ރިބާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ރިބާ


ރިބާގެ ލުޣަވީމާނަ:

މީގެމާނައަކީ ގިނަވުން ނުވަތަ އިތުރުވުންމިއެވެ. މިތަނުގައި މިލަފުޒުގެ މަޤުޞަދަކީ ރައުސުލްމާލަށް އިތުރުވާ އިތުރުވުމެވެ. މިލަފުޒު ކީރިތި ޤުރުއާނުގައި ހަމަމިމާނާގައި ބޭނުންކުރެވިފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. أَن تَكُونَ أُمَّةٌ هِيَ أَرْبَىٰ مِنْ أُمَّةٍ މާނައީ : " އެއްބަޔަކު އަނެއްބަޔަކަށްވުރެ ގިނަކަމުގައި ވުމަށެވެ."

ރިބާގެ މާނަ ކަނޑައެޅުމުގައި ފިޤުހުވެރިން އިޢްތިމާދުވާ އަސްލަކީ ޤުރުއާނެވެ. މާތް ﷲ ވަޙީ ކުރައްވަނީ يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ މާނައަކީ: އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކަލޭމެންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ އަށް ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް އެއްޗެއް، ހަމަ މުޅިން ދޫކޮށްލާ ހުށިކަމެވެ.

ރިބާގެ އިސްތިލާޙީމާނަ:

ފިޤުހު ޢިލްމުވިލެރިންގެ އިސްތިލާޙުގައި ރިބާއަކީ އެއްވަރުކަން ނޭނގޭ ދޭތި އެކަތި އަނެކައްޗާ ބަދަލްކުރުމަށް ދެމީހެއްގެ ދެމެދުގައި ނުވަތަ ދެބައެއްގެ ދެމެދުގައި އެއްބަސްވެ ޢަޤުދުކުރުމެވެ. ނުވަތަ ބަދަލްކުރެވޭ ދޭތި ނުވަތަ އެދޭތިންކުރެ އެކަތި ފަހުން ދިނުމަށް އެއްބަސްވެ ޢަޤުދުކުރުމެވެ.

އެހެންކަމުން އިސްލާމީ ޝަރީޢަތުގައި ރިބާއަކީ އަބުރާދައްކާގޮތަށް ނެގޭފައިސާ ދެއްކުމުގައި އަނިޔާވެރިކަމާއެކު އަނެކުންގެ އަތުން އިތުރަށް އަތުލެވޭ ފައިސާއެވެ. ނުވަތަ ދަރަންޏެއް ދިނުމަށްފަހު، އަނބުރާ ދެއްކުމުގައި އިތުރުކުރެވޭ އިތުރުކުރުމެވެ. ނުވަތަ މީހެއްގެ ބޮލުގައި އެއްވެސް ގޮތަކުން އެޅިފައިވާ ދަރަންޏެއް ފަސްކުރުމުގެ ބަދަލެއްގެ ގޮތުން، އިތުރު ކުރެވޭ ކޮންމެ އިތުރު ކުރުމެކެވެ. ރިބައްނަސިއާއަކީ މިއީއެވެ. ޤުރުއާންގައި ބަޔާންވެގެން އައިސްފަވާ ރިބާއަކީވެސް މިއީއެވެ. މިބާވަތުގެ ރިބާއަކީ ޖާހިލިއްޔަ ޒަމާނުގައި ފެތުރިފައިވާ ރިބާއެވެ. މިއީ ރިބާގެ އަޞްލު ކަމަށް ބެލެވެއެވެ. އަދި ދަރަނީގެ ރިބާ އޭ ވެސް މިބާވަތުގެ ރިބާއަށް ކިޔެއެވެ.

މީގެ އިތުރުން ރިބާގެ އަނެއްވައްތަރަކީ، އެއްބާވަތެއްގެ ދެއެއްޗެއް، އެކަތި އަނެކައްޗާ ބަދަލު ކުރާއިރު، މިންވަރު ތަފާތުކޮށް ބަދަލު ކުރުމެވެ. މިއީ ރިބަލްފަޟްލެވެ.

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالتَّمْرُ بِالتَّمْرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ يَدًا بِيَدٍ ، فَمَنْ زَادَ أَوْ اسْتَزَادَ فَقَدْ أَرْبَى ، الْآخِذُ وَالْمُعْطِي فِيهِ سَوَاءٌ . މާނައީ: އަބޫ ސަޢީދުލް ޚުދުރީ ވިދާޅުވިއެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަ ޙަދީޘްކުރެއްވިއެވެ. ރަނަށް ރަން ވިއްކާ އިރު، އަދި ރިއްސަށް ރިހި ވިއްކާ އިރު، އަދި ގޮދަނަށް ގޮދަން ވިއްކާ އިރު، އަދި ހިމަގޮދަނަށް ހިމަގޮދަން ވިއްކާ އިރު، އަދި ކަދުރަށް ކަދުރު ވިއްކާ އިރު، އަދި ލޮނަށް ލޮނު ވިއްކާ އިރު، ވިއްކަންވާނީ އެއްމިންވަރެއްގެ ދޭތި ނަމައެވެ. އަދި އަތުން އަތަށް ނަމައެވެ. ފަހެ މިއިން އެއްޗަކަށް މިންވަރެއް އިތުރުކޮށް ނުވަތަ އިތުރު ކުރަން އެދެފިނަމަ އެއީ ރިބާއެކެވެ. ދޭ މީހާއާއި އަތުލާ މީހާ ފާފައިގައި އެއްވަރެވެ. (ޞަޙީޙް މުސްލިމް: ބާބުލް މުސާޤާ)

ރިބާގެ ޙުކުމް:

ރިބާ އަކީ ޙަރާމް އެއްޗެއްކަން، ޤުރުއާނާއި ސުންނަތުން އަދި އިޖްމާޢުން ސާބިތުވެއެވެ. އަލްއިމާމްނަވަވީ ވިދާޅުވެފައިވަނީ މުސްލިމުންވަނީ ރިބާއަކީ ޙަރާމްއެއްޗެއްކަމަށް އިޖުމާޢުވެފައެވެ. އަދި ރިބާ ކެއުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ.

އެހެންކަމުން އިސްވެބަޔާންކުރެވުނު ދެވައްތަރުގެ ރިބާއަކީވެސް ކަނޑައެޅިގެން ހަރާމް އެއްޗެކެވެ. އިސްމާލްދީނުގައި އިޤުތިޞާދު ބިނާކުރުމުގައި ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށްޓަކައި ދީނުގައި ރިބާވަނީ ކަނޑައެޅިގެން ހަރާމްކުރައްވާފައެވެ. މީއީ އިންސާނީދަރިފަސްކޮޅު އިޤުތިޞާދީ ފުން އަދަވަޅަކަށް ވެއްޓުނަނުދިނުމަށްޓަކައި ދީނުގައި ކަނޑައަޅުއްވާފައިވާ މުހިންމު ޙުކުމެކެވެ.

ރިބާ ޙަރާމް ކުރެއްވުމުގެ ޙިކްމަތް:

އިސްލާމީ ޝަރީޢަތުގައި ރިބާ ޙަރާމް ކުރެއްވުމުގެ ޙިކުމަތާ ބެހޭ ގޮތުން ދީނީ ޢިލްމުވެރިން ވަރަށް ގިނަ ވާހަކަ ދައްކަވާފައިވެއެވެ. ހަމަ އެހެންމެ މުސްލިމް އަދި ބެއެއް ޣައިރު މުސްލިމް އިޤްތިސާދީ މާހިރުން ވަނީ، ރިބާގެ ގެއްލުމާއި ބެހޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދައްކާފައިވެއެވެ. ރިބާ ޙަރާމް ކުރެވުނު ސަބަބުތަކުގެ ތެރޭގައި، ހިމެނޭ އެންމެ މުހިންމު އެއް ސަބަބަކީ އޭގައި ޢަދުލުވެރިކަމުން އެއްކިބާވުމާއި އަނިޔާވެރިކަން ހިމެނޭތީއެވެ. މުޖްތަމަޢްގެ އެއް ބައެއްގެ އަތުގައި ރައުސްމާލް ފުނިޖެހި، ދެން ތިބި މީހުން، އެމީހުންގެ ބާރު ދަށަށް ދާތީއެވެ. މުއްސަނދި ޤައުމުތަކުން ފަޤީރު ޤައުމުތަކުގެ މުސްތަޤްބަލާއި ސިޔާދަތާއި ކުޅެ، ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތި ކުރެވޭލެއް ފަސޭހަވާތީއެވެ. އެއްޗެހީގެ އަގުބޮޑުވެ ފަޤީރުންނާއި މުއްސަނދިންގެ ދެމެދުގައި އޮންނަ ތަފާތު ބޮޑުވެ، ގިނަ ބައެއްގެ މުދާވެރިކަން މަދު ބައެއްގެ މުށުތެރޭގައި ހުންނާތީއެވެ. މުޖްތަމަޢުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ސިފަ ގެއްލި، ދަހިވެތިކަމާއި ނަފްރަތު އިތުރުވާތީއެވެ. ރިބާ އަކީ، ގެއްލުންވުމާއި ފައިދާވުމުގެ ތަބީޢަތާއި ޚިލާފަށް އޮންނަ އެއްޗެކެވެ. ވީމާ ރިބާގެ މުޢާމަލާތްތައް ހިންގާ ފަރާތްތަކަށް އެއީ މަސައްކަތެއް ނުކޮށް ފައިދާ ލިބޭނެ ޔަޤީން އެއްޗެކެވެ.

މާތްﷲ ކަމެއް ޙަރާމް ކުރައްވާނީ، އޭގައި ގެއްލުމެއް ވާތީއެވެ. ދުނިޔޭގެ އެންމެން އެއީ ފައިދާ ހުރި، ދުނިޔޭގެ އިޤްތިސާދަށް މުހިއްމު އެއްޗެކޭ ބުނި ކަމުގައިވިޔަސްމެހެވެ. އެހެނީ ހުރިހާ ކަމެއްގައި އޭގެ ޙިކްމަތް އިންސާނާގެ ސިކުޑިއަށް ނުވިސްނިދާނެއެވެ. އެކަން ޤަބޫލު ކުރަން ޖެހެއެވެ.

މިއީ ތެދުކަން ތިންވަނަ ދުނިޔޭގެ ޤައުމުތަކުގެ ދަރަނީގެ ކާރިޘާތަކަށް ބަލާލުމުން ފުދޭނެއެވެ. ބައިނަލް އަޤްވާމީ މަނިޓަރީ ފަންޑުން މުސްލިމު ޤައުމުތައް ނިކަމެތިކޮށް އެމީހުންގެ ބާރުދަށުލާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ ސިޔާސީ އަދި އިޤްތިޞާދީ ކަންކަމަށް ބާރުފޯރުވައި، "ދަރަނީގެ ބުރައާއި" "މީހުންގެ ބާރު ދަށުވުން" ޖެހި އިސްތިޢުމާރީ ބާރުތަކުގެ ޝިކާރައަކަށް ވެއްޖެއެވެ. މުއްސަދި ޤައުމުތަކުން ފަޤީރު ޤައުމުތަކުގެ މުސްތަޤްބަލާއި ސިޔާދަތާއި ކުޅެ، ސިޔާސީގޮތުން ފިއްތުންތައް ކުރިމަތިކުރެއެވެ. މުސްލިމުންގެ ޞިނާޢަތަށް ލިބުނު ބަލިކަށިކަމެއްގެ ސަބަބުން، ދުނިޔޭގެ ޙަޟާރަތް ކުރިއަށް ގެންދިއުމުގެ ވަޒީފާއިން އެކަހެރިވެ، ދުނިޔޭގެ ޙަޟާރީ ދުވެލި ދުއްވަން ހަވާލުވެފައިވާ، ހުޅަގުގެ އިޤްތިޞާދީ ނިޒާމުގެ އަސީރަކަށްވެ މުސްލިމުންވެއްޖެއެވެ. އިސްލާމީ ޢަސްކަރީ އިޤްތިޞާދީ ނިޒާމު ދޫކޮށް ޖާހިލީ ނިޒާމަށް އެނބުރި ދިއައެވެ. ނަމަވެސް އިޤްތިޞާދީ ބަލިކަށިކަމުގެ ދާއިރާއިން ނިކުމެ، ކުރިއަރާފައިވާ އިޤްތިޞާދުގެ ދާއިރާއަކަށް މުސްލިމުންނަކަށް ނުވަދެވުނެވެ. ދަނޑުވެރިކަމުގައި މަދަނީ އަދި ޢަސްކަރީ އުފެއްދުންތެރިކަމުގައި އަމިއްލަ ފުދުންތެރިކަމެއް މުސްލިމުންނަކަށް ނުހޯދުނެވެ. އިންސާނީ ފިޠުރަތުގައިވާ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުވުމުގެ ރިވެތި ސިފަ ގެއްލި، ދަހިވެތިކަން ބޮޑުވެ، މިކަމުގައި ހައްދުފަހަނައަޅައި، ދަހިވެތި ޝިކާރަވެރި ޖަނަވާރުތަކެކޭ އެއްފަދައިން މީސްތަކުންގެ ޢަމަލުތައް ބައްޓަންކޮށްފިއެވެ. ދުނިޔޭގެ ޙަޟާރަތް ކުރިއަށް ގެންދިއުމުގެ ވަޒީފާއިން އެކަހެރިވެ، ހުޅަގުގެ އިޤްތިޞާދީ ނިޒާމާނުލައި ނުއުޅެވޭނެޔޭ ބުނާބަހުގެ އަސީރަކަށް މުސްލިމުން ވެއްޖެއެވެ.

