މުޙައްމަދު ޢާޞިމް
ޑރ. މުޙައްމަދު ޢާޞިމް | |
|---|---|
ޑރ. މުޙައްމަދު ޢާޞިމް، 2016 | |
| ޚާރިޖީ ވަޒީރު (މިނިސްޓަރ އޮފް ފޮރިން އެފެއާޒް) | |
މަޤާމުގައި 13 ޖުލައި 2016 – 17 ނޮވެންބަރު 2018 | |
| ރައީސް | ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް |
| ކުރިން ހުންނެވީ | ދުންޔާ މައުމޫން |
| ފަހުން ވަޑައިގަތީ | |
| އުފަންވީ | 1960 |
| މަތީތަޢުލީމު | އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތު، ލުބުނާން. ކެލިފޯނިއާ ސްޓޭޓް ޔުނިވަރސިޓީ، އެމެރިކާ. އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވަރސިޓީ، އޮސްޓްރޭލިއާ. |
ޑރ. މުޙައްމަދު ޢާޞިމަކީ ދިވެހިރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު (މިނިސްޓަރ އޮފް ފޮރިން އެފެއާޒް) އެވެ. އެ މަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1960ވަނަ އަހަރުގައެވެ.
ޑރ. މުޙައްމަދު ޢާޞިމް ވަނީ ލުބުނާނުގެ ބެއިރޫތުގައި ހުންނަ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުގައި 1983ވަނަ އަހަރު ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވައިފައެވެ. އަދި ކެލިފޯނިއާ ސްޓޭޓް ޔުނިވަރސިޓީން އެމްއޭ. ފުރިހަމަކުރައްވައިފައިވެއެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ ދިވެހި ސަރުކާރުން ދިން ސްކޮލަރޝިޕެއްގެ ދަށުން 1999ވަނަ އަހަރު އޮސްޓްރޭލިއާގެ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވަރސިޓީގައި ޕޮލިޓިކަލް ސައެންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ރޮނގުންނެވެ.
ޑރ. މުޙައްމަދު ޢާޞިމް ސަރުކާރުގެ ޚިދުމަތް ފެއްޓެވީ 1983ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އެ އޮފީހުގައި އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ޕްރެޒިޑެންޝަލް އެއިޑްކަމާއި، ޑިރެކްޓަރ އެމްޕްލޯއިމަންޓް އެފެއާޒްކަމާއި، ޑިރެކްޓަރ ޖެނެރަލް އެމްޕްލޯއިމަންޓް އެފެއާޒްކަމުގެ މަޤާމު ހިމެނެއެވެ.
ޚާރިޖީ ދާއިރާގައި އެންމެ ފުރަތަމަ އަދާކުރެއްވީ ޑިޕްލޮމެޓިކް މަޤާމަކީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ހައިކޮމިޝަނަރުގެ މަޤާމެވެ. އެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވީ 2004ވަނަ އަހަރުގައެވެ. 2007ވަނަ އަހަރުން ފެށިގެން 2008ވަނަ އަހަރާ ހަމައަށް ހުންނެވީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވައިފައި ހުންނަވާ ހައިކޮމިޝަނަރުގެ މަޤާމުގައެވެ. މީގެއިތުރުން ދިވެހިރާއްޖެއިން ޕާކިސްތާނަށާއި، ބަންގްލަދޭޝަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަން ވެސް އަދާކުރައްވައިފައިވެއެވެ.
2013ވަނަ އަހަރު އީޔޫގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ އިސް ވެރިޔާގެ މަޤާމަށް ޑރ. ޢާޞިމް ޢައްޔަންކުރައްވައިފައިވެއެވެ. 2014ވަނަ އަހަރު އެ މަނިކުފާނު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އެމްބަސެޑަރ އެޓް ލާޖުގެ މަޤާމަށް ބަދަލުކުރައްވައިފައެވެ. 2015ވަނަ އަހަރު ބަންގްލަދޭޝަށް ކަނޑައަޅުއްވައިފައި ހުންނަވާ ދިވެހި ސަފީރުކަމަށް ޢައްޔަންކުރެއްވުމާ ހަމައަށް އެ މަޤާމުގައި ހުންނެވިއެވެ. ޑރ. މުޙައްމަދު ޢާޞިމް ވަނީ 2016 ޖުލައި 13ވަނަ ދުވަހުން ފެށިގެން 2018 ނޮވެންބަރު 17ވަނަ ދުވަހާ ހަމައަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުކަން (މިނިސްޓަރ އޮފް ފޮރިން އެފެއާޒް) ގެ މަޤާމު އަދާކުރައްވައިފައެވެ.