އެންޓިބަޔޮޓިކް
އެންޓިބަޔޮޓިކް ދުނިޔެ އަށް ފާޅުވީ 1928 ވަނަ އަހަރު އެވެ. އެއީ ސްކޮޓްލޭންޑް ގެ ސައިންސްޓިސްޓެއް ކަމުގައިވާ އެލެގްޒެންޑާ ފްލެމިން ގެ ފުށުންނެވެ. އޭނާގެ ތަހުލީލެއްގެ ތެރެއިން އިއްތިފާގުން ހޯދުނު ޕެނިސިލިން އަކީ އެންމެ ފުރަތަމަ އުފެއްދުނު އެންޓިބަޔޮޓިކް އެވެ. މިޒަމާނުގައި ޑޮކްޓަރުން އެންމެ އާންމުކޮށްދޭ އެއްބޭހުގެ ގޮތުގައި އެންޓިބަޔޮޓިކްސް ހިމެނެއެވެ. އެންޓިބަޔޮޓިކްސްގެ ބޭނުމަކީ ބަލި ޖައްސާ ޖަރާސީމް ތަކުގެ ތެރެއިން ބެކްޓީރިޔާ އަށް ޙަމަލާދީ ނައްތާލުމެވެ. ނުވަތަ ބެކްޓީރިޔާގެ ބާރު ކަނޑުވައިލުމެވެ. ކުދިކުދި އުދަގޫތަކުން ފެށިގެން ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމުގައި ވެސް އެންޓިބަޔޮޓިކް ބޭނުން ކުރެވެއެވެ.
އެންޓިބަޔޮޓިކް އަކީ ހަމައެކަނި ބެކްޓީރިޔާ އަށް ހަމަލާދީ ނައްތާލުމުގައި ބޭނުންކުރެވޭ ބެހެކެވެ. އަރިދަފުސް އެޅުން ފަދަ ވައިރަހުންޖެހޭ ބަލިތަކާއި، އަދި ފަނިވުން ގެ ވައްތަރުތަކަށް ފަރުވާ ކުރުމުގައި އެންޓިބަޔޮޓިކްގެ އެއްވެސް ދައުރެއް ނޯވެއެވެ. އެންޓިބަޔޮޓިކްސްގެ ތެރޭގައި 100 އަށްވުރެ ގިނަ ވައްތަރު ހިމެނުނު ކަމުގައި ވިޔަސް އާންމު ގޮތެއްގައި އެންޓި ބަޔޮޓިކް އުފެދިފައި ހުންނަނީ ތަފާތު 7 އާއިލާއަކުންނެވެ. އެއިން ކޮންމެ އާއިލާއެއްގައި އެތަކެއް މެންބަރުން ހިމެނެއެވެ. ކޮންމެ އެންޓިބަޔޮޓިކް އަކަށް ވެސް އާންމުކޮށް ދެނަން ދެވިފައި ވެއެވެ. އެއީ ބްރޭންޑް ނޭމް، އަދި ޖެނެރިކް ނޭމް އެވެ. ބްރޭންޑް ނޭމް އަކީ ވިޔަފާރި ނަމެވެ. ވިޔަފާރި ނަމަކީ ބޭސް އުފައްދާ ކުންފުނިން ބޭހަށްދީފައިވާ ކުންފުނީގެ މަރުކާގެ ނަމެވެ. ޖެނެރިކް ނޭމް އަކީ ބޭހުގައި އެކުލެވޭ ކެމިކަލް ގުރުޕަށް ނުވަތަ ކެމިކަލް މާއްދާއަށް ނިސްބަތްކޮށް ދީފައިވާ ނަމެވެ.
ކޮންމެ އެންޓިބަޔޮޓިކް އަކަށް ވެސް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވަނީ ވަކި ވައްތަރެއްގެ ބެކްޓީރިޔާއަކަށެވެ. އެހެން ކަމުން އެއްބައްޔަށް ފަރުވާއެއް ލިބޭ އެންޓިބަޔޮޓީކުން އަނެއް ބައްޔަށް ރާހަތެއް ނުކޮށްފާނެ އެވެ. އެންޓިބަޔޮޓިކް މައިގަނޑު ދެބަޔަކަށް ބަހާލެވިފައި ވެއެވެ. އެއީ ނެރޯ ސްޕެކްޓްރަމް އެންޓިބަޔޮޓިކް އަދި ބްރޯޑް ސްޕެކްޓްރަމް އެންޓި ބަޔޮޓިކް އެވެ. ނެރޯ ސްޕެކްޓްރަމް އެންޓިބަޔޮޓިކް އަކީ މަދު ބާވަތްތަކުގެ ބެކްޓީރިޔާއަށް ހަމަލާދިނުމުގެ ކުޅަދާނަކަން ލިބިފައިވާ ބޭހެކެވެ. ބްރޯޑް ސްޕެކްޓްރަމް އެންޓިބަޔޮޓީކް އަކީ ގިނަ ބާވަތްތަކުގެ ބެކްޓީރިޔާގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާއެއް ކަމުގައި ވެއެވެ.