އަޙްމަދު ޢަބްދުﷲ ދީދީ
އަޙްމަދު ޢަބްދުﷲ ދީދީ | |
|---|---|
| ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު | |
މަޤާމުގައި 28 ޖޫން 2018 – 18 ނޮވެންބަރު 2019 | |
| ނަން ހުށައެޅީ | ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް |
| ކުރިން ހުންނެވީ | އަލްއުސްތާޛު ޢަބްދުﷲ ސަޢީދު |
| ފަހުން ވަޑައިގަތީ | |
| ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު | |
މަޤާމުގައި 10 އޮގަސްޓު 2010 – 27 ޖޫން 2018 | |
| ރައީސް | މުޙައްމަދު ނަޝީދު ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް |
| ފަހުން ވަޑައިގަތީ | |
| އެޓަރނީ ޖެނެރަލްގެ ނާއިބު | |
މަޤާމުގައި 22 އޮކްޓޫބަރު 2008 – 2 ފެބުރުވަރީ 2009 | |
| އުފަންވީ | 1 އޮކްޓޯބަރ 1966 ސ. ހިތަދޫ، ދިވެހިރާއްޖެ |
| ތަޢުލީމް | ދާރުލްޢުލޫމް މާޓްލީވާލާ، އިންޑިއާ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ ދިވެހިރާއްޖެ |
| މަތީތަޢުލީމު | އަލްއަޒްހަރު ޔުނިވަރސިޓީ، މިޞްރު |
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަސިޓީ އިން ޤާނޫނީ ދާއިރާ (ސިޔާސާ ޝަރްޢިއްޔާ) އިން ޑރ އޮފް ފިލޯސަފީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. މިއީ އައްޑޫ އަށް އުފަން ބޭފުޅެކެވެ. މިއީ ޤުރްއާން ހިތުދަސް ޙާފިޡެއް ވެސް މެއެވެ.
ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1966 އޮކްޓޫބަރު 1ވަނަ ދުވަހު ސ. ހިތަދޫގައެވެ. އިބްތިދާއީ ތަޢުލީމު ސ. ހިތަދޫ ނޫރާނީ ސްކޫލުގައި ފުރިހަމަ ކުރެއްވުމަށްފަހު އިންޑިއާގެ ދާރުލްޢުލޫމް މާޓްލީވާލާގައި ޢުމުރުފުޅުން 13 އަހަރުފުޅުގައި ޤުރްއާން ހިތުދަސްކުރެއްވިއެވެ. އިޢުދާދީ ތަޢުލީމު މާލޭގެ މައުޙަދުއްދިރާސާތިލްއިސްލާމިއްޔާގައި ފުރިހަމަކުރެއްވުމަށް ފަހު ޘާނަވީ ތަޢުލީމު މިޞްރުގެ ޤާހިރާގެ ސެކަންޑަރީ އިންސްޓިޓިއުޓެއްގައި ފުރިހަމަކުރެއްވިއެވެ.
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ މިޞްރުގެ ޤާހިރާގައި ހުންނަ އަލްއަޒްހަރު ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގައި އިސްލާމީ ޝަރީޢާ އާއި، ޕޮޒިޓިވް ލޯ (ވަޟްޢީ ޤާނޫނު) މި ދެ ދާއިރާއިން އޮނާރސް ޑިގްރީ ޙާޞިލުކުރައްވައިފައެވެ. އޭގެ ފަހުން ހަމަ އެފެކަލްޓީގައި 2 އަހަރު ދުވަހުގެ މުއްދަތަށް ޕަބްލިކް ލޯޑިޕާޓްމެންޓެއްގައި ޕޮސްޓް ގްރެޖުއޭޓް ކޯރސްވޯރކް ޕްރޮގްރާމް ފުރިހަމަކުރެއްވިއެވެ.
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މާސްޓާރސް ޑިގްރީ ޙާޞިލުކުރެއްވުމަށް ލިޔުއްވި 527 ޞަފްޙާގެ ތީސިސްގެ މައުޟޫޢަކީ "ދިވެހިރާއްޖޭގެ ޤާނޫނު ހެދުމުގެ ބާރު، އިސްލާމީ ސިޔާސީ ނިޒާމާއި، ކޮންޓެމްޕޮރަރީ ސިޔާސީ ނިޒާމުތަކާއި ކޮމްޕެއަރކޮށް" މި އެވެ. ކޮންސްޓިޓިއުޝަނަލް ލޯ އިން މާސްޓާރސް ޙާޞިލުކުރެއްވުމަށް ފަހު ޕަބްލިކް އިންޓަނޭޝަނަލް ލޯ އިން ޕީއެޗްޑީ ޙާޞިލުކުރެއްވިއެވެ. ޕީއެޗްޑީ ހެއްދެވުމަށް ލިޔުއްވި 500 ޞަފްޙާގެ ތީސިސްގެ މައުޟޫޢަކީ "އިސްލާމީ ފިޤްހާއި ޕަބްލިކް އިންޓަނޭޝަނަލް ލޯގައި ބައިނަލްއަޤްވާމީ މުޢާހަދާތައް ނިމިގެންދާ ގޮތްތައް" މި އެވެ. މި ތީސިސް އަށް ޑޮކްޓަރ އޮފް ލޯ އެވޯޑްކުރެވިފައިވަނީ ތަފާތު ޔުނިވަރސިޓީތަކާއެކު ތީސިސް އެކްސްޗޭންޖްކުރުމަށް ރިކަމަންޑް ކުރުމާ އެކު ފަސްޓް ކްލާސް އޮނާރސްގެ ދަރަޖައިންނެވެ.
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަކީ 1996ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރެއްވުމުގެ ހުއްދަ ލިބިވަޑައިގެންފައިއިވާ ޤާނޫނީ ވަކީލެކެވެ. އަދި މެދު އިރުމަތީގެ ބާރ އެސޯސިއޭޝަންތަކުން ޤަބޫލުކުރާ އެޓާނީއެކެވެ. ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ އިޖިޕްޝަން ސޮސައިޓީ އޮފް އިންޓަނޭޝަނަލް ލޯ އަދި ދިވެހިރާއްޖޭގެ އިސްލާމީ ފިޤްހު އެކަޑަމީގެ މެންބަރުކަން ކުރައްވައިފައެވެ. މީގެއިތުރުން ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާއާއި މޯލްޑިވްސް ކޮލެޖް ފޮރ ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ކިޔަވައިދެއްވައިފައިވެއެވެ. އެ މަނިކުފާނަކީ ކޮމްޕެރޭޓިވް ލޯގެ ތަފާތު މައުޟޫތައް ދިރާސާ ކުރައްވާފައިވާ ޕަބްލިކް ލޯގެ ތަޖުރިބާކާރެކެވެ.
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ 2008 އޮކްޓޫބަރު 22ވަނަ ދުވަހުން ފެށިގެން 2009 ފެބުރުވަރީ 2ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ އެޓަރނީ ޖެނެރަލްގެ ނާއިބުކަން ކުރައްވައިފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްކަމުގައި 2010ވަނަ އަހަރު ހުންނެވިއެވެ. 2010 އޮގަސްޓު 10ވަނަ ދުވަހުން ފެށިގެން 2018 ޖޫން 28ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައިވެއެވެ. މީގެއިތުރުން 2018 ޖޫން 28ވަނަ ދުވަހުން ފެށިގެން 2019ވަނަ ނޮވެންބަރު 18ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވައިފައިވެއެވެ.