ދިވެހިރާއްޖޭގެ ހައި ކޯޓު
ދިވެހިރާއްޖޭގެ ހައި ކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން، ޤާނޫނަކުން އެ ނިންމުމެއް، ހައި ކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައިނުވާ އެންމެހައި ނިންމުންތައް އިސްތިއުނާފު ކުރެވޭ ކޯޓެވެ. ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގައި މައްސަލައެއްގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައި ކޯޓު ކަމުގައި ކަނޑައަޅައިފައިވާ އެންމެހައި މައްސަލަތައް ވެސް ބަލާނީ ހައި ކޯޓުންނެވެ.
ރާއްޖޭގެ ވެރިކަމާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ޙަވާލުވެވަޑައިގަތުމަށް ފަހު ރާއްޖޭގެ ޝަރުޢީ ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެނެވި ރައްޔިތުންނަށް ފަސޭހަކަމާއެކު ޢަދުލު އިންޞާފު ލިބިދިނުމަށް ޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޯޓެއް އުފައްދަވައި ކޯޓުތަކުން ކަނޑައެޅޭ ނިޔާއާމެދު ޔަޤީންކަން އިތުރުކޮށް އިތުބާރު ބޮޑުކުރުމުގެ މަޤްޞަދުގައި 1980ވަނަ އަހަރު އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައި ކޯޓު އުފައްދަވައި، ޖެހިގެން އައި ދުވަހު ހައި ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ، 2008 އޮގަސްޓު 7 ގައި ތަޞްދީޤުކުރެވި ޤާނޫނުއަސާސީގެ 282ވަނަ މާއްދާގެ ދަށުން، 2008 ސެޕްޓެންބަރު 18ވަނަ ދުވަހު އިންތިޤާލީ ސުޕްރީމް ކޯޓު އުފެދެންދެން، ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ އެންމެ އިސް ކޯޓެއްގެ ގޮތުގައި ހިނގަމުން އައިސްފައިވަނީ ދިވެހިރާއްޖޭގެ ހައި ކޯޓެވެ. ޤާނޫނުއަސާސީގެ 141ވަނަ މާއްދާގެ (ހ) ގައި ޢަދުލު އިންސާފު ޤާއިމު ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި، ހައި ކޯޓަށާއި އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށު ކޯޓުތަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ.
ހައި ކޯޓު އެކުލެވިގެންވަނީ ޤާނޫނުގައި ކަނޑައަޅާ ޢަދަދެއްގެ ފަނޑިޔާރުންގެ މައްޗަށް ކަމަށް ޤާނޫނުއަސާސީގެ 146ވަނަ މާއްދާގެ (ހ) ގައި ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 27ވަނަ މާއްދާގެ ދަށުން ހައި ކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއި އެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. ހައި ކޯޓުން މައްސަލަތައް ބަލައި ނިންމާނީ އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ.
ދިވެހިރާއްޖޭގެ ހައި ކޯޓުގެ އިޚްތިޞާޞް
[އުނިއިތުރު ގެންނަވާ]ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން އަންނަނިވި ބާވަތުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައި ކޯޓަށް ލިބިގެންވެއެވެ. 1-ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި މައްސަލައިގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައިކޯޓުކަމުގައި ކަނޑައަޅާފައިވާ މައްސަލަތައް. (ހ) އިންތިޚާބީ ޝަކުވާގެ މައްސަލަތައް. (ށ) އާބިޓްރޭޝަން މައްސަލަތައް. (ނ) ސިޔާސީ ޕާޓީއާބެހޭ މައްސަލަތައް. (ރ) މޮނިކޮން އަމުރާގުޅޭ މައްސަލަތައް. 2- ހައި ކޯޓުގެ އަޞްލީ އިޚްތިޞާޞް ލިބިފައިވާ މައްސަލަތައްކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤަނޫނުގެ 37ވަނަ މައްދާގައި ބަޔާންކުރާ މައްސަލަތައް. 3- ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތައް. 4- ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތައް. ހައި ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިފައިވާ މައްސަލަތައް. ދުސްތޫރީ މައްސަލަތަކުގެ ތެރެއިން، ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން ސުޕްރީމް ކޯޓުން ބަލައިގަންނަ މައްސަލަތައް ފިޔަވައި، އަންނަނިވި ބާވަތުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ހައި ކޯޓަށް ލިބިގެންވެއެވެ. 1- ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ޤާނޫނުއަސާސީއާ ތަޢާރުޟުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް. 2- ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއް ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ތަޢާރުޟުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް. 3- ދަށު ކޯޓުން ނިންމާ މައްސަލަތައް: ދަށު ކޯޓަކުން ނިންމާފައިވާ މައްސަލައެއް ނުވަތަ ދަށު ކޯޓުން ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ކަމުގައިވީނަމަވެސް، ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދައިފައިވާ ޤަވާއިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެ ކަން ފާހަގަކޮށް، ކަމުގެ މަޞްލަޙަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައި ކޯޓަށް ލިބިގެންވެއެވެ. 4- ޓްރައިބިއުނަލަކުން ނިންމާ ނިންމުންތައް: ޤާނޫނެއްގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކުން ނިންމާފައިވާ ނިންމުމެއް ނިންމާފައިވަނީ ނުވަތަ ނެރެފައިވަނީ ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދައިފައިވާ ޤަވާޢިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެ ކަން ފާހަގަކޮށް، ކަމުގެ މަޞްލަޙަތު ލިބިގެން ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައި ކޯޓަށް ލިބިގެންވެއެވެ.
ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުން
[އުނިއިތުރު ގެންނަވާ]- ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް
- ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒު
- ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދު
- ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު
- ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ
- ފަނޑިޔާރު އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު
- ފަނޑިޔާރު ދީބާނާޒް ފަހްމީ
- ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިން
- ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލު މޫސާ
ދިވެހިރާއްޖޭގެ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރުން
[އުނިއިތުރު ގެންނަވާ]- ފަޟީލަތުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ
- ފަޟީލަތުއްޝައިޚުލްމަރްޙޫމު ޙުސައިން ޔޫސުފު
- ފަޟީލަތުއްޝައިޚުލްމަރްޙޫމު ޙުސައިން ޢަބްދުއްރަޙްމާން
- އައްޝައިޚު އަޙްމަދު އާދަމް
- އައްޝައިޚު އިބްރާހީމް ރަމީޒު
- އަލްއުސްތާޛު ޢަބްދުﷲ އާދަމް
- އަލްފާޟިލް ޔޫސުފު މޫސާ
- އަލްއުސްތާޛު އިބްރާހީމް ނަޞީރު
- އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދު
- އަލްފާޟިލް އަޙްމަދު ޙަމީދު ފަހްމީ
- ފަޟީލަތުލްއުސްތާޛުއްޝައިޚު ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް
- އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން
- އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު
- އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ
- އަލްއުސްތާޛު އަޙްމަދު ޝަރީފު
- އައްޝައިޚު ޔޫސުފު ޙުސައިން
- ޑރ. އަޒްމިރާލްދާ ޒާހިރު
- އަލްއުސްތާޛު ޢައްބާސް ޝަރީފު
- އަލްއުސްތާޛު ޢަބްދުﷲ ދީދީ
- އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު
- އަލްއުސްތާޛު ޙަސަން ޢަލީ
- އަލްއުސްތާޛު ޝުޖާޢު އުޘްމާން
- އަލްއުސްތާޛު ޢަލީ ސަމީރު
- އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް
- އަލްއުސްތާޛު ޢަބްދުﷲ ޙަމީދު
- އަލްއުސްތާޛު ހާތިފް ޙިލްމީ
- އައްޝައިޚުލްމަރްޙޫމު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- އަލްއުސްތާޛު އަޙްމަދު ޝަކީލް
- އަލްއުސްތާޛު ޙުސައިން ޝަހީދު
- އަލްއުސްތާޛު މުޙައްމަދު ސަލީމް