އިބްރާހީމް ފަރީދު އަޙްމަދު
ފަޟީލަތުއްޝައިޚުލްމަރްޙޫމު އިބްރާހީމް ފަރީދު އަޙްމަދަކީ އިސްލާމްދީން އުނގަންނައިދެއްވުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1972ވަނަ އަހަރުގައެވެ. ޝައިޚު އިބްރާހީމް ފަރީދަކީ ދ. ކުޑަހުވަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ފަޟީލަތުއްޝައިޚުލްމަރްޙޫމު އިބްރާހީމް ފަރީދު އަޙްމަދު ވަނީ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގައި ތަޢުލީމު ޙާޞިލުކުރައްވައިފައެވެ. މަޢުހަދުން ކިޔަވައި ވިދާޅުވީ 1980 ގެ ފަހުކޮޅެވެ. 1989ވަނަ އަހަރު ޤަޠަރަށް ވަޑައިގެން ޘާނަވީ ތަޢުލީމު ނިންމެވީ ޤަޠަރުގައެވެ. އެއަށްފަހު، 1994ވަނަ އަހަރުގެ ޖަނަވަރީ ގައި އަލުން ޤަޠަރަށް ވަޑައިގެން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރެއްވިީ ޤަޠަރު ޔުނިވަރސިޓީންނެވެ.
ޑިގްރީ ނިންމެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގައި ކިޔަވައި ދެއްވައިފައިވެއެވެ. އެ ގޮތުން ޝަރީއަތާއި ޤާނޫނުގެ ޑިޕްލޮމާ ކޯހާއި އެ ނޫން ވެސް ބައެއް ކޯސްތަކުގައި ކިޔަވައިދެއްވިއެވެ. މަޢުހަދުގެ މުދައްރިސެއްގެ ގޮތުގައި 1997 އޮގަސްޓު 17 އިން ފެށިގެން 2002 ޖޫން 8ވަނަ ދުވަހުގެ ނިޔަލަށް ޚިދުމަތްކުރައްވައިފައިވެއެވެ.
މަޢުހަދުގައި ކިޔަވައި ވިދާޅުވާން އުޅުއްވި ދުވަސްވަރު ވެސް ޝައިޚު ފަރީދަކީ ރީތިކޮށް ޤުރްއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. އެ ގޮތުން ސަރުކާރުން ބާއްވަވާ ބައެއް ޖަލްސާތަކާއި ރަމަޟާން މަސް އިޙްޔާކުރެއްވުމުގެ ޕުރޮގުރާމުތަކުގައި ފަރީދު ޤުރްއާން ކިޔަވައި ވިދާޅުވިއެވެ. އަދި ޤައުމީ ޤުރްއާން މުބާރާތްތަކުގައި މަޢުހަދުގެ ފަރާތުން ބައިވެރިވެވަޑައިގެން މަތީ ވަނަތައް ޙާޞިލުކުރެއްވިއެވެ. އަދަބީ ބައެއް ޙަރަކާތްތަކުގައި ވެސް ބައިވެރިވަޑައިގެންނެވިއެވެ. ފަރީދު އިސްވެ ހުންނަވައިގެން "އައްތަޢާވުން" ގެ ނަމުގައި ކުލާސް ނޫހެއް ވެސް މަޢުހަދުގައި ނެރުއްވިއެވެ.
އެމްވީ ޓީވީ އުފެއްދެވުމުގައި ވެސް ޝައިޚު ފަރީދުގެ މުހިންމު ބައިވެރިވެވަޑައިގަތުމެއް އޮތެވެ. އޭގެ ފަހުން، "އަލްކައުން" ގެ ނަމުގައި ދީނީ ޕުރޮގުރާމުތަކަށް ޚާއްޞަ ކުރައްވައިގެން ޓީވީ ޗެނަލެއްގެ ހިންގަވަން ފެއްޓެވިއެވެ. އަދި "ޚިދުމަތް ޖަމްޢިއްޔާ" ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދަވައިގެން ދުނިޔޭގެ އެކި ހިސާބުގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދެއްވުމުގައި ވަރަށް އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންފައިވެއެވެ.
ޝައިޚު އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވީ 2025ވަނަ އަހަރުގެ ޖޫން މަހުގެ 9 ވީ ހޯމަ ދުވަހު ޢުމުރުފުޅުން 53 އަހަރުފުޅުގައެވެ. އަވަހާރަވީ ދީނީ ދަޢުވަތުގެ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން ކުއަލަލަމްޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ. ޝައިޚު އިބްރާހީމް ފަރީދު އަޙްމަދުގެ މައްޗަށް ކަށުނަމާދުކުރީ 2025 ޖޫން 11ވަނަ ދުވަހުގެ މެންދުރު ނަމާދަށް ފަހު މެލޭޝިޔާގެ مسجد رجا حاجي في سبيل الله ގައެވެ. ފަސްދާނުލީ މެލޭޝިޔާގެ ތަނާހް ޕަރްކުބްރަން އިސްލާމް ރައުދަތުލްބަޤީގައެވެ.