އިސްލާމް ދީން އައީ، މީސްތަކުގެ އަޅުވެތިކަމުން އިންސާނާ ސަލާމަތްކޮށް މާތްﷲގެ އަޅުވެތިކަމުގެ ދަށައް ރުޖޫޢަކުރާށެވެ. ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި އައިސްފައިވާ، ޙުކުމްތަކުގައި ހިފަހައްޓައިފި މީހަކަށް، ދެ ދުނިޔޭގެ ދިންނެވުމާއި ބާއްޖެވެރިކަން ލިބޭނެ ކަމީ، އެއްވެސް މުއުމިނަކު ޝައްކު ކުރާނެ ކަމެއް ނޫނެވެ. މި ދެ މަޞްދަރަށް ފުރަގަސްދީ، އަމިއްލަ ބުއްދިއަށް ތަބާވެ، ހަވާ ނަފްސު ގެންދާ މަގުން ހިނގަން ފަށައިފި މީހެއްގެ ނިމުމަކަށް ވަނީ، ގެއްލުމާއި ހަލާކުގެ ނިމުމެކެވެ. އޭނާގެ ދިރިއުޅުން ވެގެން ދާނީ، ހިތް ނުތަނަވަސް ކަމާއި، ބޯ ހާސް ވުމުގެ ދިއުޅުމަކަށެވެ.

ރިބާގެ ވައްތަރުތައް ރިބާ ގެ އޮންނަނީ މައިގަނޑު ދެ ވައްތަރެކެވެ. އެއީ:- ރިބާ އަލްފަޟްލު އާއި ރިބާ އައްނަސީއާ އެވެ.

1- ރިބާ އަލްފަޟްލު : ފަޟްލު ގެ މާނައަކީ އިތުރެވެ. ރިބާ އަލްފަޟްލު އޭ ކިޔެނީ: ރިބާ ހިނގާ އެއްޗެހިތަކުގެ ތެރެއިން، އެއް ބާވަތެއްގެ ދޭތި، އެކަތި އަނެއްކައްޗާ ބަދަލު ކުރާ އިރު، ޝަރުޢީ މިންގަނޑުގައި(މިނެ ކިރޭ އެއްޗެހިތައް)، އެކަތި އަނެކައްޗަށް ވުރެ އިތުރަށް ދޭން ޝަރުޠު ކުރެވިފައިވާ އިތުރުވުމެވެ. މިސާލަކަށް ރަނާއި ރަން، ފައިސާއާއި ފައިސާ، ހަނޑުލާއި ހަނޑޫ ކަދުރާއި ކަދުރު ބަދަލު ކުރާ އިރު، އެކަތި އިތުރު ކުރުމެވެ.

ރިބާ އަލްފަޟްލު އާއި ބެހޭ ގޮތުން އައިސްފައިވާ ބައެއް ޙަދީޘްތައް :

1- އަބޫ ސަޢީދުލް ޚުދްރީ ރަޟިޔައްﷲ ޢަންހު، ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިއަހުން ރިވާ ކުރެއްވިއެވެ: ‏لَا تَبِيعُوا الذَّهَبَ بِالذَّهَبِ وَلَا ‏ ‏الْوَرِقَ ‏ ‏بِالْوَرِقِ إِلَّا وَزْنًا بِوَزْنٍ مِثْلًا بِمِثْلٍ سَوَاءً بِسَوَاءٍ

މާނައަކީ: ވަޒަން އެއްވަރު ނޫން ނަމަ، ތިޔަބައި މީހުން، ރަނަށް ރަން ނުވިއްކާށެވެ. އަދި ރިއްސަށް ރިހި ނުވިއްކާށެވެ. (ޞަޙީޙް ބުޚާރީ އަދި މުސްލިމް)

2- لَا تَبِيعُوا الدِّينَارَ بِالدِّينَارَيْنِ وَلَا الدِّرْهَمَ بِالدِّرْهَمَيْنِ

މާނައަކީ: ތިޔަބައި މީހުން، ދެ ދީނާރަށް ދީނާރެއް ނުވިއްކާށެވެ. އަދި ދެ ދިރްހަމަށް ދިރުހަމެއް ނުވިއްކާށެވެ. (ޞަޙީޙް މުސްލިމް : ބާބުލް މުސާޤާ)

4- عَنْ ‏ ‏أَبِي سَعِيدٍ الْخُدْرِيِّ ‏ ‏قَالَ ‏ : قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ ‏ ‏وَالْبُرُّ ‏ ‏بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالتَّمْرُ بِالتَّمْرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ يَدًا بِيَدٍ فَمَنْ زَادَ أَوْ اسْتَزَادَ فَقَدْ ‏ ‏أَرْبَى ‏ ‏الْآخِذُ وَالْمُعْطِي فِيهِ سَوَاءٌ

މާނައަކީ: އަބޫ ސަޢީދުލް ޚުދްރީ ވިދާޅުވިއެވެ. ކީރިތި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަ ޙަދީޘްކުރެއްވިއެވެ. ރަނަށް ރަން ވިއްކާ އިރު، އަދި ރިއްސަށް ރިހި ވިއްކާ އިރު، އަދި ގޮދަނަށް ގޮދަން ވިއްކާ އިރު، އަދި ހިމަގޮދަނަށް ހިމަގޮދަން ހިމަގޮދަން ވިއްކާ އިރު، އަދި ކަދުރަށް ކަދުރު ވިއްކާ އިރު، އަދި ލޮނަށް ލޮނު ވިއްކާ އިރު، ވިއްކަން ވާނީ އެއް ވަރެއްގެ ދޭތި ނަމައެވެ. އަދި އަތުން އަތަށް ނަމައެވެ. ފަހެ މިއިން އެއްޗަކަށް މިންވަރެއް އިތުރުކޮށް ނުވަތަ އިތުރު ކުރަން އެދެފި ނަމަ އެއީ ރިބާއެކެވެ. ދޭ މީހާއާއި އަތުލާ މީހާ ފާފައިގައި އެއްވަރެވެ. (ޞަޙީޙް މުސްލިމް: ބާބުލް މުސާޤާ)

4- عَنْ ‏ ‏عُبَادَةَ بْنِ الصَّامِتِ ‏ ‏قَالَ ‏ : قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالتَّمْرُ بِالتَّمْرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ سَوَاءً بِسَوَاءٍ يَدًا بِيَدٍ فَإِذَا اخْتَلَفَتْ هَذِهِ الْأَصْنَافُ فَبِيعُوا كَيْفَ شِئْتُمْ إِذَا كَانَ يَدًا بِيَدٍ

މާނައަކީ: ޢުބާދަތު ބިން އައްޞާމިތު ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ރަނަށް ރަން ވިއްކާ އިރު، އަދި ރިއްސަށް ރިހި ވިއްކާ އިރު، އަދި ގޮދަނަށް ގޮދަން ވިއްކާ އިރު، އަދި ހިމަގޮދަނަށް ހިމަގޮދަން ހިމަގޮދަން ވިއްކާ އިރު، އަދި ކަދުރަށް ކަދުރު ވިއްކާ އިރު، އަދި ލޮނަށް ލޮނު ވިއްކާ އިރު، ވިއްކަން ވާނީ އެއާ އެއްވަރެއްގެ އެއްޗަކަށް، ހަމަހަމަ އަށެވެ. އަދި މި ބާވަތްތައް ތަފާތު ނަމަ، އަތުން އަތަށް ވިއްކަންޏާ ތިޔަބައި މީހުން ބޭނުން ގޮތަކަށް ވިއްކާށެވެ. (ޞަޙީޙް މުސްލިމް: ބާބުލް މުސާޤާ)

5- أَبِي سَعِيدٍ ‏رَضِيَ اللَّهُ عَنْهُ ‏ ‏قَالَ ‏ : جَاءَ ‏ ‏بِلَالٌ ‏ ‏إِلَى النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏بِتَمْرٍ ‏ ‏بَرْنِيٍّ ‏ ‏فَقَالَ لَهُ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مِنْ أَيْنَ هَذَا قَالَ ‏ ‏بِلَالٌ ‏ ‏كَانَ عِنْدَنَا تَمْرٌ رَدِيٌّ فَبِعْتُ مِنْهُ صَاعَيْنِ ‏‏ بِصَاعٍ ‏ ‏لِنُطْعِمَ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَقَالَ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏عِنْدَ ذَلِكَ ‏ ‏أَوَّهْ ‏ ‏أَوَّهْ ‏ ‏عَيْنُ الرِّبَا عَيْنُ الرِّبَا لَا تَفْعَلْ وَلَكِنْ إِذَا أَرَدْتَ أَنْ تَشْتَرِيَ فَبِعْ التَّمْرَ بِبَيْعٍ آخَرَ ثُمَّ اشْتَرِهِ

މާނައަކީ: އަބޫ ސަޢީދުލް ޚުދްރީ ރަޟިޔައްﷲ ޢަންހު ރިވާ ކުރެއްވިއެވެ. ބިލާލުގެފާނު، ކީރިތި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަރިއަހަށް ބަރްނީ އޭ ކިޔޭ ވައްތަރެއްގެ ކަދުރެއް ބިލާލް ގެންނެވިއެވެ. އެ ހިނދު ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އޭނާއަށް ޙަދީޘް ކުރެއްވިއެވެ. މިއީ ކޮން ތަނަކުން ގެނައި އެއްޗެއްހެއްޔެވެ؟ ބިލާލްގެފާނު ދެންނެވިއެވެ:އަޅުގަނޑު އަތުގައި ދެރަ ކަދުރެއް ހުއްޓާ، ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ފަރީއްކުޅައްވަން ދޭންވެގެން، އެ ބާ ކަދުރުގެ ދެ ޞާޢް ދީފައި މޮޅު ކަދުރުގެ ޞާޢެއް ގަތީއެވެ. އެ ހިނދު ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ސަމާލުވާށެވެ! ސަމާލުވާށެވެ! ތިއީ ސީދާ ރިބާއެވެ. ތިއީ ސީދާ ރިބާއެވެ. ތިހެން ނު ހަދާށެވެ. އަދި ތިބާ ގަންނަން ބޭނުންނަމަ(މޮޅު ކަދުރެއް)، ދެރަ ކަދުރު ފައިސާއަށް ވިއްކާފައި އެ ފައިސާއިން ގަންނާށެވެ. (ޞަޙީޙް ބުޚާރީ: ބާބުލް ވަކާލާ)

2- ރިބާ އައްނަސީއާ : ނަސާއު ނުވަތަ ނަސީއާ ގެ މާނައަކީ ފަސް ކުރުމެވެ. ރިބާ އައްނަސީއާ އަކީ، ދަރަނި އަދާ ކުރުން ފަސްކުރުމުގެ ބަދަލުގައި ދަރަނި އިތުރު ކުރުމާއި، އަދި ދަރަނި ފެއްޓޭ ޢަޤުދުގައި، ދަރަނި އަދާ ކުރާ އިރު ރައުސްމާލަށް ވުރެ އިތުރަށް، ފަހުން ދައްކަން ބުނުމެވެ. އަދި ރިބާ ހިނގާ އެއްޗެހިތަކުގެ ތެރެއިން އެއް ބާވަތެއްގެ ދޭތި ބަދަލު ކުރުމުގައި އަތުލުން ފަސްކުރުމަކީ ވެސް، ރިބާ އައްނަސީއާ އޭގެ ތެރެއަށް ވަންނަ ކަމެކެވެ.

މި ޒަމާނުގައި އާދައިގެ ބޭންކުތަކުން ދޭ އަދި އަތުލާ އިތުރު ފައިދާ އަކީ(ބޭންކު ފައިދާ) އެއީ ރިބާ އައްނަސީއާއެވެ. އަދި މީގައި ރިބާ އަލްފަޟްލު ވެސް ހިމެނެއެވެ. މިއީ ޤުރުއާނުގައި ޙަރާމް ކުރެވިފައިވާ ރިބާއެވެ.

ބޭންކު ފައިދާގައި، ރިބާ އައްނަސީއާ ހިމެނެނީ ދަރަނި ފަސް ކޮށްފައި އިތުރު ކުރެވޭތީއެވެ. އަދި ރިބާ އަލްފަޟްލު ހިމެނެނީ، އަސްލު ދަރަންޏަށް ވުރެ އިތުރަށް އަތުލެވޭތީއެވެ.


ރިބާއާއި ދުރުވެ ތިބުމަށް އައިސްފައިވާ އިންޒާރު:

1. ޤިޔާމަތް ދުވަހުގެ ގަދަފަދަ ޢަޛާބު:

މާތްﷲ ވަޙީކުރައްވާފައިވެއެވެ." الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗوَأَحَلَّ اللَّـهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّـهِ ۖ وَمَنْ عَادَ فَأُولَـٰئِكَ أَصْحَابُ النَّارِ ۖهُمْ فِيهَا خَالِدُونَ" ﴿سورة البقرة-275﴾ މާނައަކީ: "ސޫދު (ރިބާ) ކާ މީހަކަށް، ޝައިތާނުން ބީހުމުން މޮޔަކޮށްފައިވާ މީހަކު ކޮޅަށް ތެދުވާފަދައަކުން މެނުވީ، ޤިޔާމަތް ދުވަހު ކޮޅަށް ތެދުވެ ނުހުރެވޭނެއެވެ. އެ ގޮތީ އެ މީހުން ބެނެ އުޅޭ ކަމަށްޓަކައެވެ. ވިޔަފާރިއަކީ ހަމަގައިމުވެސް ސޫދު ކަހަލަ އެއްޗެކެވެ. ނަމަވެސް ﷲ ވިޔަފާރިކުރުން ޙަލާލްކުރައްވާ، ސޫދު ކެއުން ޙަރާމް ކުރައްވައިފިއެވެ. މާތްﷲ މިކަމުގެމައްޗަށް ގަދަ ނަސޭހަތް ވަޙީ ކުރެއްވުމުން، ސޫދު ކެއުން ހުއްޓާލައިފި މީހަކު، ފަހެ އެ މީހަކުގެ ކިބައިން، ވޭތުވެ ދިޔަ ތަނުގެ ފާފަތައް ޢަފޫ ވީއެވެ. އަދި އެ މީހާގެ މައްޗަށް އާޚިރަތުގެ ނިޔާ ކަނޑައަޅުއްވައި ނިންމެވުން ވަނީ ﷲ އަށެވެ. ނަމަވެސް ސޫދު ކެއުމަށް އަލުން އެނބުރި އަރައިގެންފި މީހަކު، ދަނެއުއެވެ. ފަހެ އެކަހަލަ މީހުންނަކީ ނަރަކައިގެ އަހުލުވެރިންނެވެ. އެތަނުގައި އެމީހުން ދެމި ތިބާނެތެވެ."

ޖެހިގެން އޮތް އާޔަތުގައި ވަޙީކުރައްވަނީ، ރިބާ ކެއުމަކީ މުދަލުގެ ބަރަކާތް، ﷲ ކަނޑުއްވާނެ ކަމެއް ކަމަށެވެ. އަދި ޞަދަޤާތް ދިނުމުގެ މޮޅު އިތުރު ކަމެވެ. ރިބާ ކާ މީހުންގެ ދިރިއުޅުން ނުތަނަވަސްވެ، ފައިސާއާ ހެދި މޮޔަވެ، ލިބޭ އެއްޗަކުން ދުވަހަކު ނުފެދި، އޭނާގެ ދަހިވެތިކަން ވެސް ދާނީ ހައްތާ އިތުރުވަމުންނެވެ.

2. މާތްﷲގެ ބަރަކާތުން މަޙްރޫމްވުން

މާތްﷲ ވަޙީކުރެއްވިއެވެ. " يَمْحَقُ اللَّـهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗوَاللَّـهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ ﴿ سورة البقرة-276﴾" މާނައަކީ: "ސޫދު (ރިބާ) ކެއުން، ހުރިހާ ބަރަކާތަކުން ﷲ މަހްރޫމް ކުރެއްވިއެވެ. އަދި ޞަދަޤާތުގައި އެ ކަލާނގެ ބަރަކާތް ލެއްވިއެވެ. އަދި ﷲ، އެއްވެސް ކާފިރަކު އަދި ފާފަވެރިއަކު ދެކެ ލޯބިވެވޮޑިނުގަންނަވަތެވެ"

3- ﷲ އަށް ކުފުރުވާކަމެއް

ދެން ބަޤަރާ ސޫރަތުގެ 278 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ، ﷲ އަށް ބިރުވެތިވުމަށެވެ. އަދި އީމާން ވާ ބަޔަކު، ރިބާ ކައިގެން ނުވާނެ ކަމަށެވެ. އަދި ރިބާ ކެއުން ހުއްޓާލުމަށެވެ. މާތްﷲ ވަޙީކުރެއްވިއެވެ. " يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ" ﴿ سورة البقرة- 278﴾ މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ އަށް ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް އެއްޗެއް، ހަމަ މުޅިން ދޫކޮށްލާހުށިކަމެވެ."

