މެމްބަރުގެ ވާހަކަ:Kurolhiadamzahir

Page contents not supported in other languages.
ވިކިޕީޑިއާ އިންވިކިޕީޑިއާ

ޤައުމީ ލޯބި ހިތުގައި އަށަގެންނުވޭނީ ކިިހިނެއް؟[އުނިއިތުރު ގެންނަވާ]

ޤައުމީ ލޯބި ހިތުގައި އަށަގެންނުވޭނީ ކިިހިނެއް؟ ލިޔުނީ: އާދަމް ޒާހިރު (ކުރޮޅި)

"ލޯބި" ދެ އަކުރެއްގެ ކުރު ލަފުޒެކެވެ. ކިޔުމުގައި ލުއި ފަސޭހަ ލަފުޒެކެވެ. ނަމަވެސް ފޮރުވިފައިވާ އެތައް ހާސް މާނަ މީގައިވެއެވެ. ޝަރަޙައަކަށް ހާހުން ސަފުޙާ ފުރައިލެވޭނޭ ވިންދެއް މި ލަފުޒުގައިވެއެވެ. އެތައް ދިރުމެއްގެ ގުޅުން މީގެ އިމުގައި ހިމެނޭ އަޚުލާޣެއް މި ލަފުޒުގައި ވެއެވެ. މުޅި ޙަޔާތް މިއިން ކުރަހައިދެއެވެ. ދަރިފަސްކޮޅާއި ވަޠަން މި ކަމުން ބިނާކޮށްދެއެވެ. ނަފުރަތާއި ދުޝްމަނުކަމާއި ބަލިތައް މި ލަފުޒަކުން ފަސޭހަކޮށްދޭ ބޭހެއްކަމުގައި، ޝިފާޢެއްކަމުގައި މި ލަފުޒުވެއެވެ. މިއީ ޤައުމުގެ ދިރުމެވެ. އިންސާނާ އެއްޗެއް ދެކެ ލޯބިވަނީ އެ އެއްޗެއްގެ ބޭނުމާއި ބޭނުންތެރިކަމާއި އަގު ވަޒަންކުރެވި ވިސްނުނީމައެވެ. ފަހަރެއްގައި އިނގިލީގައި އޮތް އަނގޮޓި ރައްކާކޮށްފައި ސާޅީހަކަށް އަހަރު ބާއްވައިފައި އޮވެދާނެއެވެ. އެއީ އެއިން ކިޔައިދޭ ވާހަކަ އެނގި، އެއިން ކޮށްދޭ ހަނދާން ވިސްނި، އެއިން ހޯދިދާނޭ ފައިދާވެސް ޚިޔާލަށް އައިސް އަގު ވަޒަންކުރެވޭތީއެވެ. ވީއިރު ޤައުމެއް ނުވަތަ ވަޠަނެއް ދެކެވެސް އިންސާނަކު، ނުވަތަ އެ ޤައުމުގެ ދަރިއަކު ލޯބިވާނީ މި ކަންކަން ވިސްނުނީމައިކަން ޔަޤީނެވެ. "ދިވެހިރާއްޖެ" މިއީ ދިވެހިންގެ ޤައުމެވެ. ދިވެހި ފަސްގަނޑާއި މި ވެށީގެ ދަރިންނާއި އަޚުލާޤާއި އުޅުމަކީ ދިވެހިންގެ ވަޠަނެވެ. އިބްރާހީމް ޝިހާބު ވިދާޅުވާގޮތުންނަމަ؛ ދިވެހިންނަށް ދިވެހި ވަޠަން ދަސްކޮށްދޭން ޖެހެއެވެ. މި ކަންކުރުމަށް މި ދިވެހި ފަސްގަނޑުގެ އަދަބާއި ސަދަބު ކިޔަވައިދޭންޖެހެއެވެ. މި ބިމުގެ ހެދި ފޯދުމާއި ލޮނާއި މުރަކައިގެ ރަހަ އެނގެންޖެހެއެވެ. މި ރަށްރަށުގެ ވަށަވަށައިގެން އެނބުރޭ ވަޔާއި އޮޔާއި ދޭ އަވީގެ ރާހަތު ތަޖުރިބާކުރެވެންޖެހެއެވެ. މި ދަރިންގެ ދަރިފަސްކޮޅާއި ބަސްމަގާއި މަސައްކަތްތެރިކަމަށް ދިވެހި ދަރިން ހޭނެންޖެހެއެވެ. ލޯބި އުފެދޭނީ އެ ހިސާބުންނެވެ. ލޯބި ދިރޭނީ މި ކަންކަމުގެ ރަހައާއި ވަހާއި ކުލައިގެ އެއްވުމުންނެވެ. ސިކުނޑިއަށް ވިސްނި ދޭހަވެ ތަޖުރިބާތަކެއް ކުރެވިގެންނެވެ. ވީމާ މި ޤައުމުގެ ޤައުމިއްޔަތު ހަރުދަނާ ކުރުމަށް ދިވެހި ދަރިންނަށް މި ކަންކަން ކިޔަވައިދީ ދަސްކޮށްދޭންޖެހެއެވެ. ދިވެހިން ދިވެހިން ދެކެ ލޯބިވޭ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު މިއަދު މިނިވަން ރޫޙުގައި ކޮށްލުން މުހިންމެވެ. ޖަވާބުވެސް ހޯދައިލުން މުހިންމެވެ. ވިސްނަވާށެވެ. ތިމާމެންގެ ރަށުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ޢުމްރާނީ ޢިލްމީ ކުރިއެރުންތަކެއް އެބަ ގެނެވެއެވެ. މީހަކުދެކެ ރުޅި އައުމުން، މީހެއްގެ ބަހަކަށް ނުރުހެވުމުން، އިސްވެ މިދެންނެވި ކުރިއެރުންތައް ހަފުސްކޮށްލައި، ޢިމާރާތްތަކުގައި ހުޅު ޖަހައި އަންދައި، ހެދުމުން އެ ހިތުގައި ޤައުމީ ލޯބިވާކަމުގައި ބެލެވިދާނެތޯއެވެ؟ ނޫނެކެވެ. ތިމާ އެދޭ މަޤާމު ނުލިބުމުން، ތިމާ އެދޭ ކަމެއްގައި އިނގިލި ކުރިވެސް ނުޖެހުމުން، މުޅި ޤައުމު ހަލާކުވެފައިވާކަމަށް ކިޔައި ވާހަކަތަކުން ކަންކަން ވިހައިގެން ތަން ނުވެސް ދަންނަ ބިދޭސީންތަކަކަށް ލަފާދީ މި ޤައުމު ހަމަޔަކަށް އެޅުވުމަށް މީހުން ގެންނަ ބަޔަކު އެބަ އުޅެއެވެ. ހަސަންތާޖުއްދީންގެ ދެ ދަރިކަލުން މި ކަން ކުޅައެވެ. 9 ވަނަ ހަސަންރަސްގެފާނުންގެ ދަރިދަރިން މި ކަންކުޅައެވެ. ސަރަނގު ނާސިރާއި އޭނާގެ އެކުވެރި ލުޠުފީއާއި އެ މީހުންގެ އެކުވެރިންވެސް މި ކަންކުޅައެވެ. އަދި އިހުގެ ވިޔަފާރީގެ ވާދަވެރިންވެސް މިފަދަ ކަންކަން 1880 ގެތެރޭގައި މި ކަންކަން ކުޅައެވެ. ނަތީޖާ ކޮބައިތޯއެވެ؟ ހިއްޗެވެ. ދިލަ ގަދައެވެ. މި ޒަމާނުގައި ޤައުމުގައި ޤާނޫނުތަކާއި ޤަވައިދުތަކެއް ހެދި، އަމިއްލަ ގަލަމުން ހަދާ ޤަވައިދުތަކުގައި ތިމާ ތާށިވެ ޖަލުގެ އަދަބު ލިބެން ފެށީމާ ދެން ދުވެފައި ގޮސް ބޭރުގެ ފަރާތްތައް މި ޤައުމުގެ ދާޚީލީ ކަންކަމަށާއި ވަޠަނީ ފިކުރުތަކުގެ ތެރެއަށް ވައްދަންފަށާއިރު މުސްތަޤުބަލުގައި މި ޤައުމަށް ވާނޭގޮތާއި ނުކުންނާނޭ ހިތި މިއަދު ވިސްނައިލާށެވެ. މި ހުންނަނީ ޤައުމުދެކެ ލޯބިވުމެއް ނޫނެވެ. ދެން އޮތް ސުވާލަކީ ޤައުމު ދެކެ ލޯބިވުމަކީ ކޮބައިބާވައޭއެވެ؟ ޤައުމު ދެކެ ލޯބިވާނަމަ ތިމާގެ އަމިއްލަ ނަފުސާމެދު ފިކުރުކޮށްލާށެވެ. ފުރަތަމަ ކަމަކީ ފަރުދީ ޒިންމާ ފަރުދީގޮތުން ދެނެގަތުމެވެ. ތިމާގެ ޢަޤީދާއަށް ހެޔޮ އެދޭ ފަދައިން ޤައުމުގެ އެންމެ މަތިވެރި އުސޫލު ބަލައިގަނެ، ޤަބޫލުކޮށް އެ އުސޫލު މިފަސްގަނޑުގައި ދިރުވުމަށް ފަރުދީގޮތުންނާއި އިޖުމާޢީ ގޮތުން މަސައްކަތްކުރާނެއެވެ. މިދެންނެވި އިސްލާމްދީނުގެ ވާހަކައެވެ. މި ފަސްގަނޑުގައި ދީނަށް އިސްކަންދީގެން މެނުވީ ކަމެއް ނުކުރާނެއެވެ. ޤައުމުގެ ކޮންމެ ދަރިއަކު މި ކަމަށް ވިސްނާންޖެހެއެވެ. ތިމައުރެންގެ ނަފުސެއްގެ އެހެން ބާރެއް ހިނގަން ބޭނުންވޭހެއްޔެވެ؟ ނޫނެކެވެ. ނުވާނެއެވެ. ހަމަ މިފަދައިން ދިވެހިންގެ މި ވަޠަނުގައި އެހެން ބައެއްގެ އާރާއި ބާރު ހިނގައި އެ ބައެއްގެ ކަންޓްރޯލްގެ ދަށަށް ޤައުމުގެ އަސާސީ އެއްވެސް ކަމެއް ދިޔަދީގެން ނުވާނެއެވެ. މިއީ ނުރައްކަލެކެވެ. ޤައުމުދެކެ ލޯބިވާނަމަ މި ކަންކަމުގައި ތިމާގެ ބައިވެރިވުން އޮންނަންޖެހޭނެއެވެ. ދިވެހި ވެއްޓާއި ސަޤާފަތާއި އާދަކާދައާއި ތާރީޚާއި ފުދުންތެރިކަމުގެ އަސާސީ މަސައްކަތްތެރިކަމާއި އެ ކަންކަމުގެ ހުނަރާއި ދިވެހި ވަންތަކަމުގެ ބަސްމަގާއި މިލްކިއްޔާތުގައިވާހާ މުދަލަކާއި އުސޫލުތަކެއް ދެނެ ދަސްކޮށް ދިރާސާތައްކޮށް ހެދުމީ ޤައުމީ ވަޠަނީ ލޯބީގެ ހިތްތަކުގެ ޢަޒުމްކަމުގައިވާންޖެހެއެވެ. މި ކަންކަން ކޮށްގެން މެނުވީ ޤައުމީ ލޯބީގެ ވިންދު ހިތެއްގައި ނުޖަހާނެއެވެ. މޫސާ ފަތުޙީގެ "ހިތުގެ ޢަޒުމް" ކިޔުއްވައިލައްވާށެވެ. މި ޅެމުގައި ބުނާ ފަދައިން ޤައުމުގެ ކަމަކަށް ގޮވައިލައިފިނަމަ ނުކުންނަ މީހުންގެތެރޭ އިސްސަފުގައިވާން ޢަޒުމް ކަނޑައަޅާށެވެ. ޤައުމުގެ ސަލާމަތަށްޓަކައި ތިމާއީ އައްޑަނައަކަށް ވާށެވެ. ޤައުމުގެ އެކުވެރިކަމާއި ހަމަ ހަމަކަމަށް މަސައްކަތްކުރާ ސިކުނޑިއެއް ތަރުބިއްޔަތުކުރާށެވެ. އަނެކުން ކުރާ ޝަކުވާތަކާއި ވަސްވާސްތަކަށް ވިސްނުމުގައި ތިމާގެ ބުއްދި އިސްކުރާށެވެ. ޢަޒުމް ކަނޑައަޅާށެވެ. ފުށުން ނުޖަހާށެވެ. ވަޠަންދެކެ ލޯބިވެވޭނީ ވަޠަނަށް ވިސްނިގެންނެވެ. ވަޠަންދެކެ ލޯބިވުން ހިތުގައި އަށަގެންނުވޭނީ މި ވަޠަނުގެ އިމުގައި ހިތް ތަރުބިއްޔަތުކުރެވިގެންނެވެ. ޑރ. ޙަސަން ޙަމީދު 2008ގެ ޖެނުއަރީމަހުގެ ދަރުމައިގައި ލިޔުއްވާގޮތުގައި ދިވެހި ދަރިންގެ ހިތްތަކުގައި ޤައުމީ ވަޠަނީ ލޯބި އަށަގެންނެވުމަށް ޚާއްސަ ޙަރަކާތްތައް ހިންގަންވީ ދުވަސް އަތުވެއްޖެއެވެ. ރާއްޖޭގެ ތަޢުލީމީ ހަރުފަތްތައް ނިންމައިފައި ނުކުންނަ ކުދިންނަށް ދިވެހިބަހާއި ތާރީޚާއި ސަޤާފަތާއި މިނިވަންކަމުގެ އަގާއި މިނިވަންކަމަކީ ކޮބައިކަމާއި މި ކަންކަން ހިމާޔަތްކުރުމުގެ ސިއްރުތައް ދަސްކޮށްދީ ތަރުބިއްޔަތުކުރަންޖެހެއެވެ. އަދުގެ ޢިއްޒަތްތެރި ރައީސް މުޙުތަރަމް ޢަބްދުﷲ ޔާމީން ވިދާޅުވާގޮތުގައި ޤައުމު ކުރިއަރައި ދިއުން އޮތީ ދިވެހި ދަރިން ދިވެހި ޤައުމުދެކެ ލޯބިވުމުގެ މައްޗަށެވެ. ކެތްތެރިކަމާއެކު ޤައުމު އާރާސްތުކުރުމަށް ވިސްނި ވަރަކަށެވެ. ޤައުމުގެ ވެރިންނަށާއި ޢިލްމުވެރިންނަށާއި މަޤާމީ ޝަޚުސުންނަށް ލިބެންޖެހޭ އިޙުރިރާމާއި ލޯބި ލިބިގެންނެވެ. ވީމާ އެ ވިދާޅުވާފަދަ ދަރިން މި ޤާއުމުގައި ތަރުބިއްޔަތުވެގެން މެނުވީ މި ޤައުމުގައި އޮތް ލޯބި ދިރި ނުއޮންނާނެއެވެ. އަދުގެ ނާއިބުރައީސް ޢަބްދުﷲ ޖިހާދު ވިދާޅުވެފައިވާ ފަދައިން "ޤައުމުދެކެ ލޯބިވާނަމަ ޤައުމުގެ ހުރިހާ ރައުސްމާލަކަށް ލޯބިވާން" ޖެހެއެވެ. މިކަން ދަސްކުރަންޖެހެއެވެ. ދިވެހިންގެ ގަސްގަހާގެއްސާއި ފިލުފަޅުމޫދުކަނޑާއި ބިންދެކެ ލޯބިވާންޖެހެއެވެ. މި ބިމުގައި ދިރިއުޅޭ ރައްޔިތުންނާއި ޤައުމީ ހައިސިއްޔަތުތަކަށް އިޙުތިރާމާއި ޤަދަރުދޭން ދަސްކުރަންޖެހެއެވެ. އެހެންކަމުން މިއީވެސް ވަޠަނީ ލޯބީގެ ތަރުބިއްޔަތެވެ. އިބުނު ބަޠޫތާގެ ޚިޔާލުގައި މި ދިވެހިންގެ ތަސައްވަރު ވަރަށް ނަލައެވެ. މިއީ އެކުވެރި ދަރިފަސްކޮޅެކެވެ. އެއް ބައެއް އަނެއް ބަޔަކަށް ލޯބިދީ ލޯބި ހޯދާ ބައެކެވެ. ވަޠަނީ ރޫޙު ވަރުގަދަ ގުޅުން ބަދަހި ބައެކެވެ. ވެރިންނަށް ކިޔަމަންތެރި، މައިންބަފައިންގެ އަގާއި ހައިބަތު އިސްކުރާ ދަރިންތަކެއްގެ ޤައުމެކެވެ. ލިބޭ މިންވަރު ފުއްދައިގެން އަމިއްލަވަންތަކަމަށް ލޯބިކޮށް އުފެއްދުންތެރި ބައެކެވެ. އެހެންކަމުން