އަޝްބީލިޔާ ( ސްޕޭން )

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަޝްބީލިޔާ އޮންނަނީ އަންދަލުސް ނުވަތަ ސްޕޭން ގައެވެ. ކަނޑުގެ ސަތަހައަށް ވުރެ 45ފޫޓް މަތީގައި އޮންނަ މިރަށުގެ ޖައްވަކީ ހޫނު ޖައްވެކެވެ.

- މުސްލިމުން އަޝްބީލިޔާ ފަތަހަކުރީ ހިޖުރައިން 94ވަނަ އަހަރުގެ ޝަޢުބާން މަހުގެ ތެރޭގައި މޫސާ ބިން ނަސީރު ވެރިއަކަށް ހުންނަވައިގެންނެވެ. އެއީ މީލާދީން 713ވަނަ އަހަރުގައެވެ. ފަތަހަކުރިތާ އެއް މަސް ފަހުން އެރަށުގެ ފުރަތަމަ ވެރިއެއްގެ ގޮތުގައި ޢީސާ ބިން ޢަބުދުﷲ އައްޠަވީލް ކަނޑައެޅުއްވިއެވެ.

- ހިޖުރައިން 95ވަނަ އަހަރު ޢަބުދުލް ޢަޒީޒު ބިން މޫސާ ބިން ނަޞީރު ސްޕޭންގެ ވެރިއަކަށް އިސް ކުރެއްވުމާއި އެކު އަޝްބީލިޔާ ސްޕޭންގެ ވެރިރަށުގެ ގޮތުގައި ހަމަޖެއްސެވިއެވެ.

- ހިޖުރައިން 97ވަނަ އަހަރު އަޝްބީލިޔާ ގައި ޢަބުދުލް އަޒީޒު ބިން މޫސާ ބިން ނަޞީރު ޤަތުލުކުރެއްވުމާއި ގުޅިގެން ސްޕޭންގެ ވެރިކަމަށް އައްޔޫބު ބިން ޙަބީބު ބިން އައްލަޚުމީ އިސްކުރެވުނެވެ. އެއަށް ފަހު ސްޕޭންގެ ވެރިކަން ޤުރުޠުބާއަށް ބަދަލުކުރެއްވިއެވެ.

- ހިޖުރައިން 214ވަނަ އަހަރު އަޝްބީލިޔާ ގައި ޢަބުދުއް ރަޙުމާނު އަލްއައުސަތު ފުރަތަމަ ފަހަރަށް މިސްކިތެއް ބިނާކުރެއްވިއެވެ. މިމިސްކިތުގެ ނަމަކީ މަސްޖިދު މުޙައްމަދު ބިން ޢުމަރު ބިން ޢައްދީސް އެވެ.

- ހިޖުރައިން 226ވަނަ އަހަރު ނޫރުމާންއިން އަޝްބީލިޔާ އަށް އަރައި އެރަށުގެ މިސްކިތް އަންދާލިއެވެ. ނަމަވެސް އަންދަލުސްގެ ލަޝްކަރުން ނޫރުމާންއިންނާއި ހަގުރާމަ ކުރައްވައި ބަލިކުރެއްވިއެވެ. މިހާދިސާ ހިގީ އަޝްބީލިޔާގެ އުތުރުގައި އޮންނަ ޠަލްޔާޠާ ކިޔޭ ހިސާބެއްގައެވެ.

- ހިޖުރައިން 231ވަނަ އަހަރުގައި އަޝްބީލިޔާގެ ފުރަތަމަ ފާރު ބިނާކުރެވުނުއެވެ. ހަމަ އެއަހަރު ދާރު އައްޞިނާޢާ ވެސް ބިނާކުރެވުނެވެ.

- ހިޖުރައިން 300ވަނަ އަހަރުގައި ބަނީ ހުއްޖާޖުން އަދި ބަނީ ޚުލްދޫންއިން ގެންނަށް އުޅުނު އިންގިލާބު ޢަބުދުއް ރަޙުމާން ބިން ނާޞިރު ވެރިއަކަށް ހުންނަވައިގެން ނިމުމަކަށް ގެންނެވިއެވެ.

- ހިޖުރައިން 301ވަނަ އަހަރު އަޝްބީލިޔާގެ ފާރު ތަޅާލެވުނެވެ. އަދި އިމާރާއޭ ކިޔުނު ގަނޑުވަރު ބިނާ ކުރެއްވިއެވެ.

- ހިޖުރައިން 414ވަނަ އަހަރު މުޙައްމަދު ބިން ޢައްބާދު އަޝްބީލިޔާގެ ވެރިކަމަށް އެރުން ވެގެން ދިޔައީ ބަނީ ޢައްބާދުއޭ ކިޔުނު ދައުލަތުގެ ފެށުންކަމުގައެވެ.

- ހިޖުރައިން 448 ވަނަ އަހަރު އަޝްބީލިޔާއާއި ޤުރުޠުބާ މުރާބިޠީންގެ އަތްދަށަށް ދިޔައެވެ. އެއަށް ފަހު އަޝްބީލިޔާގެ ވެރިކަމަށް މުރާބިޠީންގެ ކޮމާންޑަރ ސައިރު ބިން އަބީ ބަކުރު އިސްވެވަޑައިގަތެވެ. އެއަށް ފަހު ބަނީ ޢައްބާދުގެ ގަނޑުވަރު ސުންނާފަތިކޮށް ނައްތާލެވުނެވެ.

- ހިޖުރައިން 549ވަނަ އަހަރު މުރާބިޠީންގެ ވެރިކަން ނިމުމަށްއައެވެ. އެއީ މުވައްޙިދުންގެ ކޮމާންޑަރ ބުއްރާޒު ބިން މުޙައްމަދު ބިން އަލްމަސޫފީ އަޝްބީލިޔާގެ ވެރިކަމަށް އިސްވެވަޑައިގަތުމުންނެވެ.

- ހިޖުރައިން 580ވަނަ އަހަރުގައި އަބޫ ޔަޢުޤޫބު ޔޫސުފް އަޝްބީލިޔާގައި ޕޯޗުގީޒުންނާއި ދެކޮޅަށް ހަގުރާމަކުރުމަށް ތައްޔާރުވެވަޑައިގަތެވެ. ޕޯޗުގީޒުގައި ކުރެވުނު ޝަފްތަރައިން ހަގުރާމައިގައި އަބޫ ޔަޢުޤޫބު ޔޫސުފް ޝަހީދުވެވަޑައިގަތެވެ. އެއަށްފަހު ވެރިކަމަށް އިސްވެވަޑައިގަތީ ދަރިކަލުން ޔަޢުޤޫބު އެވެ.

- ހިޖުރައިން 646ވަނަ އަހަރުގެ ޝައުބާންމަހުގެ ތެރޭގައި ފަރުޑިނާންޑް 3 އަޝްބީލިޔާ ހިޞާރުކޮށް އޭގެ 1އަހަރާއި 5މަސް ފަހުން އަޝްބީލިޔާއަށް ވެރިވިއެވެ.މުސްލިމުންގެ އަތުން އެއްކޮށް އަޝްބީލިޔާ ބީވެގެން ދިޔައީ ހިޖުރައިން 647 ވަނަ އަހަރުގައެވެ.

އަޝްބީލިޔާގެ ބައެއް އާޘާރުތައް:

1- މުހައްމަދު ބިން ޢުމަރު ބިން ޢައްދީސް މިސްކިތް: މިމިސްކިތް ހުރިތާގައި މިހާރު ހުންނަނީ ސަލްފަޑޯރއޭ ކިޔޭ ފައްޅިއެކެވެ.

2- ދާރު އައްޞިނާޢާ: މިތަނަށް މިހާރު ކިޔަނީ ސިނާސް ހައުސް އެވެ.

3- ރަނުގެ ބުރުޖު: މިތަން ބިނާކުރެއްވީ އަޝްބީލިޔާގެ ވެރިއެއްގެ ގޮތުގައި އެއްދުވަސްވަރެއްގައި ހުރި އަބުލް ޢަލާއު އިދްރީސް އެވެ.

4- ބުޙައިރާ ގަނޑުވަރާއި ބަގީޗާ" މިތަން ބިނާކުރެއްވީ އަބީ ޔޫސުފް ޔައުޤޫބު އެވެ.