮޑުނުވާހެންހީވާނަމަ ފުޅިއަކަށްއަޅާފައި އެގޮތަށްނަގާ ކިރުދެވިދާނެއެވެ. ތުއްތު ދަރިފުޅަށް ގާތުން ކިރުދޭ ވަގުތުގައި މަޑުމައިތިރި މިޔުޒިކެއްޖެހުމުންވެސް ގިނައިން ކިރު އުފެދުމަށް މަގުފަހިވެއެވެ.

ތުއްތުދަރިފުޅު އުފަންވުމަށްފަހު ފުރަތަމަ ދިހަދުވަސް ތެރޭގައި އުރަމަތިން އުފައްދައިދޭނީ ކޮލޮސްޓްރަމް ނަމަކަށްކިޔާ ރީންދޫ ކުލައިގައި ހުންނަ މާއްދާއެއްއެކުލެވޭ ކިރެކެވެ. މިއީ ތުއްތުދަރިފުޅަށް ހަޖަމްކުރުމަށް ވަރަށް ފަސޭހަ އަދި ފައިދާހުރި، ޕްރޮޓީންއާއި ފެޓްސް ހިމެނޭ ހަށިގަނޑުގެ ދިފާއީނިޒާމް ވަރުގަދަކޮށްދޭ އެއްޗެކެވެ. ދިހަ ވަރަކަށްދުވަސް ފާއިތުވުމަށްފަހު ދެން އުފައްދައިދޭ ކިރަކީ ތަންކޮޅެއްފެންކޮށް ހުންނަ ކިރެވެ. ފޯރމިލްކް ނުވަތަ ފުރަތަމަ ބޯން ފަށާއިރު އަންނަ ކިރަކީ ފެޓްސްގެބައި މަދުންހުންނަ ،އެހެންނަމަވެސް ކިރުގައިވާ ލެކްޓޯޒް ހަކުރު ގިނަޢަދަދަކަށް އެކުލެވޭ ކިރެވެ. އެއަށްފަހު ދެންއަންނަ ހިންޑްމިލްކަކީ ތުއްތުދަރިފުޅު ހެދި ބޮޑުވުމަށްބޭނުންވާ ވަރަށް ގިނަޢަދަދަކަށް ފެޓްސްހިމެނޭ އެންމެ ފުރިހަމަކާނާއެވެ. ވީމާ، ގާތުންދޭކޮންމެ ފަހަރަކު އެއް އުރަމަތީގައިވާ ކިރު އެއްކޮށް ހުސްވަންދެން ތުއްތު ދަރިފުޅަށް ދިނުން ވަރަށް މުހިއްމެވެ.

އުރަމަތީގެ ސައިޒަށް ބަލާފައި އެއުރަމައްޗަކުން އުފައްދައިދޭ ކިރުގެ މިންވަރު ބުނެދޭކަށް ނޭނގޭނެއެވެ. ކުޑަ ސައިޒެއްގެ އުރަމައްޗަކުންވެސް ވަރަށް ގިނައިން ކިރު އުފައްދައިދީފާނެއެވެ. ހަމަ އެހެންމެ ގާތުން ދޭން ހޭދަކުރަން ޖެހޭ ވަގުތުވެސް ތަފާތުވެދާނެއެވެ. މިގޮތުން ބައެއް ފަހަރު ގާތުން ދިނުމަށް ހޭދަކުރަން ޖެހޭނީ ހަޔެއްކަ މިނިޓެވެ. އެހެން ނަމަވެސް ބައެއް ފަހަރު އެއްގަޑި އިރު ވަރު ހޭދަކުރަން ޖެހިދާނެއެވެ.

ފުރަތަމަ ދުވަސްކޮޅުގައި ތުއްތުކުދިން ދެގަޑިން ނުވަތަ ތިންގަޑިން ބަނޑުހައިވާނެއެވެ. އެހެންނަމަވެސް ބޮޑުވާވަރަކުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެއްފަހަރުމަތިން ގިނައިން ކިރު ބުއިން އިތުރުވެ ގާތުން ދިނުމުގެ ދޭތެރެ ދުރުވާނެއެވެ. އެހެންނަމަވެސް ބޮޑަށް ބަލަންވާނީ ބަނޑުހައިވާ ކޮންމެ ފަހަރަކު ގާތުން ދެވޭތޯއެވެ. ކުރިންވެސް ބުނެފައިވާ ފަދައިން ގިނައިން ގާތުން ދިންވަރަކަށް ގިނައިން ކިރު އުފައްދައިދެއެވެ. ގާތުން ކިރުދޭ ދުވަސްކޮޅު ގިނައިން އަރާމުކޮށް ޤަވާޢިދުން ޞިއްޙަތަށް ރަނގަޅު ކެއުމާއި ބުއިންތައް ބޭނުންކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ކިރުދޭ މައިންނަށް ވަކި ޚާއްޞަ އެއްޗެއް ކާކަށް ނުޖެހޭނެއެވެ. އެދުވަހެއްގެ ކެއުމުގައި މައިގަނޑު ފަސްބައި ހިމެނޭ ގޮތަށް ކެއުން ބައްޓަން ކުރެވިފައިވަނިކޮށް ފުދޭނެއެވެ. ފުރަތަމަ ދުވަސްކޮޅުގައި ތުއްތު ދަރިފުޅަށް އެލަރޖިކްވެދާނެކަމަށް ބެލެވެނީ ރަތްކުލައިގައި ހުންނަ ތަރުކާރީއާއި މޭވާ(ޓޮމާޓޯ، ސްޓްރޯބެރީ، ޗެރީ ފަދަ ތަކެތި)އެވެ. ވީމާ، މިފަދަ ތަކެތި މައިމީހާ ކެއުން ލަސްކޮށްލުން ނުވަތަ ވީހާވެސް މަދުން ބޭނުންކުރުމަށް ސަމާލުވާންވާނެއެވެ. އަދި ކެފެއިން އެކުލެވިގެންވާ ތަކެތި (ކޮފީ، ކޮކާ ކޯލާ ފަދަ ތަކެތި ) ބޭނުންކުރުން ބުއްދިވެރިއެއް ނޫނެވެ.

ތުއްތުދަރިފުޅަށް ބޭނުންވާވަރަށް ކިރު ލިބޭކަން އެނގުމަކީ ވަރަށް މުހިއްމުކަމެކެވެ. އެކަން ދެނެގަނެވޭނީ ގާތުން ދޭންފެށުމުގެ ކުރިން ބަނޑުހައިވެފައިވާކަމުގެ ނިޝާންތަކެއްފެންނަން ހުރެފައި ނިމޭވަގުތުގައި ވަރަށް ހިތްހަމަޖެހިފައި އޮންނަ މަންޒަރު ފެންނަނަމައެވެ. ގާތުންދެމުންދާވަގުތުގައި ވަރަށް އަރާމުކޮށް އަދި ވަރަށް މަޑުމައިތިރިކޮށް އޮންނަ ނަމަވެސް ބޭނުންވާ ވަރަށް ކިރު ލިބެނީކަމަށް ބެލެވިދާނެއެވެ. އަދި މީގެ އިތުރުން ޤަވާޢިދުން ރީންދޫ ކުލައިގައިހުންނަ ޕުއްޕުލާފައި ކުޑަކަމުނަޖިހުން ނެޕީފޯވެ އަވަސްއަވަހަށް ނެޕީ ބަދަލުކުރަން ޖެހުމަކީވެސް ބަނޑުފުރޭ ވަރަށް ތުއްތު ދަރިފުޅަށް ކިރުލިބޭކަން ޔަޤީންކޮށްދޭ ކަންތައްތަކެވެ. އަދި ތުއްތުދަރިފުޅު ޤަވާޢިދުން ކިރަމުންގެންދާށެވެ. އެއީ ބަރުދަން އިތުރުވާނަމަ ހަށިގަނޑަށް ބޭނުންވާ ވަރަށް ކާނާލިބެނީ ކަމަށްބެލެވޭތީއެވެ.

މައިމީހާގެ ގާތުން ކިރުދެމުން ގެންދާ ދުވަސްކޮޅު މައިމީހާގެ ނުވަތަ ތުއްތުދަރިފުޅުގެހަށިގަނޑުގައި އެއްވެސް ބައްޔެއްގެ އަލާމާތެއްފެނިއްޖެނަމަ ވިހާވެސް އަވަހަކަށް ޑޮކްޓަރެއްގެ ނުވަތަ ޞިއްޙީއެހީތެރިއެއްގެ އެހީ ހޯދާށެވެ.