ކާތަކެތި ހިގާ ހޮޅީގައި އެއްޗެއް ތާށިވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކާތަކެތި ހިގާ ހޮޅީގައި އެއްޗެއް ތާށިވުން(އިނގިރޭސި ބަހުން: Esophageal FB impaction) އަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ދިމާވާ މައްސަލަ އެކެވެ. އާންމު ގޮތެއްގައި މިމައްސަލަ ދިމާވަނީ ކުޑަކުދިން ކުޅެން އުޅުމުގެ ތެރޭގައި އަނގަޔަށް ތަކެތި ހަދައި އުޅުމުގެ ތެރޭގައެވެ. ބޮޑެތި މީހުންނަށް މިމައްސަލަ ދިމާވަނީ އަމިއްލައަށް މަރުވުމުގެ ނިޔަތުގައި ގަސްދުގައި އަނގަޔަށް އެއްޗެއްލައި ހެދުމުންނެވެ. ކުޑަކުދިން ކާތަކެތި ހިގާ ހޮޅީގައި އާންމުކޮށް ތާށިކުރުވަނީ ލޯލާރި، އަދި ފަތިކޮށް ހުންނަ ގަޑީގެ ބެޓެރި ފަދަ ތަކެއްޗެވެ. ބޮޑެތި މީހުންގެ ކާތަކެތި ހިގާ ހޮޅީގައި ތާށިވަނީ މަސްކޮޅެއް، ކައްޓެއް ފަދަ އެއްޗެކެވެ. އުމުރުން ދުވަސްވީ މީހުންގެ ކާތަކެތި ހިގާ ހޮޅީގައި ތާށިވާކަމަށް ފާހަގަ ކުރެވެނީ މަސްކޮޅެއް އަދި ޑެންޗަރ ފަދަ އެއްޗެކެވެ. އަމިއްލައަށް މަރުވާން ބޭނުންވާ މީހުން ތާށިކުރުވަނީ ރޭޒަރު އަދި ޕިން ފަދަ ތަކެއްޗެވެ. ކާތަކެތި ހިގާހޮޅީގައި އެއްޗެއް ތާށިވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކާތަކެތި ދިރުވުމަށް އުދަގޫވުން، ދިރުވާ ކާތަކެތި އަނބުރާ މައްޗަށްއައުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ފަހަރު އަނގައިގައި އުފެދޭ ކުޅު ވެސް ދިރުވަން އުދަގޫވެ، އަނގައިގެ ދެމިޔަކަނުން ސޮނި ފައިބާގޮތް ވެއެވެ. އެއްޗެއް ތާށިވެ ދިގުލައިފިނަމަ ކުރިމަތިވެދާނެ އުދަގޫތަކުގެ ތެރޭގައި ކާތަކެތި ހިގާހޮޅި ދުޅަވުން، ކާތަކެތި ހިގާ ހޮޅީގައި ފާރުހެދުން، އަދި ކާތަކެތި ހިގާ ހޮޅި ފަޅައިގެންދިއުން ފަދަ ކަންތައްތައް ހިމެނެއެވެ.