Jump to content

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ސުޕްރީމް ކޯޓު ހިންގާ ޢިމާރާތް (ތީމުގެ)

2008 އޮގަސްޓު 7ވަނަ ދުވަހު ތަސްދީޤު ކުރެވި، 2008 އޮގަސްޓު 8ވަނަ ދުވަހު ޢަމަލުކުރާން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދައުލަތުގެ ތިން ބާރު ވަކިކޮށް ޤާއިމުކޮށްފައިވާ އިރު، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެހައި ބާރުތައް މަތި ކުރައްވައިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި، ހައި ކޯޓަށާއި، ޤާނޫނަކުން އުފައްދާ ދަށު ކޯޓުތަކަށެވެ. ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގައި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށް ކަނޑައަޅައި ބަޔާންވެފައިވެއެވެ.

ދިވެހި ތާރީޚުގައި ސުޕްރީމް ކޯޓެއް ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނީ 2008 ސެޕްޓެންބަރު 18ވަނަ ދުވަހުއެވެ. ޤާނޫނުއަސާސީގެ 282ވަނަ މާއްދާގެ ދަށުން އެކުލަވައިލެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޢައްޔަންކުރެވުނީ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އަލްއުސްތާޛު މުޖްތާޛު ފަހްމީ، ފަނޑިޔާރު އައްޝައިޚް ޔޫސުފް ޙުސައިން، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފު، ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން، މި ބޭފުޅުންނެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޚްތިޞާޞް

[އުނިއިތުރު ގެންނަވާ]

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން އަންނަނިވި ބާވަތުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.

ހަމައެކަނި ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލަތައް

[އުނިއިތުރު ގެންނަވާ]

ޤާނޫނުއަސާސީ ނުވަތަ ޤާނޫނުގައި އެ މައްސަލައެއް ބެލޭނީ ހަމައެކަނި ސުޕްރީމް ކޯޓުން ކަމަށް ކަނޑައަޅާފައިވާ އަންނަނިވި މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.

  • ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިގެން އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް.
  • ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ މީހެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނެކަމަށް އިޢުލާންކުރެވޭ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވާކަމާމެދު ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވާކަމަކާމެދު ނުވަތަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން  ނިންމާ ނިންމުމަކާމެދު އެއްވެސް ޚިލާފެއް އުފެދިގެން އެކަމެއް ވަކިގޮތަކަށް ނިންމުމަށްޓަކައި ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލަތައް.
  • ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރާ ޤަރާރުގެ ނުވަތަ އެ ޤަރާރުން ބައެއްގެ ޞައްޙަކަމާމެދު ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހަދާ ޤާނޫނަކާމެދު ނުވަތަ ނެރޭ އަމުރަކާމެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި އެކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް.

ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ ދުސްތޫރީ މައްސަލަތައް

އަންނަނިވި ސިފަތައް ލިބިގެންވާ ދުސްތޫރީ މައްސަލަތައް ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ މައްސަލައިގެ ގޮތުގައި ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.

  • އެ މައްސަލައަކީ ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުން.
  • އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ޤާނޫނުއަސާސީ މާނަކުރުމާގުޅޭގޮތުން އުފެދޭ މައްސަލައަކަށްވުން.
  • އެ މައްސަލައަކީ ގައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުން.

ހައި ކޯޓުން ނިންމާ މައްސަލަތައް

ހައިކޯޓުން ނިންމާފައިވާ މައްސަލައެއް ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމެއްކަމުގައި ވީނަމަވެސް، ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަސްލަހަތު އޮތް ފަރާތުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހަޅާ މައްސަލަތައް

ޤާނޫނުގައި ކަން އޮތްގޮތާމެދު އުފެދޭ މުހިއްމު ސުވާލުތަކާމެދު ނުވަތަ ޤާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން އިސްތިޝާރީ ލަފައަކަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.

ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައްސަލަތައް

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބަލައި ގޮތެއް ނިންމައިދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.

ކޯޓުގެ ޒާތުގައި ލިބިގެންވާ އިޚްތިޞާޞް

ޤާނޫނުއަސާސީއިންނާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ ދަށުން އަންނަނިވި ކަންކަން ކުރުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.  

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އާއި މި ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމާއި، އަދި އެފަދަ މައްސަލަތަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ޢަދުލު އިންޞާފު ޤާއިމުކޮށް ދެމެހެއްޓުމަށާއި، ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށާއި އަދި ޢަދުލު އިންޞާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު. މިގޮތުން އަންނަނިވި އަމުރުތައް ނެރުމުގެ ބާރުވެސް ލިބިގެންވެއެވެ.

  • ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައެއްގައި ދަށު މަރުޙަލާގެ ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ނުވަތަ ޢާންމު އިދާރާއަކަށް ރެކޯޑެއް ނުވަތަ މަޢުލޫމާތެއް ދިނުމަށް ސަރޝިއަރަރީ އަމުރު ނެރުން.  
  • ދަށު މަރުޙަލާގެ ކޯޓަކުން ބަލަމުންދާ މައްސަލައަކީ އެ ކޯޓުގެ އިޚްތިޞާޞް ނެތް މައްސަލައަކަށްވާނަމަ، ނުވަތަ މައްސަލައެއް ބެލުމުގެތެރޭގައި، އެ ކޯޓެއްގެ އިޚްތިޞާޞްއިން ބޭރުވެއްޖެނަމަ، އެ މައްސަލައިގައި އިތުރު ފިޔަވަޅެއް އެ ކޯޓަކުން ނޭޅުމަށް އަންގައި ރިޓް އޮފް ޕްރޮހިބިޝަން ނެރުން.
  • ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅިގެން ސުޕްރީމް ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހުން، ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ހާޒިރުކުރުމުގެ ބާރު.
  • ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ކަމެއްގެ ތެދު ޙަޤީޤަތް ހޯދުމަށްޓަކައި، ބޭނުން ސުވާލެއް، ކޮންމެ ސިފައެއްގައިވިޔަސް، ކޮންމެ ވަގުތެއްގައިވިޔަސް، މައްސަލައާ ގުޅުންހުރި ކޮންމެ ހެކިވެރިއަކާ، ނުވަތަ ދެ ޚަޞްމުން ކުރެ ޚަޞްމަކާ ކުރުމުގެ ބާރު.
  • ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ފެންނަ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު.


އަދަބު ތަންފީޛުކުރުމަށްޓަކައި ޙުކުމް ނިހާއީ ކުރަންޖެހޭ މައްސަލަތައް

އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެއްވެސް ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެ، އަދަބު ތަންފީޒުކުރުމަށްޓަކައި ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1205 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުން ނިހާއީ ކުރަންޖެހޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.


ސުޕްރީމް ކޯޓުގެ ނިންމުން ނުވަތަ ޙުކުމް އަލުން ބެލުން

ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ނުވަތަ ކޮށްފައިވާ ޙުކުމެއް އަލުން ބެލޭނީ މައްސަލައިގައި ހިމެނޭ ފަރާތަކުން ނުވަތަ މަސްލަޙަތު އޮތް ފަރާތަކުން އެ މައްސަލައެއް ހުށަހެޅުމުން، މައްސަލައިގެ ތަބީޢަތަށް ރިޢާޔަތްކުރުމާއެކު، އެ މައްސަލައަކީ ކަނޑައެޅިގެން ޤާނޫނު އެއްފަރާތްކޮށް، ޤާނޫނާ ޚިލާފު ނިންމުމަކަށްވުމުގެ ސަބަބުން، ނުވަތަ މައްސަލަ ނިންމާ ފަހުން އައު ހެކި ލިބިއްޖެނަމަ އެ ހެއްކަށް ރިޢާޔަތް ނުކުރުމުގެ ސަބަބުން، ނުވަތަ އެނޫންވެސް އެހެން ސަބަބަކާ ހުރެ، ފާޅުކަން ބޮޑު ބޭއިންޞާފެއް (ގްރޮސް އިންޖަސްޓިސް) ފެންނަން އޮންނަ ޙާލަތުގައެވެ. އަދި ކުރިން ހުށަހެޅިފައިވާ ހެއްކަކާ ބެހޭގޮތުން ނުވަތަ ޤާނޫނީ ނުކުތާއަކާ ބެހޭގޮތުން ބަހުސްކުރުމުގެ ފުރުޞަތުއޮތުމަކީ ޙުކުމެއް ނުވަތަ ނިންމުމެއް އަލުން ބެލުމަށް ހުއްދަދެވޭނެ ސަބަބެއް ނޫނެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން

[އުނިއިތުރު ގެންނަވާ]
  1. އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު
  2. ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން
  3. ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
  4. ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު
  5. ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު
  6. ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމް
  7. ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން

[އުނިއިތުރު ގެންނަވާ]

އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުން

[އުނިއިތުރު ގެންނަވާ]
  1. ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން
  2. އަލްއުސްތާޛު ޢަބްދުﷲ ސަޢީދު
  3. ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
  4. ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން (ނޢޢވ)

ފަނޑިޔާރުކަން ކުރެއްވި ބޭފުޅުން

[އުނިއިތުރު ގެންނަވާ]
  1. ޖަސްޓިސް (ރިޓަޔަރޑް) އަލްމަރްޙޫމު އަލްއުސްތާޛު މުޖްތާޛު ފަހްމީ
  2. ޖަސްޓިސް (ރިޓަޔަރޑް) އައްޝައިޚު ޔޫސުފު ޙުސައިން
  3. ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢަބްދުﷲ ޢަރީފު
  4. އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު
  5. އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ
  6. އަލްއުސްތާޛު ޢަބްދުﷲ ދީދީ
  7. އަލްއުސްތާޛު ޙުސްނުއްސުޢޫދު
  8. ޑރ. އަޒްމިރާލްދާ ޒާހިރު
  9. އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު