ބައިބުރު ކޮކާމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބައިބުރު ކޮކާމަސް (ސައިންޓިފިކް ނަން: Pomacanthus semicirculatus)ނުވަތަ (އިނގިރޭސި ބަހުން: Semicircular angle fish)އަކީ ރާއްޖޭގައި އުޅޭ ކޮކާމަހުގެ ބާވަތްތަކުގެ ތެރެއިން ވަރަށް ތަދު ބާވަތެކެވެ. މިއީ ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. ދިރޭމަސް ބޭރުކުރާ ފަރާތްތަކުން ހޯދަން ވަރަށް ބޭނުންވާ މަހެކެވެ. މިބާވަތުގެ މަސް އާންމުކޮށް އުޅޭކަމަށް ރާއްޖެއިން މިހާތަނަށް ރެކޯޑްކުރެވިފައިވަނީ ކ.ހުޅުލޭ ފަރުކައިރިއަށް ފެތިފައިވާ މޯލްޑިވް ވިކްޓްރީ ގެ ތެރެއިންނާއި، ޅ. ހިންނަވަރުގެ ފަރުބޭރުންނެވެ. މަހުގެ މައިގަނޑު ކާނާއަކީ މޫދު މަޑުގެ ބާވަތްތަކާއި ފެއްސެވެ. މިމަސް އެންމެ ބޮޑުވަނީ 38 ސެންޓި މީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ހަރުކައްޓާއެކު 20 އާއި 23 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 18 އާއި 21 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ކަރުތާފަތުގެ ތިރީބައިގައި ތޫނު ކައްޓެއް ހުރެއެވެ. މަހުގެ ކުލައަކީ ފެހިކުލަ އެވެ. އަދި މަހުގައި ފާޅުކަންބޮޑު ލައްތަކެއް ހުރެއެވެ. މަހުގެ ކަރުތާފަތުގެ މަތީގައި ނޫކުލައިގެ ރޮނގުތަކެއް ހުރެއެވެ. ތުންފަތުގެ ކުލައަކީ ރީނދޫ ކުލައެވެ. ގިނަ ކޮކާމަހުގެ ބާވަތްތަކެކޭ އެއްބީދައިން މިބާވަތުގެ މަހުގެ ޅަމަސް ބޮޑެތި މަހާއި ވަރަށް ތަފާތެވެ. ޅަމަހުގެ ކުލައަކީ ގަދަ ނޫކުލައެވެ. އަދި މަހުގެ ދެފަރާތުގައި ހުދާއި ފަނޑު ނޫކުލައިގެ ހަނދުފަޅި ބުރަށް ހުންނަ ކުރެހުންތަކެއް ހުރެއެވެ.

މިމަހަށް ކިޔާއުޅޭ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގެ ސިފަޔަށާއި މަހަށްކިޔާ އިގިރޭސި ނަމާއި ޢިލްމީ ނަމާއި ގުޅޭގޮތަށް މިމަހަށް ބައިބުރު ކޮކާމަސް ކިޔާފައިވަނީ އެވެ.