Jump to content

މޫސާ ބަދުރުއްދީން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އަލްޤާޟީ މޫސާ ބަދުރުއްދީނަކީ އައްޑޫ މީދޫ ގަނޑުވަރު އަލްޚަތީބު ޙުސައިން ތަކުރުފާނުގެ ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން ކުރެ އެންމެ ކީރިތި އަދި އެންމެ މޫރިތި ދަރިކަލެވެ. މިއީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ ވިދާޅުވުމެކެވެ.

ޤާޟީ މޫސާ ބަދުރުއްދީނާއި އެއްބަނޑު އެއްބަފާ ބޭފުޅުންކުރެ ދެން އެންމެ މަޝްހޫރު ބޭފުޅަކީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ އުސްތާޛު އައްޝައިޚުލް ޙާފިޡުލް ޢާލިމު އިބްރާހީމް ތަކުރުފާނު ނުވަތަ މަޝްހޫރު ނަމުން ނަމަ އައިސާބީގެ ދަރު ދޮންބެއްޔާއެވެ. މޫސާ ބަދުރުއްދީނުގެ ބައްޕަ ގަނޑުވަރު އަލްޚަތީބު ޙުސައިން ތަކުރުފާނަކީ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނުލް ކަބީރުގެ ދަރިކޮޅު ބޭކަލެކެވެ. އަދި ގަނޑުވަރު އައްނާއިބު މުޙައްމަދު ތަކުރުފާނާ އެއްބަނޑު އެއްބަފައި އަދި އަލްފަޤީހު މޫސާ އެދުރު ތަކުރުފާނާ އެއްބަނޑު ވަކި ބަފައި ބޭފުޅެކެވެ. މޫސާ ބަދުރުއްދީނުގެ މަންމައަކީ މީދޫ ކުދުރަނިއަގެ ފާޠިމާފާނުގެ އިބްރާހީމް ތަކުރުފާނުގެ އެޅެގެ ދަރިގޭ ޙުސައިން ތަކުރުފާނުގެ ޙައްވާފާނު (ދޮން ދިޔަގެ ޙައްވާފާނު) އެވެ.

މޫސާ ބަދުރުއްދީނުގެ އެއްބަނޑު އެއްބަފައި ބޭފުޅުންނަކީ އައިސާ ދަރު އައްޝައިޚު ޢަލީ ތަކުރުފާނާއި ޙަސަން ތައްޚާނު (އައިސާ ދަރު ކަޅުއަބޫ) އާއި އަލްޙާފިޡު އައްޝައިޚު އިބްރާހީމް ތަކުރުފާނު (އައިސާބީގެ ދަރު ދޮންބެއްޔާ) އާއި ދޮށީ މަނިކެ އާއި ޢާއިޝާ މަނިކެ އާއި ދޮން މަނިކެ އާއި ސަންފާ މަނިކެ އާއި މަރިޔަމް މަނިކެ އާއި އެޅަ މަނިކެ އެވެ. މޫސާ ބަދުރުއްދީނު ކައިވެނި ބެއްލެވީ ހުޅުދޫ އެޅެގެދަރު މަރްޔަމް މަނިކެއާއެވެ. ދިރިއުޅުއްވީ ހުޅުދޫ ގެދަރުގައެވެ. އެގެއަކީ އޭނާގެ ކާފަގެ ތަރިކައިން އޭނާގެ ބައްޕައަށް ލިބުމުން އޭނާއަށް ދެއްވި ގެއެކެވެ. މޫސާ ބަދުރުއްދީނަށް ލިބިވަޑައިގަތް ބޭފުޅުންނަކީ ގެދަރު އަޙްމަދު މަނިކާއި ފާޠިމާ މަނިކެ، އާމިނާ މަނިކެ، ކައްދާ މަނިކެ އަދި ޙައްވާ މަނިކެއެވެ.

