މުޙައްމަދު ޖަމީލު ދީދީ
ފަޟީލަތުއްޝައިޚުލްމަރްޙޫމު މުޙައްމަދު ޖަމީލު ދީދީ | |
|---|---|
| ދިވެހިރާއްޖޭގެ ބަންޑާރަ ނާއިބު | |
މަޤާމުގައި 30 މޭ 1956 – 11 ސެޕްޓެންބަރު 1956 | |
| ބޮޑު ވަޒީރު | އިބްރާހީމް ނާޞިރު |
| ކުރިން ހުންނެވީ | އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ |
| ފަހުން ވަޑައިގަތީ | |
| މިނިސްޓަރ އޮފް ޖަސްޓިސް | |
މަޤާމުގައި 10 ސެޕްޓެންބަރު 1953 – 30 މޭ 1956 | |
| ބޮޑު ވަޒީރު | އިބްރާހީމް ނާޞިރު |
| ފަހުން ވަޑައިގަތީ | |
| އުފަންވީ | 1 މޭ 1915 |
| އަވަހާރަވީ | 15 މާރިޗު 1989 (73 އަހަރުފުޅުގައި) |
| ފަސްދާނުލެވިފައިވަނީ | ގަލޮޅު ސަހަރާ، މާލެ، ދިވެހިރާއްޖެ |
| މައިންބަފައިން | ބައްޕާފުޅު: އައްޝައިޚު ޢަބްދުﷲ ކަމާލުއްދީން މަންމާފުޅު: އާމިނާ ދީދީ |
| ތަޢުލީމް | މަޖީދިއްޔާ ސްކޫލު، މާލެ |
| މަތީތަޢުލީމު | އަލްއަޒްހަރު ޔުނިވަރސިޓީ، މިޞްރު |
| އިނާމުތައް | ދިވެހިބަހުން ދީނީ ފޮތް ލިޔުއްވުމުގެ ރޮނގުންނާއި، ދިވެހިބަހަށް ޚިދުމަތްކުރެއްވުމުގެ ރޮނގުންނާއި، ދިވެހި ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު - 1979 މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު - 1990 |
ޖީލުލްއުސްތާޛު ފަޟީލަތުއްޝައިޚުލްމަރްޙޫމު މުޙައްމަދު ޖަމީލު ދީދީއަކީ ދިވެހި އަދަބީ ގުލްޝަނުގައި ހިމެނޭ މޮޅު އަދީބެކެވެ. އެ މަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 16 ޖުމާދަލްއޫލާ 1333 ހ. (1 މޭ 1915 މ.) ވީ ހޮނިހިރު ދުވަހު އިރު އެރުމާ ދާދި ކަރިވެފައި ވަނިކޮށް މާފަންނު ދަރަވަންދޫ ގޭގައެވެ.
އަމިއްލަ ދިރިއުޅުއްވުން
[އުނިއިތުރު ގެންނަވާ]ފަޟީލަތުއްޝައިޚުލްމަރްޙޫމު މުޙައްމަދު ޖަމީލު ދީދީގެ ބައްޕާފުޅަކީ ދަރަވަންދޫގޭ އައްޝައިޚު ޢަބްދުﷲ ކަމާލުއްދީނެވެ. މަންމާފުޅަކީ މާލޭ ފެންފޯއް ގަނޑުވަރު އާމިނަތު ދީދީއެވެ.
ޖަމީލުގެ އަނބިކަނބަލުންނަކީ އަލްމަރްޙޫމާ ޝަރީފާ ޙަސަން ނުވަތަ ކުއްޅަވައްގޭ ސިއްތިއެވެ. ސިއްތި އަވަހާރަވީ 2008ވަނަ އަހަރުގެ މޭ މަހުގައެވެ. މުޙައްމަދު ޖަމީލުގެ ބޭފުޅުންނަކީ ދިވެހިރާއްޖެ އަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅުންނެވެ. އޭގެތެރޭގައި އަލްއުސްތާޛު ފަތުޙުﷲ ޖަމީލު (ނޢޢވ)، ޢަބްދުﷲ ޖަމީލު (ނޢޢވ)، ޖާދުﷲ ޖަމީލު، އާމިނަތު ޖަމީލު، ފާޠިމަތު ޖަމީލު ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ.
