ފެޓް (މޮނޮއަންސެޗުރޭޓެޑް ފެޓް)

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ މޮނޮއަންސެޗުރޭޓެޑް ފެޓް އިން)

މޮނޮއަންސެޗުރޭޓެޑް ފެޓް(އިނގިރޭސި ބަހުން: monounsaturated fat) އަކީ އަންސެޗުރޭޓެޑް ފެޓީ އެސިޑް އެކުލެވިގެންވާ ފެޓް އެވެ. މިބައި ހިމެނެނީ ވަރަށް މަދު ކާބޯތަކެތީގައެވެ. އޭގެތެރޭގައި ޒައިތޫނި ތެޔޮ، ބަދަން ތެޔޮ ހިމެނެއެވެ. މިވައްތަރުގެ ފެޓީ އެސިޑް އިން ލޭގައި ހުންނަ ކޮލެސްޓްރޯލް އަށް އަންނަ ބަދަލުތައް އަދިވެސް ދަނީ ދިރާސާ ކުރެވެމުންނެވެ.

އާދައިގެ ގޮތެއްގައި ބެލެވެނީ ލޭގައި އެލްޑީއެލް( ނުރަގަޅު ކޮލެސްޓްރޯލް)(އިނގިރޭސި ބަހުން: low density lipoprotein) ގިނަވެއްޖެނަމަ، ހިތުގެ ބަލިތައް ޖެހުން ކައިރިކަމަށެވެ. އަދި ލޭގައި އެޗްޑީއެލް(ރަގަޅު ކޮލެސްޓްރޯލް)(އިނގިރޭސި ބަހުން: high density lipoprotein) ގިނަވާނަމަ، ހިތުގެ ބަލިތައްޖެހުން ދުރުވާކަމަށެވެ.

އުފެދޭގޮތް[އުނިއިތުރު ގެންނަވާ]

ފެޓް އުފެދިފައިވަނީ ފެޓީއެސިޑް(އިނގިރޭސި ބަހުން: fatty acid) ތަކެއް އެކުވެގެންނެވެ. ޓްރިގްލިސެރައިޑް އަކީ 3 ފެޓީއެސިޑް މޮލާރި(އިނގިރޭސި ބަހުން: molecule) އެކުވުމުން އުފެދޭ އެއްޗެކެވެ. އަދި ކާތަކެތި ހަޖަމުވާއިރު، މި ޓްރިގްލިސެރައިޑް ތައް ބައިބައިވެ، ފެޓީއެސިޑް ތަކަކާއި، ގްލައިސެރޯލް ކިޔާ ބާވަތެއް އުފެދެއެވެ. މިއާއެކު ސެލިތަކުގަޔާއި، ލޭގެ ތެރޭގައި އެހެން ވައްތަރެއްގެ ފެޓީއެސިޑް އެއްވެސް އުފެދެއެވެ. މިއަށްކިޔަނީ ކޮލެސްޓްރޯލް އެވެ. ކޮލެސްޓްރޯލް އަކީ ސެލިތަކާއި ހޯރމޯން ތަކާއި، އެހެންވެސް ދިޔަވަރުތައް އުފައްދާ ހަށިގަނޑު ހިންގުމަށް ބޭނުންވާ މާއްދާ އެކެވެ. ހަށިގަނޑުގެ ތެރޭގައި ތަފާތު 40 ވައްތަރުގެ ފެޓީއެސިޑް އެކުލެވިގެންވެއެވެ. އެކި ވައްތަރުގެ ފެޓީއެސިޑް ހަށިގަނޑުގައި އަދާކުރާ ރޯލް ތަފާތެވެ.

ފެޓީއެސިޑް އުފެދިފައިވަނީ ކާބަން އޮލާރި(އިނގިރޭސި ބަހުން: Atom) ތައް ހައިޑްރަޖަން އޮލާރި ތަކާއި ގުޅިގެން ހެދޭ އެކި ދިގުމިނުގެ ޗޭނުބުރި ތަކަކުންނެވެ. މިޗޭނު ބުރިތަކުގައި އޮލާރިތައް ގުޅިފައި ހުންނަ ގޮތަށް ބަލައިގެން މައިގަނޑު 2 ބަޔަކަށް ފެޓް ބަހާލެވެއެވެ. އެއީ ސެޗުރޭޓެޑް ފެޓް އާއި، އަންސެޗުރޭޓެޑް ފެޓް އެވެ. ސެޗުރޭޓެޑް ފެޓް އަކީ އެފެޓީއެސިޑް އުފެދިފައިވާ ޗޭނުބުރީގައި ޑަބަލް ގުޅުމެއް ނުހިމެނޭ ފެޓް އެވެ. ފެޓީއެސިޑް ޗޭނުބުރިއެއްގައި އެންމެ ޑަބަލް ގުޅުމެއްވާނަމަ، މޮނޮއަންސެޗުރޭޓެޑް ފެޓް އެވެ. އެކަކަށްވުރެ ގިނަ ޑަބަލް ގުޅުން ޗޭނުބުރިއެއްގައި ހުރިނަމަ، މިވައްތަރުގެ ފެޓީއެސިޑް އަށް ކިޔަނީ ޕޮލީއަންސެޗުރޭޓެޑް ފެޓް އެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003