އެނގެނީ ދިވެހިންނަކީ ލޯބިވުމުގައި ތާރީޚެއް އޮތް ބައެއްކަމެވެ. މިއަދުވެސް އެނގޭކަމަކީ ޤައުމީ ކަމެއް ދިމާވުމުން ދިވެހިން ދައްކައިދޭ ލޯތްބާއި ގުޅުމުގެ ވަންތަކަމެވެ. ސުނާމީގެ ޙާލަތުގައި ދެއްކި ނަމޫނާއީ މީގެ މިސާލެކެވެ. މިނިވަންކަމުގެ 50 ފާހަގަކުރުމުގައި ދެއްކީ މީގެ މިސާލެވެ. ނޮވެމްބަރު 3 ގައި ފެނިފައިވަނީ މީގެ މިސާލެކެވެ. ހިތާމައަކީ މި ހުރިހާކަމެއްގެ ތެރެއިން މަދު މަދު ބަޔަކު ޒާތީ ކަންކަން އިސްކޮށް އަމިއްލަ ނަފުސީ ވަގުތީ ފައިދާއަކަށް ޤައުމާއި ވަޠަނަށް ގެއްލުންލިބި މިނިވަންކަމަށް ބުރޫއަރާފަދަ ކަންކަން ކުރާކުރުމެވެ. މިއީ ދިގު މަޢުޟޫއެކެވެ. ނަމަވެސް ކުރުކޮށް ގިނަ ވާހަކަތަކެއް ދަންނަވައިލެވިއްޖެކަމަށް ހީކުރަމެވެ. ޚުލާސާކޮށް ދަންނަވާނަމަ ދެންނެވޭނީ ޤައުމީ ލޯބި އިސްކުރާށޭއެވެ. ވަޠަނާއި ވަޠަނީ އަސާސުތައް ޙިމާޔަތްކުރުމަށް ވިސްނާށޭއެވެ. އަޅުގަނޑުގެ ދުޢާއަކީ ދިވެހިންނަށް އަމާންކަމާއި ފާގަތިކަން މިންވަރުކުރެއްވުމެވެ. އާމީން. (ނިމުނީ)

އިނގިރޭސީންގެ ހިމާޔަތުގައި ރާއްޖެ އޮތް އިރު ދިވެހިންނަށް ދިމާވި ދަތިތައް[އުނިއިތުރު ގެންނަވާ]

އިނގިރޭސީންގެ ހިމާޔަތުގައި ރާއްޖެ އޮތް އިރު ދިވެހިންނަށް ދިމާވި ދަތިތައް ލިޔުނީ: އާދަމް ޒާހިރު (ކުރޮޅި)

މިއަދަކީ ދިވެހިރާއްޖޭގެ މިނިވަން ދުވަހެވެ. ދިވެހިން، އިނގިރޭސީންގެ ޙިމާޔަތުން މިނިވަންވިކަމުގެ އުފާ ފާހަގަކުރާ ދުވަހެވެ. މި ދުވަސް "މިނިވަން ދުވަސް" ގެ ގޮތުގައި ފާހަގަކުރަނީ މި ހަނދާނާއި އެހެންވެސް އެފަދަ ހަނދާންތަކުގެ އުފަލުގައެވެ. އިނގިރޭސީންގެ ޙިމާޔަތުގައި ދިވެހިން ތިބޭތާ ހަތްދިހަ އަހަރަށްވުރެ ގިނަވީފަހުން 26 ޖުލައި 1965 ގައި އެ ހިމާޔަތުން މިނިވަންވީއެވެ. އެހެންކަމުން މި ދުވަހު އެ ހަނދާން ހިތަށްގެނެސް މިނިވަން ރޫޙު އާލާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނޭކަމެއްކަމުގައި ޤަބޫލުކުރަމެވެ. މި ލިޔުމުގައި ބޮޑަށް ބަލައިލާން ވިސްނައިފައިވަނީ އިނގިރޭސީން މި ޤައުމުގައި ތިބި ތިބުމުގައި ދިވެހިންނަށް ލިބުނު ގެއްލުމާއި ތުރާލުގެ މައްޗަށެވެ. އަދި ދިވެހިންނަށް އެ އިނގިރޭސީން ދިން އެހީތެރިކަމާއި ޙިމާޔަތާއި އިތުރު އެހީތަކުގެ ޙަޤީޤީ ސިއްރު އެނގުނު އިރު އެބައިމީހުންގެ ނިޔަތް ނުބައިކަން ވިސްނުނު ވިސްނުމުގެ މައްޗަށެވެ. ކުރު ލިޔުމަކަށްވީތީ ބައެއް ވާހަކަތަކުގެ ތަފްސީލަށް ބަލައިލެވޭނޭ މިންވަރެއް ނެތެވެ. އަދި ހުރިހާ ކަމަކަށް އަލިއަޅުވައިލުމުގެ މިންވަރެއްވެސް ނެތެވެ. ނަމަވެސް ކުރުކޮށް ބަލައިލެވޭނޭ މިންވަރު ޚިޔާރުކޮށް ކުރިއަށް ދާނަމެވެ. މިނިވަންކަމުގެ އުފަލުގައި ބަހެއް ބުނެވޭ ކޮންމެ ފަހަރަކު ފުރަތަމަވެސް ލިސްޓްކުރެވޭނީ އިނގިރޭސީންގެ ހިމާޔަތުގެ ވާހަކައެވެ. އައްޑޫގެ ގަމުގައި ރުކުރުވައިލައިގެން ތިބި އިނގިރޭސީ ހަނގުރާމަވެރި ފައުޖުތަކުގެ ވާހަކައެވެ. މި ދިވެހި ފަސްގަނޑު 100 އަހަރަށް ކުއްޔަށް ދިން ވާހަކައެވެ. ދިވެހި ތާރީޚަށް ލޯބިކުރާ ދިވެހިންނާއި ދިވެހި މަދުރަސީ ދަރިވަރުންނަށް އެނގޭނޭ ފަދައިން އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް މި ޤައުމު ދިޔައެވެ. އެއީ މީލާދީން 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ދިވެހިސަރުކާރާއި އިނގިރޭސީ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ސިއްރު އެނގެން ނެތް، މުޢާހަދާގައި ސޮއިކުރި ވަގުތުން ފެށިގެންނެވެ. އެ ހިސާބުން ފެށިގެން އިނގިރޭސީން ދުށީ މި ދިވެހިފަސްގަނޑާއި ދިވެހިންގެ ތަރިކައާއި ދިވެހި ރައްޔިތުންނަކީ އިނގިރޭސީންގެ ބައެއްކަމުގައެވެ. އެބައިމީހުންގެ މުދާކަމުގައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ދިވެހިން އޭރު އެ ވީ އެއްބަސްވުމާ ގުޅިގެން އިނގިރޭސީޏްގެ ބާރުގެ ދަށަށް، ފާޑަކަށް ގެންދިޔައީއެވެ. އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި ރާއްޖެ އޮތް ދުވަސްވަރު މި ދިވެހި ފަސްގަނޑުގެ އުފަން ދިވެހިންގެ ގިނަ ބަޔަކަށް ޖެހުނީ އިިނގިރޭސީންގެ މުއައްޒަފުންކަމުގައި ވާށެވެ. އިނގިރޭސީން ދޭ އުޖޫރައާއި މުސާރައަށް ބޯލަނބައިގެން މަސައްކަތްކުރާން ތިބި އަޅުންކަމުގައި ވާށެވެ. މިނިވަން ދިވެހި ސަރުކާރެއްގެ ނަން އޮތަސް އެއްވެސް ކަމެއް ކުރުމުގެ ބާރު ދިވެހި ސަރުކާރަކަށް ނޯވެއެވެ. އެކި ނަންނަމުގައި އެކިއެކި ދިމާއިން ދިވެހި ސަރުކާރު ފިއްތަމުން ދިއުމުގެ ނަތީޖާއެއްގެގޮތުން އިނގިރޭސީ ޙިމާޔަތުން ވަކިވުމަށް ދިވެހިން މަސައްކަތް ފެށީއެވެ. ދިވެހި އެދުރުން ފާޅުކޮށްފައި ހުރި ޚިޔާލުތަކުން އެނގޭގޮތުގައި އިނގިރޭސީން މި ފަސްގަނޑުގައި ވަޒަންވެރިވުމާ ހަމައިން އެންމެ ފުރަތަމަ ފާހަގަކުރެވުނު ގެއްލުމަކީ ހެދި ފޯދިފައިވާ ދަނޑުތަކެއް ނެތިކޮށްލައި އެ ދަނޑުތަކުގެ ދަނޑުވެރިކަން ގެއްލި ދިޔައިރު ދެން އެ ދަނޑުވެރިކަން އިތުރަށް އޮތަދިނުމަށް ބިމެއް ދިނުމުގެ ބަދަލުގައި ގަމުގެ ރައްޔިތުން ފޭދޫއަށް ބަދަލުކޮށް ފޭދޫ މީހުން މަރަދޫއަށް ބަދަލުކޮށް ބިމާއި ދަނޑުވެރިކަމުގެ ބާރު ނަގާލުމެވެ. ދިރުމެއް ގެއްލުމެވެ. މިއީ އެ ރަށްރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ހިތާމަކުޅަ ކަމެކެވެ. ތެދެކެވެ. އިނގިރޭސީން ވަނީ ގަމުގައި ފެކްޓަރީތަކަކާއި މަތިންދާބޯޓު ޖައްސާނޭ ތަނެއް ހަދައިފައެވެ. ދިވެހިން ދެކެފައި ނެތް ތަރައްޤީއެއް އައްޑޫއަށް ގެނެސް އެ ތަން ތިޔާގި ކުޅައެވެ. ނަމަވެސް އެއީ ވަގުތީ އުފަލަކާއި ދަޅައެއްކަމުގައި ނޫނީ ނުވިއެވެ. ރައްޔިތުން ހައްދައިގެން ދިވެހިންގެ އާރާއި ބާރާ ކުޅުމަށް އެ ފަށައިގަތް ފަށައިގަތުމުގެ ސިއްރު އެނގުނީ މާ ފަހުންނެވެ. ފާހަގަވެ ފެނިފައިވަނީ ލިބިދިޔަ ގެއްލުމާއި ނަސްލީ ހަމަނުޖެހުމެއްގެ ދިރުމެއް އެތަނަށް ގެނައި ގެނައުމެއްކަމުގައެވެ. އިނގިރޭސީން މި ދިވެހި ފަސްގަނޑުގައި ބާރު ހިންގައި ދިން ފިކުރީ އަނިޔާތަކާހެދި ޤައުމު ބައިބައިވުމަށް ބާރު ލިބިގެން ދިޔަ ދިއުމަކީވެސް ކުޑަ ގެއްލުމެއް ނޫނެެވެ. މިފަދަ ބައިބައިވުމުގެ ޚިޔާލުތައް އުފެދުނުކަން ދެކުނުގައި ކުޅަ ބައެއް މުޒާހަރާތަކުން އެނގޭކަމުގައި ތާރީޚު ގައި ވެއެވެ. އިނގިރޭސީންގެ ބާރުގައި އައްޑޫ އޮތް ދުވަސްވަރު ދިވެހިންނަށް ލިބުނު ގެއްލުންތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީވެސް ސިޔާސީގޮތުން ޤައުމު ބައިކުރުމަށް ދިވެހި ރައްޔިތުންކުރެ މަދު ބަޔަކު ކުޅަ މަސައްކަތެވެ. މި ކަމުގެ އަޑީގައި ތިބީ އައްޑޫގައި ތިބި އިނގިރޭސީންގެ ފައުޖެވެ. ސަރުކާރާ ދެކޮޅުވެރި ޚިޔާލުގެ ބަޔަކު އެ ފަސްގަނޑުގައި އުފައްދައި ދިވެހި ދައުލަތަށް ޣައްދާރުވާނޭ ބަޔަކު ނެރުނީ އިނގިރޭސީން އަޑީގައި ތިބެގެންކަމުގެ ހެކި ފެންނަން އެބަ އޮތެވެ. އަދި އެ ބަޔަކުލައްވައި ވަކި ދައުލަތެއް، ސުވައިދީބު އައިލަންޑުގެ ނަމުގައި އުފެއްދީވެސް އިނގިރޭސީން އަޑީގައި ތިބެގެންނެވެ. މިއީ މި ރާއްޖެ ދުވަހަކުވެސް ހަނދާނުން ނުފިލާނޭ ގެއްލުމެކެވެ. މިއީ މިއަދުވެސް އެ އަނިޔާއަކުން މުޅިން ސަލާމަތް ނުވެވި އުޅޭ އަނިޔާއެކެވެ. އިނގިރޭސީން ދިވެހިންގެ ދާޚިލީ ކަންކަމާބެހި ޤައުމުގެ ފިކުރުތަކާ ކުޅުމުގެ ތެރެއިން ޤައުމު ބައިބައިކުރުމުގެ ފިކުރު ހިންގައި އިފެއްދި ގޮނޑިކޮއްކޮ ދައުލަތެއް ރާއްޖޭގެ ދެކުނުގައި އުފެއްދިއެވެ. އެއީ އައްޑޫއާއި ހުވަދޫ އަތޮޅާއި ފުވައްމުލަކު ހިމެނޭގޮތުން އުފެއްދި ސުވައިދީބެވެ. މި ބާޣީ ދައުލަތުގެ ވެރިއަކަށް އިސްކުޅައީ ސ.ހިތަދޫ އެޅަދީދީގެ ޢަބްދުﷲ ޢަފީފެވެ. ބުނެވޭގޮތުގައި މި ވެރިކަމެއްގެ ބާރުވެރިންނަށް ހަތިޔާރު ދީ ސިފައިންގެ ފައުޖު ތަމްރީނުކޮށް ކޮޅަށްޖެހީ އިނގިރޭސީން އަޑީގައި ތިބެގެންނެވެ. އަދި ރާއްޖޭގެ އަމުރުތައް ބޮލާލައި ޖަހައި، ދެބައިގެ މެދުގައި ހަމަޖެހުމާއި އިންސާފު ހޯދުމަށް އޮމާންކޮށް ކުޅަ، 10 ވަރަކަށް އަހަރުގެ މަސައްކަތް ނާކާމިޔާބުކުޅައީވެސް އިނގިރޭސީން އަޑީގައި ތިބެގެންނެވެ. ނަތީޖާއަކަށްވީ ދެބައިގެ މެދުގައި ޤައުމު ސަލާމަތްކުރުމުގެ ހަނގުރާމައެއް ހިނގުމެވެ. މިއަދުވެސް އެ ހަނގުރާމައިގައި ގެއްލުން ލިބުނު ފަރާތްތަކުގެ ހިތާމަ ނުފިލައެވެ. ބަދަލު ހިފުމުގެ ރޫޙު ހިނގާ އެތައް ބައެއް އަދިވެސް އެބަ ތިއްބެވެ. އެ އަނިޔާ ފިލައި ނުދެއެވެ. މިއީ އިނގިރޭސީންގެ ނުލަފާ ޙީލަތެކެވެ. އެންމެފަހުން ސުވައިދީބުގެ ވެރިޔަކަށް، ރައީސުލްޖުމްހޫރިއްޔާއަކަށް އައްޔަންކުޅަ ޢަބްދުﷲ ޢަފީފަށް އިނގިރޭސީން ޙިމާޔަތް ދީގެން ސީޝެލްސް އަށް ގެންދިޔައީއެވެ. ޙަޤީޤަތުގައި މިފަދަ ކަންކަމަކީ ދެފަރާތުން އެއްބަސްވި މުޢާހަދާގެ ދެވަނަ ބަޔާ ޚިލާފު ޢަމަލެކެވެ. އެހެންކަމުން މި ކަމާ ދިވެހި ސަރުކާރުން ވާހަކަދައްކަން ފެށުމުން އިނގިރޭސިންގެ ބެހިގަތުން އިތުރުވެ ދާޚިލީ ކަންކަމާ އިތުރަށް ބެހެން ފަށައި ޤައުމަށް އިތުރު އަނިޔާތައް ދޭން ފެށީއެވެ. ހިނގައިދިޔަ މިފަދަ މިފަދަ އަނިޔާތަކަކީ މިނިވަންކަމަށް ލޯބިކުރާ ދިވެހިންނަށް ގަބޫލުކުރެވުނު އަދި ކުރާނޭ ކަންކަމަށް ނުވިއެވެ. އެހެންކަމުން ރައްޔިތުން މުޒާހަރާކޮށް އަޑު އުފުލުން އިތުރުވިއެވެ. ހަމަ އެހެންމެ އޭރުގެ ސަރުކާރުން ދިޔައީ އިނގިރޭސިންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ސުމުއްވުލް އަމީރު އިބްރާހީމް ނާސިރުގެ ޙިކުމަތު ޢަމަލީގެ ހިމޭން ޙަރަކާތާއެކު ސުވައިދީބު ބަލިކުރައްވައި ދިވެހިރާއްޖޭގެ ދެކުނު ޙިމާޔަތް ކުޅައެވެ. އިނގިރޭސީން ދިވެހި ދައުލަތާއެކު އެއްބަސްވި މުޢާހަދާގައި އޮތްގޮތުން ދިވެހިންގެ ބާރުތަކާ ކުޅުމެއް ނެތްކަމަށާއި އެއްވެސް ރަށެއްގައި ދިވެހިންގެ ބާރު ނުފޯރާނޭ ގޮތަކަށް ކަންތައްތައްކުރުމުގެ ފުރުސަތު އޮތުމަށް ތަން ނުދޭކަމަށް އެ ޒަމާނުގެ ލިޔުންތެރިން ލިޔުއްވައެވެ. ނަމަވެސް އިނގިރޭސީން ތިބި ގަމާއި އެ ގަން ނިސްބަތްވާ އައްޑޫއަތޮޅަށް ދިވެހި ސަރުކާރުގެ ބާރެއް އެ ދުވަސްވަރު ހިނގިއަކަ ނުދެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކައި، ނުފޫޒެއް ހިންގައިގެން މުޅި އެ އަތޮޅަކީ އަދި އެ އަތޮޅާއި ކައިރީގައިވާހާ ތަންތަނަކީ އިނގިރޭސީންގެ "މިލްކެކޭ" ހީވާ މިންވަރަށް އަތްގަދަކުރަންފެށީ އިންތިހާއަށެވެ. ޚުދު އެ ރަށްރަށުގެ ބައެއް ދިވެހިންވެސް އުޅުނީ ނަމެއްގައި ދިވެހިންގެގޮތުގައެވެ. "އަސްލަށް" އިނގިރޭސީންގެ ގޮތުގައެވެ. ދިވެހި ސަރުކާރަށް ނު އެނގި ދިވެހި ރައްޔިތުން، އިނގިރޭސީންގެ އެހީގައި ބޭރަށް ދަތުރުގޮސް އުޅެފައިވެއެވެ. އެބައިމީހުންގެ ވެރިންނަކީ ސަރުކާރަކީ އިނގިރޭސީންކަމުގައި ދެކެގެން ދިރިއުޅެމުންދިޔައެވެ. ރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގައި އޮތް ދުވަސްވަރު އެކި ގޮތްގޮތުން ހިނގި ނުފޫޒާއި ބާރުގެ ތެރޭގައި ފާހަގަކޮށްލެވޭ އަނެއް އަނިޔާއަކީ ދިވެހި ސަރުކާރުން ކިތަންމެ ބޭނުންވިޔަސް އެހެން ޤައުމުތަކުގެ ޖަލްސާތަކުގައި ބައިވެރިވުމުގެ މިނިވަންކަން ނަތުމެވެ. އެހެން ޤައުމަކާ އެކުވެރިކަމުގެ ގުޅުން އުފެއްދުމަކީވެސް މަނާކަމެކެވެ. އެހެން ޤައުމެއްގެ އެހީ ހޯދުމާއި ތަޢުލީމުގެ ޚިދުމަތް ލިބިގަތުމަކީވެސް އިނގިރޭސީންގެ ހުއްދައާ ނުލައި ނުވާނޭ ކަމެއްކަމުގައި ހެއްޖެވެ. މިއިން ކަމެއް ކުރަންވެއްޖެނަމަ އިނގިރޭސީ ސަރުކާރުގެ ހުއްދައެއް ނަގަންޖެހުނު ޖެހުމަކީ އަޅުވެތިކުރުމަށް ފެށި ފެށުމެކެވެ. މި ޤައުމު އިނގިރޭސީންގެ އަޅުވެތިކަމުގައި ނެތްއިރުވެސް އަޅުވެތިކަމުގެ އަމުރުތަކާއި ފިއްތުންތަކުން ޤައުމު އަތުލުމުގެ ފިކުރު ހިންގަން ފެށީއެވެ. އިނގިރޭސީން ރާއްޖެ އެރީ ނިޔަތުގައި ވަރަށް ސާފު ދަޅައެއް ދައްކަަމުންނެވެ. އެހެންކަމުން ރާއްޖެ ދުވަހަކުވެސް ނުދެކޭ ތަރައްގީ ގެނެސްދިނެވެ. ދިވެހި ރައްޔިތުން ހެއްވަމުން ތަރައްޤީއަށް ޚިޔާލާއި ފިކުރު އުފައްދައިދިނެވެ. އެހެނަސް މި ކަންކަމުގެ ބަދަލުގައި ފޮރުވިފައިވާ މަކަރުވެރި ބޭނުންތަކެއް އޮތްކަން ވިސްނުނީ މާފަހުންނެވެ. ދިވެހިންގެ މިނިވަންކަމާ ކުޅުމާއި ދިވެހި ދައުލަތް ބައިބައި ކުރުމާއި ދިވެހިންގެ ޢަޤީދާއާ ކުޅުމަކީ އެ ދަޅައިގެ އަޑީގައި ފޮރުވިފައިވާ ސިއްރުކަން އެނގުނު ހިނދުން ދިވެހިން އެ އިނގިރޭސީން މި ފަސްގަނޑުގައި ބައިތިއްބާކަށް ބޭނުމެއް ނުވިއެވެ. މިނިވަންކަމަށް އެދި ގޮވެން ފެށުނީ އެ ހިސާބުންނެވެ. މިއަދު އަޅުގަނޑުމެންނަށް މިވަނީ ފުރިހަމަ މިނިވަންކަން ލިބިފައެވެ. ފުރިހަމަ އާރާއި ބާރާއި ހޭލުންތެރިކަން ލިބިފައެވެ. ދެންވެސް ވިސްނަންވީއެވެ. ރާއްޖެ ތަރައްގީކުރަންޖެހޭނީ ދިވެހިންނެވެ. ބައެއްގެ ހިމާޔަތުގެ ދަށުގައި އޮވެ ލިބޭ ތަރައްގީއަށްވުރެ އަމިއްލަ މަސައްކަތުން ލިބޭ ތަރައްގީގެ ފޮނިކަން ގަދަވެފައި ދެމިހުންނާނެކަން ވިސްނިއްޖެއެވެ. ދިވެހިން މަސައްކަތްކުރަންވީ، ވިސްނަންވީ ދިވެހިންގެ ގޮތުގައި ތިބުމަށެވެ. ދިވެހިންގެ ޢަޤީދާއާ ކުޅެ ދިވެހިންގެ ވިސްނުމާއި ފިކުރު ބަދަލުކުރުމަށް ބޭރުގެ ބަޔަކަށް ފުރުސަތު ނުދޭށެވެ. މި ޤައުމަށް ހެޔޮ އެދިގެން އަންނާނޭ ޤައުމެއް ކޮބައިހެއްޔެވެ؟ މި ޤައުމުގެ ކުރިއެރުމާއި ތަރައްޤީއޭ ކިޔައިގެން އަންނަ ހަމަ ކޮންމެ ބިދޭސީ ބާރަކުން ލިބިފައިވަނީ ގެއްލުމާއި އަނިޔާއެވެ. ފިކުރީ ގޮތުން ތޮޅޭ މި ޒަމާނުގައި އިންސާނީ ޙައްޤާއި ޑިމޮކްރަސީގެ ދިދަ ނަގައިގެން ދިވެހިންނާއި ދިވެހިންގެ މި ދައުލަތަށްޓަކައި އަންނަ ކޮންމެ މީހެއްގެ އިޔަހޫދީކަމާމެދު ފިކުރުކުރާށެވެ. އަދިވެސް އަޅުވެތިވުމަކީ ދުރުކަމެއް ނޫނެވެ. ދިވެހިން ގެ ކެއުމާއި ހިޔާވަހިކަމާއި އަންނައުނުގެ އީޖާދު މި ޤައުމުގައި ދިރުވައި އާލާކުރަންވެއްޖެއެވެ. ދިވެހިން ދިވެހި މަސައްކަތްތަކަށް އަހުލުވެރިވެ ހިނގައިގަނެ ޙަރަކާތްތެރިވާން ފަށަންވެއްޖެއެވެ. ދިވެހި އާބާދީގައި 18 އަހަރުން މަތީގެ ދެލައްކަ ދިވެހިން ނެތްއިރު ބިދޭސީ ފިރިހެނުން ގިނަ ޢަދަދަކަށް ހިމެނިފައިވާ ދެ ލައްކައެއްހާ ބިދޭސީން މި ފަސްގަނޑުގައިވެ ބާރުވެރިވަމުންދާއިރު ބިދޭސީ ޤައުމުތަކާއި، އަރައިގަންނަ އަނިޔާވެރި އިޔަހޫދީން ތިބި އިރު ދިވެހިންގެ މި މިނިވަންކަން ދެމި އޮތުމަށް އޮތީ ވަރަށް ހަނި ބާރެކެވެ. ތުނި ބިތެކެވެ. ނިންމައިލަމުން ދަންނަވާނީ، ލޮބުވެތި ރައްޔިތުންނޭވެ. މި ޤައުމުގައި ކުރަން ހުރި ކަންކަމުގައި އަޅުގަނޑުމެންގެ ދަރިން ރުކުރުވާން އުޅެމާ ހިނގާށޭ އެވެ. މި ޤައުމު ޙިމާޔަތަށް އެދޭނަމަ ބިދޭސީ ބޭރުކުރުމަށް ދިވެހިން ދިވެހި ޤައުމަށް ޚިދުމަތްކުރަން ފަށަމާ ހިނގާށޭއެވެ. ބޭރުގެ ފިކުރުތަކުން އިޔަހޫދީ ފިކުރުތައް ދަސްކޮށް ޒިންމާވެރިވަމާ ހިނގާށޭއެވެ. ﷲ. އަޅަމެންގެ މި ދިވެހި ފަސްގަނޑުގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުދެއްވާނދޭވެ. މި ޤައުމުގެ މިނިވަންކަން ދަމަހައްޓަވައި ހަމަޖެހުމާއި ފާގަތިކަން މިންވަރުކުރައްވާނދޭވެ. އާމީން. (ނިމުނީ)