4- ރިބާ ކާ މީހުނާއި ދެކޮޅަށް ހަނގުރާމަކުރުމަށް އެންގެވުން

މާތްﷲ ވަޙީކުރެއްވިއެވެ. " فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّـهِ وَرَسُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ "﴿سورة البقرة- 279﴾ މާނައަކީ: "މިކަން މިހެން ނުކޮށްފިނަމަ ދެން ކަލޭމެންގެ މައްޗަށް ﷲ އާއި ރަސޫލާގެ ފަރާތުން، ހަނގުރާމަ އިޢުލާންވެގެން ހުރި ކަމުގެ އިންޒާރު ލިބިގަންނަހުށިކަމެވެ. ނަމަވެސް ކަލޭމެން ތައުބާ ވެއްޖެނަމަ، ކަލޭމެންނަށް ކަލޭމެން ދަރަންޏަށް ދިން ޢަދަދުގެ ފައިސާ (ސޫދާ ނުލައި) ލިބޭ ހުއްޓެވެ. އަދި ކަލޭމެން އަނެކުންނަށް އަނިޔާވެރި ނުވާހުށިކަމެވެ. އަދި ކަލޭމެންނަށްވެސް އަނެކުންގެ ކިބައިން އަނިޔާވެރި ކަމުގެ ކަމެއް ކުރެވިގެން ނުމެވާހުށިކަމެވެ."

އައްސަރްޚަސީ ވިދާޅުވެފައިވެފައިވަނީ މި އާޔަތްތަކުގައި، ރިބާ ކާ މީހާއަށް ލިބެންއޮތް ފަސް ވައްތަރެއްގެ ޢުޤޫބާތެއް މާތްﷲ ބަޔާން ކުރައްވާފައިވާ ކަމަށެވެ. ފުރަތަމަ ޢުޤޫބާތަކީ އޭނާ ޤިޔާމަތް ދުވަހު ޤަބުރުން ތެދުވާނީ، އަދި ޤިޔާމަތް ދުވަހު ކޮއްޅަށް ހުންނާނީ ޝައިތާނާގެ ބީހުމުން މޮޔަވެފައި ވާ މީހަކު ކޮޅަށް ހުންނަހެން، ވެއްޓިވެއްޓިއެވެ. ދެވަނަ ޢުޤޫބާތަކީ، ރިޒުޤުން ބަރަކާތް ކެނޑުމެވެ. ތިންވަނަ ޢުޤޫބާތަކީ، ރިބާ ކެއުން ހުއްޓާ ނުލާ މީހާއާ ދެކޮޅަށް ﷲ އާއި ރަސޫލާ ހަނގުރާމަ އިޢްލާން ކުރެއްވުމެވެ. ހަތަރުވަނަ ޢުޤޫބާތަކީ، ރިބާ ޙަރާމް ކަން އެނގި ހުރެ ކާ މީހާގެ އީމާންކަން ގެއްލި، ކާފިރަކަށް ވެދާނެ ކަމުގެ ބިރު އޮތުމެވެ. އަދި އޭނާ އަކީ ފާސިޤަކަށް ވުމެވެ. ފަސްވަނަ ޢުޤޫބާތަކީ ނަރަކައިގެ ދިގުދެމިގެންވާ ޢަޛާބު ލިބުމެވެ.

5- ރިބާކާމީހުނަށް މާތްﷲ އާއި އެކަލާނގެ ރަސޫލާ ލަޢުނެތް ލައްވާފައިވުން

މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި ޖާބިރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ." قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: لَعَنَ اللَّهُ آكِلَ الرِّبَا، وَمُؤَكِّلَهُ، وَشَاهِدَيْهِ، وَكَاتِبَهُ " (رواه مسلم) މާނައަކީ: "ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުނަށް ވެސް ރަސޫލައްﷲ ޢަލައިހި ވަސައްލަމަ ލަޢުނަތް ލެއްވިއެވެ." އަދި ވިދާޅުވިއެވެ. "މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ."

قَالَ ابْنُ عَبَّاسٍ: إن رسول الله صلى الله عليه و سلم نهى عن ثمن الدم وعن ثمن الكلب ومهر البغي ولعن آكل الربا ومؤكله والواشمة والمستوشمة ولعن المصور މާނައަކީ: އިބްނު ޢައްބާސްގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. "ހަމަކަށަވަރުންވެސް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ވަނީ، ލޭގެ އަގާއި ކުއްތާގެ އަގު އަދި ހަށިވިއްކައިގެން އަންހެނާ ހޯދާ އަގު، ނަހީ (ޙަރާމް) ކުރައްވާފައިވެއެވެ. އަދި ޓެޓޫ ޖަހައިދޭ އަންހެނާއާއި ޓެޓޫ ޖައްސުވާ އަންހެނާއާއި، ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއަށް ލަޢުނަތް ދެއްވިއެވެ. އަދި ތަސްވީރު ހަދާ މީހާއަށް ލަޢްނަތް ދެއްވިއެވެ." (ބުޚާރީ - މުސްލިމް)

[1]

  1. "Archive copy". Archived from the original on 1404537601. Retrieved 1405153137.  Check date values in: |access-date=, |archive-date= (help)