އާދަމް ނަސީމް
ފަޟީލަތުއްޝައިޚު އާދަމް ނަސީމް (ބީއޭ ނަސީމް) އަކީ އިސްލާމްދީން އުނގަންނައިދެއްވުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.
ފަޟީލަތުއްޝައިޚު އާދަމް ނަސީމަކީ ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލްމުނައްވަރާގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) ގައި ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. އިނގިރޭސި ބަހުން އެންމެ ފުރަތަމަ ބީއޭ ފާސް ހޯއްދެވި ދިވެހީންގެ ތެރެއިން ބޭފުޅެކެވެ. ބީއޭ ޑިގްރީ ޙާޞިލުކުރެއްވީ އިންޑިއާގެ ޔުނިވަރސިޓީއަކުންނެވެ.
ފަޟީލަތުއްޝައިޚު އާދަމް ނަސީމަކީ ދިވެހި ދަރީންނަށް ޢަރަބި އިސްލާމީ ތަޢުލީމު އުގަންނައިދެއްވުމުގައްޔާއި، އިސްލާމީ މަންހަޖުގެ ފޮތްތައް އެކުލަވައިލެއްވުމުގައްޔާއި، ޢިލްމީ ދަރުސްތައް ދެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ޚިދުމަތްތެރި ޢިލްމުވެރިއެކެވެ. މީގެއިތުރުން ޢިލްމީ ލިޔުންތައްކާއި ފޮތްތައް ލިޔުއްވައި ދިވެހި ދީބުގެ ދީނީ ޢިލްމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވެއެވެ. ޝައިޚު އާދަމް ނަސީމް ލިޔުއްވި ފޮތްތަކުގެ ތެރޭގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޤަބުރުފުޅު ވަގަން ނަގަން އުޅުނު ވާހަކަ ބަޔާންކުރައްވައި ލިޔުއްވައިފައިވާ "ޤަބުރުފުޅު ވަގަށް ނަގަން އުޅުން" މި ފޮތާއި، ޙަދީޘް ޢިލްމާއި އެ ޢިލްމުގެ ބައެއް އިޞްޠިލާޙުތަކާ ބެހޭގޮތުން ލިޔުއްވައިފައިވާ "ޢުލޫމުލްޙަދީޘް" މި ފޮތާއި، "މުސްލިމު އަންހެނުންގެ ހެދުން" މި ފޮތް ހިމެނެއެވެ. ހަމަމިއާއެކު މަޖައްލާތަކަށް ވެސް ގިނަ ލިޔުއްވުންތަކެއް ލިޔުއްވައިފައިވެއެވެ. އެ ގޮތަށް ލިޔުއްވި އެކި ލިޔުއްވުންތައް އެއްކުރައްވައި އެކުލަވައިލެއްވި ފޮތްތަކުގެ ތެރޭގައި "ޤިޔާމަތް ދުވަސް، ހަމަކަށަވަރުން ވަނިވި ދުވަސް" މި ފޮތާއި، "ސުނާމީއާ ގުޅިފައިވާ ފުން ހިތާމަ" މި ފޮތާއި، "ދުނިޔެ ނިމުމާއި އާޚިރަތުގެ ފެށުން" މި ފޮތް ހިމެނެއެވެ.
ފަޟީލަތުއްޝައިޚު އާދަމް ނަސީމް އަވަހާރަވީ 18 ސެޕްޓެންބަރު 2022 (22 ޞަފަރު 1444) ވީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޢުމުރުފުޅުން 80 އަހަރުފުޅުގައެވެ. ޝައިޚު އާދަމް ނަސީމްގެ މައްޗަށް ކަށުނަމާދުކުރީ އެ ދުވަހުގެ މެންދުރު ނަމާދަށްފަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު) ގައެވެ.