މަރުވާން ބިން މުޙައްމަދު ބިން މަރުވާން ބިން ޙަކަމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 127ވަނަ އަހަރުގެ ޞަފަރު މަހުގެ ތެރޭގައެވެ. އެއީ މީލާދީން 744ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިއީ އުމަވީ ދައުލަތުގެ އެންމެ ފަހު ޚަލީފާއެވެ. ހިޖުރައިން 126ވަނަ އަހަރު ވަލީދު ބިން ޔަޒީދު ގަތުލުކުރެއްވުމުން އަރްމީނިޔާ ގައި މަރުވާން ބިން މުހައްމަދު ބިން މަރުވާން އަށް ބައިޢަތު މީސްތަކުން ހިފިއެވެ. އަދި ލަޝްކަރައިގެން ދިމިޝްގަށް ވަޑައިގެން އިބްރާހީމް ބިން ވަލީދު ވެރިކަމުން ދުރުކުރައްވައި ހިޖުރައިން 127ވަނަ އަހަރު ވެރިކަމަށް އިސްވި އެވެ.

މަރުވާން ބިން މުހައްމަދު ފާހަގަކުރެވެނީ ހިތްވަރުގަދަ ފަހުލަވާނެއްގެ ގޮތުގައެވެ. ހިޖުރައިން 105ވަނަ އަހަރު ގޫނިޔާ ކިޔޭ ރަށާއި ހަގުރާމަކޮށް އެރަށް ފަތަހަކުރިއެވެ. ހިޝާމް ބިން އަބުދުލް މަލިކްގެ ދުވަސްވަރު މަރުވާން ބިން ހަކަމް ހިޖުރައިން 114ވަނަ އަހަރު އަރްމީނިޔާ އަދި އާޒަރްބައިޖާންގެ ވެރިކަމަށް އިސްކުރެވުނެވެ. އެއަށްފަހު އަބުލް އައްބާސް އައްސައްފާހް އާއި މަރުވާން ބިން މުހައްމަދު އާއި ދެމެދު މޫޞިލް އާއި އަރްބީލްއާއި ދެމެދުގައި އޮންނަ ޒާބު އޭ ކިޔުނު ހިސާބެއްގައި ހަގުރާމަ ހިނގި އެވެ. މިހަގުރާމައިގައި ބަލިވުމުން މަރުވާން ފިލައިގެން މިސްރަށް ވަޑައިގެންނެވިއެވެ. އެހިނދު އައްސައްފާހު ގެ ކޮއްކޮ ޞާލިހް ބިން އަލީ މަރުވާންގެ ފަހަތުން ދަތުރުކުރައްވައި ބޫޞީރުއޭ ކިޔޭ ހިސާބުގައި މަރުވާން ގަތުލުކުރެއްވި އެވެ.

އުމަވީ ދައުލަތުގެ ވެރިކަން ނިމުމަކަށް އައީ ހިޖުރައިން 132ވަނަ އަހަރުގެ ހައްޖުމަހުގެ 27ވަނަ ދުވަހު ޚަލީފާ މަރުވާން ބިން މުޙައްމަދު ބިން މަރުވާން ގަތުލުކުރެއްވުމުންނެވެ. 5އަހަރާއި 2މަސްދުވަހު ޚަލީފާކަން ކޮށްފައި ވެއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 62އަހަރު އެވެ.