ޢިލްމު އުނގެނިވަޑައިގަތުން

[އުނިއިތުރު ގެންނަވާ]

މޫސާ ބަދުރުއްދީނަކީ ވަރަށް ބޮޑު ޢިލްމުވެރިއެކެވެ. އޭނާ ޢިލްމު އުނގެނިވަޑައިގަތީ އޭނާގެ ބޮޑުބޭބެ އަލްފަޤީހު މޫސާގެ ދަރިކަލުން އަލްޤާޟީ އިބްރާހީމް މަޖުދުއްދީނުގެ އަރިއަހުންނެވެ. އަލްޤާޟީ އިބްރާހީމް މަޖުދުއްދީނު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި ދުވަސްވަރު މުސާ ބަދުރުއްދީނު މާލެ ގެންނަވައި ބަހައްޓަވާފައި ހުރީ ފަނޑިޔާރުގޭގެ ބޮޑު ނާއިބެއްގެ ގޮތުގައެވެ. ދެން އިބްރާހީމް މަޖުދުއްދީނު އަވަހާރަވުމުން މުސްކުޅި ބަންޑާރައިން ފަނޑިޔާރުކަމަށް މުސާ ބަދުރުއްދީނު އައްޔަން ކުރެއްވީ އެވެ.

ފިޤްހުހުވެރި ޢާލިމަކަށް ވުމުގެ އިތުރުން އަލްޤާޟީ މޫސާ ބަދުރުއްދީނަކީ ވަރަށް ބޮޑު ވިޔަފާރިވެރިއެކެވެ. އެ ޒަމާނުގައި ދިވެހިރާއްޖޭގައި ތިބި އެންމެ މުއްސަނދި ބޭފުޅުންގެ ތެރޭ ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އަމިއްލަ ބޮޑެތި އޮޑިފަހަރު ގެންގުޅުއްވައި ބަންގާޅަށާއި އުތުރު ކަރައަށާއި އޮޅުދޫ ކަރައަށް ވިޔަފާރި ދަތުރު ކުރެއްވިއެވެ. އެ ދުވަސްވަރު ހުޅުދޫ އާއި މީދޫގެ ވަރަށް ގިނަ ގޭގޭގައި ގެންގުޅުނު ތަށި، ތެލި، ގުޅި، ރުނބާ، ޖާޑީ ފަދަ ތަކެއްޗަކީ މޫސާ ބަދުރުއްދީނުގެ ނަން ކަނޑައިނަގައިގެން ލިޔެވިފައިވާ ތަކެއްޗެވެ.

އަވަހާރަވުން

[އުނިއިތުރު ގެންނަވާ]

އަލްޤާޟީ މޫސާ ބަދުރުއްދީނަކީ ރާއްޖޭގެ ފަނޑިޔާރުންގެ ލިސްޓުގައި ވާގޮތުން ދިވެހިރާއްޖޭގެ 39ވަނަ އުއްތަމަ ފަނޑިޔާރެވެ. މި ކަލޭގެފާނު ރާއްޖޭގެ ފަނޑިޔާރުކަމުގައި ހުންނެވީ އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ހަތަރުވަނަ) މުސްކުޅި ބަންޑާރައިންގެ ރަސްކަމުގެ ދުވަސްވަރުއެވެ. މުސްކުޅި ބަންޑާރައިން ރަސްކަން ކުރެއްވީ 1835މ. އިން 1882 އަށެވެ. ފަނޑިޔާރުކަމުގައި ހުންނެވުމަށް ފަހު އަމިއްލަފުޅަށްށް އިސްތިޢުފާ ދެއްވީ އެވެ. އިސްތިޢުފާ ދެއްވުމަށް ފަހު އޭނާގެ ރަށް އައްޑު އަތޮޅު މީދޫއަށް ވަޑައިގެން އުޅުއްވައި އަވަހާރަވީ 14 މުޙައްރަމު 1292ހ. (21 ފެބުރުއަރީ 1875މ.) ވީ އާދީއްތަ ދުވަހުއެވެ. ފަސްދާނުލައިފައި ވަނީ މީދޫ ކޯގަންނު ޤަބުރުސްތާނުގައެވެ.

https://meedhoo.com/?author=5&paged=2