މުޙައްމަދު ނަޝީދު
މުޙައްމަދު ނަޝީދު | |
|---|---|
މުޙައްމަދު ނަޝީދު، 2022 | |
| ދިވެހިރާއްޖެގެ ހަތަރުވަނަ ރައީސުލްޖުމްހޫރިއްޔާ | |
މަޤާމުގައި 11 ނޮވެންބަރު 2008 – 7 ފެބުރުވަރީ 2012 | |
| ކުރިން ހުންނެވީ | މައުމޫން ޢަބްދުލް ޤައްޔޫމް |
| ފަހުން ވަޑައިގަތީ | |
| 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް | |
މަޤާމުގައި 29 މޭ 2019 – 13 ނޮވެންބަރު 2023 | |
| ރައީސް | އިބްރާހީމް މުޙައްމަދު ޞާލިޙް |
| ނައިބު | އީވާ ޢަބްދުﷲ |
| ކުރިން ހުންނެވީ | ޤާސިމް އިބްރާހީމް |
| ފަހުން ވަޑައިގަތީ | |
| ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް | |
މަޤާމުގައި 30 އޮގަސްޓު 2014 – 21 ޖޫން 2023 | |
| ކުރިން ހުންނެވީ | އިބްރާހީމް ދީދީ |
| ފަހުން ވަޑައިގަތީ | |
| ރައްޔިތުންގެ މަޖިލީހުގެ މެންބަރު | |
މަޤާމުގައި 28 މޭ 2019 – 28 މޭ 2024 | |
| ކުރިން ހުންނެވީ | ދާއިރާ އުފެއްދެވުން |
| ފަހުން ވަޑައިގަތީ | އަޙްމަދު ޟަމީރު |
| ދާއިރާ | މައްޗަންގޮޅި މެދު ދާއިރާ |
| އުފަންވީ | 17 މޭއި 1967 މާލެ، ދިވެހިރާއްޖެ |
| ސިޔާސީ ޕާޓީ | ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (2003–2023 ، 2025 އިން ފެށިގެން) |
| އަނބި ނުވަތަ ފިރި | ލައިލާ ޢަލީ ޢަބްދުﷲ (1994 - 2021) ޔުމްނާ ރުޝްދީ (2024 - ) |
| ދަރިން | 2 |
| މައިންބަފައިން | ބައްޕާފުޅު: ޢަބްދުއްސައްތާރު ޢުމަރު މަންމާފުޅު: ޢާބިދާ މުޙައްމަދު |
| ތަޢުލީމް | މަޖީދިއްޔާ ސްކޫލް (1971 - 1981) އޯވަރސީޒް ސްކޫލް، ކޮޅުނބު ޑައުންޓްސީޒް ސްކޫލް، އިނގިރޭސިވިލާތް |
| މަތީތަޢުލީމު | ލިވަރޕޫލް ޔުނިވަރސިޓީ، އިނގިރޭސިވިލާތް |
| ސޮއި | |
| ކުރުނަން | އަންނި |
މުޙައްމަދު ނަޝީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1967ވަނަ އަހަރު މޭ މަހު 17ވަނަ ދުވަހު މާލޭގައެވެ.
1971އިން 1981އަށް މަޖީދިއްޔާ ސްކޫލްގައި ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު، އިތުރަށް ތަޢުލީމް ޙާޞިލުކުރެއްވުމަށް ރާއްޖެއިންބޭރަށް ވަޑައިގެންނެވިއެވެ. ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ އޯވަރސީޒް ސްކޫލްގައި ކިޔަވައި ވިދާޅުވުމަށް ފަހު އޭ-ލެވެލް ފުރިހަމަކުރެއްވުމަށް އިނގިރޭސިވިލާތުގެ ޑައުންޓްސީޒް ސްކޫލަށް ވަޑައިގެންނެވިއެވެ. އަދި، 1989ވަނަ އަހަރު ލިވަރޕޫލް ޔުނިވަރސިޓީން ބެޗަލަރ އޮފް އާޓްސް އިން މެރިޓައިމް ސްޓަޑީޒް ފުރިހަމަކުރެއްވިއެވެ.
ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު މާލެ ވަޑައިގެން 1990ވަނަ އަހަރު "ސަންގު" ގެ ނަމުގައި ސިޔާސީ މަޖައްލާއެއް ނެރުއްވިއެވެ. "ސަންގު" މަޖައްލާއަށް އަހަރުވީތަނާ، ސަރުކާރުން އެ މަޖައްލާ ނެރުން މަނާކުރައްވައި، ނަޝީދު ހައްޔަރުކުރެއްވިއެވެ.
1991ވަނަ އަހަރު، ނަޝީދަކީ "ޕްރިޒަނަރ އޮފް ކޮންޝަންސް" އެއްގެ ގޮތުގައި އެމްނެސްޓީ އިންޓަރނޭޝަނަލްއިން ކަނޑައެޅިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރެއްގެ ގޮތުގައި 1992ވަނަ އަހަރު ހޮވިވަޑައިގެންނެވިއެވެ. އެހެންނަމަވެސް، ވައްކަމުގެ ތުހުމަތުގައި ޖަލަށްލުމަށް ޙުކުމްކުރުމުން މަޖިލިސް ގޮނޑި ގެއްލުނެވެ. އެގޮތުން، 18 މަސް ދުވަހު ޖަލުގައި ހޭދަކުރެއްވިއެވެ.
އަމިއްލަފުޅަށް ޤައުމުން ބޭރުގައި އަރުވައިލެވިގެން ހުންނެވުމަށްފަހު 2004ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ އިދިކޮޅު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސްރީލަންކާގައި އުފެއްދުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
2004ވަނަ އަހަރު އިނގިރޭސި ސަރުކާރުން ނަޝީދަށް އެ ޤައުމުގެ ޙިމާޔަތްދެއްވިއެވެ.
އަމިއްލަފުޅަށް އަރުވާލެވިގެން 18 މަސް ދުވަހު ޤައުމުން ބޭރުގައި އުޅުއްވުމަށްފަހު، 30 އެޕްރީލް 2005ގައި ނަޝީދު ރާއްޖެ ވަޑައިގެން، އޭރުގެ ސަރުކާރުގެ މަނާކުރެއްވުންތަކާ އެކުވެސް އެމްޑީޕީގެ ޙަރަކާތްތައް ރާއްޖޭގައި ފެއްޓެވިއެވެ.
2 ޖޫން 2005ގައި ސިޔާސީ ޕާޓީތައް ރާއްޖޭގައި ހުއްދަކުރެވުނެވެ. އަދި، 20 ޑިސެމްބަރ 2005ގައި އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަާށް ނަޝީދު ހޮވިވަޑައިގެންނެވިއެވެ.
ޑިމޮކްރެޓިކް އިސްލާޙުތައް އަވަސްކުރުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމަށް 2005އިން 2008އަށް ޞުލްޙަވެރި މަދަނީ ކެމްޕެއިނެއް އެމްޑީޕީން ހިންގިއެވެ. މި ޙަރަކާތުގެ ތެރޭގައި އޮގަސްޓު 2005ވަނަ އަހަރު ނަޝީދު ހައްޔަރުކޮށް ޓެރަރިޒަމްގެ ދަޢުވާ ކުރެވުނެވެ. މި ދަޢުވާ ފަހުން ސަރުކާރުން ދޫކޮށްލެއްވިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވުމަށް ފަހު، 2008ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބުކުރެއްވިއެވެ.
ފަސް އަހަރުގެ ދައުރު ހަމަވުމުގެ ކުރިން، 7 ފެބްރުއަރީ 2012ގައި، ރައީސް ނަޝީދު މަޤާމުން އިސްތިޢުފާ ދެއްވިއެވެ. އިސްތިޢުފާ ދެއްވުމަށް ފަހު ވެސް ސިޔާސީ މަސްރަޙުގައި ރައީސް ނަޝީދު ޙަރަކާތްތެރިވެވަޑައިގަތެވެ. އެގޮތުން 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެ މަނިކުފާނު ވާދަކުރެއްވިއެވެ. ނަމަވެސް ކާމިޔާބުވެވަޑައިގެންފައި ނުވެއެވެ. 2019ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވައި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވިއެވެ. އަދި 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވެސް ހޮވިވަޑައިގަތެވެ.
| ކުރިން ހުންނެވީ: މައުމޫން ޢަބްދުލް ޤައްޔޫމް | ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 2008-2012 | ފަހުން ވަޑައިގަތީ: ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު |