ލެފްޓިނަންޓް އަޙްމަދު މަނިކު (ތ.އަޙުމަދު މަނިކު)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ލެފްޓިނެންޓް އަޙުމަދު މަނިކު (ސ. ނަންބަރ:44) އަކީ 1959 ވަނައަހަރު މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް) ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ވޭތުވެ މިދިޔަ 50 އަހަރާއި 2 މަހާ 20 ދުވަހުގެ ދިގު މުއްދަތުގައި، އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ޚިދުމަތް ކުރުންމަތީ ދެމިހުންނެވި ބޭފުޅެކެވެ. މި ދިގު މުއްދަތުގެ ތެރޭގައި އެމް.އެން.ޑީ.އެފް ގެ ލާންސްކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސަރޖަންޓްކަމާއި، ސްޓާފް ސަރޖަންޓްގެ މަޤާާމް ފުރުއްވާފައި ވެއެވެ. އަދިމީގެ އިތުރުން ވޮރަންޓް އޮފިސަރ ގްރޭޑް 2 ގެ މަޤާމްވެސް ފުރުއްވިއެވެ. ލެފްޓިނެންޓް އަޙުމަދުމަނިކު ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން، ޝަރަފުގެނިޝާންގެ ގޮތުގައި 7 ކުލައާ 5 މެޑަލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލްތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތުގެ މެޑަލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް، ސައްތައިގެ މެޑަލް، 3 ނޮވެމްބަރުގެ މެޑަލް ހާސިލްކުރައްވާފައިވާކަން ފާހަގަ ކުރަމެވެ. ޙާސިލްކުރެއްވި ކުލަތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ކުލަަ ހިމެނެއެވެ. މީގެއިތުރުން ތަފާތު އެކިއެކި ކަންކަމާގުޅިގެން ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ ލިޔުއްތައް ޙާސިލް ކުރައްވާފައި ވާކަންވެސް ފާހަގަ ކުރަމެވެ. ލެފްޓިނެންޓް އަޙުމަދުމަނިކުގެ ޚާއްޞަ ޚިދުމަތް ތަކުގެ ތެރޭގައި ޑިއުޓީސެކްޝަންގެ ކާތިބުކަމާއި ޔުނީފޯމް ސެކްޝަންގެ ކަތިބުކަމާއި، ޓާސްކްފޯސް ޑީއުޓީމަރާ މީހެއްގެ ގޮތުން ޚިދުމަތް ކުރައްވާފައި ވެއެވެ. އަދި ފުލުސްއޮފީހުގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން މެއިންޓަނަންސް ސެކްޝަނާ ސަޕްލައި ޔުނިޓުގައި އިސް އެން.ސީ.އޯއެއްގެ ގޮތުން ޚިދުމަތް ކުރައްވާފައި ވެއެވެ. ލެފްޓިނެންޓް އަޙުމަދުމަނިކު ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތް ތަކުގެ ތެރޭގައި، ހުވަދޫ ބަޣާވާތުގައި މޯލްޑިވްސްޓާރ ގައި ސިފައިންގެ ބޭފުޅެއްގެ ގޮތުން ތިނަދޫއަށް ވަޑައިގަތުމާއި ގޯލްޑަންރޭގައި 3 މަސްދުވަހު ރާއްޖޭގެ އުތުރުގެ އަތޮޅުތައްހިމެނޭ ސަރަޙައްރުގައި ޕެޓްރޯލް ކުރުގައި ބައިވެރިވެ ވަޑައިގަތުމާއި އިސްދޫ މުއްޔަށް އެރި ބޯޓު ފުންކުރުމުގައި ގިނަ ދުވަސްތަކެއް ވަންދެން ބުރަ މަސައްކަތްތަކެއް ކުރުމާއި ކުރީގެ ފަހާގޭގައި ފެެހުމުގެ ޚިދުމަތުގައި ވަރަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާފައި ވާކަން ފާހަގަ ކުރަމެވެ. ލެފްޓިނެންޓް އަޙުމަދުމަނިކަކީ، ސިފައިންގެ ތެރޭގައި މިދެންނެވި ޚިދުމަތްތަކުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުންމަތީ ދެމިހުންނެވި ލާމަސީލު ބޭފުޅެކެވެ. އަޙުމަދު މަނިކުގެ މަތިވެރި ޚިދުމަތްތަކަކީ، މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭ ޒުވާން ދަރިންނަށް ދައްކުއިދެއްވި ރީތި މިސާލެއްކަމުގައި ދަންނަވަމެވެ. އިސްވެ ދެންނެވުނު އެންމެހައި ޚިދުމަތް ތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން 01 އޯގަސްޓް 2009 ގައި ޝަރަފުވެރި ކަމާއެކު ލެފްޓިނެންޓް އަޙުމަދުމަނިކުުު ރިޓަޔަރ ކުރެއްވުމުން އަޙުމަދުމަނިކުގެ ވަރުގަދަ ޢަޒުމާ ހިތްވަރަށް، އައްސަރިބަހާއި ސާބަސް ދަންވައި، މަތިވެރި ޚިދުމަތްތަކަށް ނުހަނު އިޚްލާޞްތެރި ކަމާއެކު ޝުކުރާއި މުބާރިކުބާދީ އަދާކުރަމެވެ.