ތަޢުލީމު ޙާޞިލުކުރެއްވުން
[އުނިއިތުރު ގެންނަވާ]ފަޟީލަތުއްޝައިޚުލްމަރްޙޫމު މުޙައްމަދު ޖަމީލު ދީދީ އެންމެ ފުރަތަމަ ތަޢުލީމު ޙާސިލްކުރެއްވީ އެމަނިކުފާނުގެ ލޮބުވެތި މާމާފުޅު ދަރަވަންދޫގޭ ތުތްތުމަނިކެއާއި ބައްޕާފުޅު ދަރަވަންދޫގޭ އައްޝައިޚު ޢަބްދުﷲ ދީދީގެ އަރިހުންނެވެ. ދެން ވަޑައިގަތީ ބޮޑުބޭބޭފުޅު ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ އަރިހަށެވެ. ދޮންބޭބޭފުޅު އައްޝައިޚު މުޙައްމަދު ސަޢީދު ދީދީ އަލްއަޒްހަރީގެ އަރިހުން ވެސް ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އަދި އަލްމަދްރަސަތުއްޞަލާޙިއްޔާ ނުވަތަ އަލްމަދްރަސަތުއްސަނިއްޔާ (ފަހުން އަލްމަދްރަސަތުލްމަޖީދިއްޔާ) ގައި ވެސް ކިޔަވައި ވިދާޅުވެފައިވެއެވެ. އޭގެފަހުން މިޞްރުގެ އިބްތިދާއީ މަދްރަސާއެއް ކަމަށްވާ މަދްރަސަތު މުޙައްމަދު ޢަލީ އަލްޚައިރިއްޔާއިންނާއި އަލްއަޒްހަރު ޔުނިވަރސިޓީން ވެސް ކިޔަވައި ވިދާޅުވެފައިވެއެވެ.
ޅެންވެރިކަން
[އުނިއިތުރު ގެންނަވާ]ފަޟީލަތުއްޝައިޚުލްމަރްޙޫމު މުޙައްމަދު ޖަމީލު ދީދީއަކީ ތަފާތު ރޮނގުތަކުގައި ޅެން ހެއްދެވި ބޭފުޅެކެވެ. ފުރަތަމަ ޅެމެއް ހައްދަވައިފައި ވަނީ ހިޖުރީ ގޮތުން 1358ވަނަ އަހަރުގެ ރަޖަބު މަހުގެ 9ވަނަ ދުވަހުއެވެ. މި ޅެން ފެށިފައިވަނީ "މަ ވެސް އަދު ފަރިއްސެއް ހެދޭތޯ ބަލާނަން" މި ޢިބާރާތުންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމަކީ ވެސް އެ މަނިކުފާނު ހެއްދެވި ޅެމެކެވެ.
ޤައުމީ ޚިދުމަތް
[އުނިއިތުރު ގެންނަވާ]ފަޟީލަތުއްޝައިޚުލްމަރްޙޫމު މުޙައްމަދު ޖަމީލު ދީދީއަކީ ޤައުމީ ޚިދުމަތުގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. ދިވެހި ޤައުމަށް ޓަކައި ކުރައްވައިފައިވާ ޚިދުމަތްތައް ނުހަނު ގިނަގުނައެވެ. ސަރުކާރުގެ ޚިދުމަތްތަކުގެ ތެރެއިން ކާތިބުކަމާއި، ސެކްރެޓަރީކަމުން ފެށިގެން ގޮސް އެންމެ ޤަދަރު ބޮޑު، މަސްއޫލިއްޔަތު ބޮޑު މަޤާމުތައް އެ މަނިކުފާނު ފުރުއްވައިފައިވެއެވެ. އެ މަނިކުފާނު ސަރުކާރުގެ ތަފާތު ވަޒީފާތަކެއްގައި ތަފާތު 40 މަޤާމެއް ފުރުއްވިއެވެ. އޭގެތެރެއިން އުއްތަމަ ފަނޑުޔާރުކަމާއި، މުނިސިޕަލްޓީގެ ރައީސްކަމާއި، ބަންޑާރަ ނާއިބުކަމަކީ ފާހަގަކޮށްލެވޭ މަޤާމުތަކެކެވެ.
ސަރުކާރުގައި އަދާކުރެއްވި ބައެއް ވަޒީފާތައް
[އުނިއިތުރު ގެންނަވާ]- މަޙްކަމަތުލްމަޢާރިފުގެ ކާތިބުކަން
- މަޙްކަމަތުލްމަޢާރިފުގެ މަޖީދިއްޔާގެ މުދައްރިސްކަން (ތަފާތު އޮފީސްއޮފީހުގެ ދަށުގައި)
- މަޙްކަމަތުލްމަޢާރިފުގެ މަޖީދިއްޔާގެ ނާޡިރުގެ ނާއިބުގެ ޤާއިމު މަޤާމުކަން
- މަޙްކަމަތުލްމަޢާރިފުގެ މަޖީދިއްޔާގެ ނާޡިރުގެ ނާއިބުކަން
- މަޙްކަމަތުލްމަޢާރިފުގެ ހިންގާ ވެރިޔާކަން
- ވުޒާރަތުލްމަޢާރިފުގެ މަދްެރަސަތުލްމަޖީދިއްޔާގެ ނާޡިރުގެ އެހީތެރިޔާކަން
- ވުޒާރަތުލްމަޢާރިފުގެ މަދްެރަސަތުލްމަޖީދިއްޔާގެ ނާޡިރުގެ
- ވުޒާރަތުލްމަޢާރިފުގެ ވަޒީރުލްމަޢާރިފުގެ ވަކީލުކަން
- މަޙްކަމަތުއްޝަރްޢިއްޔާގެ ސެކްރެޓަރީކަން
- މަޙްކަމަތުއްޝަރްޢިއްޔާގެ ނާއިބުކަން
- މަޙްކަމަތުއްޝަރްޢިއްޔާގެ އިސްނާއިބުކަން
- މަޙްކަމަތުއްޝަރްޢިއްޔާގެ އިސްތިއުނާފު ކޮމެޓީގެ ރައީސްކަން
- މަޙްކަމަތުއްޝަރްޢިއްޔާގެ ވެރިޔާކަން
- މަޙްކަމަތުއްޝަރްޢިއްޔާގެ އުއްތަމަ ފަނޑިޔާރުކަން
- މަޙްކަމަތުއްދާޚިލިއްޔާގެ ކާތިބުކަން
- މަޙްކަމަތުއްދާޚިލިއްޔާގެ ސެކްރެޓަރީކަން
- މަޙްކަމަތުއްދާޚިލިއްޔާގެ ފިލްމު ސެންސަރު ބޯޑުގެ މެންބަރުކަން
- މަޙްކަމަތުއްދާޚިލިއްޔާގެ މުނިސިޕަލްޓީގެ މާފަންނު މެމްބަރުކަން
- މަޙްކަމަތުއްދާޚިލިއްޔާގެ ރައްޔިތުންގެ މަޖިލީހުގެ ހ.އަތޮޅު މެމްބަރުކަން
- މަޙްކަމަތުއްދާޚިލިއްޔާގެ މުނިސިޕަލްޓީގެ ރައީސްކަން
- މަޙްކަމަތުއްދާޚިލިއްޔާގެ ބަންޑާރަ ނާއިބުކަން
- ވުޒާރަތުލްއައުޤާފުގެ މާފަންނު ޚަޠީބުކަން
- ވުޒާރަތުލްއައުޤާފުގެ ޚަޠީބުކަން (ތަފާތު އޮފީސްތަކުގެ ދަށުގައި މި މަޤާމު ހިމެނުނެވެ.)
- ވުޒާރަތުލްއައުޤާފުގެ ހެންވޭރުގެ ޚަޠީބުކަން
- ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް އެއްކުރެވުނު ޤަވާޢިދު ހަދާ ކޮމިޓީގެ މެންބަރުކަން (1980ވަނަ އަހަރު)
- މާބަނޑޭރި އޮފީހުގެ ފަތް ލިޔާކަން
- މަޙްކަމަތުލްއަޝްޣާލުގެ ފަތް ލިޔާކަން
- މަޙްކަމަތުލްއަމަން ޢާންމުގެ ތަޙްޤީޤު ކޮމެޓީގެ މެންބަރުކަން
- ވަޒީރުލްއަޢުޡަމުގެ އޮފީހުގެ ދަންނަ ބޭކަލުންގެ ކޮމިޓީގެ މެންބަރުކަން
- ތިލަދުންމަތީ އ.ކ.އ. ކަން
- ކ.ހ. އޮފީހުގެ ވެރިކަން
- ތިލަދުންމަތީ ޚާއްޞަ ވަކީލުކަން
- ދާރުލްއިޤާމާގެ ވެރިޔާކަން
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރިލިޖަސް ނޮލެޖް ޓީޗަރުކަން
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަޢުޙަދުއްދިރާސާތިލްއިސްލާމިއްޔާގެ މުދައްރިސް (ފިޤްހު)
- މިނިސްޓްރީ އޮފް އިންފޮމޭޝަންގެ ފޮތްފޮތާއި ލިޔުންތައް ފާސްކުރައްވާކަން
- ޕެންޝަން އެންޑް ރިލިޖަސް ފަންކްޝަންސް ޑިވިޜަންގެ މާލޭގައި ހުކުރުކުރައްވާކަން
- ޕެންޝަން އެންޑް ރިލިޖަސް ފަންކްޝަންސް ޑިވިޜަންގެ މާލޭގައި ހުކުރު މިސްކިތާއި ބަންޑާރަ މިސްކިތުގައި ހުކުރު ނަމާދާއި ޢީދުނަމާދު ކުރައްވާކަން
- ޕެންޝަން އެންޑް ރިލިޖަސް ފަންކްޝަންސް ޑިވިޜަންގެ މާލޭގައި ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވާކަން
- ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްކަން
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލިޔުއްވާ އަދި ތަރުޖަމާކުރައްވާކަން
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ ވަކީލުކަން
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާކަން
- ދީނީ ރޫޙުގެ މުޙައްރިރުކަން
- ބަސް ކޮމިޓީގެ މެންބަރުކަން
- ފަތްތޫރައިގެ މުޙައްރިރުކަން
- މާލޭ މުނިސިޕަލްޓީގެ ރައީސްކަން
- މާފަންނު ކަތީބުކަން
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން
- މަދްރަސަތުއްސަނިއްޔާގެ ނާޒިރުކަން
ދީނީ ރޮނގުން ކުރެއްވި ޚިދުމަތްތައް
[އުނިއިތުރު ގެންނަވާ]

ފަޟީލަތުއްޝައިޚުލްމަރްޙޫމު މުޙައްމަދު ޖަމީލަކީ ދީނީ ރޮނގުން ދިވެހިރާއްޖެއަށް ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ތަފާތު އެތައް ދީނީ މަޖައްލާއެއްގެ އެޑިޓަރު ކަމާއި މި ނޫން މަޤާމުތައް ވެސް ފުރުއްވައިފައިވެއެވެ. ދީނީ ރޮނގުން ގިނަގުނަ ފޮތްތަކެއް އެކުލަވާލެއްވި މުޞައްނިފެކެވެ. މި ފޮތްފޮތަކީ މިއަދު ވެސް އަޅުގަނޑުމެންގެ ތެރޭގައި ދީނީ ރޮނގުން ވަރަށް ބޮޑަށް ބޭނުންކުރަމުން ދާ ފޮތްތަކެކެވެ. މި ގޮތުން އެމަނިކުފާނު ލިޔުއްވި ފޮތްތަކުގެ ތެރޭގައި:
- ދީނިއްޔާތު
- ތަޢުލީމުއްދިޔާނާ (1ވަނަ ބައި، 2ވަނަ ބައި، 3ވަނަ ބައި)
- ދޫރުސުލްއަޚްލާޤު
- އިރްޝާދުލްއަނާމް
- އަލްއިސްލާމު
- އަލްމިންބަރު
- ޝުޢުލާ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިން ނެރުއްވަމުން ގެންދެވި "ދީނުގެ މަގު" ނޫހަކީ ވެސް އެ މަނިކުފާނުގެ ޚިޔާލުފުޅަކާ އެއްގޮތަށް ނެރެވުނު ނޫހެއް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވެއެވެ. ޓީވީން ފޮނުވި އެންމެ ސީދާ ތެދުމަގު ފަދަ ޕުރޮގުރާމުތަކަކީ ވެސް އެ މަނިކުފާނުގެ ނަޞޭޙަތާއި ވަޢުޡު ގިނަ ޢަދަދަކަށް އެކުލެވުނު ޕުރޮގުރާމުތަކެކެވެ. މީގެއިތުރުން އެ މަނިކުފާނަކީ ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރެއްވި ކޮމިޓީގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ހުކުރު ޚުޠުބާ ލިޔުއްވިއެވެ. އެ މަނިކުފާނުގެ އަޑުފުޅުން ޤުރްއާނުގެ ދިވެހި ތަރުޖަމާ ގެނެސްދެއްވިއެވެ.
ބަހަށް ކުރެއްވި ޚިދުމަތްތައް
[އުނިއިތުރު ގެންނަވާ]ފަޟީލަތުއްޝައިޚުލްމަރްޙޫމު މުޙައްމަދު ޖަމީލަކީ ދިވެހިބަހަށް ވެސް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ދިވެހިބަހުގެ ރޮނގުން އެ މަނިކުފާނު ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި [ކުޑަކުދީންގެ ބަގީޗާ 1]، [ކުޑަކުދީންގެ ބަގީޗާ 2]، [ދިވެހި ކިޔުން 1]، [ދިވެހި ކިޔުން 2]، [ދިވެހި ކިޔުން 3]، [ޅެމާއި ޅެންވެރިކަން] ފަދަ ފޮތްތައް ހިމެނެއެވެ. މީގެއިތުރަށް ދިވެހިބަހުގެ ޤަވާޢިދު ބަޔާންކުރައްވައި "ފިޔަވަޅު" ކިޔާ ފޮތެއް ވެސް އެކުލަވައިލައްވައިފައިވެއެވެ.
ލިބިވަޑައިގެންނެވި އިނާމުތައް
[އުނިއިތުރު ގެންނަވާ]ފަޟީލަތުއްޝައިޚުލްމަރްޙޫމު މުޙައްމަދު ޖަމީލު ދީދީއަށް ދިވެހިބަހުން ދީނީ ފޮތް ލިޔުއްވުމުގެ ރޮނގުންނާއި، ދިވެހިބަހަށް ޚިދުމަތްކުރެއްވުމުގެ ރޮނގުންނާއި، ދިވެހި ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު 1979ވަނަ އަހަރު އަރުވައިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމާ ގުޅިގެން ދެއްވި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު 1990ވަނަ އަހަރު އެ މަނިކުފާނުގެ ހަނދާނުގައި އަރުވައިފައިވެއެވެ. މި އިނާމަކީ ރާއްޖޭގެ ތަރައްޤީއަށް ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅުންނަށް، އެ ކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ސަރުކާރުން ދެއްވި އިނާމެކެވެ.
އަވަހާރަވުން
[އުނިއިތުރު ގެންނަވާ]ފަޟީލަތުއްޝައިޚުލްމަރްޙޫމު މުޙައްމަދު ޖަމީލު ދީދީ އަވަހާރަވީ 7 ޝަޢުބާން 1409 ހ. (15 މާރިޗު 1989 މ.) ވީ ބުދަ ވިލޭރޭ ފަތިހު 03:45 ގައެވެ. ފަސްދާނުލީ މާލޭ ގަލޮޅު ސަހަރާގައެވެ. އަވަހާރަވީ އިރު ޢުމުރުފުޅަކީ 73 އަހަރުފުޅެވެ.
ރިފަރެންސް
[އުނިއިތުރު ގެންނަވާ]- އަބާރަނަ 2 - މަލަސް 24 - 15 ޖަނަވަރީ 1990 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
- އިންޓަނެޓް ބައެއް ވެބްސައިޓްތައް
- ބަންޑާރަ ނާއިބުގެ އޮފީހުގެ ވެބްސައިޓް
- ހަނދާނާއި ތާރީޚުގެ ތެރެއިން - 1ވަނަ ބައި - އަޙްމަދު ނަޖީބު - 2006